ތިލަފުށީ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވެފައި (ފޮޓޯ / ވެމްކޯ)

ކުނީގެ މައްސަލަ

ސަރުކާރުން ކުނި އެތެރެކުރުމާ ދެކޮޅު؛ ގާނޫނު އިސްލާހު ކުރާނަން: ޝައުނާ

ރާއްޖެއަށް ކުނި އެތެރެކުރުން ހުއްދަކުރެވޭ ގޮތަށް 'ކުނި މެނޭޖު ކުރުމުގެ ގާނޫނު' ފާސްކޮށް ތަސްދީގު ކޮށްފައިވަނީ ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް
19 ޑިސެމްބަރު 2022

ރާއްޖެއަށް ކުނި އެތެރެކުރުމަކީ ސަރުކާރުން ތާއީދު ކުރާ ކަމެއް ނޫން ކަމަށާއި ކުނި އެތެރެ ކުރެވޭ ގޮތަށް ތަސްދީގު ކޮށްފައިވާ ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މިދިޔަ މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހުން 'ކުނި މެނޭޖު ކުރުމުގެ ބިލު' ފާސްކޮށްފައިވަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން ރާއްޖެއަށް ކުނި އެތެރެ ކުރެވިދާނެ ކަމަށް ބަޔާންކޮށް މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން އިތުރު ކުރި 44 ވަނަ މާއްދާ ހިމެނޭ ގޮތަށެވެ.

 • އެ މާއްދާގައިވާ ގޮތުން މިނިސްޓްރީގެ ހުއްދަ ލިބިގެން ރާއްޖެއަށް ކުނި އެތެރެ ކުރެވިދާނެ

 • އެއީ ސަރުކާރުން ބިލު ހުށަހެޅި އިރު އޮތް ގޮތެއް ނޫން؛ އެ ބިލު ހުށަހެޅިއިރު އޮތީ ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށް

 • މަޖިލީހުގެ ކޮމިޓީން އެގޮތަށް ބިލުގައި ހިމެނި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ކުނިން ހަކަތަ އުފެއްދުމުގެ ވިސްނުން ރާއްޖެއިން ގެންގުޅޭ އިރު ކުނި ލިބުމުގައި ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުމަކީ މުހިއްމު ކަމެއް ކަމަށް

އެ މާއްދާއަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ އެކި ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ މާއްދާއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބިލް ތަސްދީގު ކުރެއްވީ އިއްޔެ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން 'ދައުރު'އާ ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ކުނި ރާއްޖެއަށް އެތެރެ ކުރުމަކީ ސަރުކާރުން ތާއީދު ކުރާ ކަމެއް ނޫން ކަމަށާއި ސަރުކާރުން ހުށަހެޅި ބިލުގައި ކުނި އެތެރެ ކުރެވޭ ގޮތަށް ނޯންނާނެ ކަމަށެވެ.

"އެއީ ވަރަށް ފަހު ވަގުތު އިތުރު ކުރެވިފައި އޮތް ބޮޑު ބަދަލެއް. އަޅުގަނޑުގެ ސަމާލުކަމަށް ވެސް އައިސްފައެއް ނެތް އެކަމެއް،" ޝައުނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

 • ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ގަވައިދެއް ނަހަދާނެ

 • އެ މާއްދާއާ އެކު ބިލް ތަސްދީގުކޮށްފައިވަނީ އެ ގާނޫނުގައި މުހިއްމު ބައިވަރު ކަންކަން ހުރުމުން އެކަންތައްތައް ވީހާވެސް އަވަހަށް ތަންފީޒު ކުރުމުގެ ގޮތުން

 • އެގޮތުން މުހިއްމު ކަމަކަށް ޝައުނާ ފާހަގަކުރެއްވީ ވެމްކޯއަށް ބިލް ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމުގެ މަސައްކަތް ފެށެން އޮތީ ބިލް ތަސްދީގުކުރެވިގެންކަން

 • ކުނި އެތެރެ ކުރެވޭ މާއްދާއަށް އިސްލާހު ގެނައުމުގެ އިދާރީ މަސައްކަތްތައް މިނިސްޓްރީން މިހާރު ދަނީ ކުރަމުން؛ އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހަށް އިސްލާހު ފޮނުވާނެ

އެނގުން މުހިއްމު - ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާއާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ގިނަ އަދަދެއްގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެފަރާތްތަކުން ފާހަގަކުރި ގޮތުގައި:

 • ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއަކީ މާލީ ގޮތުންނާއި ޓެކްނިކަލް ގޮތުން ވެސް ބުރަ ބޮޑު ކަމެއް

 • އިންސިނެރޭޓާ އޮޕަރޭޓަރުންނަށް ރާއްޖެއަށް ކުނި އެތެރެކުރުމުގެ ފުރުސަތު ލިބޭ؛ މީގެ ކުރިން ވެސް އެ ޖަމިއްޔާތަކުން އެ ކަންބޮޑުވުން ފާޅުކުރި

 • އެ ފަރާތްތަކުން ރައީސަށް ގޮވާލީ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލެއްވުމަށް 

 • ރާއްޖެއަކީ ކުނި އަޅާ ތަނަކަށް ހެދުމުގެ ފުރުސަތު ބޭރުގެ ކުންފުނިތަކަށް ނުލިބޭ ގޮތަށް ގަވާއިދުތައް ހެދުމަށް ވެސް ގޮވާލާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް