ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާން. (ފޮޓޯ/ރައީސް އޮފީސް)
ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފި
އައިޖީއެމްއެޗުގެ ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ އިސް ވެރިންތަކެއްގެ ޒާތީ މައުލޫމާތު ލީކުކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނޫސްވެރިޔާ އަހުމަދު އަޒާން މަރުޒޫގު މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އައިޖީއެމްއެޗުގެ ޕޭޝަންޓް ޕޯޓަލްއަށް ހުއްދަ ނެތި ވަދެ، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ލީކުކޮށްލާފައިވާ ކަމަށް، 'ދިޔަރެސް' ނޫހުގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ އަޒާންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ ފުލުހަށް ހާޒިރުކުރީ މިއަދު ހަވީރު 3ގަ އެވެ.
ގާތްގަނޑަކަށް ގަޑިއެއް ހާއިރަށް ފަހު އަޒާން ފުލުހުންގެ މައި މަރުކަޒުން ނުކުމެފައި ވާއިރު، އޭނާއާ ކުރި ސީދާ ސުވާލުތަކާއި ދިން ޖަވާބެއް އަދި ސާފެއް ނުވެ އެވެ.
ގުޅުން ހުރި ކަމެއް - އަޒާން ފުލުހަށް ހާޒިރުކުރި ވަގުތު ބައެއް ނޫސްވެރިންނާއި އިދިކޮޅުގެ އެކްޓިވިސްޓުން ވަނީ ޝަހީދު ހުސެއިން އާދަމް އިމާރާތް ކުރިމަތީގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ. އެ މީހުން އިހުތިޖާޖުކުރީ، ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް މި ފަހުން ފާސްކޮށް، ތަސްދީގުކުރި ހެއްކާ ބެހޭ ބިލާ ވެސް ދެކޮޅަށެވެ. އެ ސަރަހައްދަށް އެވަގުތު އެއްވެފައި ތިބި މީހުން ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވި އެވެ.
އެނގުން މުހިއްމު - އައިޖީއެމްއެޗުގެ ޕޭޝަންޓް ޕޯޓަލްގައި ހުރި މައްސަލަތަކެއްގެ ސަބަބުން، އެ ހޮސްޕިޓަލުން ރައްކާކޮށްފައިވާ ބަލިމީހުންގެ ޒާތީ މައުލޫމާތު އެހެން ފަރާތްތަކަށް ބެލޭކަން މިދިޔަ ފެބްރުއަރީ މަހު 'ދިޔަރެސް' އިން ރިޕޯޓުކޮށްފައިވެ އެެވެ.
ފުލުހުން ބުނާ ގޮތުގައި އަޒާންގެ މައްޗަށް ކުރާ ތުހުމަތަކީ ނޫސްވެރިކަމުގެ މަސައްކަތާ ގުޅުންހުރި ކަމެއް ނޫނެވެ.
އެ މައްސަލައިގައި ފުލުހުން މީޑިއާތަކަށް މީގެކުރިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އަޒާން ފުލުހަށް ހާޒިރުކުރަނީ އައިޖީއެމްއެޗުގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސް ފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަ ނެތި އެކްސެސްވި ގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގެއްގައި ސުވާލު ކުރުމަށް ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ އެ މައްސަލައިގައި އިތުރު މީހުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ތުހުމަތާ ގުޅިގެން އަޒާން 'ދައުރު'އަށް ކުރިން ބުނެފައިވާ ގޮތުގައި، އޭނާ ދައުލަތުގެ އިސްވެރިންގެ މެޑިކަލް މައުލޫމާތު ލީކުކޮށްލި ކަމަށް ފުލުހުން ތުހުމަތު ކުރާ ސަބަބެއް މިހާތަނަށް ފުލުހުން ބުނެއެއް ނުދެ އެވެ، އޭނާ ބުނެފައިވާ ގޮތުގައި، 'ދިޔަރެސް' އިން ރިޕޯޓު ކުރީ އެ މައުލޫމާތު ލީކުވެފައިވާ ކަމާއި ބައެއްގެ އަތްމައްޗަށް ދިޔަ ވާހަކަ އެވެ.