ހއ. އުތީމުގައި އަލަށް އިމާރާތްކުރި އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ފެނަކައިގެ އެމްޑީއަށާއި ޗެއާމަން އަށް ރައީސްގެ ފުރިހަމަ އިތުބާރު

އުތީމުގެ އާ އިންޖީނުގެ ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކައިގައި ރައީސް ސޯލިހު ފެނަކައަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި
27 ސެޕްޓެމްބަރު 2022

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އެހެން ވިދާޅުވީ ހއ. އުތީމުގައި އަލަށް އިމާރާތްކުރި އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުންނެވެ.

ފަސްމަންޒަރު - ފެނަކައިގެ އެމްޑީއަށާއި ޗެއާމަނަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ރައީސް ސޯލިހު މި ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ކޮރަޕްޝަނާއި އެ ނޫން ވެސް ބައެއް ތުހުމަތުތައް ކުރައްވަމުން، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) މި މަހު އިސްތިއުފާދެއްވާފައި ވަނިކޮށެވެ. އިބްރާހީމް ވަހީދު ސައީދަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ، ފެނަކަ ހިންގަމުންދަނީ ރަޝީދާއި ސައީދުގެ "އަމިއްލަ ކުންފުންޏެއް"ގެ ގޮތުގައި ކަމަށެވެ.

ތަފްސީލް - ރައީސް ސޯލިހުގެ ވާހަކަފުޅުގައި، އުތީމުގެ އިންޖީނުގެ އެޅުމުގެ މަޝްރޫއު ހިންގި ފެނަކަ އަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދިއެދި ތިބި ހިދުމަތްތައް ދިނުމުގައި ފެނަކައިން އިހުލާސްތެރި އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ސައީދަށާއި މެނޭޖްމެންޓުގެ އިތުރުން މުޅި ކުންފުންޏަށް ވެސް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރެއްވި އެވެ.

ބުނީ ކީކޭ؟ - "ރައްޔިތުންގެ ފުރިހަމަ އިތުބާރު ފެނަކައިގެ އެމްޑީއަށާއި ޗެއާމަން އަދި މުވައްޒަފުންނަށް އެބައޮތް. އަދި ސަރުކާރާއި އަޅުގަނޑުގެ ވެސް ފުރިހަމަ އިތުބާރާއި ޔަގީންކަން ފެނަކައާ ދޭތެރޭގައި، އަދި އެމްޑީ ސައީދަށާއި އަޅުގަނޑުމެންގެ ވަރަށް ގާތް ރައްޓެއްސެއް...މާޑު،. ޝައްކެއް ނެތް އެބޭފުޅުންނާ ދޭތެރޭގައި [އެބައޮތް]،" ރައީސް ވިދާޅުވި އެވެ.

"ކަންތައްތައް ކުރުމުގައި އޭގައި އޮތް އެންމެ ރަނގަޅު ގޮތް ހޯއްދަވާ، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސަރުކާރަށް ވެސް އެންމެ ލާބަ އޮތް ގޮތަކަށް ކަންތައްތައް ކޮށް ނިންމާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް."

ހއ. އުތީމުގައި އަލަށް އިމާރާތްކުރި އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ފެނަކަ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާ ކަމަށް އިބްރާހީމް ވަހީދުގެ އިސްތިއުފާގެ ސިޓީގައި ތުހުމަތުކުރައްވާފައިވެ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ކުންފުނީގެ ވިޔަފާރި ބިލްތަކަށް ފައިސާ ދެނީ ހަމައެކަނި ސައީދާ ގުޅުން އޮންނަ ވިޔަފާރިތަކަށް؛ އެ ނޫން ވިޔަފާރިތަކަށް ފައިސާއެއް ނުދައްކާ

  • ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް ސައިދާއި ރަޝީދަށް ފައިދާވާ ގޮތަށް ދަނީ ކުރަމުން؛ އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް ގެއްލުންތައް ދަނީ ލިބެމުން

  • ސައީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ގިނަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަށް ކުންފުނީގެ ގަވައިދުތައް ބަދަލުކުރަން ދައުލަތުގެ މުއްސަސާތަކުން ދަނީ އަންގަމުން

  • އެ އެންގުންތަކަށް އަމަލު ކުރެއްވުމެއް ނެތި، ކުންފުނީގެ ބޯޑު ބޭނުންކޮށްގެން ރަޝީދު ގެންދަވަނީ އެ ކަންކަން ފޮރުވަމުން

'ދައުރު' އާ ވާހަކަދައްކަވަމުން ސައީދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ހއ. އުތީމުގައި އަލަށް އިމާރާތްކުރި އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - އުތީމުގައި ކުރިން ހުރީ 24 އަހަރުވީ އިންޖީނުގެ އެކެވެ. ފެނަކަ ކޯޕަރޭޝަނުން 7.3 މިލިއަން ރުފިޔާ އަށް ހިންގި މަޝްރޫއުއެއްގެ ދަށުން އިމާރާތް ކުރި އާ އިންޖީނުގެ ހުންނަނީ، ކުރީގެ އިންޖީނުގެއާ ހިލާފަށް، މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ. އެ އިންޖީނުގޭގައި 600 ކިލޯވޮޓްގެ ހަތަރު ޖެންސެޓް ބެހެއްޓޭނެ އެވެ.

އުތީމުގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ރަށުގެ ވެރިންނާއި އާންމު ވެސް ބައިވެރިވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް