ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު އާއި ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ގުޅިފައިވާ ބަޔާނެއް ދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ބަހްރެއިނުން ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށް ސަބްސިޑީ ހޯދަން މަޝްވަރާކުރަނީ

ރައީސް ސޯލިހު މިހާރު ބަހުރެއިންއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި
7 އޮކްޓޯބަރު 2022

ބަހްރެއިން ޓުއަރިޒަމް އެންޑް އެގްޒިބިޝަން އޮތޯރިޓީން ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށް ސަބްސިޑީ ލިބުމުގެ ފުރުސަތު އޮންނަ ގޮތަށް ބަހްރެއިން-މޯލްޑިވްސް ޖޮއިންޓް ޓުއަރިސްޓް ޕެކޭޖް އެކުލަވާލުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައްކޮށްފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އެ ގައުމަށް ވަޑައިގެންނެވީ މިދިއަ ބުދަދުވަހު އެވެ.

މި ދަތުރުފުޅުގައި ޝާހިދާއި ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ އިއްޔެ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފަ އެވެ. ބަހްރެއިންގެ ވެރިރަށް މަނާމާގައި ދެއްވި ބަޔާނުގައި ރާއްޖެ އާއި ބަހްރެއިނާ ދެމެދު ކުރި މަޝްވަރާތަކުގެ މައުލޫމާތު ވެސް ހިމެނެ އެވެ. 

ތަފްސީލް - ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނަށް ބަހްރެއިނުން ސަބްސިޑީ ލިބޭނެ ގޮތް ހެދުމުގެ އިތުރުން ދެން ހިމެނޭ ކަންކަމުގެ ތެރޭގައި؛

  • ދެ ގައުމުގެ ދެމެގުގައި ވައިގެ ހިދުމަތާ ބެހޭ އެއްބަސްވުމެއް ގާއިމްކުރުން

  • ބަހުރެއިންގެ ގްލޯބަލް ސީ-ޓު-އެއާ ލޮޖިސްޓިކްސް ހަބުގެ ބައިވެރިޔަކަށް ރާއްޖެ ހެދުން

  • ބަހްރެއިންގައި ހުންނަ ޑޭޓާ ސެންޓަރުތަކުގައި ހުރި ރާއްޖޭގެ ޑޭޓާތަކުގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ އެއްބަސްވުމެއް ގާއިމްކުރުން

ދިރާގަކީ ބަހުރެއިންގެ މައި ޓެލެކޮމް ކުންފުނި ބަޓެލްކޯގެ މައި ހިއްސާ އޮންނަ ކުންފުންޏެކެވެ. އެހެންކަމުން ބަހުރެއިންގައި ރައްކާކުރާ ރާއްޖޭގެ މުވާސަލާތީ ކަންކަމުގެ މައުލޫމާތު ރާއްޖެއަށް ވެސް މުހިންމެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށާއި، އެކި ގައުމުތަކުގެ މީހުން ބައިވެރިވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވަން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ. 

އިބްރާހީމް މުހައްމަދު ސޯލިހު ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާއާ ބައްދަލު ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެއިން އަންނަނީ 2023-2025 އަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ޖާގަ ހޯދަން މަސައްކަތްކުރަމުންނެވެ. އެ މަސައްކަތަށް އެހީވުމުގެ ގޮތުން ބަހުރެއިނުން އެ ކައުންސިލަށް ވާދަނުކުރަން ނިންމި ނިންމުމަށް ޝާހިދު ތައުރީފްކުރެއްވި އެވެ. 

ގުޅުންހުރި ކަމެއް - ރައީސް ސޯލިހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ:

  • މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް - މިއީ ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ހިޔާލާއި މަޝްވަރާ ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއް 

  • މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންް ފޯ ކޯޕަރޭޝަން އޮން ޑިޕްލޮމެޓިކް ޓްރެއިނިން އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމެންޓޭޝަން - މިއީ ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ހަލީފާ އެކެޑަމީ ފޯ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާ ދެމެދު ވީ އެއްބަސްވުމެއް 

  • މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް: މިއީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް 

  • މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ކްލައިމެޓް ޗޭންޖް - މިއީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް