
4 ޑިސެމްބަރު 2019ގައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް، ކ އަދި އޭނާގެ ގާތިލް ކަމަށް ދައުލަތުން ތުހުމަތުކުރާ އަދުހަމް
ގާސިމްގެ މަރަށް 4 އަހަރު؛ އަދުހަމަށް ހުކުމްކުރުން މާދަމާ
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ހުކުމް ކުރުން މާދަމާ އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައި ވަނީ:
-
ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް
-
ގާސިމް މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ އެމަހުގެ 20 ވަނަ ދުވަހު
-
އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ
-
އަދުހަމް، ގާސިމް މަރާލީ ބިރުދައްކައިގެން ގާސިމްގެ އަތުން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ތުހުމަތުކުރޭ
ތަފްސީލް - ގާސިމްގެ މަރަށް ހަތަރު އަހަރު ފަހުން، ހުކުމް ކުރުމުގެ ޝަރީއަތް މާދަމާ އަށް ތާވަލުކޮށްފައިވަނީ މެންދުރު 1 އަށެވެ. ގާސިމް މަރާލި ކަމަށް އަދުހަމު މީގެކުރިން ވަނީ ފުލުހުންގެ ތަހުގީގުގައި އަދި 12 ފެބްރުއަރީ 2020ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އިއުތިރާފް ވެފަ އެވެ. އަދުހަމް އެ ދުވަހު ކުށަށް އިއުތިރާފްވީ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމަށްފަހު އެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަދުހަމް އެ ދުވަހު ބުނީ:
-
ދައުވާ ސާފުވެއްޖެ ކަމަށާއި، ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށް
-
އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް
-
އެކަމާ މިހާރު ދެރަވެ ހިތާމަކުރާ ކަމަށް
-
ކުރެވުނު ކުށަށް ތައުބާވެ، ތައުބާގެ ނަމާދުވެސް ކޮށްފައިވާ ކަމަށް
-
ކުރެވުނު ކުށަށް ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް
ފާހަގަކޮށްލެވޭ ކަމެއް - ގާސިމް މަރާލިގޮތް ކިޔައިދީ ކުރެވުނު ކުށާއިމެދު ދެރަވެ މާފަށް އެދޭކަމަށް ބުނުމަށް ފަހު، އޭގެ ފަހުން އޮތް އަޑުއެހުމެއްގައި އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުވާތަކަށް އިންކާރުކުރުމަށްފަހު އެ އަޑުއެހުމުގައި އަދުހަމް ބުނީ:
-
ކުށަށް އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް
-
ނަމަވެސް އޭގެފަހުން އަނެއްކާވެސް އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެފައި
-
އެ ފަހަރު އަދުހަމް ވަނީ ގަސްތު ނޫން މަރެއްގެ ގޮތުގައި އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ޝަރީއަތުގައި އެދިފައި
އެނގުން މުހިންމު - އަދުހަމްގެ މައްޗަށް މައްސަލަ ސާބިތުވެ، އޭނާ މެރުމަށް ވާރިސުން އެއްބަސްވެއްޖެ ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ އެވެ. ނަމަވެސް އެކަމަށް އެއްވެސް ވާރިސަކު ދެކޮޅު ހަދައިފިނަމަ، ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން، އޭނާގެ އަދަބު ޖަލު ހުކުމަކަށް ލުއިވާނެ އެވެ. އޭރުން އަދުހަމްގެ މައްޗަށް އިއްވާނީ 17 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓް