ވިޝަންސް އޮފް ދަ ފިއުޗާ' އާޓް މުބާރާތުގެ އިޝްތިހާރެއް

ލިވިން

ބްރޯޑްކޮމްގެ ކުރެހުމުގެ މުބާރާތުގައި އިނާމާ އެކު އާޓްގެ ތަޖުރިބާ

ބްރޯޑްކާސްޓް ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާދީއްތައިގެ ނިޔަލަށް ވަނީ ހުޅުވާލާފައި
18 އޮކްޓޯބަރު 2024
1

އާޓަކީ ކުދިން ކުރާހިތްވާ މަސައްކަތަކަށް ވިޔަސް ގިނަ ފަހަރަށް ނެތީ ވަގުތާއި ކުރެހުންތައް ކުރަހާނެ ސާމާނެވެ. އަނެއްބައި ކުދިންނަކީ ސާމާނު ހޯދައިގެން އެކަން ކުރަން ބޭނުންވާ ކުދިންނެވެ. ވާދަވެރި ކުޅިވަރުތަކެކޭ އެއްގޮތަށް އާޓް މުބާރާތްތައް ނެތުމަކީ މިފަދަ ކުދިންނަށް އޮތް ކަންބޮޑުވުމެކެވެ. ސަބަބަކީ ހުނަރު ދައްކާލައި ކާމިޔާބީތަކެއް ހޯދޭނެ ގޮތްތަކެއް ނެތުމެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބްރޯޑްކާސްޓް ދުވަހާ ގުޅުވައިގެން މިހާރު ކުރިއަށް ގެންދާ 'ވިޝަންސް އޮފް ދަ ފިއުޗާ' އަކީ ފެންވަރު ރަނގަޅު އިނާމުތަކަކާއި އާޓް ތަޖުރިބާތަކެއް އިނާމުގެ ގޮތުގައި ލިބިގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ކުރެހުންތައް ހުށެހެޅުމުގެ ފުރުސަތު މި މަހު 1-20 އަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުން އާޓް ހުށަހެޅުމަށް ތިން މައުލޫއުއެއް 'ވިޝަންސް އޮފް ދަ ފިއުޗާ'ގައި ވަނީ ކަނޑައަޅާފަ އެވެ. އެއީ:

  • ދަ އިވޮލިއުޝަން އޮފް މީޑީއާ

  • ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗާ

  • ބްރޭކިން ނިއުސް

މި މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ:

  • 6 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރުފުރާ

  • 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ

  • 14 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނާ ގޮތުގައި މި މުބާރާތުގެ މަގުސަދުތަކަކީ: 

  • ބްރޯޑްކާސްޓިން ދާއިރާއަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ރޭޑިއޯ/ޓީވީ ޗެނަލްތަކުން ފޮނުވާ ކޮންޓެންޓަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުން 

  • ކޮންޓެންޓް އުފައްދާ މީހުންގެ ބުރަ މަސައްކަތް ކުޑަކުދިންގެ އަމިއްލަ ހިޔާލުން ސިފަ ކުރާ ގޮތް ދެނެގަތުން

  • ބްރޯޑްކާސްޓިން ދާއިރާއާ ގުޅުވާލާފައި މިފަދަ މުބާރާތެއް އިންތިޒާމް ކުރުމުގެ ބޭނުމަކީ ދަރިވަރުންގެ ފަންނީ ހުނަރު ތަރައްގީކުރުމާއި، ބްރޯޑްކާސްޓިން ދާއިރާއަށް ހޭލުންތެރިކޮށް ދިވެހި ކޮންޓެންޓަށް ޝައުގުވެރިކަން އިތުރު ކުރުން

  • މިކަމުގެ ސަބަބުން ދިވެހި ބަހާއި ދިވެހިންގެ ތާރީހާއި އާދަކާދައަށް ލޯބި ކުރުން އިތުރުވާނެ

'ވިޝަންސް އޮފް ދަ ފިއުޗާ' އާޓް މުބާރާތުގައި ބައިވެރިވެގެން ކްރާފްޓީ ވޯލްޑް އިން ދޭ މި އަގުހުރި އިނާމް ހޯދުމުގެ ފުރުސަތު ލިބޭނެ

މިފަދަ މުބާރާތެއްގައި ބައިވެރިވެ އިނާމު ލިބުމަކީ ކޮންމެ ކުއްޖަކަށް ވެސް ބޮޑު އުފަލަކަށް ވާނެ އެވެ.

މި މުބާރާތް އެހެން މުބާރާތްތަކާާ ތަފާތުވާ ގޮތްތަކެއް ވެސް އެބަހުއްޓެވެ. މުބާރާތުން ވަނަތަކަށް ހޮވޭ ކުދިންނަށް ގިފްޓް ހެމްޕާގެ އިތުރުން އާޓާ ގުޅޭ ތަޖުރިބާތަކެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

'ވިޝަންސް އޮފް ދަ ފިއުޗާ' އާޓް މުބާރާތުގައި ބައިވެރިވެގެން މޫދު ކުޅިވަރާ އެކު އާޓް ކްލާސްތަކެއްއި ބައިވެރިވުމުގެ ފުރުސަތު ސޯލްޓީ ޕީޕަލްގެ ފަރާތުން ލިބޭ

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ބުކްޝޮޕް އަސްރަފީ ބުކްޝޮޕުން ވަނަވަނައަށް ހޮވޭ ކުދިންނަށް ގިފްޓް ހެމްޕާ ދޭނެ އެވެ. މީގެ އިތުރުން، ފެންވަރު ރަނގަޅު އާޓް މެޓީރިއަލް ވިއްކާ ދެ ފަރާތެއް ކަމުގައިވާ މިއުސް އަދި ކްރާފްޓީ ވޯލްޑް އިން ވަނީ މި މުބާރާތަށް އިނާމް ހުށައަޅާފަ އެވެ.

'ވިޝަންސް އޮފް ދަ ފިއުޗާ' އާޓް މުބާރާތުގައި ބައިވެރިވެގެން ދަ ކްލޭ ސްޓޫޑިއޯގެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު

ދެން އޮތީ ތަޖުރިބާގެ ވާހަކަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޮޓަރީ ކްލާސްތައް ހިންގަން ފެށި ދަ ކްލޭ ސްޓޫޑިއޯ މޯލްޑިވްސް އިން ވަނީ ވަނަވަނައަށް ހޮވޭ ދަރިވަރުންނަށް އެތަނުގެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މީގެ އިތުރުން، ހުޅުމާލޭގެ ގޮނޑުދޮށުގައި އާޓައި ކްރާފްޓް ކްލާސްތައް ހިންގާ ސޯލްޓީ ޕީޕަލް އިން އެ މީހުންގެ ކްލާސްތަކާއި މޫދު ކުޅިވަރާ އެކު ދޭ އިނާމްތަކެއް ވަނީ ކަނޑައަޅާފަ އެވެ.

ބްރޯޑްކާސްޓް ދުވަސް ފާހަގަ ކުރުމަށް މި މުބާރާތުގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް 'ބްރޯޑްކާސްޓް ކަޕް'ގެ ނަމުގައި ފުޓްސަލް މުބާރާތެއް 11-12 އޮކްޓޫބަރުގައި ބާއްވާފަ އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޕީއެސްއެމް ނިއުސް އެވެ.

ކޮމެންޓް (1)

profile-image-placeholder

ހަމްކޮ

19 އޮކްޓޯބަރު 2024
ތިހުރީ ވަރަށް ބޭނުންތެރި އިނާމްތަކެއް. ނަމަވެސް ބައިވެރިވެވެން ތިހުރި އުމުރުފުރައަކަށް މިހާރު ނުފެތޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް