ނެކްޓަން މިޝަންގައި ގެންގުޅުނު ސަބްމާސިބަލް ރާއްޖޭގެ ކަނޑުއަޑީގައި. (ފޮޓޯ/ނެކްޓަން)
ދަ ޓްރެޕިން ޒޯން: ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ދިރުންތަކުން ފުރިގެންވާ އާ ސަރަހައްދެއް
ރާއްޖޭގެ ކަނޑުތަކުގެ ފުނަށް ގޮސް ދިރާސާކުރުމަށް މި ފަހުން ކުރިއަށް ގެންދިޔަ 'ނެކްޓަން މޯލްޑިވްސް މިޝަން' ނިންމާލި އިރު، ކަނޑުގެ 500 މީޓަރުގެ ފުނުން ދިރުންތަކުން ފުރިގެންވާ އާ ސަރަހައްދެއް ހޯދާފައިވާ ކަމަށް ނެކްޓަން އިން ބުނެފި އެވެ.
އެނގުން މުހިންމު - ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ފައުންޑޭޝަނެއް ކަމަށްވާ ނެކްޓަން ގުޅިގެން ސެޕްޓެމްބަރު 4 އިން މި މަހުގެ 5އާ ހަމައަށް ކުރިއަށް ގެންދިޔަ 'ނެކްޓަން މޯލްޑިވްސް މިޝަން'ގައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައިވެ އެވެ. ރާއްޖެ ހިމެނޭ ގޮތުން 10 ގައުމެއްގެ ސައިންސްވެރިން ބައިވެރިވި އެވެ.
ވީ ކިހިނެއް؟ - ނެކްޓަން މިޝަން ނިންމާލުން ފާހަގަކުރުމަށް އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ މިޝަންގެ ސައިންޓިސްޓުން ރާއްޖޭގެ ފުން ކަނޑުތަކުގައި ކުރި ދިރާސާގައި 'ދަ ޓްރެޕިން ޒޯން'ގެ ނަމުން ނަން ދީފައިވާ އާ ސަރަހައްދެއް ވަނީ ހޯދާފަ އެވެ.
"މި ފެނިފައިވާ ސަރަހައްދުގައި މުޅިން އާ މާހައުލީ ނިޒާމެއްގެ ހުރިހާ ނިޝާންތައް އެކުލެވިގެންވޭ،" ފުން ކަނޑުގެ ސަރަހައްދުތަކުގައި އެކުލެވޭކަމަށް ބެލެވޭ 'ޓްރެޕިން ޒޯން' ދެނެގަތުމަށް ސަބްމާސިބަލްގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވި ޕްރޮފެސަރު އެލެކްސް ރޮޖާސް ވިދާޅުވި އެވެ.
"ދަ ޓްރެޕިން ޒޯންގެ ސަބަބުން ރާއްޖޭގެ ފުން ކަނޑުތަކުގައި ދިރުމުން ފުރިގެންވާ މާހައުލެއް އުފެދޭ އަދި ރާއްޖެ ފަދަ އެހެނިހެން ކުދި ޖަޒީރާތަކުގައި މިފަދަ ސަރަހައްދުތައް އުފެދިފައި ހުރުމަކީ ވަރަށް ގާތްކަމެއް."
ތަފްސީލް -
-
ރާއްޖޭގެ އަތޮޅުތަކުގެ ބިންގާ ކަމަށްވާ އަލިފާން ފަރުބަދައިގެ ކަނޑު އަޑީގެ ބިންގަނޑުތަކުގަ އާއި މަރުވެފައިވާ ދިރުން ނުވަތަ ފޮސިލައިސްޑް ކާބަން ހިމެނިގެން އުފެދިފައިވާ ގަދީމީ ފަރުތަކުގައި ގުންޑޮޅި ތެދު އުސް ބިންތަކާއި ގުންޑޮޅި ފެތުރިފައިވާ ބިންތައް ހިމެނިފައި ވުމަކީ މައިކްރޯ ނެކްޓަން ދުވާލުގެ ވަގުތުތަކުގައި ފުން ކަނޑަށް އަނބުރާ ދިއުމަށް ހުރަސްއެޅޭ ސަބަބެއް ކަމަށް
-
މި 'ވާޓިކަލް މައިގްރޭޝަން' އަކީ ދުނިޔޭގައި ކޮންމެ ރެއަކު ހިނގާ އެންމެ ބޮޑު ހިޖުރަކުރުން ނުވަތަ މައިގްރޭޝަން
-
ރައްކާތެރި ފުން ސަރަހައްދަށް ހިޖުރަ ނުކުރެވި، ތާށިވާ މި ދިރުންތައް ވާނީ ކަނޑުގެ މެދު ފަށަލައިގައި އުޅޭ ކަނޑުމަހާއި މިޔަރު ފަދަ އަދި ފުނުގައި އުޅޭ ސްޕައިކީ އޯރިއޯ އާއި އަލްފޮންސީނޯ ފަދަ ބިޔަ ދިރުންތަކުގެ ޝިކާރައަކަށް
-
މާކަނޑުގައި އުފެދިފައި ހުންނަ ތިލަތަކުގައި އެ ސަރަހައްދުތަކުގައި އުޅޭ ކުދި ދިރުންތައް ތާށިވުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އާލާވުމަށް ބާރުއަޅާކަން އެނގިފައިވީ ނަމަވެސް، ރާއްޖެ ފަދަ ގައުމެއްގެ ރަށްތަކުގެ ޖިއޯމޯފޮލޮޖީ އަދި ބަޔޮލޮޖިކަލް ޕެރަމީޓާތަކާއި މި ތާށިވުން މީގެ ކުރިން ގުޅުވިފައެއް ނުވޭ
ބުނީ ކީކޭ؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކަނޑުއަޑީގައި ދިރުންތަކުން ފުރިގެންވާ 'ދަ ޓްރެޕިން ޒޯން' ފެނުމަކީ ފާހަގަކުރެވޭ ހޯދުމެކެވެ.
"މި މާހައުލުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓުމަށް މަގުފަހިވާނެ ކަމަށް ބެލެވޭ. އަދި މިއީ ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށާއި ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ބާރު ލިބޭ އާ މައުލޫމާތުތަކެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ދެމިއޮތުމަށްޓަކައި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ސައިންސުގެ އަލީގައި ހޯދޭ ހައްލުތަކެއް ބޭނުންވެ އެވެ.
"މުރަކައިން އުފެދިފައިވާ ޖަޒީރާ ދިވެހިރާއްޖެ މިވަގުތު މި ދަނީ އިންސާނުންގެ ހަރަކާތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ބިރުވެރިކަން ތަހަންމަލުކުރަމުން،" އޭނާ ވިދާޅުވި އެވެ.
"މި ރީތި ޖަޒީރާ ގައުމުގެ އުފެދުމުގެ މާޒީ ލިޔެފިވައި މި އޮތީ އަޅުގަނޑުމެންގެ ރަށްތަކުގެ އަޑީގައިވާ އާނުގަނޑުތަކުގަ އާއި ފުންކަނޑުތަކުގައި އުޅޭ ދިރުންތަކުގައި. މި މިޝަންގައި ކުރެވޭ ސައިންޓިފިކް މަސައްކަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކަނޑުތަކުގައިވާ އަގުހުރި ވަސީލަތްތައް ދެމެހެއްޓުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ލިބިގެން ދާނެ."
ގުޅުން ހުރި ކަމެއް - ނެކްޓަންގެ ދިރާސާގައި ރާއްޖޭގެ ފުންކަނޑުތަކުން ވަނީ ގިނަ އަދަދެއްގެ އަދި އެކި ބާވަތްތަކުގެ ދިރުންތައް ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ފެމުނު
-
މަޑުމިޔަރު
-
ދަތްގަނޑު މިޔަރު
-
ކަށިމިޔަރު
-
ކާލިގަނޑު މިޔަރު
-
އައިންމަތީ މިޔަރު
-
ދުނިޔޭގައި ވެސް ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއް ކަމަށްވާ 'ބްރެމްބަލް ޝާކް'
"ފަރުތަކުގެ ތިލަ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ ދިރާސާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވޭ. ނަމަވެސް، ފުން ކަނޑުތަކުގައި އުޅޭ މިޔަރުގެ ތަފާތު ބާވަތްތަކާއި ބެހޭ މައުލޫމާތު މި ދެނެގަނެވެނީ މުޅިން އަލަށް،" މި ދިރާސާ ހިންގުމުގައި ނެކްޓަންއާ އެކު އިސްވެ ހަރަކާތްތެރިވާ މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް ވިދާޅުވި އެވެ.
ނެކްޓަން މިޝަން:
-
295 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް މެޕުކުރި
-
453 ގަޑިއިރު ކަނޑުއަޑީގައި ހޭދަކުރި
-
554 ސާމްޕަލެއް ނެގި
-
186 ވައްތަރުގެ މަހާއި 201 ވައްތަރުގެ އެހެން ދިރުންތައް
-
10 ގައުމަކުން ސައިންސްވެރިން ބައިވެރިވި
-
20 ޓެރަބައިޓުގެ ވީޑިއޯ ފުޓޭޖާއި އެހެނިހެން ޑޭޓާ؛ މިހާރު ކުރިއަށް ދަނީ އެ ތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް
-
ކަނޑުގެ ސަތަހައިން 1،000 މީޓަރު ފުން މިނަށް ދިޔަ