28 ޑިސެމްބަރު 2022 - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
އާއްމު ސިއްހަތަށްޓަކައި ކެމިކަލުން ދުރުވާން ރައީސް ގޮވާލައްވައިފި
އާއްމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ކެމިކަލްތަކުން ދުރުވެ، ވަށައިގެންވާ ގުދުރަތީ ވެށި ދެމެހެއްޓުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް ސޯލިހު އެގޮތަށް ގޮވާލެއްވީ މިއަހަގެ ދުނިޔޭގެ ސިއްހަތު ދުވަހު ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.
ބުނީ ކީކޭ؟- މިއަދުގެ ޝިއާރަކީ "ސިއްހަތު އެންމެނަށް" ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ، ރާއްޖޭގައި އަލުން ފުޅާކުރަން ޖެހޭ އާއްމު ސިއްހަތުގެ ދާއިރާއާ ވަރަށް ގުޅުން ހުރި ޝިއާރެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތް، އެއް ގައުމުން އަނެއް ގައުމާ ވެސް ތަފާތުވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ މިހާރުގެ ހާލަތާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު އާއްމު ސިއްހަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަން ފާހަގަކުރެއްވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަންތައްތަކަކީ ރައީސް ގަބޫލުކުރައްވާގޮތުގައި:
-
ސިއްހަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުން
-
ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުން
-
ވަށައިގެންވާ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުން
ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރެން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކީ ރައީސް ވިދާޅުވި ގޮތުގައި:
-
ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުން
-
ގުދުރަތީ ވެށި އޭގެ ތަބީއީ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން
-
ހާއްސަކޮށް ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން
" މިއީވެސް ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.