ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި މީހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބޯހިމެނުން

މާލޭގެ އާބާދީ އަހަރަކު %4 އިތުރުވޭ؛ ވިލިމާލޭން މީހުން މަދުވެ، ގިނަ ބަޔަކު ހުޅުމާލެއަށް

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ޖުމްލަ އާބާދީ އުޅެނީ 515،122ގައި؛ އެއީ 382،751 ދިވެހިން އަދި 132،371 ބިދޭސީން

މާލޭގައި ދިރިއުޅޭ ޖުމްލަ އާބާދީ ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި އަހަރަކު އެވްރެޖުކޮށް %4 އިތުރުވެފައި ވާއިރު، ވިލިމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު މަދުވެ، ހުޅުމާލެއަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވާ ކަމަށް، މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތައް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއޯއެސް) އިން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ތަފްސީލް - މާލެ ސަރަަހައްދުގައި ދިރިއުޅޭ އާބާދީއަށް ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި 58،234 މީހުން އިތުރުވެފައި ވާއިރު، އެއީ 2014އާ އަޅާބަލާއިރު %38 އިތުރު އަދަދެކެވެ. އެހެންވެ، އަހަރަކަށް އެވްރެޖުކޮށް %4ގައި މާލެ ސަރަހައްދުގެ އާބާދީ އިތުރުވެފައިވެ އެވެ.

މާލެ އާއި އަތޮޅުތެރެއަށް އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، ޖުމްލަ އާބާދީގެ %41 މީހުން މިހާރު ދިރިއުޅެނީ މާލޭގަ އެެވެ. މީގެ ކުރިން، 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާލޭގައި ދިރިއުޅޭ އާބާދީ އޭރު ހުރީ %39 އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ ތެރެއިން ބޮޑު ބައެއް މިހާރު ދިރިއުޅެނީ ހުޅުމާލޭގަ އެވެ. އެއީ ބިދޭސީންނާ ވެސް ލައިގެން 65،724 މީހުންނެވެ.

ސީދާ މާލޭގައި އެންމެ ގިނަ ބަޔަކު ދިރިއުޅެނީ މާފަންނުގަ އެވެ. އެއީ ބިދޭސީންނާ ވެސް ލައިގެން 46،928 މީހުންނެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީއަށް ފާއިތުވެދިޔަ އަށް އަހަރުގެ ތެރޭގައި އައިސްފައިވާ ބަދަލު:

  • މާލެ - %1.09 މަތިވި

  • ވިލިމާލެ - %2.10 ދަށްވި

  • ހުޅުމާލެ - %16.82 މަތިވި

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ޖުމްލަ އާބާދީ އުޅެނީ 515،122ގަ އެވެ. އެއީ:

  • 382،751 ދިވެހިން 

  • 132،371 ބިދޭސީން

މީގެ ތެރެއިން:

  • އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅެނީ %46 މީހުން؛ އެއީ 236،747 މީހުން

  • މާލޭގައި %41 މީހުން ދިރިއުޅޭ؛ އެއީ 212،139 މީހުން

  • ރިސޯޓުތަކުގައި އުޅެނީ %10 މީހުން؛ އެއީ 52،396 މީހުން

  • ސިނާއީ މަސައްކަތް ކުރާ ރަށްތަކުގައި %3 މީހުން އުޅޭ؛ އެއީ 13،841 މީހުން

ކުރީގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • 2000 ވަނަ އަހަރު - %27 މީހުން ދިރިއުޅުނީ މާލޭގައި؛ %73 މީހުން ދިރިއުޅުނީ އަތޮޅުތެރޭގެ ރަށްރަށުގައި

  • 2006 ވަނަ އަހަރު - %35 މީހުން ދިރިއުޅުނީ މާލޭގައި؛ %65 މީހުން ދިރިއުޅުނީ އަތޮޅުތެރޭގެ ރަށްރަށުގައި

  • 2014 ވަނަ އަހަރު - %39 މީހުން ދިރިއުޅުނީ މާލޭގައި؛ %61 މީހުން ދިރިއުޅުނީ އަތޮޅުތެރޭގެ ރަށްރަށުގައި

ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއުކުރި އިރު މާލޭގެ އާބާދީ އިތުރުވީ %2 ކަމަށް ޖެހިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ އަހަރަކު %4 އެވެ. އެ ބަދަލު މިހާރު ވަނީ މި ހަބަރަށް ގެނެސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް