އއ. މާޅޮހާ ދިމާލަށް ބަންޑުން ޖަހާލާފައި އޮއްވާ އިއްޔެ ފެނުނު ލޯންޗު ކަފުޖަހައިގެން ގެންގޮސް އެ ރަށު ފަޅުތެރެއަށް ވައްދާފައި (ދައުރު ފޮޓޯ)
ލޯންޗު ބަންޑުންޖަހާލި ހާދިސާގައި ޝައްކު އުފެދޭ ކަންތައްތަކެއް
މުހިންމު ނުކުތާތައް
ލޯންޗު ދިޔައީ އުކުޅަހަށް ދާން ކަމަކަށް ނުބެލެވޭ
ފެރިދޫއަށް އެރި މީހާ ހީވަނީ ވަރަށް ގިނައިރު މޫދުގައި އޮތްހެން؛ ފުރަތަމަ ވެސް ބުނީ ކާއެއްޗެއް ދޭށޭ
ވީނުވީއެއް ނޭނގޭ މީހާ އާއިލާއަށް ގެއްލުނީ ލޯންޗު ފުރި ކަމަށް ބުނާ ވަގުތުގެ އެއް ދުވަސް ކުރިން
ބުރާސްފަތި ދުވަހު މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އެކަކު ގެއްލިފައިވާ ހާދިސާގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަން 'ދައުރު' އިން ބެލިބެލުމުން ހާމަވެއްޖެ އެވެ.
ފެށުން - ފުލުހުން ބުނެފައިވާ ގޮތުގައި، ރިޕޯޓްކޮށްފައިވަނީ، އެއީ ދެ ފިރިހެނުންނާ އެކު ބުރާސްފަތި ދުވަހުގެ މެންދުރުފަހު މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން އއ. އުކުޅަހަށް ފުރި ލޯންޗެއް ކަމެވެ. އެ ލޯންޗުން ދަތުރުކުރި އެކަކު ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި ލޯންޗު ބަންޑުންޖަހާލާފައި އޮއްވާ އިއްޔެ އއ. މާޅޮސް ކައިރިން ފެނި، ދެ މީހުންގެ ތެރެއިން އެކަކު އެ އަތޮޅު ފެރިދޫ ފުއްޓަރާ ދިމާލުން ވަނީ ފެނިފަ އެވެ.
ކަން ހިނގައިދިޔަ ގޮތުގެ ތަރުތީބު:
-
5 އޮކްޓޯބަރު (ބުދަ)، މެންދުރުފަހު 1 ޖަހާކަންހާއިރުން ފެށިގެން އެކެއްގެ ހަބަރެއް ނުވެ އާއިލާއަށް ގެއްލުނު
-
6 އޮކްޓޯބަރު (ބުރާސްފަތި)، މެންދުރުފަހު 1 - ލޯންޗު މާލެއިން ފުރި ކަމަށް ބުނާ ގަޑި
-
6 އޮކްޓޯބަރު (ބުރާސްފަތި)، ރޭގަނޑު 8:50 ހާއިރު - މީހާ ގެއްލިގެން އުޅޭކަން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރި
-
7 އޮކްޓޯބަރު (ހުކުރު)، މެންދުރުފަހު 2:40 ހާއިރު - މާޅޮހުގެ ދެކުނު ފަރާތަށް ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނި
-
7 އޮކްޓޯބަރު (ހުކުރު)، ހަވީރު 3:37 - ލޯންޗު މާޅޮސް ކައިިރިން އަދި އެކަކު ފެރިދޫއިން ފެނުނުކަން ފުލުހުން ހާމަކުރި
ފެނުނު މީހާއަށް ފެރިދޫ ސިއްހީ މަރުކަޒުން ފަރުވާ ދޭން ފަށާފައިވާ އިރު އަނެކަކު އަދިވެސް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
ފުލުހުން 'ދައުރު' އަށް ކަށަވަރުކޮށްދިން ގޮތުގައި މި ހާދިސާގައި ގެއްލިގެން އުޅެނީ އާއިލާއިން ގެއްލިގެން ހޯދަން ރިޕޯޓުކޮށްފައިވާ މީހާ އެވެ.
[މާލެއިން ފުރައިގެން] އއ.ގެ އެއްވެސް ތަނަކަށް ދަތުރު ކުރާ ބަޔަކު، 45 ފަސިންޖަރުންގެ ކެޕޭސިޓީ ހުންނަ ލޯންޗަކަށް ވެސް [އެހާ ބައިވަރު] ރިޒާވް ޕެޓްރޯލް ގެންގުޅޭކަށް ނުޖެހޭނެ މާލެ ގޮސްފައި އަންނާކަށް ވެސް.
ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް
މާޅޮހުންނާއި އުކުޅަހުން 'ދައުރު'އާ ވާހަކަ ދެއްކި އެކި މީހުން ވަނީ، މި ހާދިސާއާ ބެހޭ ގޮތުން މިހާތަނަށް އެނގޭ ކަންކަމަށް ބަލާ އިރު، ވަރަށް ބޮޑަށް ޝައްކު އުފެދޭކަން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި:
-
އެ އަތޮޅުގެ އެއްވެސް ރަށަކަށް ނިސްބަތްވާކަން މިހާތަނަށް އެނގިފައި ނެތް ބަޔަކު އުކުޅަހަށް ދަތުރުކުރާ ކަމަށް ބުނެ، މުޅިން އެހެން ދިމާލަކުން ލޯންޗު ފެނުން
-
އެ ބާވަތުގެ، އެ ސައިޒުގެ ލޯންޗެއްގައި އެންމެ ދެ މީހުން ގިނަ އަދަދަކަށް ޕެޓްރޯލް ބަރުކޮށްގެން ދަތުރު ކުރުން
-
އެ ލޯންޗު މާޅޮހުގެ ދެކުނު ފަރާތުން މާކަނޑު ކައިރިއަށް ބަންޑުން ޖަހާލާފައިވުން
-
އޭގެ ފަހުން ގިނަ ވަގުތުތަކެއް ފާއިތުވެގެން ދިޔައިރު ވެސް ގެއްލުނު މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުން ވެސް، ލޯންޗުގައި ދަތުރުކުރި އަނެއް މީހާގެ ފަރާތުން ވެސް ނުލިބުން
ދަތުރުކުރީ އުކުޅަހަށް ދާން ކަމަކަށް ނުބެލެވޭ
އުކުޅަހަށް ދިޔަ ލޯންޗެއް ބަންޑުންޖަހާލި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި އޮތް ނަމަވެސް، އުކުޅަހު ކައުންސިލުން ބުނީ އެއީ އުކުޅަހުގެ އުޅަނދެއް ނޫން ކަމަށެވެ؛ އެ އުޅަނދުގައި ތިބީ ވެސް އުކުޅަހަށް ނިސްބަތްވާ ބައެއް ނޫން ކަމަށް، ކައުންސިލުން ބުނެ އެވެ.
މާލެއިން ފުރައިގެން އާދައިގެ ސްޕީޑެއްގައި ދުއްވާފައި އުކުޅަހަށް ދާން ނަގާނީ 90 ވަރަކަށް މިނެޓެވެ. އެހެންކަމުން، އެހާ ކުޑަ ވަގުތުކޮޅެއްގެ ދަތުރަކަށް ނުކުމެ ގެއްލިގެން 24 ގަޑިއިރު ހޭދަވުމުން، އެ ހިސާބުގައި ދަތުރުކުރާ ބައެއް މީހުން ސުވާލު އުފައްދަ އެވެ. ޝައްކު އުފެދޭ އަނެއް ސަބަބަކީ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ތަނެވެ.
"[މާލޭ] ކުނިގޮނޑާ ދިމާލުން ފުރައިގެން އއ. އުކުޅަހަށް ދާ ލޯންޗެއް މާޅޮހުގެ ފުއްޓަރު ފަރާތާ ދިމާލުން ބަންޑުން ޖަހާލާނެ އެއްވެސް ސަބަބެއް ނެތޭ. އަހަރެމެން ވެސް އުމުރުން 14 އަހަރުން ފެށިގެން ކަނޑުމަތީގައި މި އުޅެނީ. އެ ސުވާލު، އުފެދެނީ އަހަރެމެން އެންމެންނަށް ވެސް،" އުކުޅަހުގައި ފަތުރުވެރިން ގޮވައިގެން ސްޕޯޓް ފިޝިންއަށް ގޮސް، މާލެ ދަތުރާއި ފެރީ ދަތުރު ވެސް ކުރާ ކައްޕިއަކު، ނަން ނުޖަހާ ގޮތަށް، 'ދައުރު' އަށް ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި:
-
ހުޅަނގު މޫސުމުގައި އޮޔާއި ވައި ހުންނަ ގޮތުން އެ ދިމާލަށް ލޯންޗު ދާންވީ ސަބަބެއް ވެސް ނެތް
-
މި ދުވަސްކޮޅު މުޅިން ވެސް ވައި ޖެހެނީ ހުޅަނގުން؛ މިއީ ވައި އެނބުރޭ ދުވަސްވަރެއް ނޫން
-
މި ޒަމާނުގައި ޖީޕީއެސް އާއި އިންޓަނެޓު ހުންނައިރު އެހާ ކައިރި ހިސާބަކަށް ދަތުރު ކުރާއިރު ދެވޭ ތަނެއް ނޭނގުމަކީ ނާދިރު ކަމެއް؛ ދިޔަވަރާއި އޮއިވަރު، ވައިޖެހޭ ދިމާ އަދި އެހެނިހެން މައުލޫމާތު ފޯނުން ބަލާލެވޭނެ
-
އެހެންކަމުން، ބޮޑަށް ބެލެވެނީ ލޯންޗުގައި ދާން މަސައްކަތް ކުރީ އެހެން ދިމާލަކަށް ކަމަށް
އޭނާ ހުރީ ތުރުތުރު އަޅައަޅާ. ހަތަރެސް ފައިގައި ހުރީ މޭލި ބޮއިފައި.
ރިޒާވުގައި ގިނަ އަދަދެއްގެ ޕެޓްރޯލް ހުރި ކަމަށްވޭ
އެ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނު ކަމަށް ބެލެވެނީ އއ. މާޅޮހުން ވަދު އަޅަން ގޮސް އުޅުނު ބަޔަކަށެވެ. 'ދައުރު' އަށް ބައެއް މީހުން ކިޔައިދިން ގޮތުގައި، ލޯންޗު ފެނުމުން އެމީހުން އެ ސަރަހައްދު ބަލާ ހޯދި އެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން، އެމީހުން ވަނީ ރަށަށް ގޮސް، ބޮޑު މަސްދޯންޏެއްގައި ފުރައިގެން އަނެއްކާވެސް އެ ސަރަހައްދަށް ދަތުރުކޮށް، އެ ލޯންޗު ކަފު ޖަހައިގެން މާޅޮހަށް ގެންގޮސްފަ އެވެ.
ލޯންޗުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި އެއީ 36 ފަސިންޖަރުންގެ ޖާގައިގެ ގަލްފު ކްރާފްޓް ލޯންޗެކެވެ. 'ދައުރު' އަށް ލިބިފައިވާ ފޮޓޯތަކުން އެކަމަށް ހެކިދެ އެވެ. އެ ލޯންޗު ކަފުޖަހައިގެން މާޅޮހަށް ގެންދިޔަ އިރު އޭގައި ގިނަ އަދަދަކަށް ޕެޓްރޯލް ހުރި ކަމަށް ބައެއް މީހުން 'ދައުރު' އަށް ކިޔައިދިނެވެ.
"[ޖުމްލަ] 36 [ފަސިންޖަރުންގެ] ކެޕޭސިޓީ [ހުންނަ ލޯންޗަކަށް] 700 ލީޓަރުގެ ޕެޓްރޯލް އެޅޭނެ. އޭގެ އިތުރަށް [އެ ލޯންޗުގެ] ޑެކުގައި 200 ލީޓަރުގެ ދެ ހަމާއި 20 ލީޓަރުގެ ވިއްސަކަށް ހަން ހުރި،" އއ. ގެ ރަށްތަކާއި މާލެއާ ދެމެދު އާންމުކޮށް ދަތުރު ކުރާ ކައްޕިއަކު ކިޔައިދިނެވެ. ރިޒާވުގައި ހުރި ކަމަށް އޭނާ އެ ބުނީ ގާތްގަނޑަކަށް 600 ލީޓަރެވެ.
އޭނާ ބުނިގޮތުގައި މާލެއިން އުކުޅަހަށް ދާން 38 ފަސިންޖަރުންގެ ލޯންޗެއްގައި ތިން އިންޖީނުގައި އެންމެ ބާރަށް ދުއްވައިގެން ވެސް އަނދާނީ ފީފާއެއްހާ ތެލެވެ. އެއީ ގާތްގަނޑަކަށް 200 ލީޓަރެވެ.
"[މާލެއިން ފުރައިގެން] އއ.ގެ އެއްވެސް ތަނަކަށް ދަތުރު ކުރާ ބަޔަކު، 45 ފަސިންޖަރުންގެ ކެޕޭސިޓީ ހުންނަ ލޯންޗަކަށް ވެސް [އެހާ ބައިވަރު] ރިޒާވް ޕެޓްރޯލް ގެންގުޅޭކަށް ނުޖެހޭނެ މާލެ ގޮސްފައި އަންނާކަށް ވެސް،" އޭނާ ޔަގީންކަން ދިނެވެ.
އުކުޅަހުގެ ދޯނި ކައްޕި ބުނި ގޮތުގައި ލޯންޗުގައި އެހާ ބައިވަރު ޕެޓްރޯލް ހުރުމުން، ލޯންޗު ބަންޑުން ޖަހާލި ކަމަށް އޭނާއަށް ލަފާކުރެވެނީ، ގަދަ ރާޅަކާ އެކީ ލޯންޗު އަރިއަޅާލި ވަގުތު ޕެޓްރޯލް ހަންތައް އެއްފަރާތަކަށް ޖެހިގެންނެވެ.
މާޅޮހުން ވާހަކަ ދެއްކި އެހެން މީހަކު ބުނިގޮތުގައި، އެހާ ގިނަ އަދަދެއްގެ ޕެޓްރޯލް ހުރުމުން، އޭނާއަށް ލަފާ ކުރެވެނީ އެމީހުން މަސައްކަތް ކުރީ މާޅޮސް ކައިރިން ބޭރު ކަނޑަށް ނުކުންނަން ކަމަށެވެ.
ފެރިދުއަށް އެރި މީހާ ހީވަނީ ވަރަށް ގިނައިރު މޫދުގައި އޮތްހެން
ފެރިދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ކަނޑުވި މީހާ އެ ރަށަށް އެރިތަނުން ފުރަތަމަ ބައްދަލުވީ، ރަށުގެ އަތިރިމަތީގައި ޕިކްނިކް ގޮސް ތިބި ބަޔަކާ އެވެ. އެކަމަކު އޭނާ ރަށަށް އެރީ އެ ސަރަހައްދަށް ވުރެ ދުރުން ކަމަށާއި ޕިކްނިކް ހަދަން ތިބި މީހުންނާ ބައްދަލުވުމުން ފުރަތަމަ ވެސް އެދުނީ ކާއެއްޗެއް ދިނުމަށް ކަމަށް އޭނާ ބުންޏެވެ.
"ދެން އެ މީހުން އޭނާއަށް ޖޫހާއި ފެނާ އެއްޗެހި ދިނީ،" ފެރިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އޭރު އޭނާ ހުރީ ތުރުތުރުއަޅައަޅާ. ހަތަރެސް ފައިގައި ހުރީ މޭލި ބޮއިފައި. ހީވަނީ ވަރަށް ގިނަ އިރު ވަންދެން މޫދުގައި އޮތް މީހެއްހެން،" ދަތުރު ދިޔަ މީހުން އޭނާ ސިފަކޮށްދިން ގޮތަށް، އެ މީހާ ކިޔައިދިނެވެ.
ފެރިދޫން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ދެން އެ މީހާ އެދުނީ ގުޅަން ފޯނު ދިނުމަށެވެ. އަދި އެ މީހާގެ ހާލަތު ފެނުމުން ކައުންސިލަރުންގެ ސަމާލުކަމަށް އެކަން ގެނައީ ދަތުރު ދިޔަ މީހުން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ސިފަކޮށްދިން ގޮތުގައި:
-
އެއީ އިސްތަށިގަނޑު ދިގުކޮށް ހުރި ޒުވާނެއް
-
އޭރު އޭނާ ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް
މާޅޮސް ކައިރިއަށް ލޯންޗު ބަންޑުން ޖަހާލުމުން އެ މީހާ ފެރިދުއާ ހަމައަށް ދިޔައީ ބޮއެއްގައި އެލިގެން އޮވެ ކަމަށްވެ އެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާގެ ވަނަވަރެއް އަދި އޭނާއާ ގުޅޭ އެހެން އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާއާ ބެހޭ ގޮތުން ފުލުހުން އެންމެ ފަހުން ކުރި ޓްވީޓްގައި އިއްޔެ ހަވީރު ބުނެފައިވަނީ ގެއްލިފައިވާ މީހާ "ރައްޓެއްސަކާ އެކުގައި ލޯންޗެއްގައި މާލެއިން ފުރި ކަމަށް ބެލެވޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައި"ވާ ކަމަށެވެ.
ކޮމެންޓް (19)
ކައްޕި
ކައްޕި
ރޮނު އެދުރު
އަފީފު
ނަން ނުޖަހާ އަލީ
ސުމަން
ސަނައްޓޭ
ހަސަންބެ
ހަސަނު ޕޮލިސް ޑްރަގް ޑިޕާޓްމަންޓް
ކިނބު
ޙުސެން އަލީ ޑީއީޑީ ޕޮލިސް
ގޯދާވަރީ އިންޑިޔާ
ހިތަޑު 2
ބޮނބި ދޯނި
ޢާހުމަސު
ހަބަރޭ
ސީން
ހާރިސް
ހުސެން