ޖެނުއަރީ 28، 2023: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ގުނަން ފެށުން (ފޮޓޯ/އަބްދުﷲ އިޔާން)

އީސީ ދަފްތަރުގައި އަމްޖަދުގެ ނަން އޮތީ އެމްޑީޕީގައި، ނަން އުނިކުރީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި ފަހުން: ވަކީލު

އީސީގެ ދަފްތަރުން އަމްޖަދުގެ ނަން އުނިކުރީ މައްސަލަ ހުށަހެޅިތާ 7 ދުވަސް ފަހުން 'އިދާރީ ކުށެއް' ކަމަށް ބުނެ

ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި އަލީ އަމްޖަދު އެމްޑީޕީން ވަކިކުރީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަހުން ކަމަށް އަމްޖަދުގެ ފަރާތުން މިއަދު ކޯޓުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރަން ހުށައެޅީ އެ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެން ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ފަރާތުން ނެވެ. ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި އޮތީ:

  • އެ ޕާޓީން އުސޫލާ ހިލާފަށް 39،000 މެންބަރުން ވަކިކޮށްފައިވާ ކަމަށް

  • އެހެންވެ، އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ނުލިބި ބާއްވާ ޕްރައިމަރީއެއް ސައްހަ ނުވާނެ ކަމަށް

  • އެ މައްސަލަ ބަލައި ނިމެންދެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ވެސް ކޯޓުގައި އެދިފައިވޭ

ތިން މީހެއްގެ ފަރާތުން އެމްޑީޕީ ޕްރައިމަރީ ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓަށް ބަލައިގަތީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލަ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ ފަސް ވަނަ ދުވަހަށް ވެސް ތާވަލުކުރި އެވެ. ނަމަވެސް އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް ބުނެ އޭނާ ހުށަހެޅި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެމްޑީޕީން ކޯޓަށް ހުށަހެޅި އެވެ. އެހެންވެ، މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވާން 10 ދުވަސް ދިނުމުގެ ގޮތުން އެދުވަހުގެ އަޑުއެހުން ކުރިއަކަށް ނުގެންދެ އެވެ.

ތަފްސީލް - އެކަމަށް ޖަވާބުދާރީވުމުގެ އަޑުއެހުމެއް އިއްޔެއަށް ތާވަލުކުރި އެވެ. އެކަަމަކު މައްސަލަ ބައްލަވާ ފަނޑިޔާރު ސަލާމުގައި ހުރުމުން އޭގެ ފަހުން ތާވަލުކުރީ މިއަދު 11:30 އަށެވެ. އޮންލައިންކޮށް ބާއްވަން ހަމަޖެއްސި މި އަޑުއެހުން ކެންސަލް ކުރީ، އަމްޖަދުގެ ވަކީލަކު ވިދާޅުވި ގޮތުގައި، މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުންނެވެ.

އޭގެފަހުން އިއްޔެ ތާވަލުކުރި އަޑުއެހުން ވެސް މައްސަލަ ބައްލަވާ ފަނޑިޔާރު ސަލާމުގައި ހުންނެވުމުން ކެންސަލުކުރި އެވެ.

ތަފްސީލް - މިއަދުގެ އަޑުއެހުމުގައި އޮތީ، އަމްޖަދަށް މައްސަލަ ހުށަނޭޅޭނެކަމަށް ބަޔާންކޮށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް އަމުޖަދުގެ ފަރާތުން ޖަވާބުދާރީވުމެވެ. 

ކޯޓުގެ އިހްތިސާސްއާ މެދު އެމްޑީޕީއިން އުފައްދާ ސުވާލު ބިނާކޮށްފައިވަނީ މައިގަނޑު ދެޒުވާބެއްގެ މައްޗަށެވެ. އެއީ:

  • އަމްޖަދަކީ އެމްޑީޕީ މެމްބަރެއް ނޫންކަމަށް ބުނުމާއި އެހެންވެ އޭނާއަކީ ދައުވާ އުފުލުމުގެ ގާނޫނީ ހައިސިއްޔަތު އޮތް ފަރާތެއް ނޫންކަމަށް

  • މައްސަލައެއް ހައްލުކުރުމަށް ވަކި އިންތިޒާމެއް ކަނޑައަޅާފައިވާނަމަ ކޯޓަށް އެމައްސަލައެއް ހުށަހެޅުމުގެ ކުރިން އެއިންތިޒާމަކަށް އަމަލުކޮށް ނިމިފައި އޮންނަންޖެހޭ ނަމަވެސް އަމަޖަދުގެ ފަރާތުން އެކަން ފުރިހަމަކޮށްފައި ނުވާކަމަށް

މި ދެ ޒުވާބު ސާބިތުކޮށްދިނުމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވަނީ ތިން ނުކުތާ އެކެވެ. އެއީ:

  • އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ނޫންކަމަށް ބުނާ ބުނުން ސާބިތުކުރުމަށް އެފަރާތުން ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސިޓީ

  • އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް 14 މެއި 2022ގައި ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު އަމްޖަދަށް ޕާޓީން ލިބިދީފައިވީ ނަމަވެސް ދައުވާކުރާފަރާތަކީ ޕާޓީގެ މެންބަރުކަމުގެ ގާނޫނީ ހައިސިއްޔަތު ލިބިދީފައިވާ މީހެއްކަމަށް ބެލެވެން ނެތްކަމަށް އެމްޑީޕީއިން ބުނާބުނުން

  • ސިޔާސީ ޕާޓިގެ މެންބަރެއްގެ ހައްގަކާ ގުޅޭ މައްސަލައެއް ހުށަހެޅޭ ހިނދު އެމައްސަލަ ހުށަހަޅާ ފަރާތަކީ އެޕާޓީގެ މެންބަރަކަށް ނުވާނަމަ އެދައުވާ ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު އެފަރާތަކަށް ލިބިގެންނުވާނޭ ކަމަށް ބުނާ ބުނުން

އަމްޖަދުގެ ރައްދު

އެމްޑީޕީއިން ހުށަހެޅި ފުރަތަމަ ޒުވާބު ސާބިތުކޮށްދިނުމަށްޓަކައި އެ ޕާޓީއިން ފާހަގަކުރި ނުކުތާގެ ތެރެއިން އެމްޑީޕީގެ މެންބަރެއް ނޫންކަމަށް ބުނާ ބުނުމާ ބެހޭގޮތުން އަމްޖަދުގެ ފަރާތުން ބުނީ، އޭނާއަކީ އެމްޑީޕީގެ މެންބަރެއް ނޫންކަމަށް ސާބިތުކުރުމަށް ހުށަހެޅި އިލެކްޝަން ކޮމިޝަނުގެ ރެކޯޑުން ވެސް އެނގެން އޮތީ އޭނާއަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އެކޮމިޝަންގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތެއް ކަމަށެވެ.

މިކަމަށް އަމްޖަދުގެ ފަރާތުން މިއަދު ކޯޓުގައި ބުނީ:

  • އީސީގެ ރެކޯޑުގައި އޭނާއަކީ އެމްޑީޕީ މެމްބަރެއް ކަން ފެންނަން އޮއްވައި އެއީ 'އިދާރީ ކުށެއް' ކަމަށް އެރެކޯޑުގައި ބަޔާންކޮށްފައިވަނީ މިދިޔަ މަހުގެ 22ގައި؛ އެއީ އެމްޑީޕީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅިތާ 7 ދުވަސް ފަހުން

  • އީސީން ބަލަހައްޓާ ދަފްތަރުން 'އިދާރީ ކުށުން' މީހުންގެ ނަން އުނިވެ، ގެއްލި، އެކުވެ، ބަދަލުވުން ބަލަންޖެހޭނީ ސުވާލާއި ޖަވާބުދާރީކުރުމުގެ ނަޒަރިއްޔާތަކުންކަން

  • ދައުވާ ހުށަހެޅިއިރު އިލެކްޝަން ކޮމިޝަންގެ ރެކޯޑުގައި އަމްޖަދުގެ ނަން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޮތީ އެކޮމިޝަންގެ 'އިދާރީ ކުށުން' ކަމުގައި އެކޮމިޝަނުން ބުނާ ހިސާބުން އެކޮމިޝަނުގެ ކްރެޑިބިލިޓީ އާމެދު ސުވާލު އުފެދޭކަން

  • އެއްވެސް މިންވަރަކަށް ޝައްކެއް އުފެދިއްޖެ ނަމަ އެޝައްކުގެ ފައިދާ (ބެނެފިޓް އޮފް ޑައުޓް) ދޭންޖެހެނީ 'އިދާރީ ކުށް' ނުޖެހި ހުރި މައުސޫމް ފަރާތަށް ކަމަށް؛ އެއީ އަމްޖަދަށް ކަމަށް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިދިޔަ އަހަރުގެ މެއި 14 ވަނަ ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދައުވާ ކުރާފަރާތަށް ޕާޓީން ލިބިދީފައިވީ ނަމަވެސް ދައުވާކުރާ ފަރާތަކީ ޕާޓީގެ މެންބަރުކަމުގެ ގާނޫނީ ހައިސިއްޔަތު ލިބިދީފައިވާ މީހެއްކަމަށް ބެލެވެން ނެތްކަމަށް އެމްޑީޕީން ބުނާ ބުނުމުގެ ރައްދުގައި އަމްޖަދުގެ ފަރާތުން ފާހަގަކުރީ އެއީ 'ދެކޮޅު ނުޖެހޭ ވާހަކައެއް' ކަމަށެވެ.

އެގޮތުން އަމްޖަދު ފާހަގަކުރި ނުކުތާތަކަކީ:

  • 'އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދު' ބުނާގޮތުން 'އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނަށް ކަން އެނގެން އޮތުން

  • އެމްޑީޕީގެ ޗެއަޕާސަން ހޮވުމަށް 14 މެއި 2022ގައި ބޭއްވި އެތެރޭގެ އިންތިހާބާ ގުޅިގެން އެމްޑީޕީއިން އާއްމުކުރި އެޕާޓީގެ މެންބަރުންގެ ވޯޓާސް ލިސްޓުގައި އަމްޖަދުގެ ނަން އޮތްކަން

  • އެ އިންތިހާބުގައި ވޯޓު އެޅުމުގެ ހައްގު ލިބިގެންވާ ކަމަށް ޕާޓީން އާންމުކުރި ލިސްޓުގައި އަމްޖަދުގެ ނަން ހިމެނޭކަން  

  • އެހެންވެ، އަމްޖަދަކީ ޕާޓީގެ މެންބަރުކަމުގެ ހައިސިއްޔަތު އޮތް މީހެއްކަމަށް ބެލެވެން ނެތްކަމަށް އެމްޑީޕީން ބުނިނަމަވެސް، އެއީ ސައްހަ ވާހަކައެއް ނޫންކަން

އަމްޖަދު ގާނޫނާއި ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާ މައްސަލަ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށް ވެސް އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ. އަދި ދައުވާ ފޯމާ އެކު އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަށް ޕާޓީއަށް ފޮނުވަން ޖެހޭ ސިޓީ އެމްޑީޕީއަށް ލިބިފައިނުވާކަމަށް ވެސް ބުންޏެވެ.

މިހެންވެ، އެމައްސަލައެއް ހުށަހެޅުމުގެ ކުރިން، 'ޑޮކްޓްރިން އޮފް އެކްޒޯސްޝަން އޮފް ރެމެޑީސް' ނުވަތަ އިންތިޒާމަކަށް އަމަލުކޮށް ނިމިފައި އޮންނަންވާނެކަމަށް ބުނާ ރުކުން ފުރިހަމަ ނުވާތީ އެމައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

މިކަމަށް ޖަވާބުދާރީވަމުން އަމްޖަަދުގެ ފަރާތުން މިއަދު ކޯޓުގައި ބުނީ، އެއީ 'ކަނޑައެޅިގެން ހަގީގަތާ' ހިލާފު ވާހަކައެއް' ކަން ސާފުވާ ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް ޕާޓީގެ މެމްބަރުކަން ގެއްލުވާލާފައިވާ މައްސަލަ އިސްްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ފޮނުވައިދިނުމަށް އެދުނު ސިޓީ އާއި އެ ސިޓީއާ އެކު އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ޝަކުވާ ފޯމު، އެމްޑީޕީއަށް ފޮނުވިކަން ދައްކުވާދޭ ލިއުންތައް އަމްޖަދުގެ ފަރާތުން މިއަދު ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.    

އިތުރު އާޓިކަލް

އިތުރު އާޓިކަލް