ފިނޭންސް ފޯރަމްގައި މިނިސްޓަރު ޝައުނާ ވާހަަކަދައްކަވަނީ. (ފޮޓޯ/ޕެންޝަން އޮފީސް)
އާ ޓެކްނޮލޮޖީތައް ޓެސްޓްކޮށް ތަރައްގީކުރަން ސަރުކާރުން ނިޒާމެއް ގާއިމްކުރަނީ
އާ ޑިޖިޓަލް ޓެކްނޮލޮޖީތައް ރާއްޖޭގައި ޓެސްޓްކޮށް، ތަރައްގީކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ނިޒާމުތަކެއް ބިނާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝައުނާ މިހެން ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕެންޝަން އޮފީހުން ބާއްވަމުން އަންނަ ފިނޭންސް ފޯރަމްގެ މި އަހަރުގެ އަދަދުގައި ވާހަކަދައްކަވަމުންނެވެ.
ތަފްސީލް - މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ފަށައިގެން މިހާރު ކުރިއަށްދާ ފޯރަމްގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ، "ރެގިއުލޭޓަރީ ސޭންޑްބޮކްސްތައް" ބިނާކުރަން، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ޕެސިފިކް (އީއެސްސީއޭޕީ) އާއި ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އާ ޑިޖިޓަލް ޓެކްނޮލޮޖީތައް ޓެސްޓްކޮށް، ތަރައްގީކުރުމުގެ ވަސީލަތްތެއްގެ ގޮތުގައި ބިނާކުރާ މި ސޭންޑްބޮކްސްތަކުގެ މަގުސަދަކީ، އޭނާ ވިދާޅުވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިސްޓްރިބިއުޓެޑް ލެޖަ ޓެކްނޮލޮޖީ ފަދަ އީޖާދީ ޓެކްނޮލޮޖީތައް ހޯދުމެވެ.
"މި ސޭންޑްބޮކްސްތަކަކީ އާ އުފެއްދުންތަކަށް ވާސިލުވުމުގެ އުނދޯލީގެ ގޮތުގައި ފިންޓެކް އިކޯސިސްޓަމެއް ތަރުބިއްޔަތު ކުރާނެ އެއްޗެއް،" ޝައުނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ޝައުނާ އިތުރަށް ވިދާޅުވީ:
-
ޓެކްނޮލޮޖީގެ ދާއިރާގައި އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ހޭނުމަށް، އެކަށީގެންވާ ގާނޫނީ ނިޒާމެއް ގާއިމްކުރުމަކީ މުހިންމު ކަމެއް؛ އެއީ ސަރުކާރުން އިސްކަންދޭ ކަމެއް
-
އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ގާނޫނު މިދިޔަ އަހަރު ފާސްކުރުމަކީ މުހިންމު ފިޔަވަޅެއް؛ މި ގާނޫނުގެ ދަށުން، އިލެކްޓްރޯނިކް މުއާމަލާތްތަކާއި ސޮއިކުރުމާއި އެއްބަސްވުންތަކަށް ގާނޫނީ ދަރަޖަ ލިބިގެންދިޔަ
-
ޑިޖިޓަލް ދާއިރާގައި ހުރި ކަންބޮޑުވުންތަކުގެ އެންމެ ކުރީގައި އޮތީ ޑޭޓާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން
-
މިހާރު އާންމުންގެ މަޝްވަރާއަށް ހުޅުވާލާފައިވާ ޕްރައިވެސީ އެންޑް ޑޭޓާ ޕްރޮޓެކްޝަން ބިލާ އެކު، އަމާޒަކީ ޑޭޓާގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުން؛ މި ބިލް ނިމުމުން ރައްކާތެރި ޑިޖިޓަލް މުއާމަލާތްތަކަށް ޔަގީންކަން ލިބިގެންދާނެ
-
އިންޓަނެޓްގެ ޒަރީއާއިން ހިންގާ ކުށްތައް ނުވަތަ ސައިބަކްރައިމް ގާނޫނުތަކަށް ވެސް ސަމާލުކަން ދޭން ޖެހޭ
-
އަމާޒަކީ މުއައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގައި ކުރިއަރަމުން އަންނަ ފިންޓެކް ނިޒާމެއްގެ ބިންގާ އެޅުން
'ރެގިއުލޭޓަރީ ސޭންޑްބޮކްސް'ތަކުގެ ބޭނުމަކީ ކޮބާ؟
ސޭންޑްބޮކްސްއާ ގުޅޭ ގޮތުން ޕެންޝަން އޮފީހުގެ ސީޓީއޯ އަހްމަދު ޝަފީޒް 'ދައުރު'އަށް ވިދާޅުވީ، މިފަދަ ސޭންޑްބޮކްސްތަކަކީ ކުދި ވިޔަފާރިތަކުން އާ އީޖާދުތައް ތާއާރަފްކުރުމަށް ބޭނުންވާ އެޕްލިކޭޝަންތައް ތަރައްގީކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގާއިމުކުރެވޭ ނިޒާމެއް ކަމަށެވެ.
މިހާރު ރާއްޖޭގައި އެފަދަ އީޖާދުތައް ބޭނުންކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، އެމްއެމްއޭ އިން ލައިސެންސް ދޫކުރާ ވަކި ތަންތަނަކުންނެވެ. ސަރުކާރުން ބިނާކުރަން މަސައްކަތް ކުރަމުން އަންނަ ރެގިއުލޭޓަރީ ސޭންޑްބޮކްސްތަކުގެ ސަބަބުން އެހެން ފަރާތްތަކަށް ވެސް އެފަަދަ އީޖާތުތައް ބޭނުންކުރެވޭނެ ކަމަށް ޝަފީޒް ވިދާޅުވި އެވެ.
އެނގުން މުހިންމު - މި އަހަރުގެ ފިނޭންސް ފޯރަމްގެ މައުލޫއަކީ 'ދަ ފިއުޗާ އޮފް ފިނޭންސް އެކްސްޕްލޯރިން ދަ އިންޓަސެކްޝަން އޮފް ފިނޭންޝަލް ޓެކްނޮލޮޖީސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް' އެވެ.
މިހާރު ކުރިއަށްދާ މި ފޯރަމްގައި ފިންޓެކް އަދި އޭއައިގެ ސަބަބުން މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެއާ ގުޅިގެން ރާއްޖޭގެ މާލީ ދާއިރާއަށް ހުރި ގޮންޖެހުންތަކާއި ފިންޓެކް އާއި އޭއައިގެ އެހީގައި މާލީ ހިދުމަތްތައް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފިންޓެކް އަދި އޭއައިއާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތްކުރާ ފަންނީ މީހުންގެ ތަޖުރިބާ ހިއްސާކޮށް، މައުލޫމާތު ބަދަލުކޮށްފައިވެ އެވެ.
-
ފިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ހާއްސަކޮށްގެން ބާއްވަން ފެށި މިފަދަ ފުރަތަމަ އަދި މެދުނުކެނޑި ކުރިއަށް ގެންދާތާ އެންމެ ދުވަސްވީ އެެއް ފޯރަމް
-
މިފަދަ ފޯރަމެއް އިންތިޒާމުކޮށް، ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިޔަތުން ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޕެންޝަން އޮފީހުން ބައިވެރިވުން
-
ޕެންޝަން ފަންޑް އެންމެ އެކަށޭނަ ގޮތުގައި ކުރިއަށް ގެންދިއުމަށް ފަހި މާހުލެއް ގާއިމުކޮށް، ވަސީލަތްތައް އިތުރުކުރުމާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމަކީ ވެސް މަގުސަދެއް