ދަވައަކީ ހަށިގަނޑުގެ ގުނަވަންތައް ރައްކާތެރިކޮށްދޭ ފަށަލައެއް. އެކަމަކު ބައެއް ފަހަރު މާ ގިނައިން ދަވަ ހެދި އެކަމުގެ ސަބަބުން އުނދަގޫވޭ.

ރޯގާ/ހުން

ރޯގާ ރަނގަޅުވިޔަސް ދަވައިން ސަލާމަތް ނުވޭތަ؟

ރޯގާ ޖެހި ރަނގަޅުވާ ފަހުން އެތައް ދުވަހެއް ވަންދެން ދަވައިގެ ސަބަބުން އުނދަގޫވާ ނަމަ ކުދިކުދި ކަންކަން ބަދަލުކޮށްގެން ލުޔެއް ހޯދިދާނެ
14 ގަޑިއިރު ކުރިން
7

ރޯގާޖެހި ރަނގަޅުވާތާ އެތައް ދުވަހެއް ފަހުން ވެސް ކަރުތެރޭ ދަވަ ހެދި އަބަދު އެއިން ސަލަމާތް ނުވެގެން އުޅެން ޖެހޭ ހެއްޔެވެ؟ މިއީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. އުނދަގޫ ބޮޑު ކަމެކެވެ. ބައެއް ފަހަރަށް މިކަމާ ހެދި ލަދު ވެސް ގަނެ އެވެ. ކޮށިއަރައި ކެއްސުންގަނޑު އަންނާނީ ކޮން އިރަކުކަން ނޭނގޭތީ އެވެ.

ދަވައަކީ ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ކޮންމެހެން މުހިއްމު އެއްޗެކެވެ. ދަވަ މަސައްކަތް ކުރަނީ ހަށިގަނޑުގެ ގުނަވަންތައް ރައްކާތެރިކޮށްދޭ ފަށަލައެއް ގޮތަށެވެ.

ސިއްހަތު ރަނގަޅު މީހުންގެ ވެސް ދަވަ ހުރޭ

ސިއްހަތު ރަނގަޅު މީހުންގެ ވެސް ދަވަ ހުރެ އެވެ. ދަވައިން މި ގުނަވަންތަކަށް ތެތްކަން ގެނެސްދީ ބައެއް ކަހަލަ ބެކްޓީރިއާ އާއި ވައިރަސް އިން ރައްކާތެރިކޮށްދެ އެވެ.

ހަށިގަނޑުގައި އިންފެކްޝަނެއް ނުވަތަ އެލާޖީއެއް ހުރި ނަމަ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ ހަށިގަނޑުގައި ދަވަ ހެދުން އިތުރުކޮށްދެ އެވެ. ދަވައިން ސަލާމަތްވުމަށް ގޭގައި ގިނަ ފަރުވާތަކެއް ދެވިދާނެ އެވެ. މިސާލަކަށް ގިނައިން ދިޔާތަކެތި ބުއިން ސެލައިން ނޭސަލް ސްޕްރޭއެއް ނުވަތަ ރިންސެއް ބޭނުން ކުރެވިދާނެ އެވެ.

މާ ގިނައިން ދަވަ ހެދި އެކަމުގެ ސަބަބުން އުނދަގޫވާ ނަމަ އަންނަނިވި ކަންކަން ކުރެވިދާނެ އެވެ.

ވައި ތެތް ކުރަން ހިއުމިޑިފަޔާއެއް ބޭނުން ކުރުން

ނިދާއިރު ހިއުމިޑިފަޔާއެއް ބޭނުން ކުރުމުން ވައި ތެތްކޮށްދީ ނޭވާލާން ފަސޭހަކޮށްދޭ

ވައިގެ ތެތްކަން ނެތް ނަމަ ނޭފަތާއި ކަރުތެރެއަށް އުނދަގޫތަކެއްވެ އެވެ. އަދި ކަރުތެރޭގައި ދަވަ ހެދުން އިތުރުކުރަނީ ލުބްރިކަންޓެއްގެ ގޮތުގަ އެވެ. އެހެންކަމުން ނިދާ އިރު ކޮޓަރީގައި ވައިސާފުކޮށް ތެތްކަން ދަމަހައްޓަން ހިއުމިޑިފަޔާއެއް ބޭނުން ކުރެވިދާނެ އެވެ. މިކަމުގެ ސަބަބުން، ނޭފަތް ބެދުމާއި ކަރުތެރެއަށް އުނދަގޫވުން ފަދަ ކަންކަމާ ދުރެެވެ.

ގިނައިން ދިޔާ ތަކެތި ބުއިން

ހަށިގަނޑު ހައިޑްރޭޓްކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަމުގެ ސަބަބުން، ދަވަ ހެދުން ވެސް ދުރުކޮށްދެ އެވެ. ރޯގާ ޖެހިގެން އުޅޭ ނަމަ ވަކިން ހާއްސަކޮށް ގިނަައިން ދިޔާތަކެތި ބޯން ސަމާލުވާން ޖެހެ އެވެ. ސަބަބަކީ ގިނައިން ދިޔާތަކެތި ބޯ ނަމަ ދަވަތައް ތުނިވެ އެވެ. އަދި ސައިނަސްއަށް ލުއިކަމެއް ގެެނެސްދެ އެވެ. އެލާޖީ ހުންނަ މީހުންނަށް ވެސް ރަނގަޅު ކަމެކެވެ. ނޭފަތް ބެދުމުން ދުރުކޮށްދީ ކަރުތެރެ ސާފުކޮށް ބަހައްޓައިދެ އެވެ.

ދަވައިގެ އުނދަގޫވާ ނަމަ ހަށިގަނޑަށް ބޭނުންވާ ފެން ކޮންމެހެން މުހިއްމު

ތާފެނާ ފެނުން ފޯކޮށްފައި ފޮތިކޮޅެއް މޫނުގައި ޖައްސާ

ސައިނަސްގެ ސަބަބުން އުނދަގޫވެ ބޮލުގައި ރިއްސާ ނަމަ ތާފެނާ ފެނުން ފޯކޮށްފައިވާ ފޮތިކޮޅެއް މޫނުގައި ޖައްސާށެވެ. މިހެން ހެދުމުން ނޭވާލާ އިރު ތެތްކަން ނޭފަތާއި ކަރަށް ފަސޭހައިން ދައުރުވެ އެވެ. އަދި ހޫނުގެ ސަބަބުން ތަދާއި ޕްރެޝަރުން ދުރުކޮށްދެ އެވެ.

ބޯލާކޮޅު އުސްކޮށްލާ

ނިދާ އިރު ބޯލާކޮޅު އުސްކުރުމުން ދަވައިގެ ސަބަބުން ނިދުމަށް ބުރޫނާރާ

ނިދަން އޮށޯންނަ އިރަށް ރޯގާގެ ސަބަބުން ކަރުތެރެއަށް އުނދަގޫވެ ކެއްސާ ނަމަ އެންމެ ރަނގަޅީ ބޮލަށް އުސްކޮށްލައިގެން އޯށެވެ ނިދުމެވެ. އެއް ބާލީހަށް ވުރެ ގިނަ ބާލީހުގެ އެހީގައި މިކަން ކުރެވިދާނެ އެެވެ. ބޯކޮޅު އުސްނުކުރާ ނަމަ ކަރުތެރޭ ދަވައިގެ އުނދަގޫ ބޮޑުވެ ކެއްސުމުގެ ސަބަބުން ނިދުމަށް ބުރޫއަަރަ އެވެ.

ކެއްސުން ހުއްޓުވަން މަސައްކަތް ނުކުރޭ

ކެއްސާ ނަމަ އެންމެ އަވަހަށް ކުރެވޭ ކަމަކީ ކޮންމެވެސް ބޭހެއް ބޮޔެގެން ކެއްސުން މަތަ ކުރުމެވެ. އެކަމަކު މިއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ އެވެ. ދަވަތައް ކަރުތެރެއަށާއި ފުއްޕާމެއަށް އެޅުނަ ނުދީ ހިފަހައްޓަން ހަށިގަނޑުން ދޭ ރައްދަކީ ކެއްސުމެވެ.

ކެއްސުން ހުއްޓުވަން މަސައްކަތް ކުރުމަކީ ހެދޭ ގޯހެއް

ދަވަތައް ދިރުވާނުލާ

މޭގައި ހިފާފައި ހުންނަ ދަަވަތައް ކަރުތެރެއަށް އައުމުން އެންމެ ރަނގަޅީ އެ ދިރުވާލާ ހަށިގަނޑަށް އަލުން ފޮނުވުމުގެ ބަދަލުގައި ކުޅުޖެހުމެވެ. ކުޅުޖަހާއިރު ސާފުތާހިރުކަމަށް އިސްކަންދޭށެވެ. ކުޅުޖަހައިގެން ބޭރުކުރުން މިއީ ސިއްހީގޮތުން ފައިދާ ބޮޑު ގޮތެވެ.

ސެލައިން ނޭސަލް ސްޕްރޭއެއް ބޭނުން ކުރޭ

ނޭފަތުންނާއި ސައިނަސް އިން ދަވަތައް ސާފުކޮށްލުމަށް ސެލައިން ސްޕްރޭއެއް ނުވަތަ އިރިގޭޓަރެއް ބޭނުން ކުރެވިދާނެ އެވެ. މީގައި އެންމެ ރަނގަޅީ ސޯޑިއަމް ކްލޮރައިޑް ހުންނަ ސްޓެރައިލް ސްޕްރޭއެއް ބޭނުން ކުުރުމެވެ.

ކަރުތެރެ ލޮނު ފެނުން ދޮވުމުން ދަވައިގެ އުނދަގޫ ފަސޭހަކޮށްދޭ

ލޮނު ފެނުން ކަރުތެރެ ދޮވެލާ

ލޮނުފެނަކީ ކަރުތެރެ ސާފުކޮށްދިނުމަށް އެހީވާ އެއްޗެކެވެ. އެއްވެސް ކަހަލަ ދަވައެއް ހުރެއްޖެ ނަމަ ލޮނުން ދޮވެލުމުން ކަރުތެރެއަށް ފަސޭހަވެ އެވެ. ބިއްލޫރި ތައްޓަކަށް ހޫނުފެން އަޅާފައި އެއް ސައިސަމުސާގެ ލޮނުއަޅައި އެ ފެނުން ކަރުތެރެ ދުވާލަކު އެއްފަހަރަށް ވުރެ ގިނައިން ދޮވެލެވިދާނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރުން

ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ އަދި އެހެން މީހުން ސިނގިރޭޓް ބޯ އިރު ކައިރީގައި ހުރެ ދުން އެތެރެވާ ނަމަ ދަވަ ހެދުމުން ލުއި ހޯދަން އުނދަގޫވެ އެވެ. މިއީ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ.

ކެފެއިން މަދުކުރުން

ކެފެއިން އިން މީހާ ޑީހައިޑްރޭޓްކޮށްލާ

ކެފެއިން ބޭނުން ކުރުމުން މީހާ ޑީހައިޑްރޭޓްކޮށްލަ އެވެ. ދަވަ ހެދި އެކަމުގެ ސަބަބުން އުނދަގޫވާ ނަމަ އެންމެ ރަނގަޅީ ކެފެއިންއާ ދުރުވުމެވެ.

ހޫނު ފެނުން ފެންވެރުން

ހޫނު ފެނުން ފެންވަރާ ނަމަ ނޭފަތަށް އާވި ވަދެ، ނޭފަތާއި ކަރުތެރޭގައި ހުންނަ ދަވަތައް ސާފުކޮށްދޭނެ އެވެ.

ހޫނު ފެނުން ފެންވެރުމަކީ ވެސް ދަވައިން ރައްކާތެރިވުމަށް އޮތް ހައްލެއް

ދަވައިން ސަލާމަތްވާން ކާންވީ ކޯއްޗެއް؟

ދަވަ ހެދި މިކަމުގެ ސަބަބުން އުނދަގޫވާ ނަމަ ބައެއް ކަހަލަ ކާނާ ކެއުމުން އަވަހަށް ފަސޭހަވާން އެހީތެރިވެދެ އެވެ. ތިރީގައި މިއޮތީ ދެން ގްރޮސަރީ ލިސްޓަށް އިތުރު ކޮށްލަންވީ ބާވަތްތަކެވެ.

1. ޗިކަން ސޫޕް

ރޯގާ ޖެހުނީމަ ޗިކަން ސޫޕް ބޯށޭ މީހުން ބުނެ އުޅޭ ނޫން ހެއްޔެވެ؟ މިއީ އަސްލު މީގެ ފައިދާތައް އެތައް ޒަމާނެއްވަންދެން ދެނެގަނެވިފައިވާތީ އެވެ. ސިއްހީ މާހިރުން ބުނަނީ ޗިކަން ބްރޮތު ބޭސްޑް ސޫޕް، ނުވަތަ ކުކުޅު ކައްޓާ އެކު ތަރުކާރީ އަޅައިގެން ގަރުދިޔަ ގޮތަށް ހުންނަ ސޫޕަކީ އޭގައި ހުންނަ މަޑު ހޫނުކަމާއި ތެޔޮކަމުގެ ސަބަބުން ދަވަތައް ތުނިކޮށްދޭ އެއްޗެއް ކަމުގަ އެވެ. އަދި މި ސޫޕް މި ގޮތަށް ހަދައިގެން ބުއިމުން ކެއްސަން ވެސް ފަސޭހަވެ އެވެ. އޭގައި ހަށިގަނޑަށް ލިބޭ ފައިދާތަކެއް ވެސް ހުރެ އެވެ.

ޗިކަން ސޫޕަކީ ރޯގާއަށް ފަރުވާއެއް

2. ހޫނު ފެން

ޗިކަން ސޫޕަށްވުރެ އަވަހަށް ދަވަ ފަސޭހަކޮށްނުދިނަސް ހޫނު ފެނަކީ މީހާ ހައިޑްރޭޓްކޮށްދީ މިކަމަށް ލުޔެއް ގެނެސްދޭ ކަމެކެވެ. ހޫނު ފެން ބޯން އުނދަގޫ ނަމަ އެއަށް އިނގުރާއި ކާފުރު ތޮޅި އަޅައިގެން ނުވަތަ ކެމޮމައިލް ސައި ކަހަލަ އެއްޗެއް ބޮވިދާނެ އެވެ.

3. ފިޔާ އަދި ލޮނުމެދު

ފުޑް ޕްރޮސެސަރަކުން ފިޔާ ކޮށަނީ

ފިޔާ އަދި ލޮނުމެދަކީ އެލިއަމްސް ކިޔާ ގުރޫޕެއްގައި ހިމެނޭ ތަރުކާރީގެ ބާވާތްތަކެވެ. މި ދެ ބާވާތުގެ އިތުރުން ދެން މި ގުރޫޕްގައި ހިމެނެނީ ޝެލޮޓްސް، ޗައިވްސް، ލީކްސް އަދި ސްކެލިއޮންސް އެވެ. މިއީ އޭގައި އެންޓި އިންފްލެމޭޓަރީ މާއްދާތައް ގިނަ ބާވަތްތަކެވެ. އަދި މިތަކެތިން ދަވަ އުފެއްދުން މަދުކޮށްދެ އެވެ.

4. އޮމެގާ-3 ގިނަ ކާނާ

އޮމެގާ-3 ހިމެނޭ ކާނާ ކެއުމަކީ ދަވައިން ރައްކާތެރިކޮށްދޭ ކަމެއް

އޮމެގާ-3 ގިނަ ކާނާ އަކީ އޭގައި ހިމެނޭ އެންޓި އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން ދަވައިން ފަސޭހައިން ރައްކާތެރިކޮށްދޭ އެއްޗެކެވެ. އޮމެގާ-3 ގިނަ ކާނާތަކުގެ ތެރޭގައި:

  • ސޭމަން

  • ބަރަބޯ އޮށް

  • ޗިއާ ސީޑް

  • އަދި ސިއްހަތަށް ފައިދާ ހުރި ތެޔޮ ހިމެނޭ

ދަވައިން ސަލާމަތްވާން ނުކާންވީ ކޯއްޗެއް؟

އެއްވެސް ކާނާ އަކީ އޭގެ ޒާތުގައި ގިނައިން ދަވަ އުފައްދާ އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ކާނާ ކެއުމުން ބައެއް މީހުންގެ ހަށިގަނޑުގައި ދަވަ އުފެއްދުން ހަލުވިކޮށްލަ އެވެ.

މީގެ ތެރޭގައި ހިމެނެނީ ހިސްޓަމިން ގިނަ ކާނާ އެވެ. ދިރާސާއިން ބުނާ ގޮތުގައި ހިސްޓަމިންއަށް ސެންސިޓިވިޓީ ހުންނަ މީހުން އަދި ހަށިގަނޑުގައި ހިސްޓަމިން ނައްތާލާ އެންޒައިމް ނުހުންނަ މީހުން ވަކި ބާވަތްތަކެއްގެ ހިސްޓަމައިން ގިނައިން ހުންނަ ކާނާ ކެއުމުން ދަވަ ހެދުން އިތުރުވެ އެވެ.

ދަވަ ހެދުން އިތުރު ނަމަ ކިރުގެ ބާވަތްތަކާ ދުރުވާންވޭ

ހިސްޓަމައިން ގިނަ ކާނާތަކުގެ ތެރޭ ހިމެނޭ ބައެއް ބާވަތްތައް:

  • ޑެއިރީ (ކިރު، ޔޯގަޓް، ޗީޒް)

  • ކަމީރުކޮށްފައި ހުންނަ ބުއިންތައް

  • ދޮންކެޔޮ

  • ގޮދަން

  • ޓޮމާޓޯ

  • ބީންސް

  • ޗޮކްލެޓް

  • ހުތްރަހަލާ މޭވާ

ގުލޫޓަން އިންޓޮލަރަންސެއް ހުންނަ ނަމަ އަދި ގުލޫޓަން ހިމެނޭ ބާވަތްތައް ބޭނުން ކުރާ ނަމަ ދަވަ ހެދުން އިތުރެވޭ

މީގެ އިތުރުން ދެން އޮތީ ގުލޫޓަން އެވެ. ގުލޫޓަން އިންޓޮލަރެންސެއް ހުންނަ ނަމަ މި ޕްރޮޓީން ހިމެނޭ މާއްދާތައް ކެއުމުން ދަވަ ހެދުން އިތުރުކުރެ އެވެ. މިފަދަ ކާނާތަކާ ނުގުޅޭކަން އެނގޭ ނަމަ އަދި ރޯގާޖެހި ދަވައިގެ ސަބަބުން އުނދަގޫވާ ނަމަ އެންމެ ރަނގަޅީ މި ބަވާތްތައް ނުކެއުމެވެ.

ކޮމެންޓް (7)

profile-image-placeholder

މީމަ

7 ގަޑިއިރު ކުރިން
އެންމެ ގިނައިން އަދި އެންމެ ފަސޭހަކޮށް ކުރެވޭ ކަމަކީ ދަވަތައް ދިރުވާލުން..

އިމިތައްލޯ

6 ގަޑިއިރު ކުރިން
@މީމަ އަނގައަށް އަންނަ ދަވަ ދިރުވާލުން ރަނގަޅެއްނޫން.

ަހަމްދޫން

7 ގަޑިއިރު ކުރިން
ލިޔުންކިޔާލުމުން މި ދޭހަވަނީ ހެޔޮއެއްގޮތެއްވެސް ނެތްކަމަށް. ކެޔަސް ގޯސް. ނުކެޔަށް ގޯސް. ބުރަވާންވީ ކޮޅެއްވެސް ބުނެލުން ރަނގަޅުކަމަށްފެނޭ.

ޔެސް

6 ގަޑިއިރު ކުރިން
@ަހަމްދޫން މިކަހަލަ ލިޔުމެއްގެ އެންމެ މުހިއްމު އެއްބަޔަކީ ކަމެއް ޑިސައިޑްކުރަން އެހީއަކަށްވުން. ނޫންނަމަ މީއެއްވެސް ބޭނުންތެރި ލިޔުމެއްނޫން.

ހަމްކޮ

7 ގަޑިއިރު ކުރިން
ދަވައަކީވެސް މުހިއްމު އެއްޗެއްކަމަށް މީގަ އެބަބުނޭ. އަނެއްކޮޅުން މިއަންނަނީ ދަވައިން ސަލާމަތްވާން ނުކާންވީ އެއްޗެހީގެ ވާހަކަ. ސަލާމަތެއްނެތްދޯ..

ހޫން

7 ގަޑިއިރު ކުރިން
ގިނައިން ދިޔާ ތަކެތި ބުއިވަރަކަށް ކުޑަކަމުދާންޖުހުންނޫން ކަމެއްނުވާނެ.

އީމާން

11 ގަޑިއިރު ކުރިން
ނުކާ ސާމާނު ނުކޭމަ އަނެއްކާ ކޮންމެސް އެހެން ކަމެއް ޖެހޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް