
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރު އިމްރާން، އަދި ސީޕީ މުހައްމަދު ހަމީދު
ސަރުކާރުން އިސްކަންދޭންވީ ފުލުހުންގެ އިސް ސަފު ތަރުތީބުކޮށް، ރަނގަޅު އޮފިސަރުން ބައްޓަކުރަން: އިމްރާން
ރަނގަޅު އޮފިސަރުން ބައްޓަންކޮށް، ފުލުހުންގެ އިސް ސަފު ތަރުތީބުކުރަން ސަރުކާރުން މިއަދު އިސްކަންދޭންޖެހޭ ކަމަށް ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިމްރާން އެހެން ވިދާޅުވީ ޕޮލިސް ބޯޑުން އިންތިޒާމްކޮށްގެން މިއަދު ދަރުބާރުގޭގައި ފެށި 'ޕޮލިސް ރިސާޗު އެންޑް އިނޮވޭޝަން ކޮންފަރެންސް' ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެސަކީ:
-
ފުލުހުންގެ ހިދުމަތް ބައްޓަން ކުރަންވީ ގޮތާ ގުޅޭ ގޮތުން އާންމުންގެ ހިޔާލާއި ދިރާސާ ކުރާ މީހުންގެ ދިރާސާތަކާ މެދު މަޝްވަރާކުރަން ބާއްވާ ކޮންފަރެންސެއް
ތަފްސީލް - މި ކޮންފަރެންސް ފެށުމުގެ ރަސްމިޔާތުގައި ވާހަކަދައްކަަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިއަދު ފެށި ކޮންފަރެންސަކީ ރާއްޖޭގެ ދާހިލީ ސަލާމަތާއި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް އިތުރުވާ އާ ބޮޅެެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ:
-
ޕޮލިސް ރިފޯމް ކުރުމުގެ މަސައްކަތަކީ ރައީސް ސޯލިހުގެ އިންތިހާބީ ވައުދެއް
-
ދިވެހި ފުލުހުންގެ ފުރިހަމަ އިތުބާރާއި ލޯބި ހޯދަން ކުރަންޖެހިފައިވާ މަސައްކަތަކީ ނިޒާމީ ގޮތެއްގައި ކުރަންޖެހޭ ކަމެއް
-
އެ މަންޒިލަށް ވާސިލުވުމަކީ ދަތި، ގޮންޖެހުން ބޮޑު އަދި އުނދަގޫ ކަމެއް
-
ރައީސް ސޯލިހުގެ ސަރުކާރުން އެ މަސައްކަތް ފެށީ ކަމުގެ ހަގީގަތް އެނގިތިބެ، އެ ބުރަ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ އަޒުމާއެކު
"އެކަންކަމުން އަރައިގަނެ ފުލުހުންގެ އިސް ސަފު ތަރުތީބުކޮށް ރަނގަޅު އޮފިސަރުން ބައްޓަންކުރުމަކީ އަޅުގަނޑު ހިތުން ދައުލަތުން އިސްކަންދޭންޖެހިފައިވާ ކަމެއް. ފުލުހުންގެ މުވައްސަަސާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައިދީ އެކަމަށް މަގުފަހިވާނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުތަކުގެ ބޮޑު ޒިންމާއެއް،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދު ފެށި ކޮންފަރެންސް ނިމޭއިރު، ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމަށް ރައީސް ސޯލިހްގެ ސަރުކާރުން ކޮށްފައިވާ ބުރަ މަސައްކަތްތައް ހާމަވާނޭ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ނަތީޖާ މިންކުރުމަށް އެ ކޮންފަރެންސަކީ މުހިންމު ކަމަކަށް ވާނޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިމްރާން އަދި ވިދާޅުވީ މިއަދު މި އޮތް ހިސާބަށް ފުލުހުންގެ މަސައްކަތްތައް އައީ ދައުލަތުގެ ވަރަށް ގިނަ މުވައްސަސާތަކާއި، ރާއްޖޭގައި ތިބި ދިރާސާ ކުރާ ބޭފުޅުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކަމަށެވެ. އެހެންވެ، އެފަދަ ފަރާތްތަކުގެ އެހީތެރިކަން ފުލުހުންގެ ހިދުމަތަށް މުހިންމު ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮމެންޓް