މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ތަރައްގީކޮށްފައި ހުރި ކިންގް ސަލްމާން މިސްކިތް. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވަނީ ސައުދީން ތާރީހެއް ނުދޭތީ: މިނިސްޓްރީ

ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް
13 ފެބްރުއަރީ 2023
1

ސައުދީ އަރަބިއްޔާގެ ހިލޭ އެހީގައި މާލޭ އާޓިފިޝަލް ބީޗުގައި ތަރައްގީކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވައި ލަސްވަނީ ސައުދީ ސަރުކާރުން އެ ކަމަށް އަދި ތާރީހެއް ނުދޭތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސައުދީ ސަރުކާރުގެ އެހީގައި އެޅި ސަލްމާން މިސްކިތް އާއްމުންނަށް ހުޅުވާލީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. އެ މިސްކިތުގައި ނަމާދު ކުރަން ފެށިތާ އަހަރެއްހާ ދުވަސް ވާން ކައިރިވެފައިވީ އިރު ވެސް އެ ތަން އަދި ރަސްމީކޮށް ހުޅުވާފައެއް ނުވެ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒާހިރު ވިދާޅުވީ ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • ކޮވިޑް-19އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީ އާއި ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީއާ އެކީގައި މަޝްވަރާތަކެއް ކުރި

  • އޭގެ ދުވަސްކޮޅެއް ފަހުން ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވި ފަހަރު ވެސް އެކަމުގެ މަޝްވަރާކޮށް، މިސްކިތް ހުޅުވުމަށް ތައްޔާރުވި

  • އެކަމަކު އޭރު ވެސް ސައުދީން ވަކި ތާރީހެއް ކަނޑަނާޅާތީ އެކަން ލަސްވީ

"ސައުދީގެ ދީވާނުލް މަލަކިއްޔާއަށް މައްސަލަ ހުށަހަޅުއްވައި ޑޭޓެއް ލިބުނީމަ ދައުލަތަށް އަންގާނެ ކަމަށް ވިދާޅުވެފައި ވަޑައިގެންނެވީ. ދެން އޭގެ ފަހުން ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން. އެކަމަކު އަދި އެއްވެސް ޑޭޓެއް ނުއެއް ލިބޭ ދެން ކޮން އިރަކު ކަމެއް ހުޅުވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

އެނގުން މުހިންމު - މިދިޔަ ރޯދަ މަހު ނަމާދު ކުރަން ފެށި ސަލްމާން މިސްކިތް އިމާރާތް ކޮށްފައިވަނީ، އެ ތަނުގެ ބޭނުން ތަފާތު ގޮތް ގޮޮތަށް ހިފޭ ގޮތަށެވެ. އެގޮތުން، ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވޭ ގޮތަށް މިސްކިތުގެ ބައިތައް ހާއްސަކޮށްފައިވެ އެވެ.  

ހަ ފަންގިފިލާއަށް ހުންނަ އެ މިސްކިތަކީ:

  • ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކުރަން ފެށި މިސްކިތެއް 

  • އެ މިސްކިތަށް 25 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފައި 

  • މިއީ ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު މިސްކިތް

ކޮމެންޓް (1)

އާދަމް

13 ފެބްރުއަރީ 2023
25 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެޅި މިސްކިތެކޭ ފައްޅިއެކޭ އެއްގޮތް. މިސްކިތެއްގެ އެއްވެސް ކަހަލަ ގޮތްގަނޑެއް ނުފެނޭ. ދުނިޔޭގެ އެއްވެސް ތާކު މިފަދަ މިސްކިތެއް ހުރި ކަމެއް ނުދަންނަން. އިސްލާމީ ތާރީޚީ މިސްކިތްތަކުގެ ޙަޟާރަތް ރަމްޒުކޮށްދޭ ގުއްބު ގަނޑެއް ވެސް ނެތް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް