އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ގުނަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އެމްޑީޕީގެ ޕްރައިމަރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ބާއްވަނީ

ޕްރައިމަރީ ބާތިލުކުރަމަށް ހުށަހެޅީ އެ ޕާޓީގެ 39،000 މެންބަރުން ވަކިކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިދިޔަ ޖެނުއަރީގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އެ ކޯޓުގައި މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އެމްޑީޕީން މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރަން، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ކުރީގެ މަޖިލިސް މެންބަރު ހާމިދު އަބްދުލްގަފޫރް ހިމެނޭހެން އެ ފެކްޝަންގެ އިތުރު ތިން ބޭފުޅަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. 

  • ޕްރައިމަރީ ބާތިލުކުރަމަށް ހުށަހެޅީ އެ ޕާޓީގެ 39،000 މެންބަރުން ވަކިކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ

  • އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ނުވާ ކަމަށް ބުނެފައިވޭ 

  • އެހެންވެ، މި މައްސަލަ ބަލައި ނިމެންދެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރަކަށް ވަނީ އެދިފައި

ވީ ކިހިނެއް؟ - ޕްރައިމަރީގެ މައްސަލަ ސިވިލް ކޯޓަށް ތިން މީހަކު ހުށަހެޅިއިރު، ސިވިލް ކޯޓުން ބަލައިގަނެފައިވަނީ އަލީ އަމްޖަދު ކިޔާ މީހެއްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލައިގެ ޝަރީއަތް ފެށުމަށް މި މަހުގެ 6ގައި ތާވަލުކުރި ނަމަވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ހުށަހެޅުމުން، މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވުމަށް 10 ދުވަސް ދިނުމުގެ ގޮތުން އެ އަޑުއެހުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ޖަވާބުދާރީވުމަށް ދިން މުއްދަތު ހަމަވުމުން ސިވިލް ކޯޓުން ވަނީ މާދަމާ ހެނދުނު 11:30އަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. މި މައްސަލަ ކުރިއަށް ގެންދާނީ އޮންލައިން ކޮށެވެ.

އެނގުން މުހިއްމު - އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ބުނާ ސަބަބަކީ، އެ ޕާޓީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އަލީ އަމްޖަދަކީ ޕާޓީގެ މެންބަރަކަށް ނުވުމެވެ. އެގޮތުން:

  • އެ ޕާޓީން ދެކެނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ އިސްތިސާސެއް ނެތް 

  • އެކަމަކު އަލީ އަމްޖަދުގެ ފަރާތުން ވަކާލާތުކުރައްވާ ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ގަބޫލުކުރައްވާ ގޮތުގައި އެ މައްސަލަ ބެލުމުގެ އިހުތިސާސް ކޯޓަށް އެބައޮތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް