އދ. ދިއްދޫ ސްކޫލް: މި ވަގުތު ސްކޫލްގައި ކިޔަވަނީ އެންމެ 18 ވަރަކަށް ދަރިވަރުން

އދ. އަތޮޅު

ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ، އދ. ދިއްދޫ ސްކޫލަށް ކުދިން ފޮނުވުން ހުއްޓާލައިފި

މިއަދު އެ ރަށަށް ދިޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމާ ބައްދަލުކުރަން ބެލެނިވެރިން ދެކޮޅުހެދި
20 އޮކްޓޯބަރު 2022
8

ސަރުކާރުން އެ ރަށު ސްކޫލާ މެދު އިހުމާލްވާކަމަށް ބުނެ، ނުރުހުން ފާޅުކޮށް، އދ. ދިއްދޫ ސްކޫލަށް ދަރިވަރުން ފޮނުވުން ހުއްޓާލައިފި އެވެ. އަދި އަންނަ ހޯމަދުވަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކުރުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް، ރަށު ކައުންސިލުން ބުނެފި އެވެ.

ވީ ކިހިނެއް؟- ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއް ރަށް ކަމަށްވާ ދިއްދޫ ސްކޫލަށް ދަނީ ގާތްގަނޑަކަށް 18 ވަރަކަށް ކުދިންނެވެ. އެކަމަކު އެ ސްކޫލުގައި އެންމެ އަސާސީ ހިދުމަތްތައް ވެސް ލިބެން ނުހުންނަ ކަމަށް ބުނެ ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލަން ބެލެނިވެރިން ވަނީ ނިންމާފަ އެވެ. އެހެންވެ މިދިޔަ އާދީއްތަދުވަހުން ފެށިގެން އެއްވެސް ދަރިވަރަކު ސްކޫލަކަށް ނުދެ އެވެ.

އެނގުން މުހިއްމު- މިހާރު އެ ރަށު ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ދެ ގްރޭޑެއް އެއްކޮށްލައިގެން، މަލްޓިގްރޭޑް ސިސްޓަމަށެވެ. ދަރިވަރުން މަދުވުމުގެ ސަބަބުން ކިޔަވައިދެނީ ވެސް ގްރޭޑް 1-7 އަށެވެ.

ބުނީ ކީކޭ؟- ދިއްދޫ ސްކޫލްގެ ދަރިވަރެއްގެ ބެލެނިވެރިޔަކު މިރޭ 'ދައުރު'އާ ވާހަކަދައްކަމުން ބުނީ އެ ސްކޫލުން އެންމެ އަސާސީ ހިދުމަތްތައް ވެސް ލިބެން ނެތް ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރި މައްސަލަތަކަކީ:

  • ފާހާނައެއް ނުހުރުން. ދަރިވަރުން ފާހާނަ ކުރަން އަންނަން ޖެހެނީ ގެއަށް

  • ބޯފެން ލިބެން ނެތުން

  • ކަރަންޓުގެ މައްސަލަތައް

  • ޓީޗަރުން މަދުވުން: 8 ޓީޗަރުން ތިއްބަސް ޓީޗަރުން ނެތިގެން ބައެއް ދުވަސްދުވަހު ދަރިވަރުން އަވަހަށް ގެއަށް ފޮނުވާލާ

  • މުވައްޒަފުން މަދުވުން: ސްކޫލުގައި އުޅެނީ އިދާރީ އެންމެ މުވައްޒަފެއް

  • ވަސީލަތްތައް މަދުވުން

"މިދިޔަ އަހަރުން ފެށިގެން ފާހާނައަށް ދާން ކުދިން ގެއަށް ފޮނުވަނީ. ކުޑަކުޑަ ކުދިން ގެއަށް އަންނަ އިރު މި ތިބެނީ ގަޔަށް ލެވިފައި، ނޫނީ ރޮވިފައި. އެހެންނޫނީ ކަރަންޓު ކެނޑިގެން ދާހިއްލާ ފޯވެފައި،" ބެލެނިވެރިޔާ ބުންޏެވެ.

ސްކޫލް މުވައްޒަފުންގެ މުސާރަ ފިޔަވައި ސްކޫލްގެ އެހެން ހުރިހާ ހަރަދެއް ކުރަނީ ބެލެނިވެރިންގެ ޖީބުންނެވެ.

"ލައިޓެއް ހަރުކުރަން ޖެހުނަސް ޕޭރެންޓުން. ތަނެއްގައި ކުލަ ލާން ޖެހުނަސް ޕޭރެންޓުން. މުސާރަ ދޭން ނުޖެހޭކަން އެކަނި،" އޭނާ ބުންޏެވެ.

އދ. ދިއްދޫ ސްކޫލްގެ ދަރިވަރުން ކްލާހުގައި: ފާހާނާއަށް ދާން ޖެހެނީ ގެއަށް (ފޮޓޯ/ދިއްދޫ ސްކޫލް)

މިނިސްޓަރާ ބައްދަލުކުރަން އެދޭތާ ތިން އަހަރު ފަހުން އެ ފުރުސަތު

އޭނާ ބުނިގޮތުގައި އެ ރަށު ސްކޫލުގެ މައްސަލަ އެތައް ފަހަރެއްގެ މަތިން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. އެކަމަކު މިނިސްޓްރީގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ނުލިބޭ ކަމަށް ބުންޏެވެ.

ސީދާ މިނިސްޓަރަށް މައްސަލަތައް ހުށައެޅުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުކުރަން އެދޭތީ ތިން އަހަރު ވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ. 

 ބެލެނިވެރިން ބުނި ގޮތުގައި މިއީ ކުދިން ސްކޫލަށް ނުފޮނުވަން ނިންމި ފުރަތަމަ ފަހަރެއް ނޫނެވެ. މިއީ މި އަހަރު، އެ ފިޔަވަޅު އެޅި ދެ ވަނަ ފަހަރެވެ.  މިދިޔަ މެއި މަހު ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލީ ޕްރިންސިޕަލާއި ޓީޗަރުން ނެތުމުގެ ކަންބޮޑުވުންތަކަށް މިނިސްޓްރީން އަޅާނުލުމުން ކަމަށް، ބެލެނިވެރިން ބުނެ އެވެ.

"އެފަހަރު ވެސް މައްސަލަ ހައްލުވީ ސްކޫލަށް ފޮނުވުން ހުއްޓާލީމަ. މި އަހަރު ވެސް މިހެން މައްސަލަ ޖައްސާތާ އެތައް ދުވަހެއް. ސްކޫލަށް މިހެން ނުފޮނުވީމަ އެޑިއުކޭޝަނަށް ޕްރެޝަރު ބޮޑުވީމަ ކޮންމެ ފަހަރަކު މައްސަލަ ހައްލުކޮށްދެނީ،" ބެލެނިވެރިޔަކު ބުންޏެވެ.

އެކަމަކު ރަށު ކައުސިލްގެ ނައިބު ރައީސް އަހުމަދު އާދަމް 'ދައުރު'އަށް މިރޭ ވިދާޅުވީ އަންނަ ހޯމަދުވަހު މިނިސްޓަރާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

މިނިސްޓްރީގެ ޓީމެއް

ސްކޫލްގެ މައްސަލާގައި އަހުމަދު ވެސް ވިދާޅުވީ ބެލެނިވެރިން ފާހަގަކުރި ޝަކުވާތަކެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް މިއަދު ޒިޔާރަތްކޮށް، ކައުންސިލާ ބައްދަލުކުރި އެވެ. އަދި ސްކޫލްގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދިން ކަމަށް ވިދާޅުވި އެވެ.

"މި ފެށޭ ހަފްތާފައި ފާހަގަކުރެވޭ މައްސަލަތަކަށް ހައްލެއް ހޯދަައިދެއްވާނެ ކަމަށް ވިދާޅުވީ،" އަހުމަދު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ މިނިސްޓްރީގެ ޓީމާ ބައްދަލުކުރަން ސްކޫލްގެ ބެލެނިވެރިން ދެކޮޅުހެދި ކަމަށެވެ. އެއީ މީގެ ކުރިން ވެސް އެ ރަށަށް ޒިޔާރާތްކުރި މިނިސްޓްރީގެ ޓީމާ ބައްދަލުކޮށް ކުރި މަޝްވަރާތަކުން ނަތީޖާއެއް ނުކުމެފައި ނުވާތީ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެހެންވެ ބެލެނިވެރިން އެދުނީ، އޭނާ ވިދާޅުވި ގޮތުގައި، ސީދާ މިނިސްޓަރާ ބައްދަލުކުރާށެވެ. 

"އެންމެ ފަހުން އަންނަ ހޯމަދުވަހަށް މިނިސްޓަރާ ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަމަޖެހިއްޖެ،" އަހުމަދު ވިދާޅުވި އެވެ.

މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

ކޮމެންޓް (8)

ރާޝްދާ

22 އޮކްޓޯބަރު 2022
ކޮބައިތޯ ސެޓެލައިޓް ސްކޫލް. އަޑުއެހިން އެފަދަ ކުދިން ހުރަވީސްކޫލްގައި ގާއިމް ކޮށްފައިވާ ސެޓެލައިޓް ސްކޫލް މެދުވެރިކޮށް ސީދާ އެސްކޫލްގެ ޓީޗަރުން ކިޔަވައިދޭ ކަމަށް
0 1

ސްމޭޝް

21 އޮކްޓޯބަރު 2022
18 ކުދިންނަށް 8 ޓީޗަރުން ، ކޮންމެ 2 ކުއްޖަކަށް ޓީޗަރެއް ތާ! ތިފަދަ ރަށްތަކުގައި މީހުން އާބާދު ނުކުރަން ޖެހނެީ! އެމީހުން އެސަރަހައދުގެ ބޮޑު ރަށަކަށް ބަދަލުކޮށްފައި، އެމީހުނަސް 3 އހަރުދުވަހުގެ ކަރަދުތައް ސަރކާރުން ހަމޖައިސައި ދިނަސް މާރނަގަޅުވާނެ!
2 1

ޥާނުވާ

21 އޮކްޓޯބަރު 2022
@ސްމޭޝް މީހުން ބަދަލު ކުރަން ވީމަ ކައެ އަކައް ނޫން އިނގޭނީ އެއް..
2 1

އާދަމް

21 އޮކްޓޯބަރު 2022
އަޅުގަނޑަކީ މަހިބަދޫގެ ޒުވާނެއް. ތާރީޚަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން، މި ލިޔުން ކިޔާލީމައި، ކުނބުރުދޫގެ ތާރީޚީ މަޢުލޫމާތުތަކެއް ލިބި، ކުނބުރުދުއާއި ބެހޭގޮތުން ކުރިން ދެކެމުން އައި ދެކުން ބަދަލުވެއްޖެއެވެ.
0 0

އަރި އެދުރު

21 އޮކްޓޯބަރު 2022
18 ކުދިންނަށް ތައުލީމު ދިނުމަށް ތިއަށްވުރެ ހަރަދު ކުޑަ ނިޒާމެއް ހޯދުމަށް މިނިސްޓަރ އަށް ގޮވާލަން..
2 1

މަނޯޖު

21 އޮކްޓޯބަރު 2022
ރިނބުދޫ ސްކޫލް ގައި ކިޔަވަދެނީ ކްލާސްތައް 2 ފަޅި ކޮއްގެން.ސްޓާފް ރޫމްވެސް ތޮއްޖެހިފަ
1 0

ދިވެއްސެއް

21 އޮކްޓޯބަރު 2022
މިތާންގަ ދެން މީހުން ކޮމެންޓް ކުރާނެ ކީއްކުރަންހޭ މަދު އާބާދީއަށް ޚިދުމަތް ދެނީ. ބަލަ އާބާދީ މަދުވުމަކީ އިންސާނިއްޔަތު ކަމުން ނެރެ އެއްލާލަން ޖެހޭ ހުއްޖަތެއް ނޫން. އާބަދީ މަދަސް އެވެސް އިންސާނުން .ދިވެހި ރައްޔިތުން. ވޯޓް ހޯދަންވީމަ ރައްޔިތުންނަށް ވުމަކީ ވެވޭ ޚިޔާނާތެއް.
15 1

ޢަހުމަދު

21 އޮކްޓޯބަރު 2022
ފ.ބިލެއްދޫ ސުކޫލްގެ މުވައްޒަފުން ބޭނުންކުރާނެ ފާހާނާ އެެެއްނެތްތާ އެތައްއަހަރެއް. ސްކޫލުގައި ބޯފެން ނެތްތާ އެތައްއަހަރެއް. މިކަމަށް ދައުރުއިން ރިޕޯޓެއް ލިޔެދީބަލަ. މީޑިޔާ އައް ނާރަންޔާ އެއްވެސް ކަމެއް ހައްލު ނުވޭ
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް