މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި 1 އެޕްރީލް 2020 ވަނަ ދުވަހު ހުޅުވި ކިންގް ސަލްމާން މިސްކިތުގެ ބޭރު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާދު)
ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތު ކޮށްފި
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ ކިންގް ސަލްމާން މިސްކިތުގައި ހަލާކުވެފައި ހުރި އޭސީތައް މަރާމާތު ކުރުމުގެ މަސައްކަތް މދިޔަ ބުރާސްފަތި ދުވަހު ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުޅުވިތާ ހަ މަސް ދުވަހުގެ ތެރޭގައި އެ މިސްކިތުގައި ހުރި ބައެއް އޭސީތައް ހަލާކުވެ، އެ މިސްކިތަށް ނަމާދަށްދާ މީހުންގެ ޝަކުވާ ބޮޑުވި އެވެ. މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ހަލާކުވެފައި ހުރި އޭސީތައް މަރާމާތު ކުރަން ވަނީ ދިގު މުއްދަތެއް ހޭދަވެފަ އެވެ.
ބުނީ ކީކޭ؟ - އިސްލާމިކް މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް އަފްރާހު މިރޭ 'ދައުރު'އަށް ވިދާޅުވީ އެ މިސްކިތުގެ އޭސީތައް މަރާމާތުކުރަން ދުވަސްތަކެއް ނެގީ އޭސީތައް ހަދާނެ ސާމާނާއި މީހުން ރާއްޖެއިން ނުލިބިގެން ކަމަށެވެ. އެހެންކަމުން އެކަން ކޮށްފައިވަނީ ރާއްޖެއިން ބޭރުން ސާމާނާއި މީހުން ގެނެސްގެން ކަމަށް އަފްރާހު ވިދާޅުވި އެވެ.
"އޭސީތަކުގެ މައްސަލަ ޖެހުނީ ސަލްމާން މިސްކިތަކީ މޫދާ ކައިރި އަޅާފައި ހުރި މިސްކިތަކަށް ވެފައި އޭސީ ޔުނިޓުތަކަށް ލޮނުގެ އަސަރު ކުރާތީ،" އޭނާ ވިދާޅުވި އެވެ. ނަމަވެސް ލޮނުގެ އަސަރު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދިފައިވޭތޯ ކުރި ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.
ކިންގް ސަލްމާން މިސްކިތް
-
ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކުރި މިސްކިތެއް
-
އެ މިސްކިތަށް 25 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފައި
-
މިއީ ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު މިސްކިތް
ނަމާދުކުރުމުގެ އިތުރުން ދީނީ އެކި ޕްރޮގްރާމްތަކާއި ރަސްމިއްޔާތުތަކާއި ސެމިނާ ހޯލްތަކާއި ކްލާސްރޫމްތައް ހިންގޭ ގޮތަށް ހަދާފައި ހުރި ކިންގް ސަލްމާން މިސްކިތް ބެލެހެއްޓުމަކީ ބޮޑު ހަރަދެއް ހިނގައި، ގޮން ޖެހުން ބޮޑު މަސައްކަތަކަށް ވާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.