މަމްދޫހު: ކޭ-ޕާކް ނަމުގައި އޭނާ މަކާރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއް ވަނީ ފެންމަތިމަތިވެފައި.

އާބަންކޯއިން ވެސް ކޭ-ޕާކު މަޝްރޫއުގައި ހިންގި ކަމަށްބުނާ މަކަރާއި ހީލަތުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި ކަމަށް ބުނޭ
5 މޭ 2023

ހުޅުމާލޭގައި ހިންގަމުން އަންނަ ކޭ-ޕާކް ފްލެޓް އެޅުމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެޕާޓްމަންޓުތައް ވިއްކުމުގައި، އެ ތަން ހަދާ ކުންފުނީގެ އެއް ހިއްސާދާރަކު މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ އެ ކުންފުނިން ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، އާބަންކޯ އިން ވެސް އެ މައްސަލަ މިއަދު ފުލުހަށް ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - ކޭ-ޕާކް މަޝްރޫއު ހިންގާ ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުންކޮށްގެން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި ކަމަށް ބުނާ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ވަނީ ފެންމަތިވެފަ އެވެ. އެ ކުންފުނިން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ވަނީ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އެ މައްސަލަ ފުލުހަށް ހުށަހަޅާފަ އެވެ. 

  • ހަންބޯ މޯލްޑިވްސް އިން ތުހުމަތުކުރި ގޮތުގައި، މަމްދޫހު އާއި އިތުރު މީހަކު ވަނީ ބޮޑު އޮޅުވާލުމަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައި

  • މިކަން ކޮށްފައިވަނީ އެ ކުންފުނީގެ %95 ހިއްސާ އޮންނަ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ކަމަށް ހަންބޯ އިން ބުނި

ވީ ކިހިނެއް؟ - މި މައްސަލާގައި އާބަންކޯ އިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، އެ ކުންފުނީގެ ފަރާތުން ވެސް އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.

ބުނީ ކީކޭ؟ - "... މި މައްސަލާގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް މި ކޯޕަރޭޝަނުން މިއަދު ވަނީ މައްސަލަ ހުށަހަޅާފައި،" އެ މެސެޖުގައިވެެ އެވެ.

"މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް މި ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަން."

ގުޅުން ހުރި ކަމެއް - ހަންބޯ މޯލްޑިވްސް އިން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހަށް ބޮޑެތި ތުހުމަތުތަކެއް މިދިޔަ އަންގާރަ ދުވަހު ކުރިތާ މާ ގިނައިރުތަކެއް ނުވެ، ކޭ-ޕާކް މަޝްރޫއު ހިންގާ މައި ކުންފުނި ކަމަށްވާ ހަމްބޯ ޓެކް ކޮރެއާ އިން ވެސް ވަނީ ބަޔާނެއް ނެެރެފަ އެވެ.

ހަމްބޯ ޓެކް ކޮރެއާ އިން ވަނީ ފްލެޓް ގަނެފައިވާ މީހުންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް މަޝްރޫއު ނިންމުމަށް އިސްކަން ދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް