ގްލުކޯޒް މޮނީޓަރެއް ބޭނުންކޮށްގެން ލޭގައި ހަކުރު ހުރި މިންވަރު ބަލަނީ. ފޮޓޯ/ ގެޓީ އިމޭޖަޒް

ހަކުރުބަލި

ހަކުރު ބަލީގެ ނުރައްކާ ދިވެހި ޒުވާނުންނަށް ބޮޑުވާ ކަމުގެ އިންޒާރު

ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަކުރުބައްޔަށް ޓެސްޓު ކުރަން ކުރިއަށްގެންދިޔަ ސްކްރީނިން ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ %76.6 އަކީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށް އެ ޕްރޮގްރާމްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - 2022 ވަނަ އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިބިޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ހެލްތު މިނިސްޓްރީ އަދި ރަށްރަށުގެ ހެލްތު ސެންޓަރުތަކާ ހޮސްޕިޓަލްތައް ގުޅިގެން ހެދި ސްކްރީނިން ޕްރޮގްރާމެއްގައި 10،000 އަށްވުރެ ގިނަ ދިވެހިން ހަކުރުބައްޔަށް ޓެސްޓު ކޮށްފައިވެ އެވެ.

މި ސްކްރީނިން ޕްރޮގްރާމުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ތަފާސްހިސާބުތަކުގެ މައުލޫމާތު ދިނުމަށް ޑައިބިޓީސް ސޮސައިޓީގެ ފަރާތުން ވަނީ ރޭ އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ޕްރެޒެންޓޭޝަނެއް ބާއްވާފަ އެވެ.

ހަކުރުބައްޔާ ބެހޭ ގޮތުން ހެދި ދިރާސާގެ މައުލޫމާތު ހިއްސާކުރަން ޑައިބިޓީސް ސޮސައިޓީން ބޭއްވި ޕްރެޒެންޓޭޝަންގެ ތެރެއިން -- ދައުރު ފޮޓޯ/ހުސެން ސުނައިން

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމްގައި:

  • ހަކުރުބައްޔަށް ޓެސްޓު ކޮށްފައިވަނީ މުޅިއެކު 10،717 މީހުން

  • ބައިވެރިވި މީހުންގެ %11.8އަކީ ކުރިއްސުރެ ހަކުރުބަލި ހުންނަކަން އެނގޭ މީހުން

  • ނަމަވެސް %10.2 މީހުންނަށް ޓެސްޓު ކުރުމުގެ ކުރިން ހަކުރުބަލީގެ ހާލަތެއް ނޭނގޭ

  • ނިސްބަތުން ބަލާއިރު، އަންހެނުންނަށް (%9.2) ވުރެ ބޮޑަށް ފިރިހެނުންނަށް (%12.1) ހަކުރުބަލީގެ ހާލަތު ނޭނގޭ ކަމަށް ފާހަގަކުރެވުނު

ފާހަގަކޮށްލެވޭ ކަމެއް - ދިރާސާއިން ދައްކާ ގޮތުގައި ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ކަންބޮޑުވާންޖެހޭ އަދަދަކަށް ޒުވާން އުމުރުފުރާތަކުގެ މީހުން ހިމެނެ އެވެ. އެގޮތުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކުރެވިފައި ވަނީ:

  • އުމުރުން 16 އަހަރާއި 25 އަހަރާއި ދެމެދު - %13.6 ބައިވެރިން

  • އުމުރުން 26 އަހަރާއި 35 އަހަރާއި ދެމެދު - %59.8 ބައިވެރިން

ދިރާސާއިން ދެއްކި ގޮތުގައި ހަކުރުބަލީގެ މީހުންގެ ތެރެއިން އެންމެ ބޮޑަށް ހަކުރު ކޮންޓްރޯލް ނުވެ ހުރީ ވެސް ޒުވާން އުމުރުފުރައިގެ މީހުންގެ ތެރޭގަ އެވެ. ހަކުރު ބައްޔަކީ ކޮންޓްރޯލް ނުކުރެވި ދިގު މުއްދަތަކަށް ހުރެއްޖެ ނަމަ އިތުރު މައްސަލަތަކެއް ދިމާވާ ބައްޔަކަށް ވާއިރު، މި މައްސަލަތަކުން ރައްކާތެރިވުމަށް ޒުވާން އިރު ހަކުރު ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޒުވާން އިރު ހަކުރު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުގެ ތެރޭގައި:

  • ކިޑްނީ ފެއިލްވުން

  • ލޯ އަނދިރިވުން

  • ހިތުގެ ބަލިތައް ޖެހުން

  • ވާބަލި ޖެހުން

ދިރާސާގެ ބައިވެރިންގެ ތެރެއިން އުމުރުން 25 އަހަރުން ދަށުގެ %5.6 ޒުވާނުންގެ ހަކުރު މަތިކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ދިރާސާގެ ބައިވެރިންގެ ތެރެއިން ހަކުރުބަލި ޖެހުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ ޗާޓުތަކެއް -- ގްރެފިކް/ ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

ބުނީ ކީކޭ؟ - "ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރަން ދިރިއުޅުމުގެ ވައްޓަފާޅި އަށް އަވަސް ބަދަލެއް ނުގެނެވިއްޖެ ނަމަ ހަކުރުބަލި އަދި މިނޫނަސް ގައިންގަޔަށް ނާރާ އެހެން ބަލިތައް ރާއްޖޭގައި މުސަތަގްބަލުގައި އިންތިހާއަށް އިތުރުވެގެން ދާނެ އެވެ،" ދިރާސާ ރިޕޯޓުގައިވެ އެވެ.

މިއީ މިހާރު ވެސް ބާރުބޮޑުވެފައިވާ ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ގޮންޖެހުންތަކަކާ ވެސް ކުރިމަތިލާން ޖެހޭނެ ކަމެއް ކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ތަފްސީލް - ސްކްރީނިން ޕްރޮގްރާމުގެ ތަފާސްހިސާބުތަކުން ފާހަގަކުރެވުނު އިތުރު ކަންކަން:

  • ބަރުދަން ހުންނަންޖެހޭ މިންގަނޑުގައި ހުރީ ހަމައެކަނި %16 މީހުންގެ؛ އަންހެނުންގެ ތެރެއިން %82.6 އަދި ފިރިހެނުންގެ ތެރެއިން %76.6 މީހުނެގް ބަރުދަން ހުރީ ހުންނަން ޖެހޭ މިންގަނޑަށްވުރެ މަތީގައި

  • އަތޮޅުތަކުގެ އާބާދީގެ %90 މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް ނުވަތަ ހަށިގަނޑުގައި ސަރުބީ ހުރި ނިސްބަތް ހުންނަންވާ ވަރަށް ވުރެ މަތި

  • ސްކްރީން ކުރި އާބާދީގެ ކޮންމެ 10 މީހަކުން ހަތަރު މީހެއްގެ އާއިލާގައި ހަކުރުބަލި ހުންނަ ކަމަށް ރިޕޯޓުކޮށްފައިވޭ

  • ސްކްރީންކުރި މީހުންގެ ތެރެއިން އެކަށީގެންވާ މިންވަރަށް ކަސްރަތު ކުރަނީ %35.9 މީހުން؛ ޒުވާން އުމުރުފުރާތަކުގައި ވެސް ކަސްރަތުކުރާ ކަމަށް ބުނެފައިވަނީ 3/1 މީހުން

  • ކޮންމެ ދުވަހަކު ތަރުކާރީއާ މޭވާ ބޭނުންކުރަނީ %40 މީހުން؛ މިއަދަދު ބޮޑަށް ދަށީ އުމުރު ދަށް ކެޓަގަރީތަކުގައި

  • ޕްރޮގްރާމުގައި ބައިވެރިވި %45 މީހުން ކޮންމެ މަހަކުވެސް ގިނައިން ހަކުރު އެކުލެވެ ބުއިންތައް ބޯ މީހުން؛ އުމުރުފުރާއަށް ބަލާއިރު އެނާޖީ ޑްރިންކާއި ހަކުރު އެކުލެވޭ ބުއިންތައް އެންމެ ގިނައިން ބޮނީ 16 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުން

  • ސްކްރީން ކުރި މީހުންގެ %14.1 ދުންފަތުގެ އިސްތިއުމާލު ކުރޭ

މާލޭގެ ކެފޭއެއް. ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ރާއްޖޭގައި ހަކުރު ބައްޔާއި ގައިންގަޔަށް ނާރާ އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެއީ:

  • އަތޮޅުތެރޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުން

  • އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކްތައް އިތުރަށް ހަރުދަނާ ކުރުން

  • ޑައިޓީޝަނުން ފަދަ ސިއްހީ ތަޖުރިބާކާރުންގެ ހިދުމަތް އާސަންދައިގެ ދަށުން ލިބޭ ގޮތް ހަމަޖެއްސުން

  • ޑޮކްޓަރުންގެ ލަފަޔާ އިރުޝާދަށްފަހު ގައިންގަޔަށް ނާރާ ބަލިތަކުގެ ބޭސް ސިޓީ އާ ކުރުން

  • ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ބޭނުންވާ ހިދުމަތްތައް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން

  • ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް ފުރުސަތު ބޮދު މީހުންނަށް 'ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް' ކުރިއަށް ގެންދިޔުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް