މަސައްކަތުގެ މާހައުލުގައި ވެސް އޯގާތެރިކަން އިސްކުރަންވޭ

މިކަން ކުރެވެން އޮތީ އެހެން މީހުންގެ އިހްސާސްތައް ދަންނަ މީހަކަށް ވެގެން. މަސައްކަތުގެ މާހައުލުގައި އޯގާތެރި އަދި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް ކުދިކުދި ކަންކަމުން ވެސް ފެށިދާނެ
17 އޮކްޓޯބަރު 2024
1

މަސައްކަތުގެ މާހައުލުގައި އޯގާތެރިކަމަކީ ކޮންމެހެން މުހިއްމު އެއްޗެކެވެ. އެކަމަކު އާއްމު ވިސްނުމަކީ މަސައްކަތުގެ މާހައުލުގައި މީހާ އެހެން މީހުންނަށް އޯގާތެރިވާ ނަމަ އެއީ އެ މީހެއްގެ ބަލިފައެއް ކަމެވެ.

މަސައްކަތުގެ މާހައުލުގައި އޯގާތެރި މީހެއް ނަމަ އެހެންމީހުން ތިމާ ސީރިއަސްކޮށް ނުނަގާކަން އެއީ އާއްމު ވިސްނުމެވެ. ވަޒީފާގެ ކުރިއެރުން ހޯދުން، މުސާރަ ބޮޑުކުރުން ނުވަތަ މުހިއްމު ނިންމުންތައް ނިންމާ އިރު، އޯގާތެރި މީހެއް ނަމަ ތިމާގެ ހިޔާލު ބަލައިނުގަނެ، އެހެން މީހުން ތިމާއަށް ބޭނުން ގޮތެއް ހަދައި ތިމާގެ އޯގާތެރިކަން އެއީ ބަލިފައި ކަމުގައި ދުށުމަކީ އާއްމުކޮށް އޯގާތެރިކަމާ ގުޅިގެން އޮންނަ ކުށްހީތަކެވެ. 

މަސައްކަތުގެ މާހައުލުގައި އޯގާތެރިވުމަކީ ބަލިފައެއް ކަމަށް ގަބޫލުކުރުމަކީ ކުށްހީއެއް

ނަމަވެސް، ދިރާސާތަކުން ބުނާ ގޮތުގައި މަސައްކަތުގެ މާހައުލުގައި އެހެން މީހުންނަށް އޯގާތެރިވާ ނަމަ، ލިބޭ ކުރިއެރުމާއި ކާމިޔާބީ މާ ބޮޑެވެ. މިފަހުގެ ދިރާސާއަކުން ބުނާ ގޮތުގައި ސީއީއޯއިން އެ މީހުންގެ އަމިއްލަ ކާމިޔާބީއަށް ވުރެ ބޮޑަށް މުޅި ކުންފުނީގެ ކާމިޔާބީތައް އިސްކުރާ ނަމަ އެކަމުގެ ސަބަބުން ކުންފުންޏަށް ލިބޭ ފައިދާ ބޮޑެވެ.

ޕްރޮފެސަރު އެޑަމް ގްރާންޓް ކިޔައިދެނީ މަސައްކަތުގެ މާހައުލުގައި އޯގާތެރިކަން އިސްކޮށްގެން ކާމިޔާބު ހޯދާނެ ގޮތެވެ. އެއީ ވަޒީފާގައި އުޅޭ އިރު، އަމިއްލަ އެދުން އިސްކުރުމުގެ ބަދަލުގައި ދީލަތިކަން އިސްކޮށްގެންނެވެ.

ދީލަތިވާންވީ ވަކި ހައްދުތަކެއް ހުރެ އެވެ. މިސާލަކަށް އަބަދު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލަ ނަފްސަށް ވެސް އަޅާލަންވެ އެވެ.

"ދީލަތިވިޔަސް ހައްދެއް ގެންގުޅެންވޭ. ތިމާއަށް ލިބޭ ކޮންމެ ރިކުއެސްޓަކަށް އާނ ބަސް ބުނުމުގެ ބަދަލުގައި، އެންމެ ބޮޑު އަސަރެއް ނުވަތަ އެންމެ ފައިދާ ބޮޑުވާނެ ކަންކަމުގައި، ނުވަތަ މުޅި އޯގަނައިޒޭޝަނަށް ފައިދާވާނެ ކަންކަމުގައި އާނ ބަސް ބުނާށެވެ. އަދި ފަސޭހައިން ހަރަދުކުޑަކޮށް ކުރެވޭ ކަންކަމުގައި އާނ ބަސް ބުނެ އެހެން މީހުންނަށް ފަސޭހަކޮށް ފަހިވާ ގޮތަށް މަސައްކަތް ރާވާށެވެ،" އެޑަމް ގްރާންޓް ލިޔެފައިވެ އެވެ.

މަސައްކަތުގެ މާހައުލުގައި އޯގާތެރިކަން އެކަކު އަނެކަކުގެ ކިބައިން ފަސޭހައިން ފެތުރޭ

މަސައްކަތުގެ މާހައުލުގައި އޯގާތެރިކަން އިސްކުރާ ނަމަ އެކަން ވަރަށް އަވަހަށް ފެތުރިގެންދެ އެވެ. ތިމާގެ ނަމޫނާ ބަލައިގަނެ އެހެން މީހުން ވެސް އޯގާތެރިކޮށް އަމަލު ކުރެ އެވެ.

ސަތޭކައެއްހާ މުވައްޒަފުން އުޅޭ ކުންފުންޏެއްގައި މުވައްޒަފުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން މިކަން ހާމަވެ އެވެ. ދިރާސާގައި ތިން ގުރޫޕަކަށް މުވައްޒަފުން ބެހި އެވެ. އެއީ:

  • ގިވާސް (ގުރޫޕް 1)

  • ރިސީވާސް (ގުރޫޕް 2)

  • ކޮންޓްރޯލް ގުރޫޕް (ގުރޫޕް 3)

މި ދިރާސާގައި ގިވާސް ގުރޫޕަށް ދީފައިވާ އިރުޝާދަކީ، ހަތަރު ހަފްތާ ތެރޭ ރިސީވާސް ނުވަތަ ގުރޫޕް 2 ގައި ހިމެނޭ ބަޔަކަށް އޯގާތެރިވެ ވަކި ހާއްސަ ފަސް ކަމެއް ކުރުމެވެ. އަދި މިއީ ދިރާސާއެއްގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އެހެން މީހުންނަށް ނޭންގުމެވެ.

މިއާ އެކު ގިވާސް (ގުރޫޕް 1) އަދި ރިސީވާސް (ގުރޫޕް 2) މަސައްކަތުގެ މާހައުލުގައި ތަޖުރިބާކުރާ އުފާވެރިކަން ދިޔައީ ދެ މަސްތެރޭ ކޮންޓްރޯލް ގުރޫޕަށްވުރެ އިތުރުވެގެންނެވެ. އަދި ދިރާސާވެރިންނަށް މުހިއްމު އިތުރު ކަމެއް ވެސް ފާހަގަވެގެން ދިޔަ އެވެ: އެހެން މީހުންގެ ފުށުން ދީލަތިކަމާއި އެހީތެރިކަން ލިބުނު މީހުން އެކަން ތަކުރާރުކުރަން ފެށި އެވެ.

މަސައްކަތުގެ މާހައުލުގައި އޯގާތެރިކަން ކުރިއަރުވަން އަޅާނެ ފިޔަވަޅުތައް

ކުދިކުދި ކަންކަން ކޮށްގެން އޯގާތެރި ސަގާފަތެއް ދެމެހެއްޓިދާނެ

ކުދިކުދި ކަންކަމުން ވެސް މަސައްކަތުގެ މާހައުލުގައި އޯގާތެރި އަދި އެހެން މީހުންނަށް  އެހީތެރިކަން ފޯރުކޮށްދޭ ސަގާފަތެއް ފެށިދާނެ އެވެ. އެކީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިނިތުންވެލުން، ޝައުގުވެރިކަން ފާޅުކުރުން އަދި ޝުކުރުވެރިވުން ފަދަ ކަންކަމުން މި ސަގާފަތް ދެމެހެއްޓިދާނެ އެވެ. މިއީ މާބޮޑު ހަކަތައެއް އަދި ވަގުތެއް ހޭދަވާ ކަމެއް ނޫނެވެ.

މީގެ އިތުރުން، މިސާލަކަށް:

  • 1-

    އެކީގައި މަސައްކަތް ކުރާ މުވައްޒަފަކާ ގުޅޭގޮތުން ރީތިކޮށް ވާހަކަ ދައްކާލުން

  • 2-

    މަސައްކަތުގައި ކަމެއް ނުވެގެން އުޅޭ މުވައްޒަފަކަށް އެކަމެއް ކުރުމަށް އެހީތެރިކަން އަދި އެއްބާރުލުން ފޯރުކޮށްދިނުން

  • 3-

    ހިތްވަރު ދިނުމުގެ އީމެއިލްއެއް ފޮނުވާލުން

  • 4-

    މީހަކު ތަމްރީން ކުރުމަށް އެހީތެރިވުން

  • 5-

    އެކީގައި މަސައްކަތް ކުރާ މީހަކަށް ކިޔާލަން އޭނާ ޝައުގުވެރިވާ ފޮތެއް ފަދަ އެއްޗެއް ދިނުން

މަސައްކަތުގެ މާހައުލުގައި އޯގާތެރިކަން ކުރިއަރުވަން މަސައްކަތް ކުރަންވީ  އެންމެ ފަހަރަކު ނޫން

މިކަން ކުރަންވީ އެންމެ ފަހަރަކުއެއް ނޫނެވެ. މަދުވެގެން ފަސް ފަހަރު ކުރެވޭތޯ ބަލާށެވެ.  މީހަކަށް އޯގާތެރިވުމުގެ ގޮތުން ކުރާ ކަމެއް ދުވާލަކު އެއް ފަހަރު އެކަަކަށް ކޮށްދިނުމުގެ ބަދަލުގައި ފަސް މީހަކަށް އެކަމެއް ތަކުރާރުކުރުމުން ނުކުންނަ ނަތީޖާ ދިރާސާވެރިން ހޯދި އެވެ. 

އޯގާތެރިކަން އިސްކުރަން މަސައްކަތް ކުރަންވީ އެއް ފަހަރަކު ނޫން

މިކަމުގެ ނަތީޖާ ހީވެސް ނުކުރާހާ ތަފާތެވެ. އެންމެ ކަމެއް ކޮށްލައިގެން މީހެއްގެ މޫޑަށް އެދެވޭ ބަދަލު ނަޔަސް، ހަފްތާއެއް ތެރޭ ފަސް މީހުންނަށް އޯގާތެރިވެ ދީލަތިކަން ފޯރުކޮށްދީފި ނަމަ އެކަމުގެ ސަބަބުން ކުރާ އަސަރު ބޮޑެވެ.

އަދި މިކަމުގެ ސަބަބުން އެ އެހީތެރިކަން ލިބޭ މީހުން އެ މީހުންނަކީ އެހެން މީހުން ބަލައިގަނެ އަގުވަޒަން ކުރާ ބައެއްގެ ގޮތުގައި ދެކެ އެވެ.

އޯގާތެރިކަމުގެ ޗެމްޕިއަނަކަށް ވާނީ ކިހިނެއް؟

މަސައްކަތުގެ މާހައުލަކީ ތަފާތު ގިނަ ގޮންޖެހުންތައް ކޮންމެ ދުވަހަކުވެސް އެކި ގޮތްގޮތަށް ކުރިމަތިލާން ޖެހޭ ކަމެކެވެ. އަބަދަކު އެންމެ ހިތްހަމަޖެހޭ ގޮތަށް ކަންކަން މެދުވެރިއެއް ނުވާނެ އެވެ. ރުހޭ ކަންކަމާއި ނުރުހޭ ކަންކަން މެދުވެރިވެ އެވެ. އެހެންކަމުން އޯގާތެރިކަން އިސްކޮށް އެކަހަލަ ސަގާފަތެއް މަސައްކަތުގެ މާހައުލުގައި ދަމަހައްޓަން ވަގުތާއި ވިސްނުންތެރިންކަން ހޭދަ ކުރަންޖެހޭނެ އެވެ. ފަސޭހަ ކަމަކަށް ވެސް ނުވެދާނެ އެވެ. އެކަމަކު މިއީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. ކުރަންވާ ކަމެކެވެ.

އިހްތިރާމް ކުރުން މުހިއްމު

މަސައްކަތުގެ މާހައުލުގައި އިހްތިރާމް ދީ، ލިބިގަތުން މުހިއްމި

އިހްތިރާމް ކުރުމަކީ އިހްތިރާމް ލިބޭ ކަމެކެވެ. މުވައްޒަފުން އެ މީހުންގެ މައްޗަށް ތިބި ވެރިންގެ ފަރާތުން އެންމެ ބޮޑަށް ބަލާ އެއް ކަމަކީ އިހްތިރާމް ކުރޭތޯ އެވެ. ހަމަ އެގޮތަށް މުވައްޒަފުން ވެސް ވެރިންނަށް އިހްތިރާމް ކުރަންވެ އެވެ. އިހްތިރާމް ލިބޭ ނަމަ، ނިއުރޯސައިންސް ދިރާސާތަކުން ބުނަނީ، މަސައްކަތުގެ މާހައުލުގައި އެމީހަކަށް ރައްކާތެރިކަން އިހްސާސް ކުރެވޭ ކަމަށެވެ. ސިކުނޑީގައި ހުންނަ ރައްކާތެރިކަމުގެ ނެޓްވޯކްތައް އެކްޓިވޭޓްވެ އަމިއްލަ ގޭގައި އުޅޭ ކަމުގެ އިހްސާސް ކުރެވެ އެވެ.

އަދި މިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލަކީ އެ މީހަކަށް ފަސޭހަ މާހައުލަކަށް ބަދަލުވެގެންދެ އެވެ. މަސައްކަތް ކުރަން ފަސޭހަވެ އުފެއްދުންތެރިކަން އިތުރުވެގެންދެ އެވެ. އެހެންކަމުން މަސައްކަތުގެ މާހައުލުގައި އޯގާތެރިކަން ފެށެނީ އިހްތިރާމް ކުރުމުންނެވެ.

އިހްތިރާމްގެ ދެ ވައްތަރެއްވެ އެވެ. ލިބެންޖެހޭ އިހްތިރާމާއި އެހެން މީހުންގެ ފަރާތުން ހޯދަންޖެހޭ އިހްތިރާމެވެ. މި ދޭތި ބެލެންސް ވާން ޖެހެ އެވެ. އަދި މިކަން ކުރެވޭ ނަމަ މިހާރު ތިއީ އިހްތިރާމްގެ މާސްޓަރެކެވެ.

ހޯދަންޖެހޭ އިހްތިރާމްގެ ތެރޭގައި ހިމެނެނީ ތިމާގެ އަމަލުތަކުގެ ސަބަބުން އެހެން މީހުން ތިމާއަށް ކުރާ އިހްތިރާމެވެ. މިގޮތުން، ވާހަކަ ދައްކާ އިރު ބޭނުން ކުރާ ރާގު، ވާހަކަ ދައްކާއިރު މީހާގެ ނޮން ވާބަލް ކޮމިއުނިކޭޝަން، ނުވަތަ މީހާގެ ވާހަކައިގެ އިތުރުން މީހާގެ ފުށުން އަނެކާ އަށް މީހާ ފެންނަ ގޮތް ހިމެނެ އެވެ. އަދި އެހެން މީހުންގެ ވާހަކަތައް ރަނގަޅަށް އަޑުއެހުމާއި އެހެން މީހުންނާ ވަސީލަތްތައް ހިއްސާ ކުރުން ހިމެނެ އެވެ.

ލިބެންވާ އިހްތިރާމްގެ ތެރޭގައި ހިމެނެނީ މީހުންނަށް ކަންކަމުގައި ދޭ ފީޑްބެކް، މަސައްކަތުގެ އަގުވަޒަން ކުރުން ފަދަ ކަންކަމެވެ.

ދިރާސާތަކަށް ބަލާއިރު، 88% މީހުން ބުނާ ގޮތުގައި މަސައްކަތުގެ މާހައުލުގައި އެހެން މީހުންނަށް ޝުކުރުވެރިވާ ނަމަ އެކަމުގެ ސަބަބުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން ބޮޑެވެ. އެހެން ނަމަވެސް މަސައްކަތުގެ ދުވަހެއްގައި އެކީގައި މަސައްކަތް ކުރާ މީހުންނަށް ޝުކުރުކުރަނީ އެންމެ %10 މީހުންނެވެ.

ގުޅުން ދެމެހެއްޓުން މުހިއްމު

މަސައްކަތުގެ މާހައުލުގައި އިހްތިރާމް މުހިއްމުވާ ގޮތަށް ގުޅުންތައް ދެމެހެއްޓުން މުހިއްމެވެ. އެކީގައި މަސައްކަތް ކުރާ މީހުންގެ ހާލަތު ބަދަލު ކުރުމަށް އެހީވާ އެހީވުމުގެ ސަބަބުން ގުލުންތައް ދަމަހައްޓައި ދެ އެވެ.

އެހެން މީހުންގެ އިހްސާސްތައް ދެނެގަތުން 

އޯގާތެރިކަން އިސްކޮށް އެހެން މީހުންނަށް ހިތްވަރުދޭ މާހައުލެއް މަސައްކަތުގެ މައިދާނުގައި ކޮނެމެހެންވެސް މުހިއްމެވެ. ގުޅުންތައް ދެމެހެއްޓުން މުހިއްމެވެ. މިކަން ކުރެވެން އޮތީ އެހެން މީހުންގެ އިހްސާސްތައް ދަންނަ މީހަކަށް ވެގެންނެވެ. އެކީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޭނުންތަކާއި މަގުސަދުތައް ތިމާއާ ތަފާތު ވެދާނެ އެވެ. އެކަމަކު އެ މީހުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަންނަންވެ އެވެ.

މަސައްކަތުގެ މާހައުލުގައި އަނެކާގެ އިހްސާސްތައް ދެނެގަންނަންވޭ

އެހެން މީހުންގެ އިހްސާސްތައް ދަންނަ މީހަކަށް ވެވޭނީ އެހެން މީހުންގެ އިހްސާސްތައް ރަނގަޅަށް އަޑުއަހައިގެންނެވެ. އެކީގައި މަސައްކަތް ކުރާ މުވައްޒަފަކު ވާހަކަ ދައްކާއިރު ބޯޖަހާ އަޑުއަހާ، ތިމާގެ އަމިއްލަ އިބާރާތުން އޭނާ އެ ދައްކާ ވާހަކަ ސިފަކޮށް އަދި އޭނާއާ ސުވާލު ވެސް ކޮށްގެންނެވެ.

ހަމްދަރުދީ

އެހެން މީހުންގެ އިހްސާސްތައް ދަންނަ މީހެއްކަމުގައި ވުމޭ ބުނުމުން "އެމްޕަތީ" އަދި "ކޮމްޕެޝަން" މިއީ ވަރަށް އާއްމުކޮށް އިވޭ ދެބަހެވެ. ބައެއް ފަހަރު އެއްބަސް އަނެއް ބަހުގެ ބަދަލުގައި ވެސް ބޭނުން ކުރެ އެވެ. އެމްޕަތީ އާއި ކޮމްޕެޝަން ތަފާތުވާ ގޮތަކީ، އިހްސާސްތައް ދަންނަ ނަމަ އެކަން ސިފަން ކުރުމަށް 'އެމްޕަތީ' މި ބަސް ބޭނުން ކުރިޔަސް 'ކޮމްޕެޝަން' ސިފަކުރަނީ އަނެކާގެ އިހްސާސް ދެނެގަތުމާ އެކު އެހީތެރިވާން ބޭނުން ނަމަ އެވެ.

އެހެންކަމުން އަމަލީ ގޮތުން އަނެކާއަށް އެހީވުން މީގައި ހިމެނެ އެވެ. މުވައްޒަފުން އެ މީހުންގެ މަސައްކަތުގެ މާހައުލުގައި ކޮމްޕެޝަން އޮންނަ ކަމަށް ބުނާ ނަމަ، މަަސައްކަތުގެ މާހައުލުން ވަރަށް ޕޮޒިޓިވް އިހްސާސްތަކެއް ކުރެ އެވެ. އަދި އޯގަނައިޒޭޝަނަށް އޮންނަ ލޯބި ބޮޑެވެ.

ޖެހޭ މައްސަލަތައް ރަނގަޅަށް ހައްލުކުރުން

ވަރަށް ގިނަ މީހުންނަކީ މަސައްކަތުގެ މާހައުލުގައި ގަނާކުރުން ކޮންމެވެސް އެއް ސިފައެއްގައި ތަޖުރިބާކުރާ ބަޔެކެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލުން އުނދަގޫ މީހުންނާ ދިމާވެ އެވެ. މިކަމުގެ ސަބަބުން މީހާއަށް ބޮޑެތި އަސަރުތަކެއް ކުރެ އެވެ. އަދި މިކަން ގޯސްވަނީ މިކަން ކުރިމަތިވާ ފަރާތަށް މަސައްކަތުގެ މާހައުލުން ދުވަސް ނިންމާލާފައި ގެއަށް ދާ އިރު ވެސް އެކަމުގެ އަސަރުތައް މީހާގެ ސިކުނޑީގައި ހުންނާތީ އެވެ.

މަސައްކަތުގެ މާހައުލުގައި އަަބަދު މައްސަލަ ޖެހި، މަސްރަހު ގޯސް ނަމަ އެކަމުގެ ސަބަބުން މުޅި އޯގަނައިޒޭޝަނަށް އަސަރު ކުރެ އެވެ. މުވައްޒަފުންގެ މޯޓިވޭޝަނަށް އަސަރުކުރެ އެވެ. މަސައްކަތަށް ދޭންވާ ސަމާލުކަން ކުޑަވެ އެވެ. ގިނައިން ސަލާމް ބުނެ އެވެ. އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށް ހުރަސް އެޅި މީހާގެ ކްރިއޭޓިވިޓީ ބޭނުން ކުރުން ދަށްވެ އެވެ. އެހެންކަމުން މައްސަލަތައް ގިނަވެ ގަނާކުރުމުގެ ސަގާފަތް ބޮޑު ނަމަ، އެކަމުގެ އަސަރު އޯގަނައިޒޭޝަނަށް ބޮޑަށް ކުރެ އެވެ.

މަސައްކަތުގެ މާހައުލުގައި މައްސަލަ ޖެހުން އެއީ ނުވާނެ ކަމެއް ނޫން، އެކަމަކު ޖެހޭ މައްސަލަތައް ރަނގަޅަށް ހައްލުކުރަންވޭ

މައްސަލަތައް ބޮޑު ނަމަ އެކަން ހަމަޖައްސައި އެހެން މީހުންނާ އޮންނަ ގުޅުންތައް ދަމަހައްޓަން ގިނަ ހަަކަތަ ހޭދަ ކުރަންޖެހެ އެވެ. އެކަމަކު ގިނަ މީހުން އެއް ތަނެއްގައި މަސައްކަތް ކުރާ އިރު އެއްވެސް މައްސަލައެއް ނުޖެހި ދިއުމަކީ ވެސް ނާދިރު ކަމެކެވެ. ކޮންމެ މީހެއްގެ ވެސް ހިޔާލު ތަފާތުވާނެ އެވެ.

މަސައްކަތުގެ މާހައުލުގައި މާފު ކުރުމުގެ ސަގާފަތެއް އޮންނަންވެ އެވެ. އަބަދުވެސް އުނދަގޫ ހާލަތްތަކުން އަރައިގަންނަންވެ އެވެ. އަދި ޖެހޭ މައްސަލަތަކުގައި ތިމާގެ ހިއްސާއެއް އޮތް ނަމަ، މާފަށް އެދޭށެވެ. ބައެއް މީހުން ބުނާގޮތުގައި މާފަށް އެދުން މިއީ ތިމާގެ ބަލިކަށިކަން އަމިއްލައަށް ގަބޫލު ކުރެމެވެ. އެކަމަކު ބަދަލުގައި ދަންނާށެވެ. މިއީ މުވައްޒަފުން ތިމާއަށް ކުރާ އިތުބާރު ބޮޑުވާ ކަމެކެވެ. މަސައްކަތުގެ މާހައުލުގައި އުފާވެރިކަން ޕްރޮމޯޓްވާ ކަމެކެވެ. މަސައްކަތު މާހައުލުގައި އިހްތިރާމް އިތުރުވެ އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ފަސޭހަވާ ކަމަކެވެ.

ކޮމެންޓް (1)

ހަމްކޮ

17 އޮކްޓޯބަރު 2024
ކިޔާލަން ވަރަށް ރަނގަޅު އަދި މުހިއްމު ލިޔުމެއް. ގިނަ މައުލޫމާތުތަކެއް ލިބިއްޖެ. ޝުކުރިއްޔާ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް