'އޮޑިސީ' ބޯޓު ނެކްޓަންގެ ދިރާސާގައި ބޭނުން ކުރަނީ. (ފޮޓޯ/ނެކްޓަން)
ނެކްޓަންގައި ގެންގުޅުނު ބޯޓުން ތެޔޮ ބިލަށް ފައިސާ ދެއްކުމުން ފުރަން ހުއްދަ ދީފި
ރާއްޖޭގެ ކަނޑު އަޑީގެ ދިރާސާ ހެދި ނެކްޓަން މިޝަން އިން ކުއްޔަށް ނަގައިގެން އެ ދިރާސާގައި ބޭނުންކުރި 'އޮޑިސީ' ބޯޓުގެ ވެރިފަރާތުން ފައިސާ ނުދައްކާ އޮތް ތެޔޮ ބިލަށް ފައިސާ ދައްކައި ހަލާސްކުރުމުން އެ ބޯޓު ފުރުމުގެ ހުއްދަ ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ބޯޓްގެ ވެރިފަރާތް ކަމަށްވާ ދި އޯޝަން ކޮންސަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީފް)އަށް ދިވެހި ކުންފުންޏެއް ކަމަށްވާ ދި ހޯކްސް އިން ވިއްކި ތެލަށް 186،900 ޑޮލަރު (2.8 މިލިއަން ރުފިޔާ) ނުދައްކާ އޮތުމުން ސިވިލް ކޯޓުން ވަނީ އެ ބޯޓް ރާއްޖޭން ފުރުން މަނާކޮށް ވަގުތީ އަމުރެއް ނެރެފަ އެވެ.
ބުނީ ކީކޭ؟ - އޯސީފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:
-
ތެލަށް ނުދައްކާ އޮތް ފައިސާ އެކީ އެއް ފަހަރާ ދައްކައި މިހާރު ވަނީ ހަލާސްކޮށްފައި
-
އެއާ އެކު ހޯކްސް އިން ކޯޓަށް ހުށަހެޅި މައްސަލަ މިހާރު ނަގާފައިވޭ
-
ހުރިހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދެމުން އޯސީފް އިން ބުނީ ތެލަށް ދައްކަން ޖެހޭ ފައިސާ އާއި ދިރާސާ ހިންގި ނެކްޓަންއާ އެއްވެސް ގުޅުމެއް ނެތް ކަމަށް
-
އެ ފައިސާގެ ހުރިހާ ޒިންމާއެއް ނަގަން ޖެހެނީ އޯސީފް އިން ކަމަށް ވެސް ބަޔާނުގައިވޭ
ގުޅުން ހުރި ކަމެއް - ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ފައުންޑޭޝަނެއް ކަމަށްވާ ނެކްޓަން ގުޅިގެން ހިންގި އެ ދިރާސާގައި ބޭނުންކުރި 'އޮޑިސީ' ނަމަކަށް ކިޔާ ބޯޓަކީ އެ މިޝަން އިން އޯސީފް ކުންފުނިން ކުއްޔަށް ނެގި ބޯޓެކެވެ. އޯސީފް އަކީ ނެކްޓަންއާ އެއްވެސް ގުޅުމެއް އޮންނަ ކުންފުންޏެއް ނޫނެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު ނެކްޓަން އިން ނެރުނު ބަޔާނުގައި ވެސް ބުނި ގޮތުގައި، އެ ކުންފުނިން އޯސީފްއަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވަނީ ދައްކާފަ އެވެ. އަދި ހޯކްސް އިން ތެޔޮ ގަނެފައި ވަނީ ސީދާ އޯސީފް އިން ކަމަށާއި އެއީ ނެކްޓަން އިން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އެ ތަނުން ބުނެފައިވެ އެވެ.