އަރަބިއްޔާ އާއި ޖަމާލުއްދީންގެ އާ އިމާރާތް އެޅުމަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ)

އަރަބިއްޔާ އާއި ޖަމާލުއްދީންގެ އާ އިމާރާތް އަޅަން 168 މިލިއަނަށް އަމިންއާ ހަވާލުކޮށްފި

މިހާރު ހުރި ޖަމާލުއްދީން ސްކޫލުގެ އިމާރާތަށް ބައެއް އިތުރު ކުރަނީ ޖާގައިގެ ދަތިކަން ހައްލުކޮށް، އެ ސްކޫލު ވެސް އެއް ދަންފަޅިއަށް ބަދަލުކުރުމަށް
29 ސެޕްޓެމްބަރު 2022

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށާއި ޖަމާލުއްދީން ސްކޫލުގެ އިމާރާތަށް ބައެއް އިތުރުކުރުމަށް، ޖުމްލަ 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  •  އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

  • އަމިން ކޮންސްޓްރަކްޝަންގެ ކޮންޕެނީ ސެކެޓްރީ އިބްރާހިމް ނިހާދު

މައްސަލައިގެ ފެށުން - މީގެ ހަތް އަހަރު ކުރިން ކިޔަވައިދޭން ފެށި އަރަބިއްޔާގެ އާ އިމާރާތުގައި ރެނދުލައި އެ ތަނުގައި ދަރިވަރުންނަށް ކިޔަވައިދިނުން ރައްކާތެރި ނުވާތީ، ބާ ޖަމާލުއްދީން ހުންނަ ބިމުގައި އަރަބިއްޔާގެ ދާއިމީ އިމާރާތް އަޅައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ.

ބާ ޖަމާލުއްދީންގެ އިމާރާތް ތަޅާލައި އަރަބިއްޔާގެ އާ އިމާރާތް އެ ތަނުގައި އެޅެން ދެން، ދަރިވަރުން ވަގުތީ ގޮތުން ކިޔަވަމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި، މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލާ ޖެހިގެން ހުންނަ އެމްޓީސީސީގެ އިމާރާތުގަ އެވެ.

އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން އިމާރާތް ތަޅާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން އިމާރާތް ތަޅާލަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަރަބިއްޔާގެ އާ އިމާރާތް

ތަފްސީލް - ޑިޒައިން އެންޑް ބިލްޑް އުސޫލުން އަމިންއާ މިއަދު ހަވާލުކުރި މަޝްރޫއުގެ ދަށުން އަޅާ އަރަބިއްޔާގެ އާ އިމާރާތުގައި:

  • 40 ކްލާސްރޫމް ހުންނާނެ 

  • މަލްޓި ޕާޕަސް ހޯލެއް ހުންނާނެ 

  • ހަތަރު ލިފްޓް ހުންނާނެ

  • މުވައްޒަފުން ޕާކުކުރާނެ ޕާކިން އޭރިއާއެއް ހަދާނެ

ބުނީ ކީކޭ؟ - އެޑިއުކޭޝަން މިނިސްޓްރީން ބުނީ:

  • އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް ނިންމައި 2024ގައި އިމާރާތް ބޭނުންކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ

  • ބާ ޖަމާލުއްދީން އިމާރާތް ތަޅައި އެ ބިން ސާފުކުރުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ

  • އިމާރާތުގެ މަސައްކަތް ނިމުމުން އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއް ގެނެވޭނެ

  • އޭރުން އެ ސްކޫލްގެ ކިޔެވުން ވެސް އެއް ދަންފަޅިއަށް ބަދަލުކުރެވޭނެ

އަރަބިއްޔާ އާއި ޖަމާލުއްދީންގެ އާ އިމާރާތް އެޅުމަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ)

ޖަމާލުއްދީންގެ އިމާރާތަށް އިތުރު ކުރާ ބައި

އަރަބިއްޔާގެ އާ އިމާރާތް އަޅަން ހަވާލުކުރުމުގެ އިތުރުން، އެޑިއުކޭޝަނުން ވަނީ ޖަމާލުއްދީން ސްކޫލުގައި އާ އިމާރާތެއް އެޅުމަށް ވެސް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފަ އެވެ. އެ އިމާރާތުގައި:

  • 34 ކްލާސްރޫމް އަޅާނެ

  • ދެ ލިފްޓް ހުންނާނެ 

  • ޕާކިން އޭރިއާ ވެސް ހަދާނެ

  • އެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރަން، މަދޮށިގޯޅިން ޖަމާލުއްދީން ހިނގުމަށް، ސްކޫލްގެ ބޭނުމަށް އާ މަގެއް ވެސް ހަދާނެ

  • މި އިމާރާތުގެ މަސައްކަތް ނިމުމުން އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާނެ

އެނގުން މުހިއްމު - އަރަބިއްޔާ އާއި ޖަމާލުއްދީންގެ އާ އިމާރާތް އެޅުމަށް އަމިންއާ ހަވާލުކުރީ 168 މިލިއަން ރުފިޔާއަށް، 420 ދުވަސް ނުވަތަ އެއް އަހަރާއި ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

އަރަބިއްޔާ ސްކޫލު ކުދިން ވަގުތީ ގޮތުން ކިޔަވަމުން އަންނަ އިމާރާތް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފަސްމަންޒަރު - އަރަބިއްޔާ ސްކޫލުގެ ކިޔެވުން ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށް ބަދަލުކުރިިއިރު، އެއީ އެ ސްކޫލްގެ ކިޔެވުން އެހެން އިމާރާތަކަށް ބަދަލު ކުރަން ޖެހުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން:

  • މަޖީދީމަގުގައި ހިންގި އަރަބިއްޔާގެ ދުވަސްވީ ސްކޫލަށް ވެސް މި މައްސަލަ ދިމާވެ، ދަރިވަރުން ދެން ބަދަލު ކުރީ އެހެން އިމާރާތަކަށް

  •  ޗާންދަނީމަގުގައި، އަމީނިއްޔާ ސްކޫލް ކުރިމައްޗަށް ވާ ގޮތަށް، ކުރިން އީޕީއެސް ހިންގި ގޯތީގައި ހަތް ބުރީގެ އާ އިމާރާތެއް އަޅައި އެ އިމާރާތަށް އަރަބިއްޔާގެ ކިއެވުން ބަދަލުކުރީ މީގެ ހަތް އަހަރު ކުރިން، 2013ގައި

  • އެ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި ދަރިވަރުން ކިޔަވަން ތިބެން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ލަފާދިން

  • އެޑިއުކޭޝަން މިނިސްޓްރީން ނިންމީ 800 ކުދިންގެ ކިޔެވުން، ކުރިން އެމްއީއެސް އަދި ފަހުން މަންދު ކޮލެޖު ހިންގި، މިހާރުގެ އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާ އެކު މަސްހުނިކޮށް ކުރިއަށް ގެންދަން

  • އަރަބިއްޔާގެ ބެލެނިވެރިން ވަނީ އެކަމާ ދެކޮޅު ހަދައި އިހުތިޖާޖު ވެސް ކޮށްފައި

  • އެންމެ ފަހުން ސަރުކާރުން ނިންމީ އަރަބިއްޔާ ސްކޫލަށް އާ އިމާރާތެއް ބާ ޖަމާލުއްދީން ހުރި ތަނުގައި އެޅުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް