ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ތެރޭގައި

ރައީސްގެ ސެކިއުރިޓީ ފެއިލް: އެންއައިސީން ވެސް ތަހުގީގު ކުރަނީ

އިދިކޮޅު މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަތް މައްސަލަ އެމްއެންޑީއެފް އިންނާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް އަންނަނީ ބަލަމުން

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސް އަޅައި، ހުއްޓުވި މައްސަލާގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ތަހުގީގެއް ހިންގަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ވާގޮތުން އެ މައްސަލާގައި އެންއައިސީން ތަހުގީގު ކުރާނީ:

  • ރައީސް ސޯލިހަށް ދެއްވަމުން ގެންދަވާ ސެކިއުރިޓީގައި ފުލުހުންގެ ދައުރެއް އޮތްތޯ

  • އެކަމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ

މި ތަހުގީގާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް އެންއައިސީން ހިއްސާ ކޮށްފައެއް ނުވެ އެވެ.

ފާހަގަ ކޮށްލެވޭ ކަމެއް - އިދިކޮޅު މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަތް މައްސަލަ އެމްއެންޑީއެފުންނާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް އަންނަނީ ބަލަމުން ނެވެ.  

އެނގުން މުހިއްމު - ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ކޮންމެ ރެއަކު ސިލްސިލާކޮށް ބާއްވާ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ އޮފީސް ސަރަހައްދުން ރައީސް ސޯލިހާ އެކު އެ މަނިކުފާނުގެ މޮޓޯކޭޑް ދަތުރުކުރި ވަގުތު މުޒާހަރާގެ ބައިވެރިން އެ މޮޓޯކޭޑަށް ހުރަސްއެޅި އެވެ.

އެ މައްސަލައިގައި އިދިކޮޅުން ބުނަނީ:

  • ރައީސްގެ މޮޓޯކޭޑް އެ ތަނަށް ދިޔައީ އެ ޕާޓީން އިހުތިޖާޖުކުރަމުން ދަނިކޮށް

  • މޮޓޯކޭޑަށް "ހުރަސް އެޅި" ކަމަށް ބުނެ މުޒާހަރާއިން ބަޔަކު ހައްޔަރުކުރީ ސެކިއުރިޓީ ފެއިލްވުމުން އެ ކަމުގެ ޒިންމާއިން ރެކެން

ހިނގަމުންދިޔަ މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަނުމަކީ އިއްތިފާގެއް ކަމަށް ނުބެލެވޭ ކަމަށް ބުނެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީ މަގާމުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ކުއްލި މައްސަަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު އެމައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

އެ މައްސަލައިގައި ރައީސްގެ ސަލާމާތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް ހިމެނޭހެން، އެ ޔުނިޓްގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑު ކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް