އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކައާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ އެމްޑީ އަހުމަދު ސައީދާއި އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ސަލާމް ކުރައްވަނީ. (ފޮޓޯ/ފެނަކަ)

އުނގޫފާރު ރައްޔިތުން 24 އަހަރު ވަންދެން ހިންގި އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

އުނގޫފާރުގެ ފެނާއި ނަރުދަމާއާ ވެސް ފެނަކައިން ވަނީ ހަވާލުވެފައި
7 ސެޕްޓެމްބަރު 2022

އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމުގެ ހިދުމަތްތަކާ އެކު އެ ރަށު ރައްޔިތުން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެެވެ.

ވީ ކިހިނެއް؟ - އެ ހިދުމަތްތައް ފެނަކައާ ހަވާލު ކުރަން މިއަދު އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި ހިދުމަތްތައް ހަވާލު ކުރުމަށް އެ ރަށު ކައުންސިލާއި ފެނަކައާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން:

  • ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު

  • އުނގޫފާރު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު

ތަފްސީލް - އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ:

  • އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ

  • ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް

  • ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ނާސިފް

  • އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު

އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކައާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ފެނަކަ)

އުނގޫފާރުގައި ކުރިން ހިންގި އިންޖީނު ގޭގެ މުވައްޒަފުން ފެނަކައަށް ބަދަލު ކުރި ކަމުގެ ލިޔުން ވެސް ހަވާލު ކުރި އެވެ. އެ މުވައްޒަފުންނަށް ލިޔުންތައް ހަވާލުކޮށްދެއްވީ ފެނަކައިގެ އެމްޑީ ސައީދެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހާ ހަމައަށް ދާއިރު ފެނާއި ނަރުދަމާ ނެތް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ

އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކައާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ (ފޮޓޯ/ފެނަކަ)

މިއަށް ވުރެ ބާރު ސްޕީޑެއްގައި ތަރައްގީގެ މަސައްކަތް ކުރަމުން އަންނަ ޒަމާނެއް ނުފެންނަ ކަމަށާއި، މިހާރު ތަރައްގީގެ މަސައްކަތެއް ނުކުރާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"އެއީ ވާދަވެރި ސިޔާސީ ހަރަކާތާ އެކު ލިބުނު ކުރިއެރުމެއް،" އަސްލަމް ވިދާޅުވި އެވެ.

އެނގުން މުހިންމު - ގާތްގަނޑަކަށް 1800 މީިހުންގެ އާބާދީއެއް އޮންނަ އުނގޫފާރު އިންޖީނުގެ ވެސް ފެނަކައާ ހަވާލުކޮށްފައި ވާއިރު، ފާއިތުވި 24 އަހަރު އެ އިންޖީނުގެ ހިންގީ ރައްޔިތުންނެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް