ކައިވެނި ކުރި ދެމަފިރިން.

ލޯތްބަށް އުމުރެއް ނެތް؛ 100 އަހަރުގައި ކައިވެނިކޮށްފި

11 ޖޫން 2024

ފަރަންސޭސިވިލާތުގައި ބޭއްވި، ދެވަނަ ބޮޑު ހަނގުރާމައިގެ 80 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގެ ތެރޭގައި އިތުރު އުފާވެރިކަން ފެނިގެން ދިޔަ އެވެ. އެއީ އެމެރިކާއަށް އުފަން، އުމުރުން 100 އަހަރުގެ ކުރީގެ ސިފައިންގެ އޮފިސަރު އެނބުރި ނޯމަންޑީއަށް ގޮސް އޭނާގެ 96 އަހަރުގެ ލޯބިވެރިޔާއާ ކައިވެނި ކުރުމުގެ އުފާވެރިކަމެވެ.

ފްލޮރިޑާގެ ހެރޮލްޑް ޓެރެންސް އާއި ޖީން ސްވާލިން މިދިޔަ ހޮނިހިރު ދުވަހު ކައިވެނި ކުރީ ޔޫޓާ ބީޗާ ތަންކޮޅެއް ދުރުގައި އޮންނަ ލެސް-މަރައިސްގަ އެވެ. އެއީ 6 ޖޫން 1944ގައި އެމެރިކާ ސިފައިންގެ އެތައް ހާސް ބަޔަކު ހަމަލާ ބަދަލު ކުރި ތަނެވެ. އެ ހަމަލާގެ ސަބަބުން އެންމެ ފަހުން ނާޒީންގެ ބާރުގެ ދަށުގައި އޮތް ފްރާންސް މިނިވަންވެ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނު ބަލިވި އެވެ.

ޓެރެންސް ސްވާލިންއަށް ކައިވެނި ކުރަން ހުށަހެޅީ ފުރަތަމަ ބައްދަލުވިތާ ދެ އަހަރު ފަހުން 2023 ވަނަ އަހަރު އެވެ.

އެންބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓެރެންސް ބުނީ އެ ދެ މީހުންގެ ކައިވެނިވެގެން ދިޔައީ، އޭނާގެ ހަޔާތުގެ 100 އަހަރުގެ ތެރޭގައި ލިބުނު އެންމެ ހިތްގައިމު ވަގުތުކޮޅު ކަމަށެވެ.

"ލޯތްބަކީ ހަމައެކަނި ޒުވާނުންނަށް އޮތް އެއްޗެއް ނޫން. އަދިވެސް އަހަރެމެންނަށް އުފާވެރިކަން ލިބޭ،" ސްވާލިން ޓެރެންސްގެ ވާހަކައަށް އިތުރުކޮށްލި އެވެ.

"ހަގީގީ ލޯތްބަކީ ކޮބައިކަން އަހަރެންނަށް އެނގުނީ އޭނާއާ ބައްދަލުވުމުން."

ކައިވެންޏަށް ފަހު ފިޔާތޮށި ކުލައިގެ ހެދުމެއްގައި ހުރި ސްވާލިން އެ ސިޓީގެ ޓައުން ހޯލްގެ ވަށައިގެން ހިނގަމުން ދިޔަ އިރު، 'އައި ވިލް އޯލްވޭޒް ލަވް ޔޫ'ގެ ލަވައިގެ އަޑު ބެކްގްރައުންޑުން އިވެމުން ދިޔަ އެވެ. ޓެރެންސް ލައިގެން ހުރީ މަޑު ނޫކުލައިގެ ކޯޓެކެވެ.

އޭގެ ފަހުން ޕެރިހުގެ އެލީސީ ޕެލަސްގައި އެމެެރިކާގެ ރައީސް ޖޯ ބައިޑަން އާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާ އެކު ބޭއްވި ރަސްމީ ފަރިއްކޮޅެއްގައި އެ ދެމަފިރިން ވަނީ ބައިވެރިވެފަ އެވެ.

ޑީ-ޑޭގައި އުމުރުން 20 އަހަރުގެ ޓެރެންސް އަކީ އިންގްލެންޑްގެ ޔޯކްޝަޔާގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ ވައިގެ ސިފައިންގެ ކޯޕްރަލްއެކެވެ.

އޭނާ ނޯމަންޑީއަށް ދިޔައީ މިނިވަންވި އެމެރިކާގެ ހަނގުރާމައިގެ ގައިދީން އަނބުރާ އިންގްލެންޑަށް ގެންދިއުމަށާއި އަލަށް އަތުލައިގަތް ޖަރުމަނު މީހުން ގެންދިއުމަށެވެ.

އޭނާ ބުނީ ނޯމަންޑީގައި ކައިވެނި ކުރަން ބޭނުންވަނީ ޑީ-ޑޭގައި އެތަނުގައި މަރުވި ހުރިހާ ސިފައިންނަށް ރަމްޒީ ގޮތުން އޭނާގެ ކައިވެންޏަށް ދައުވަތު ދިނުމަށް ކަމަށެވެ.

ޓެރެންސް އާއި ސްވާލިން ބޮޑުވީ ނިއުޔޯކް ސިޓީގަ އެވެ. ނަމަވެސް، 2021 ވަނަ އަހަރާ ހަމައަށް އެ ދެ މީހުންގެ ލޯބީގެ ވާހަކަ އޮތީ ނުފެށި އެވެ. ރަހުމަތްތެރިންނާއި އާއިލާއިން އެ މީހުން ތައާރަފް ކުރުމުން ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ކުރިން މީހުންނާ އިނދެ، ހުވަފަތްވެފައިވާ ދެ މީހުންނެވެ.

އެ މީހުންގެ ފުރަތަމަ ޑޭޓު ރަނގަޅަކަށް ނުދިޔަ އެވެ. އެއީ ޓެރެންސް އޭނާގެ 70 އަހަރުގެ އަނބިމީހާ މަރުވި ފަހުން ލޯބީގެ ޗެޕްޓާއެއް ފެށުމަށް އޭނާ ފަސް ޖެހުމުންނެވެ. ނަމަވެސް، އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ ދެވަނަ ޑޭޓަށް ފަހު އެވެ.

"އެއްވެސް މީހަކާ މެދު އެފަދަ އިހުސާސެއް ދުވަހަކު ވެސް ނުކުރާ،" ސްވަލިން  ކިޔައިދިނެވެ.

"އަހަރެން ކުރިން ހީކުރީ ރޯމިއޯ އާއި ޖޫލިއަޓަކީ އެންމެ ބޮޑު ލޯބީގެ ވާހަކަ ކަމަށް. އަހަންނަށް ހީވަނީ އަހަރެމެންގެ ލޯބީގެ ވާހަކައަކީ މިހާތަނަށް އެންމެ ބޮޑު ލޯބީގެ ވާހަކަހެން." 

އެ ދެމަފިރިން މިހާރު އަންނަނީ ޕެރިހުގައި ހަނީމޫން ހޭދަކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް