ދަރިމައިނުވުމުގެ މައްސަލައާ ގުޅޭ ގަރާރު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، އާސަންދަ ކޮމްޕެނީ ލިމިޓެޑް އަދި ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގެ ބޭފުޅުން

ދަރިމައިނުވުމުގެ މައްސަލަތަކަށް އާސަންދަ ހަމަޖައްސައި، ސަރުކާރު ހޮސްޕިޓަލްތަކުން ފަރުވާދޭންޖެހޭ: ކޮމިޓީ

އެކަމާ ގުޅޭ ގައުމީ ފެންވަރުގެ ސާވޭއެއް ހަދަން ޖެހޭ ކަމަށް ކޮމިޓީން ބުނެފައިވޭ
23 އޭޕްރީލު 2023

ދަރިމައިނުވުމުގެ މައްސަލައަށް ގައުމީ އިންޝުއަރެންސް ސްކީމް، އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭ ގޮތް ހަމަޖައްސައި، ސަރުކާރު ހޮސްޕިޓަލްތަކުން އެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ލަފާދީފި އެވެ.

ވީ ކިހިނެއް؟- ކޮމިޓީން މިގޮތަށް ލަފާދީފައި މިވަނީ، ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވަމުންދާތީ، ގައުމީ ފެންވަރުގައި ދިރާސާއެއް ހަދައި އާސަންދައިގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށް ވުރެ ފުޅާކޮށް ފަސޭކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް ފަހު އެވެ. އެ ގަރާރުގައި މީކާއިލް ގޮވާލެއްވީ:

  • ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށް

  • އާސަންދަ ސްކީމް މެދުވެރިކޮށް ފަރުވާ ލިބޭ ގޮތްތައް އިތުރަށް ފުޅާކުރުމަށް

  • އަސާސީ ބައެއް ބޭސްތައް ފަސޭހައިން ރާއްޖެއިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް

ދަރިމައިނުވުމުގެ މައްސަލައާ ގުޅޭ ގަރާރު ދިރާސާކުރި ކޮމިޓީގައި މިނިސްޓްރީ އޮފް ހެލްތު، އާސަންދަ ކޮމްޕެނީ ލިމިޓެޑް އަދި ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީގެ ބޭފުޅުން (ފޮޓޯ/މަޖިލީސް

ތަފްސީލް- މިދިޔަ އަހަރުގެ ޖޫން މަހު މީކާއިލް ހުށަހެޅުއްވި އެ ގަރާރު ދިރާސާކުރީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނެވެ. ގަރާރު ދިރާސާކުރި މަރުހަލާގައި ކަމާ ބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކުރި އެވެ. އެ އިދާރާތަކުން ކޮމިޓީއަށް ދިން މައުލޫމާތުތަކަށް ބަލާލާ އިރު:

ހެލްތު މިނިސްޓްރީ

  • ރާއްޖޭގެ ދަރިމައިވާ ރޭޓު 2009ގައި ހުރީ 2.5ގައި، 2016 އަދި 2017ގައި އެ އަދަދު 2.1 އަށް ދަށްވި؛ އެހެންކަމުން އާބާދީގެ ނިސްބަތް ވަނީ އެއް ޖީލުން އަނެއް ޖީލަށް އިތުރުނުވެ، އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަން މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭ އިން އެނގޭ

  • ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާދިނުމުގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ޕްރައިވެޓް ސެކްޓާއިން ދަނީ ތައްޔާރުވަމުން؛ އަގުތައް ކަނޑައެޅުމުގައި ބޭރުގެ އަގަށް ވުރެ ކުޑަ އަގެއް ކަނޑައަޅަން އިލްތިމާސްކުރޭ

  • ޕްރައިވެޓް ސެކްޓާއިން މިހާރު ކަނޑައަޅާފައިވާ އަގު ޕެކޭޖްތައް މުރާޖާކުރަން ޖެހޭ؛ މިސާލަކަށް އާސަންދައިން 1000ރ. އަށް ބިލުކޮށް ބަލި މީހާ އަތުން 500ރ. ނެގުމުން ހިދުމަތުގެ އަގު ބޮޑުވޭ؛ އެއީ މިނިސްޓްރީގެ ކަންބޮޑުވުމެއް

  • ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީގެ ހިދުމަތް ބޭނުންކުރުމުގެ ކުރިން ހޯދަން ޖެހޭ ފަރުވާ އާއި އެކަމާ ގުޅޭ ހުރިހާ ތަހުލީލުތައް އާސަންދަ މެދުވެރިކޮށް ދެވޭނެ ގޮތުގެ އުސޫލުތައް އެކުލަވާލުމުގެ މަޝްވަރާތައް ދަނީ ކުރެވެމުން

އައިޖީއެމްއެޗް

  •  ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ހޯދާ ފަރާތްތަކުގެ ނިސްބަތުން 10 ނުވަތަ 15 މީހުންގެ ތެރެއިން އެކަކަކީ ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ހޯދާ މީހެއް

  • އެ މައްސަލައަށް ހޮސްޕިޓަލުގައި މިހާރު ދޭ ހާއްސަ ފަރުވާތަކުގެ ތެރެއިން އޮވިއުލޭޝަން އިންޑަކްޝަން އަދި ފޮލިކިއުލާ މޮނީޓަރިންގެ ހިދުމަތް ފޯރުކޮށްދޭން ސެޓަޕެއް ހަދާފައިނުވާތީ ހިދުމަތް ދިނުމުގައި ދަތިވޭ

  • ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކޮށް ވަކި ކްލިނިކަކާއި އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީ ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ތަނާއި ބަޖެޓް ހޯދަން ހަ މަސް ދުވަހާއި 12 މަސް ދުވަސް ނަގާނެ

އޭޑީކޭ

  • އެ މައްސަލައަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

  • އެކަމަށް މަދުވެގެން އަހަރެއްހާ ދުވަސްނަގާނެ ކަމަށް ލަފާކުރޭ

ޓްރީޓޮޕް

  • އެ ހޮސްޕިޓަލުގައި ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ދިނުމަށް ބޭނުންވާ ތަކެއްޗާއި ހޯމޯނަލް ޓެސްޓު ހެދުމަށް ބޭނުންވާ ވަސީލަތްތައް އެބަހުރި

  • އެގޮތުން ޑައިގްނޯސްޓިކްސް ހިދުމަތްތަކާއި ސާޖިކަލް ޕްރޮސީޖާގެ ހިދުމަތް ފޯރުކޮށްދޭ

  • އެކަމަކު އެ ހިދުމަތަކަށް އާސަންދައެއް ނުލިބޭ

އާސަންދަ

  • ދަރިމައިނުވުމުގެ މައްސަލައަކީ ހަމައެކަނި ސީއްހީ ކަމެއްގެ އިތުރުން އިޖްތިމާއީ އެތައް ކަމެއް އެކަމާ ގުޅިގެން މުޖުތަމައަށް ކުރިމަތިކުރުވާ ކަމެއް؛ ދުރު ރާސްތާގައި އެކަމުގެ ސަބަބުން ދައުލަތަށް މާލީ ގޮތުންނާއި އެހެން ގޮތްގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވެދާނެ

  • ދަރިމައިނުވުމުގެ މައްސަލައާ މެދު އެކި ގައުމުތަކުގައި އަމަލުކުރަމުން އަންނަ ގޮތްތަކާ ތަފާތު، ރާއްޖޭގައި ކުރީއްސުރެ އަމަލުކޮށްފައިވަނީ އެ މައްސަލައަކީ ސިއްހީ ހިދުމަތުގެ ތެރޭގައި ނުހިމެނޭ ކަމެއް ކަމަށް؛ އެއީ ޔުނައިޓެޑް ސްޓޭޓްސްގައި ވެސް އަމަލުކުރާ ގޮތް

  • އާސަންދައިގެ ތެރެއިން އެކަމަށް އުސޫލުތަކެއް ހަދަން ޖެހޭ؛ އަދި އެހެން ގައުމުތަކެކޭ އެއްގޮތަށް ނޭޝަނަލް ފާޓިލިޓީ ކެއާ ފަންޑުތައް ފަދަ މާލީ އިޖްތިމާއީ އެހީ ފޯރުކޮށްދޭ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ

އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ޝިފާއު ކޮމިޓީގެ ބައްދަލުވުމެއްގައި (ފޮޓޯ/މަޖިލީސް

ދަރިމައިނުވުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ގޮވާލައި ހުށަހެޅި މި ގަރާރު ދިރާސާކުރުމަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ އާސަންދަ އިސްލާހުކޮށް، އެ ސްކީމްގެ ތެރޭގައި ދަރިމައިނުވުމުގެ މައްސަލައަށް ދެވޭ ފަރުވާ ހިމެނުމެވެ. އޭގެ އިތުރުން ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމަކީ:

  • ރާއްޖޭގެ ދަރިމައިވާ ރޭޓް ދަށްވުމުގައި އިންފާޓިލިޓީއާ ގުޅުންހުރި ސަބަބުތައް ހިމެނޭތޯ ބަލަން ކަމާ ގުޅޭ ވުޒާރާއިން އިސްނަގައިގެން ގައުމީ ފެންވަރުގެ ދިރާސާއެއް ކުރަން ޖެހޭ

  • ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް