ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ ރަސްމިއްޔާތެއްގައި: އެމަނިކުފާނު އަވަހާރަވީ އާންމުންގެ ފަރާތުން ލިބުނު އަނިޔާގައި 19 ޖެނުއަރީ 1954 ގައި.
ތާރީހުގެ ތެރެއިން: އަމީންގެ ހަބަރު ޓައިމް މަޖައްލާއިން
އެމެރިކާގެ މަޝްހޫރު މަޖައްލާ 'ޓައިމް'ގައި ކުރީގެ ރައީސް މުހައްމަދު އަމީންގެ އަވަހާރަވުމާ ބެހޭ އެ ލިއުން ލިއެފައި އޮތްލެއް ފުރިހަމަ އެވެ. ކުރުކޮށް އެހާމެ ފޮންޏެވެ.
މާ ބޮޑު ހާސަރެއް ބޭނުމެއް ނުވެ އެވެ. ކުރުކޮށް ބުނާ އެއްޗެއް ވެސް ފުރިހަމަކަމާ އެކު ބުނެލީމާ ކިޔުންތެރިޔާއަށް ހުންނާނީ މައުލޫމާތު ފޯރުކޮށްދެވިފަ އެވެ. ލިއުންތެރިކަމަކީ ވެސް ފަންނެއް ކަމުން އެ ފަންނުގެ ވެރިންނަށް އޭގެ ހުރިހާ ކޮޅެއް ވެސް އެނގޭނެ އެވެ.
ތިރީގައި އެވަނީ 1 ފެބްރުއަރީ 1954ގައި ޓައިމްއިން ގެނެސްދިން އެ ލިއުމުގެ ތަރުޖަމާ އެވެ. ހަމައެކަނި މިހާރުގެ ކިއުންތެރިންގެ މައުލޫމާތަށެވެ.
"އެތައް ސަތޭކަ އަހަރެއް ވީ ދިވެހި ރަސްކަން ނިމުމަކަށް ގެނެސް ރާއްޖޭގެ ފުރަތަމަ ރައީސްއަށް މުހައްމަދު އަމީން ދީދީ އިންތިހާބުކުރުމާ އެކު ހެން އެއީ ހެދުނު ގޯހެއް ކަމަށް ދިވެހިންނަށް އިހުސާސްވި އެވެ. އަމީންގެ އިސްލާހީ ގިނަ ރޭވުންތަކެއް ހުއްޓެވެ. އޭނާ ދިވެހި އާ ގައުމީ ސަލާމް ލިއުއްވި އެވެ. އަންހެނުން ބޭރަށް ނެރުނެވެ. ދިގު ހެދުން ފަރުމާކޮށް ބޭނުންކުރަން ފެށި އެވެ. ފިރިހެނުންނަށް ބާރު އަޅައިގެން އަންހެނުން މަޖިލިހަށް އިންތިހާބުކުރުވި އެވެ. އެކަހެރިކޮށް އޮތް ރާއްޖެއަށް އަހަރަކު ޒިޔާރަތްކުރާ ބޭރު މީހުންގެ އަދަދު ދޮޅަހަކަށް ވުރެ ގިނަ ނުވިޔަސް، އަތްތެރިމަސައްކަތުގެ ފިހާރައެއް ހުޅުވި އެވެ.
އެކަމަކު ކާޑަށް ޖެހެމުގެ އުނދަގުލުން ރައްޔިތުން ސަލާމަތްކުރަން ރައީސްއަށް ކުރެއްވުނު ކަމެއް ނެތެވެ. އޭގެ ބަދަލުގައި ހަމަ ކުރީގެ އާދައެއްގެ ގޮތަށް ސިލޯނަށް ދިގު ދަތުރުތަކެއް ކުރެއްވުން ކުރިއަށް ގެންދެވި އެވެ. އަހަރަކު ދެ ފަހަރު ޑެންޓިސްޓަށް ދައްކަން (ލަންޑަނަށް) ވަޑައިގަނެ އެވެ. މި ހުރިހާ ކަމެއްގެ އިތުރުން ރަސްކަލެކޭ އެއްގޮތަށް ރައީސްގެ ވެސް އަނިޔާވެރިކަން ބޮޑެވެ. އަމުރު އަންނަނީ ހަޅޭއްލެވުމުގެ ތެރެއިންނެވެ. ދެވަނަ ވިސްނުމެއް ނެތި ހުރިހާ ކަމަކަށް ބޯލަނބަން އެންމެ އަރިސް ބޭފުޅުންނަށް ވެސް މަޖުބޫރުކުރުވި އެވެ. އާދައިގެ ކުދިކުދި ކުށްތަކަށް ވެސް 100 އެތިފަހަރުން ހައްދު ޖެހުމާއި ޖުމްހޫރީ އުސޫލުތަކާ ހިލާފު ބޮޑެތި އަނިޔާތައް، ދެ އަތް ބުރިކުރުން ފަދަ، އަދަބެއްގެ ގޮތުގައި، ބައެއް ސީރިއަސް ކުށްތަކަށް ދިނެވެ.
ރައީސްގެ މި ހުރިހާ ކަމެއް ދިވެހިންނަށް ފުދިއްޖެ އެވެ. އަމީންއާ ދެބެންގެ ދެދަރި ދެ ބޭފުޅުން ކަމަށްވާ (ވެލާނާގޭ) އިބްރާހިމް މުހައްމަދު ދީދީ އާއި އިބްރާހިމް އަލީ ދީދީ އިސްކޮށް ހުންނަވައި، އެއްރެއެއްގެ ދަންވަރު ގަނޑުވަރުން އަމީން ނެރެގެން ގެންގޮސް ދޫނިދޫގައި ހައްޔަރުކުރި އެވެ. ރާއްޖޭގެ ވެރިކަން މި ދެ ބޭފުޅުންގެ އަތްޕުޅު މައްޗަށް ފުރޮޅުނީ އެވެ. ލޭއޮހޮރުވުމެއް ނެތް މި ބަގާވާތުގެ ވާހަކަތައް ސިލޯނާ ހަމައަށް ފޯރައިފި އެވެ. އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވާ ގޮތުގައި، މާލޭގައި އަމީންއާ ދެކޮޅަށް ތިބި އާންމުން ބޭނުންވަނީ ކަރާ އެކު އަމީންގެ ދެ އަތް ވެސް ބުރިކޮށްލާށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަލާމަތަށް ދޫނިދޫގައި ބަހައްޓާފައި ހުރީ އެވެ. އިބްރާހިމް މުހައްމަދު ވިދާޅުވީ މިހާރު ދިވެހިން އަނެއްކާވެސް ބޭނުންވަނީ ކުރީގައި އޮތް ކަހަލަ ހިމޭން ރަސްކަމެއް ކަމަށެވެ. ރަސްކަލަކަށް ދެން ވާނީ އޭނާ ކަމަށް އިބްރާހިމް މުހައްމަދު ދީދީ އަމިއްލައަށް ގަބޫލުކުރައްވަ އެވެ. އެކަމަކު އަމީން އަދިވެސް ދުނިޔޭގައި އެބަ ހުންނެވި އެވެ؛ ޖުމްހޫރީ ވެރިކަން ރަސްކަމަކަށް އަލުން ބަދަލުކޮށްފި ނަމަ ތަހުތާ އެންމެ ކައިރީގައި ހުންނެވި ބޭފުޅަކީ ވެސް އަމީން އެވެ.
ރާއްޖޭގެ މި ބޮޑު މައްސަލަގަނޑުގެ އެންމެ ފަހުގެ ތަފުސީލު މި އެނގުނީ، ކޮލަމްބޯގައި ހުންނަ މޯލްޑިވިއަން ޓްރޭޑް އޮފީހުން ނެރުނު ކުރު ބަޔާނަކުން، މިދިއަ ހަފުތާގަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި 31 ޑިސެމްބަރުގައި އަމީން އާއި އެމަނިކުފާނުގެ ބައެއް އެހީތެރިން ދޫނިދޫން ފިއްލަަވައިގެން މާލެ ވަޑައިގަތެވެ.
"އެ ހަބަރު އާންމުންގެ ތެރޭގައި ވަރަށް އަވަހަށް ފެތުރިއްޖެ އެވެ. އެ މީހުން ތިބީ އަމީންއާ ދެކޮޅަށެވެ. އާންމުންގެ ތެރެއިން އަމީން ހިމާޔަތްކުރަން ސަރުކާރަށް ފިޔަވަޅު އަޅަން ޖެހުނެވެ. ސަރުކާރުގެ ބައެއް މީހުންނަށް ކުދިކުދި އަނިޔާ ލިބުނެވެ...އަމީން ދީދީއަށް ވެސް މެ އެވެ... ސިއްހީ ކުއްލި ފަރުވާ ދެވުނެވެ...އޭރު ވެސް ސިއްހީ ހާލު ދެރަ އަމީންއަށް، މި ކުއްލި ކަންތައްގަނޑުން ކުރި އަސަރު ވަރަށް ބޮޑެވެ...އެމަނިކުފާނު އަވަހާރަވީ އެވެ."