މަޖިލީހުގެ ޖަލްސާއެއްގ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/ މަޖިލިސް)
އޮގަސްޓްގައި 28 ސްކޫލެއްގައި ވޮކޭޝަނަލް ތައުލީމު ދޭން ފަށަނީ
އަންނަ އޮގަސްޓް މަހު ދިރާސީ އާ އަހަރު ފެށޭއިރު، ރާއްޖޭގެ 28 ސްކޫލެއްގައި ވޮކޭޝަނަލް ތައުލީމު ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ، ތައުލީމީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ޖަވާބުދާރީކުރުވުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރުމުން، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝާހިދު ސުވާލު ކުރެއްވީ، ތައުލީމީ ދާއިރާގެ މަޝްރޫއުތައް ހަވާލުކުރާ ކޮންޓްރެކްޓަރުންގެ ސަބަބުން މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސް، އެއްބަސްވުންތައް ބާތިލުކުރުމަށް ފަހު އެހެން ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދަން ޖެހޭ މައްސަލަ ބޮޑުވެފައި ވުމާ ބެހޭ ގޮތުންނެވެ.
"ދެން ކޮންމެ ޕްރޮޖެކްޓެއް ހަވާލުކުރެވެނީ މި ދާދި އެއް ބަޔަކާ. [މަސައްކަތް ނުނިމިގެން] އަތުލާފައި އަނެއްކާވެސް ހަވާލުކުރަން މި ޖެހެނީ ހަމަ އެކަހަލަ ބަޔަކާ. ދަންނަވަން މި އުޅެނީ މިހާ ބައިވަރު މަޝްރޫއުތައް ރާއްޖޭގައި އެއްފަހަރާ ހިންގޭ އިރުގައި ރާއްޖޭގައި ނެތް ލޭބާފޯސްއެއް ބޭނުންކުރަން ޖެހޭ އިރު، މި މައްސަލައަށް ޖުމްލަ ހައްލެއް ލިބޭނެ ގޮތަކާ މެދު މިނިސްޓްރީން އެއްވެސް ގޮތަކަށް ވިސްނާފައި ވޭތޯ؟،" އޭނާ ސުވާލުކުރެއްވި އެވެ.
ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، މީހުން ބިނާކުރުމުގެ މަސައްކަތަކީ ތައުލީމީ ދާއިރާގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މިހާރު އަޅުގަނޑުމެންގެ ފޯކަސް މި ހުރީ ސްކޫލުތަކުން ހަމައެކަނި އެކެޑަމިކް ސަބްޖެކްޓްތަކަށް އެކަނި ކިޔަވާނުދީ، މަސައްކަތްތެރިކަން ވެސް ސްކޫލުތަކުން ކިޔަވައިދިނުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
އެކަން ހާސިލްކުރުމަށް އަންނަ އޮގަސްޓް މަހު 28 ސްކޫލެއްގައި ވޮކޭޝަނަލް އެޑިއުކޭޝަން ފަށާއިރު، އޭގެ ތެރޭގައި ހިމެނޭނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި:
-
ކޮންމެ އަތޮޅަކުން އެއް ސްކޫލު
-
މާލެ ސަރަހައްދުން ތިން ސްކޫލް
ނަމަވެސް، އެ ސްކޫލުތަކުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
އިމާރާތްކުރުމުގެ މަސައްކަތާއި ރާއްޖޭގައި އާންމުކޮށް ކުރާ އެފަދަ އެހެން މަސައްކަތްތައް ވެސް ދަސްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.