ކޮންމެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ދުރު ފެންނަނީ ނުސާފުކޮށް
ދިވެހި މައިންބަފައިންނަށް ވެސް މިއީ ވިސްނާލަން ޖެހޭ ހަބަރެކެވެ.
ކުޑަކުދިންގެ ލޮލުގެ ބާރު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ކޮންމެ ތިން ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކަށް ދުރު ފެންނަނީ ނުސާފުކޮށެވެ. އިނގިރޭސި ބަހުން ނަމަ ޝޯޓް-ސައިޓެޑް އެވެ. މިއީ މުޅި ދުނިޔޭގައި ހިންގި ދިރާސާއަކުން ފެނުނު ހަގީގަތެކެވެ.
ދިރާސާވެރިން ބުނާ ގޮތުގައި މިހާ ބޮޑު ބަދަލެއް ކުޑަކުދިންގެ ފެނުމަށް އައުމުގެ އެއް ސަބަބަކީ ކޮވިޑްގެ ތެރޭގައި ގޭގައި ތިބެގެން މާ ގިނައިން ސްކްރީންގައި ވަގުތު ހޭދަކުރުމެވެ.
މި ދިރާސާގައި ވަނީ އިންޒާރެއް ވެސް ދީފަ އެވެ. އެއީ 2050 އަންނަ އިރު ދުރު ނުސާފުވުމުގެ މައްސަލަ ކުރިމަތިވާ ކުދިންގެ އަދަދަށް އެތައް މިލިއަނެއް އިތުރުވެ، ދުނިޔޭގެ ސިއްހީ ބޮޑު މައްސަލައަކަށް އެކަން ވެދާނެކަމެވެ.
މި މައްސަލަ އެންމެ ގޯހީ (ދިވެހިރާއްޖެ ވެސް މި އޮތް) އޭޝިއާ ސަރަހައްދުގަ އެވެ. އެގޮތުން ޖަޕާންގެ %85 ކުދިން، ސައުތު ކޮރެޔާގެ %73 ކުދިން އަދި ޗައިނާގެ %40 ކުދިންނަށް ދުރު ފެންނަނީ ނުސާފުކޮށެވެ.
މި ކުދިންނަށް އޮންނަ ހައްލަކީ އައިނު އެޅުމެވެ.
މި ދިރާސާ ބިނާކުރީ ހަ ކޮންޓިނެންޓްގެ 50 ގައުމެއްގެ 5 މިލިއަން ކުދިންނާއި ފުރާއުމުރުގެ ކުދިންގެ ހާލަތަށެވެ.
ދިރާސާއިން އެނގުނީ ކުޑަކުދިންގެ މެދުގައި ދުރު ނުސާފުވުމުގެ މައްސަލަ 1990އިން ފެށިގެން 2023އަށް ތިން ގުނައަށް ނުވަތަ %36އަށް ބޮޑުވެފައިވާކަމެވެ.
ދިރާސާވެރިން ބުނާ ގޮތުގައި ކޮވިޑްއާ ގުޅިގެން އެ މައްސަލަ އާދަޔާ ހިލާފަށް މައްޗަށް ދިޔަ އެވެ.
ދުރު ނުސާފުވުމުގެ މައްސަލަ އާންމުކޮށް ފެށެނީ ޕްރައިމަރީ ތައުލީމުގެ ދުވަސްވަރު އެވެ. ލޮލުގެ ބޮޑުވުން އުމުރުން ގާތްގަނޑަކަށް 20 އަހަރުގައި ހުއްޓެންދެން އެ މައްސަލަ ގޯސްވަމުން ދެ އެވެ.
ކުޑަކުދިންގެ ލޮލަށް މި ބަދަލު އަންނަން ދިމާވާ ސަބަބުތަކަށް ބަލާއިރު، މިސާލަކަށް އިރުމަތީ އޭޝިއާގެ ކުދިންނަށް މި މައްސަލައާ ކުރިމަތިވުން، އެހެން ހިސާބުތަކުގެ ކުދިންނަށް ވުރެ ކައިރި އެވެ.
ދެން ހުރި ސަބަބުތަކުގެ ތެރޭގައި މައިންބަފައިންގެ ފަރާތުން ވާާރުތަވުން ހިމެނެ އެވެ. އެއީ ޖެނެޓިކް މައްސަލައެކެވެ.
މާ ކުޑައިރު ކިޔަވަން ފެށުމަކީ ވެސް (މިސާލަކަށް އުމުރުން ދެ އަހަރު) ދުރު ނުސާފުވުމުގެ ހާލަތު ކުރިމަތިވާ ސަބަބެއް ކަން، ދިރާސާއިން ދައްކަ އެވެ. އޭގެ މިސާލު ނެގީ ސިންގަޕޫރާއި ހޮންކޮންގުންނެވެ.
މާ ކުޑައިރު ކުޑަކުދިން ކިޔެވުމުގެ ތެރެއަށް ވެއްދުމުގެ އާދަ ރާއްޖޭގައި ވެސް ދަނީ ބޮޑުވަމުންނެވެ. އެހާ ކުޑައިރު ފޮތް ކިޔުމާއި ސްކްރީންގައި ވަގުތު ހޭދަކުރުމުން ލޮލުގެ މަސްތަކަށް ނުރަނގަޅު އަސަރުކޮށް ދުރު ނުސާފުވާން ފަށަ އެވެ.
އެހާ ކުޑައިރު ކިޔެވުން ފަށާ ގައުމުތަކާއި ތަންކޮޅެއް ލަހުން ކިޔަވުން ފަށާ ގައުމުތަކުގެ ކުދިންގެ މެދުގައި މި މައްސަލަ އޮތް ގޮތް ވެސް، ދިރާސާއިން ވަރަށް ސާފެވެ. މިސާލަކަށް އެފްރިކާ ކުދިންގެ މެދުގައި އެ މައްސަލަ، އޭޝިއާއަށް ވުރެ ހަތް ގުނަ ދަށެވެ. އެފްރިކާގައި ކުޑަކުދިން ސްކޫލް ކިޔެވުން ފަށަނީ އުމުރުން ހަ އަހަރުގަ އެވެ.
ދެ ޖިންސްގެ މެދުގައި ވެސް ތަފާތު އެބަ ހުއްޓެވެ. މިސާލަކަށް އަންހެން ކުދިން ނުވަތަ ޒުވާން އަންހެނުންނަށް ދުރު ނުސާފުވުމުގެ މައްސަލަ ކުރިމަތިވުން ފިރިހެން ކުދިންނަށް ވުރެ ކައިރި އެވެ. އޭގެ ސަބަބަކީ އަންހެން ކުދިންނަށް ވުރެ ފިރިހެން ކުދިން ސްކޫލްގެ ހަރަކާތްތަކުގައި ބޭރުގައި ވަގުތު ހޭދަކުރާލެއް ގިނަވުމެވެ.
ދަރިފުޅަށް ދުރު ފެންނަނީ ނުސާފުކޮށްކަން އެނގޭނެ ބައެއް ނިޝާންތައް
-
ދުރުން ފެންނަ ލިޔުންތައް ކިޔަން އުނދަގޫވުން. މިސާލަކަށް ސްކޫލްގެ ވައިޓް ބޯޑުގައި ލިޔެފައި ހުންނަ އެއްޗެހި
-
ޓީވީ ބަލާއިރު ނުވަތަ ކޮމްޕިއުޓަރު ބޭނުންކުރާ އިރު ވީހާވެސް ކައިރީގައި ތިބެން ބޭނުންވުން
-
ބޮލުގައި ރިއްސުން
-
ގިނައިން ލޯ ހިރުވުން
ދަރިފުޅުގެ ލޮލުގެ ހައްގުގައި ކުރެވޭނީ ކޮން ކަމެއް؟
ދުރު ނުސާފުވުމުގެ މައްސަލައިން ދުރުވެވިދާނެ ބައެއް ކަންކަން ބައެއް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. އެގޮތުން:
-
ހާއްސަކޮށް އުމުރުން ހަ އަހަރާއި ހަތް އަހަރުގެ ކުދިން ގެއިން ބޭރުގައި ދުވާލަކު މަދުވެގެން ދެ ގަޑިއިރު ހޭދަކުރުން
-
އުމުރުން ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންގެ ލޮލުގެ ޓެސްޓް ހެދުން. އެއަށް ވުރެ ކުޑައިރު ލޯ ޗެކްކޮށްފައި ވިޔަސް މި އުމުރުގައި ޓެސްޓް ހެދުން މުހިންމު
ކޮމެންޓް