އަބްދުލްގަފޫރު މޫސާ، ޝިޔާމް، ސައުދު، ސައީދު
އެއް ބަޔަކު އަނެއް ބަޔަކު ކުރާ ވައްކަމުގެ ވާހަަކައި އަޑު މަޖިލީހުގައި ގަދަވާން ފަށައިފި
ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ ވަރަކަށް، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އަންނަނީ ފޯރިގަދަވަމުންނެވެ. މިއަދުގެ ޖަލްސާގައި އޮތީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ވަގަށް ގޮވުމެވެ.
ވީ ކިހިނެއް؟- މަޖިލީހުގެ ތަޅުން ހޫނުވެ، މެމްބަރުންގެ މެދުގައި ހޫނު ޒުވާބެއް ހިނގާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި 'އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލައި ހުށަހެޅި ގަރާރު'ގެ ބަހުސުގެ ތެރެއިންނެވެ.
ބުނީ ކީކޭ؟- މެމްބަރުންގެ މެދުގައި ފުރަތަމަ ހަމަނުޖެހުން އުފެދުނީ، އިދިކޮޅު ޕީއެންސީ ތަމްސީލުކުރައްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އާސަންދައަށް މަޖިލީހުން ފާސްކުރި ބަޖެޓުގެ 60% ވަނީ ހުސްކޮށްލާފަައި ކަމަށް
-
އާސަންދަ ހިންގަމުންދަނީ ރައީސް އޮފީސް ތެރޭ ހާއްސަ ޑިޕާޓްމެންޓެއް ހަދައިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވާގިވެރިވާ މަޖިލީސް މެމްބަރުން އަންގަވާ ގޮތަކަށް ކަމަށް
-
މިދިޔަ ހޮނިހިރުގައި ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް 13 ދުވަސް ތެރޭ ކޮންމެ ދުވަހަކު 13 މިލިއަން ރުފިޔާ ހަރަދުކުރި؛ އާސަންދައިގެ ނަމުގައި ޖުމްލަ 170 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް
ސައީދުގެ އެ ވާހަކަތަކާ ގުޅިގެން، ސަރުކާރަށް ތާއީދު ކުރައްވާ، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ. އަދި އޭނާ މާވަށު ދާއިރާގެ މެންބަރު ސައީދަށް ރައްދު ދެއްވި އެވެ. އަދި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ވަގަށް ގޮވަން ފެއްޓެވީ ވެސް ވެސް އެހިސާބުންނެވެ.
ގަފޫރު ވިދާޅުވީ:
-
އާސަންދައިގެ ހަރަދުތަކުގެ ހިސާބުތައް އަދި ފިނޭންސް މިނިސްޓްރީއަށް ނުދާނެ ކަމަށް
-
އެހެންކަމުން އިންތިހާބާ ދިމާކޮށް އެ ހަރަދުކުރި ކަމަށް ބުނުމުން ގަބޫލުނުކުރެވޭނެ ކަމަށް
"އެހެންމެ ތިން ދުވަހުގެ ތެރޭގައި މިހުރިހާ ބިލެއް ގޮސް، ހިސާބުކޮށް އެހުރިހާ ކަމެއް ކަނޑައެޅިފައި އޮންނާނެ ކަމަށް އިންސާނީ ސިކުނޑި ގަބޫލުނުކުރޭ އިއްޒަތްތެރި ރައީސް. އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް،" ގަފޫރު ވިދާޅުވި އެވެ.
ދެން އޭނާ ދައްކަވަން ފެއްޓެވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ވާހަކައެކެވެ. އަދި ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ހިޔާނާތުގެ މައްސަލާގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އިރު، އިދިކޮޅު ފަރާތްތަކަށް އިންސާފުގެ ވާހަކަ ދެއްކެން ނޯންނާނެ ކަމަށެވެ.
އެއާ އެެކު ސައީދު ނިޒާމީ މައްސަލަ ނެންގަވައި ގަފޫރަށް ރައްދު ދެއްވި އެވެ. އަދި ރައީސް އިބްރާހީމް މުހަންމަދު ސޯލިހުގެ ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކަން ކުރަމުންދާ ގޮތް ގަފޫރުގެ ސަމާލު ކަމަށް ގެންނެވި އެވެ. އަދި ވިދާޅުވީ އެ ހިޔާނާތުގައި ދައުވާ ކުރުމުގައި ހަމަ ގެއްލިފައިވާ ކަމަށާއި އޭގެ އެންމެ ސާފު މިސާލަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން ނިންމި ނިންމި ނިންމުން ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ވާހަކަ ވިދާޅުވީމާ މަހުލޫފް ހުންނެވީ ކޮންތާކުތޯ މިހާރު؟ މިހާރު ކިހާހިސާބެއްގައިތޯ ސްޕޯޓްސް މިނިސްޓަރު ހުންނެވީ. އެމްއެމްޕީއާރުސީގެ ދައުވާއެއް ކުރެވުނުތޯ؟" ސައީދު ސުވާލު ކުރެއްވި އެވެ.
އެމްއެމްޕީއާރުސީ ކޮރަޕްޕަޝްންގެ ތެރެއިން 33،000 ޑޮލަރު (508،860 ރުފިޔާ)ގެ ރިޝްވަތު ހިފުމުގެ ދައުވާ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލި އެވެ.
ދެން ގަފޫރު ދައްކަވަން ފެއްޓެވީ ޔާމީން ސަރުކާރުގައި ހަވާ އެރުވުމަށް ކުރި ހަރަދުތަކުގެ ވާހަކަ އެވެ. އަދި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑު ކުރި ވާހަކައެވެ. އޭރު ވެސް ސައީދު ގެންދެވީ ދޫނުދެއްވާ ގަފޫރަށް ރައްދުދެއްވަމުން ނެެވެ.
ދެ ބޭފުޅުން އެކަކު އަނެކަކަށް ރައްދުދެއްވަނިކޮށް އެކަން ހުއްޓުވީ ރިޔާސަތުންނެވެ.
"އިއްޒަތްތެރި މެމްބަރުން، މިހާރު ނިޒާމީ މައްސަލައެއް ނޫން ތިދަނީ. ދެބޭފުޅުންގެ ޒުވާބަކަށް ތިދަނީ،" ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވި އެވެ.
ގަފޫރަށް އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމުން އޭނާ ދެން ވިދާޅުވީ، މި ސަރުކާރުން އިންްތިހާބުގައި ގޯސްހެދި ވާހަކަ އިދިކޮޅުން ދައްކަމުންދަނީ އެ ޕާޓީގެ ޒަމާންވީ ގޮނޑި އެމްޑީޕީއަށް ގެއްލުމުން ކަމަށެވެ.
"މި ބޭފުޅުންނަށް ގޮނޑި ލިބުނު ނަމަ ކުރި އެއްވެސް ކަމެއް ނޯންނާނެ. ހުރިހާ ކަމެއް އޮންނާނީ ހަމަ ރަނގަޅަށް. އެހެންނަމަވެސް ގޮނޑި އެ ވަނީ ބޮޑުތަނުން މިކޮޅަށް އައިސްފައި. ރައްޔިތުން ނޫނެކޭ ބުނީ ވަރަށް ސާފުކޮށް. އެ ބުނާ ބުނުމުގެ މަތީގައި ހިތް ފަޅައިގެން ގޮސްގެން އެ އުޅެނީ،" ގަފޫރު ވިދާޅުވި އެވެ.
ގަފޫރުގެ ވާހަކައިގައި މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް- ޕީއެންސީއާ އެކު ކޯލިޝަން ހަދަން ހުށަހެޅިކަން ފާހަގަކުރައްވާ އެކަމަށް ވެސް ފާޑުވިދާޅުވި އެވެ.
"މިއަދު އިންސާފޭ ހަމަޔޭ ކިޔާފައި އެމްއެމްޕީއާރުސީގައި ތިބި 'ވަގުން'ނާ އެއްކޮށް އެ ވައްކަން ކުރި މީހުންނާ އެއްކޮށް ކޯލިޝަން ހަދަން ހުށަހެޅީމާ ތިމަންނާމެންނަށް ވުރެ ބޮޑު ވަގުންނެއް މި ގައުމުގައި ނުތިބޭނޭ އެ ބުނަނީ. އެހެންމަ އެއީ އެކަން އޮތް ގޮތް،" އޭނާ ވިދާޅުވި އެވެ.
އެ އަށް ފަހު ނިޒާމީ ނުކުތާ ނެންގެވީ، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރަން ނިންމި ނަޝީދުގެ 'ފިކުރެއްގެ ދިރުމަ'ށް ތާއީދުކުރައްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ.
"އެމްއެމްޕީއާރުސީ މައްސަލައިގެ ހިޔާނާތް ނޫނިއްޔާ ހިޔާނާތުގެ ތިބި ބަޔަކާ ކޯލިޝަން ހެދި ކަމަށް އެ ވިދާޅުވަނީ އެމްއެމްޕީއާރުސީ މައްސަލަ ބެލުނީ ކިހާވަރަކަށްތޯ؟ [އެ މައްސަލަ] ބެލިފައި އޮތް ނަމަތާ އެމްއެމްޕީއާރުސީގެ މައްސަލައެއްގެ ވާހަކަ ދެއްކޭނީ. އެންމެ މަތިން، އިބްރާހީމް[ރައީސް] ހިސާބުން ފެށިގެން އެންމެ ތިރިއާ ހަމަޔަށް، މިތާ އެތެރޭގައި ވެސް އެ މައްސަލަ އޮތީ،" ރައްޔިތުންގެ މަޖިލީހުގެ ކުރީ ދައުރުގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ރަޝީދު ވިދާޅުވި އެވެ.
މުހައްމަދު ރަޝީދު ނެންގެވި މައްސަލައަށް ރައްދުދެއްވަމުން ގަފޫރު އަނެއްކާ ވެސް ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހުކުމްކޮށްފައިވާ ބަޔަކާ އެކު ކޯލިޝަން ހަދަން އެ މީހުންގެ "ފައިބުޑަށް ވެއްޓި އާދޭސް ކުރީމާ ސާފުކަމާއި ރީތި ކަމާއި ތާހިރުކަން ތިއޮތީ ފެންނަން" ކަމަށެވެ.
އެއަށް ފަހު ވާހަކަދެއްކެވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް އޭނާގެ ވާހަކައިގައި ފާޑުވިދާޅުވެ، ރައްދުދެއްވީ އިދިކޮޅު މެމްބަރުންނަށާއި ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނަށެވެ. އޭނާ ވިދާޅުވީ:
-
ގުރައިދޫ ބައި އިލެކްޝަނުން ރައްޔިތުން ސަރުކާރު ގަބޫލުކޮށްފިކަން ހާމަވާ ކަމަށް؛ ސަރުކާރުގެ މައްސަލަތައް މެމްބަރުން ފާހަގަކުރައްވަނީ އެކަން ހަޖަމުނުވާތީ
-
އޭނާ ވިދާޅުވި ގޮތުގައި އެ މެމްބަރުން ގެންދަވަނީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރައްވަމުން ކަމަށް
-
އެ މެމްބަރުން މަޖިލީހުގައި ދައްކަވަނީ ދޮގު ވާހަކަ
އެހެން ވިދާޅުވުމާ އެކު ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފް ތެދުވެވަޑައިގެން، އާސަންދައާ ގުޅިގެން ސައީދު ދެއްކެވީ ތެދު ވާހަކައެއް ކަމަށް ވިދާޅުވެ ނިޒާމީ މައްސަލައެއް ވެސް ނެންގެވި އެވެ.
އެކަމަކު ވެސް ސައުދު އެކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓަވަ އެވެ. ދެން ވެސް އޭނާ ގެންދެވީ ސަރުކާރުގެ ދިފާއުގައި ވާހަކަދައްކަވައި ކުރީ ސަރުކާރުގެ ނުރަނގަޅު ވާހަކަ ދައްކަވަމުންނެވެ.
މަޖިލީހުގައި އިދިކޮޅު ޕީޕީއެމް ތަމްސީލުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވެސް ދެއްކެވީ އާސަންދަ ނަހަމަ ގޮތުގައި ބޭނުން ކުރާ ވާހަކަ އެވެ. އަދި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އާސަންދައިން ކުރި ހަރަދުތައް ބޮޑުވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބަލާލައިފިން. ރައްޔިތަކަށް ލިބުނު އެއްޗެއް ނެތޭ، މިއީ ރައްޔިތަކަށް ދޭކަށް ނޫނޭ މި ފައިސާ ނަގާފައި މިހުރީ. ރައްޔިތުންގެ ނަމުގައި ނަގާފައި 170 މިލިއަން ބަނޑު އަޅާ ކާލައިފި. މި ދައްކަނީ 13 ދުވަސްތެރޭ ކުރި ވައްކަމުގެ ވާހަކަ." ޝިޔާމް ވިދާޅުވި އެވެ.