މަޖިލިސް ޖަލްސާއެއްގެ ތެރެއިން: މަޖިލިސް ތަޅުން (ފޮޓޯ/ މަޖިލިސް)

މާލެ އާއި އަތޮޅުތެރޭގައި ކަރަންޓުގެ އަގު އެއްހަމަކުރަން 7 މަސް ދީފި

28 ނޮވެމްބަރު 2022
2

ކަރަންޓަށް ބިލުކުރުމުގައި އަތޮޅުތެރެ އާއި މާލެ ސަރަހައްދުގައި ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް ކަމާބެހޭ އިދާރާތަކަށް 7 މަސް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯ އާއި ފެނަކަ އިން އަތޮޅުތެރެއަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތަށް ބިލު ކުރުމުގައި ތަފާތުތަކެއް ގެންގުޅޭކަން ފާހަގަކޮށް އެ މައްސަލައަށް ހައްލެއް ހޮދައިދިނުމަށް އެދި ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށްފަހު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީން އެކުލަވާލި ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްކުރީ މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތޮއްޑޫ ދާއިރާ މެންބަރު ހަސަން ޝިޔާން (ފޮޓޯ/ މަޖިލިސް)

އެނގުން މުހިއްމު - ޝިޔާން ވިދާޅުވީ އަތޮޅުތެރޭގައި ކަރަންޓު އަގުބޮޑުވުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ދީ، ޓެކްސް ދައްކައި ބިލުތައް ދެއްކުމަށް ފަހު ފައިދާ ވާ ވަރަށް ފައިސާ ނުހުންނަ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުންދާކަން ފާހަގަކޮށް ޝިޔާން ހުށަހެޅި ގަރާރުގައި އަތޮޅުތެރޭގެ ކަރަންޓުގެ އަގުތަކާއި މާލޭގެ އަގުތައް ހިއްސާކުރެއްވި އެވެ. އެގޮތުން:

މާލެ:

  • 0-100 ޔުނިޓު - 3.30ރ.

  • 101-300 ޔުނިޓު - 3.35ރ.

  • 301-500 ޔުނިޓު - 3.65 ރ.

  • 501-600 ޔުނިޓު - 4ރ.

  • 601-3000 ޔުނިޓު - 4.35 ރ.

  • 3001-10،000 ޔުނިޓު - 5.75 ރ.

  • 10،000 ޔުނިޓަށް ވުރެ މަތި - 6.65 ރ.

އަތޮޅުތެރެ:

  • 0-100 ޔުނިޓު - 3.25 ލާރި

  • 101-200 ޔުނިޓު - 3.75 ލާރި

  • 201 - 300 ޔުނިޓު - 4.75ރ.

  • 300 ޔުނިޓަށް ވުރެ މަތިން 6ރ.

ތަފްސީލް- އެ ގަރާރު ދިރާސާކުރިއިރު ކޮމިޓީން ވަނީ ރާއްޖޭގައި ޔޫޓިލިޓީ ދޭ ކުންފުނިތަކާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށް އެފަރާތްތަކުގެ ހިޔާލު ހޯދާފައެވެ. އެ ފަރާތްތަކުން ކޮމިޓީގައި ފާހަގަކުރި ބައެއް ކަންތައްތަކަކީ:

  • މާލެއާއި އަޅާބަލާއިރު ރާއްޖޭގެ އެހެން ރަށްރަށުގައި ސަރުކާރުގެ އިމާރާތްތަކާއި ވިޔަފާރިތައް ވަރަށް ބޮޑު ތަނުން މަދުވުމުން، ގޭބިސީތަކަށް ނުއަގުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ވިއްކައިގެން ލިބޭ ގެއްލުން ދެކޮޅު ޖެއްސުމުގެ ފުރުސަތު ރަށްރަށުގައި އޮންނަނީ ވަރަށް ބޮޑަށް ހަނިވެފައި ކަން

  • މިހާރު ޓެރިފް ސްޓްރަކްޗާ ކުރެވިފައިވާގޮތުން ވިޔަފާރި ކެޓަގަރީގެ ޓެރިފްތައް ރަށްރަށާއި މާލެއާ އެއްހަމަކޮށްފިނަމަ، ޔޫޓިލިޓީ ކުންފުނިތަކަށް އިޔާދަނުކުރެވޭ ވަރުގެ ރެވެނިއު ލޮސްއެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަން

  • ރަށްރަށުގެ ވިޔަފާރިތަކަށް ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތުން ބިލުކުރާ ރޭޓު މާލޭގައި ބިލު ކުރާ ރޭޓާ އެއްހަމަކޮށްފިނަމަ، ޔޫޓީލިޓީ ކުންފުނިތަކުގެ އާމްދަނީން 91 މިލިއަން ރުފިޔާ ގެއްލޭނެކަން

  • އެ ގެއްލުން ފޫބެއްދުމަކީ ދައުލަތަށް އުފުލޭނެ ބުރައެއް ނޫން

  • އަހަރުން އަހަރަށް ކަރަންޓުގެ ޑިމާންޑު އިތުރުވާތީ އެ މިންވަރުގައި ހިފެހެއްޓުމަށް އިތުރު ސޯލާ ނިޒާމުތައް ގާއިމުކުރަންޖެހިދާނެ ކަން؛ އެގޮތުން ސޯލާ ޕީވީގެ ސަބަބުން ޓެރިފަށް ކުރާ އަސަރު ދެނެގަތުމަށް އެކިމޮޑެލްތަކާއި އަދި އެކި ޓެކްނޮލޮޖީގައި ކަރަންޓު އުފައްދަން ކުރަންޖެހޭ ހަރަދު ތަފާތުވާތީ އެ ތަފާތުތަކަށް ވެސް ރިއާޔަތްކުރަން ޖެހޭކަން

  • ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ، ލިބޭ ފައިސާ ކަސްޓަމަރުންނަށް ހަމައަށް ހަމަހަމަގޮތެއްގައި ފޯރުކޮށްދެވޭނީ ފުރިހަމަ ޓެރިފް ރިވިއުއެއް ހެދުމަށްފަހު

 މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

އެކަންކަމަށް ރިއާޔަތްކުރުމަށްފަހު ކޮމިޓީން ނިންމީ:

  • އެކި މޮޑަލްތަކާއި އަދި އެކި ޓެކްނޮލޮޖީގައި ކަރަންޓު އުފައްދަން ކުރަންޖެހޭ ހަރަދު ތަފާތުވާތީ މި ތަފާތުވާތީ، އެ ތަފާތުތަކަށް ރިއާޔަތްކޮށް ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ހިދުމަތް ހަމަހަމަގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެދުމަށް އަންގައި، މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިކަކަށް އެއް ހަމަކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް

  • ކަރަންޓު ދިނުމަށް ބޭނުންކުރާ ސިސްޓަމްތަކުގެ އެފިޝަންސީ އިތުރުކޮށްގެންނާއި، ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެންނާއި، ޑީސަލް ހަރަދު ކުޑަކޮށްގެންނާއި އަދި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ކުރަން އެންގުމަށް

  • ފެނާ ނަރުދަމާގެ ހިދުމަތްތަކަށް ބިލުކުރަމުންދާ އަގުތަކުގައި ހުރި ތަފާތުކުރުންތައް އެއްހަމަކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމަން އެންގުމަށް

ކޮމެންޓް (2)

ހައިދަރު

29 ނޮވެމްބަރު 2022
މި ރަށުގައި ކަރަންޓް ބިލް ބޮޑު ވަނީ ބައެއް ގޭ ގޭގައި. ކަރަންޓް އެއްޗެހި އެންމެ ގިނައިން ބޭނުން ކުރާ ގޭގެއަށް އަރާ ވަރު މާ މަދު ދެތިން އެތި ބޭނުން ކުރާ ގޭ ގެއަށް ވުރެ. ކޮންމެ ވެސް މަކަރެއް ހަދާދީތާ ގައިމު
0 0

ތަކުރު ޅަ ހުއްތު

29 ނޮވެމްބަރު 2022
ކަރަންޓް އެއް ހަމަ ކުރާ އިރު ފެން ވެސް އެއް އަގު ކުރާ ނަމަ. އަހަރުމެން ރަށުގައި ފެން އަޅަން އެބަ އުޅޭ. އެކަމަކު ހީވަނީ ވަރަށް އަގު ބޮޑު ވާނެ ހެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް