އިނާޔާ (ވ) އަދި އޭނާގެ ދަރިފުޅު ޒާޔާ. (ދައުރު ފޮޓޯ/އަލީ ނާސިރު)

ރާޅުފަށް

އަޑުނީވޭ ދަރިފުޅަށްޓަކައި މަޔަކު ވަމުންދާ ގުރުބާނީ

ދަރިފުޅަށް ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދިނުމުން އިނާޔާ ބޭނުންވީ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން. އެ ދަރިފުޅުގެ އެއްވެސް ކަމެއް ބުރައަކަށް ނަހަދައި ކޮންމެ ދުވަހަކުވެސް އޭނާ އަޑުއުފުލީ ދަރިފުޅުގެ ހައްގުގައި.

ސ. މަރަދޫ، ފެންފިޔާޒުގެ އަށް އަހަރެމެން ދިޔައީ އެއްގޮތަކަށް ވެސް އެ ގޭގައި ދިރިއުޅޭ އިނާޔާ ޖަމާލު އާއި އޭނާގެ އަންހެން ދަރިފުޅު މަރިޔަމް ޒާޔާގެ ވާހަކަ ހޯދައިގެން ލިޔާކަށް ނޫނެވެ. މުދިންބެޔާގެ ނަމުން މުޅި ރަށަށް މަޝްހޫރުވެފައިވާ ފެންފިޔާޒުގެ މުސްކުޅި މި ބޮޑު ގޯއްޗަކީ ގާދިރީކަލޭފާނު 'ކަޅޭލަމަސް' ބޭނި ކަމަށް ބުނާ ވަޅެއް ހުރި ހިސާބެވެ.

އިނާޔާގެ ދެމައިންނާ ބައްދަލުވީ އައްޑޫގެ ފޯކުލޯރުތައް ހާވައި ބަލަމުން ގޮސް ގާދިރީކަލޭފާނު ކަޅުބިލަމަސް ބޭނި ކަމަށް ބުނާ ވަޅެއް ހޯދުމަށް މަރަދޫގައި އަތްފުނާ އަޅަމުން ދަނިކޮށެވެ. އެ ވަޅު އެ ގޯތީގައި އެބަހުއްޓެވެ. ތާރީހީ ބިނާއެއްގެ ގޮތުގައި ހިމާޔަތްދީފައިވާ ވަޅު މިހާރު ހުރީ ބަހާފައިވާ ގޯތީގެ ބައެއްގައި އަޅާފައި ހުރި އެހެން ގެއެއްގެ ސިޓިންރޫމުގަ އެވެ. އެކަމަކު އެ ވަޅަށް ބޯދިއްކޮށްލުމުން ބައްދަލުވީ މުޅިން ވެސް ފޯކްލޯރާ އެވެ. ނަމަވެސް އިނާޔާ އޭނާގެ އަންހެން ދަރިފުޅަށް އުފާވެރި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް ވަމުންދާ ގުރުބާނީ އަކީ މިއަދު ވެސް ހިނގަމުން އަންނަ ހަގީގީ ވާހަކައެކެވެ.

ފޮޓޯ ނަގާ ވާހަކަ ބުނީމަ އިނާޔާ ވަރަށް ރީތިވެލައިގެން އައިސް ގޭގެ ސިޓިންރޫމުގެ ސޯފާގައި ޖައްސާލި އެވެ. ކިތަންމެ ބުރަ ދަތުރެއް ކުރަން ޖެހިފައިވިޔަސް އޭނާ އަކީ ވަރަށް ވެސް 'ސާކާސްޓިކް' އަންހެނެކެވެ. ފޮޓޯ ނަގަން ފެށުމުން ބަނޑު ހިންދާލައިގެން އިނދެ ދަރިފުޅު ޒާޔާ އަށް ގޮވައިގެން ގެނެސް ކައިރީގައި އެންމެފަހުން ބައިންދައިފި އެވެ.

އިނާޔާ އަށް ވުރެ އިސްކޮޅުން ދިގުވެ، ބިޔަކޮށް ހުރި އެ އަންހެން ކުއްޖާގެ އުމުރުން މިހާރު 24 އަހަރެވެ. އިނާޔާގެ ކައިވެންޏަށް ތިންވަނަ އަށް ލިބުނު މި ދަރިފުޅު އޭނާ ވިހެއީ ބަނޑަށް ހަތް މަހުގަ އެވެ. އެ ހިސާބުން އިނާޔާގެ މި ދަތުރު ފެށުނީ އެވެ.

އިނާޔާ އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދެނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)
އިނާޔާ ވާހަކަތައް ކިޔައިދޭއިރު އޭނާގެ ދަރިފުޅު ޒާޔާ ބަލަހައްޓައިގެން. (ދައުރު ފޮޓޯ/އަލީ ނާސިރު)

"ދުވަސްނުފުރާ ވިހައިގެން އުޅެނިކޮށް މީނަ ރީނދޫވެއްޖެ. ދެން އޭގެ 10 ދުވަސް ފަހުން އަނެއްކާވެސް ރީނދޫވެގެން މާލެ އަށް ގެންދިޔައީމަ ޑޮކްޓަރުން ބުނެފި ޖެހޭނީ ލޭ ބަދަލުކުރާށޭ. ކުޑަކަމުން ނާރުތައް ވަކިނުކުރެވިގެން އެންމެފަހުން މީނަގެ އަތާއި ފައިން ތަންތަން ކަފާލައިގެން 24 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ލޭ ބަދަލުކުރީ،" އިނާޔާ މި ވާހަކަތައް ކިޔައިދެމުންދިޔައިރު ޒާޔާ އިނީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

އަޑުނީވުނަސް މަންމަ ކިޔައިދޭ ހުރިހާ ވާހަކައެއް ޒާޔާ އަށް އެނގެ އެވެ. ޒާޔާ އަކީ މަންމަނު ކުއްޖެއް ނޫނެވެ. ޑޮކްޓަރުން ބުނެފައި ވަނީ ޒާޔާ އަކީ އަޑުނީވޭތީ ވާހަކަ ދައްކައިނުގަނެވިފައި ހުރި ކުއްޖެއް ކަމަށެވެ.

އެ ދުވަހުގެ އޮޕަރޭޝަނުގެ ކުރިން ވެސް ޑޮކްޓަރުން އިނާޔާ އަށް ދިނީ އޭގެ އިންޒާރެވެ. އެ އޮޕަރޭޝަނުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް ދަރިފުޅަށް ދިމާވެދާނެ ވާހަކަ އެވެ.

"ދެން އަޅުގަނޑު ބުނެފިން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ މި ދަރިފުޅު ގޮވައިގެން ދުނިޔޭގައި އުޅެވޭނެ ގޮތެކޭ. ކޮންމެ ކަހަލަ ނުކުޅެދުންތެރިކަމެއް ހުއްޓަސް އަޅުގަނޑަށް ވަރިހަމައޭ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރެވިއްޖެއްޔާ،" އިނާޔާ ބުނެލި އެވެ.

ދަރިފުޅަށް އަޑުނީވޭކަން އިނާޔާ އަށް އެނގުނީ އޭގެ ދެތިން މަސް ފަހުންނެވެ.

"އޮޕަރޭޝަނަށް ފަހު މީނަ ބާއްވާފައި އޮތީ ހޮސްޕިޓަލްގެ ނާސަރީގައި. އަޅުގަނޑަށް ވެސް އޭނާ ދެކިލަން ދެވެނީ މަހަކު އެއް ފަހަރު. އެގޮތަށް ދާއިރު ޒާޔާ އޮންނަނީ އަބަދުވެސް ނިދާލާފައި،" ދަރިފުޅުގެ ފުރަތަމަ ދެ ތިން މަހުގެ ހަނދާންތަކާ އެކު ގޮސް އިނާޔާ އޭނާގެ ދަރިފުޅުގެ އަތުގައި ހިފައި ބާރުކޮށްގަތެވެ.

"އެކަމަކު އެނދުގައި ޖެހިލީމަ ލޯ ހުޅުވާލާނެ. ނަމަވެސް އަޅުގަނޑަށް ހީވާން ފަށައިފި ޒާޔާ އަށް އެއްވެސް އަޑެއް ނީވޭހެން،" އެ ނުތަނަވަސްކަން ހަގީގަތަކަށް ބަދަލުވީ ޑޮކްޓަރުން ވަގުތުން ހެދި ޓެސްޓުތަކުންނެވެ.

އޭރު ޒާޔާ އަށް ތިން މަހެވެ. އަޑުނީވުން ފިޔަވައި އޭނާގެ ކިބައިގައި އިތުރު އެހެން އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު އިލްމާއި ހުނަރުން މިއަދު ފުރިފައިވިޔަސް ޒާޔާ ހުރީ އަދިވެސް މުޖުތަމައުން ވަރަށް ބޮޑަށް ބާކީކޮށްފަ އެވެ. އިނާޔާގެ ލޮލުފިޔަ ނުޖެހޭ ސަބަބަކީ މި އެވެ.

މިދިޔަ 24 އަހަރުގެ ކޮންމެ ދުވަހަކީ ދަރިފުޅު ޒާޔާ އަށް އުފާވެރި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް އިނާޔާ އޭނާގެ ކުޑަކުޑަ މުޖުތަމައުއާ ޒުވާބުކޮށް ކުރިމަތިލުންތަކަށް ދިޔަ ދުވަސްތަކެވެ. 'މަންމަނުގަނޑެކޭ' ކިޔާފައި އެ ކުއްޖާ ބާކީކޮށްލިޔަސް އިނާޔާ އަބަދުވެސް ނުކުތީ އައު އުއްމީދަކާ އެކުގަ އެވެ. ނުކުޅެދޭ މުޖުތަމައުއެއްގެ ނާތަހުޒީބުގެ ތެރޭގައި ދަރިފުޅު އޮޔާދާން އޭނާ އެންމެ ދުވަހެއް ވެސް ދޫކޮށެއް ނުލަ އެވެ.

އިނާޔާ އިންޓަވިއުގައި ވާހަކަ ދައްކަނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)
ޒާޔާ ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ ވަނީ އޯލެވެލް ފުރިހަމަކުރުމަށް ފަހު ގިނަ ކޯސްތަކެއް ހަދާފައި. (ދައުރު ފޮޓޯ/އަލީ ނާސިރު)

"އޭރަކީ ހާއްސަ އެހީ ބޭނުންވާ ކުދިންނަށް ތައުލީމެއް ހޯދައިދޭން ބެލެނިވެރިން މަސައްކަތްކުރި ދުވަސްވަރެއް ވެސް ނޫން އެހާ ފާޅުކަން ބޮޑު ގޮތަކަށް. ހާއްސަ އެހީ ބޭނުންވާ ކުއްޖަކު ނަމަ އެ ކުއްޖަކު ގޭތެރޭގައި ފޮރުވައިގެން ގިނަ މީހުން އުޅޭނީ،" އިނާޔާ ބުނެލި އެވެ.

"އެކަމަކު އަޅުގަނޑު ހަމަ ބޭނުމެއް ނުވީ އަޅުގަނޑުގެ މި ރީތި އަންހެން ދަރިފުޅަށް ތައުލީމު އުނގަންނައި ނުދީ ގޭގައި ފޮރުވައިގެން ގެންގުޅެން."

ނަމަވެސް އަތް ހުޅުވާލައިގެން ގޮސް އޭނާ އަށް މަރުހަބާކީ ހަމަ އެކަކު ވެސް ނެތެވެ.

"ދެން މި ކުއްޖާ ބޮޑުވެގެން ސްކޫލަށް ފޮނުވަން މަސައްކަތްކުރީމަ އެންމެން ވެސް ބުނީ ތިކަހަލަ އަޑުނީވޭ އެއްޗަކު ކީއްކުރަން ހެއްޔޭ ސްކޫލަކަށް ފޮނުވަނީ. ނުވެސް ކިޔެވޭނެއޭ. ކޯއްޗެއް ހެއްޔޭ ކިޔެވޭނީ،" ރަށުގެ ސްކޫލުން ދަރިފުޅަށް ޖާގައެއް ލިބިދާނެތޯ ބަލަން އެ ވާހަކަ ދެއްކުމުން އޭރުގެ ޕްރިންސިޕަލަކު ދެއްކި ވާހަކަ އަށް ނިސްބަތްކޮށް އިނާޔާ ކިޔައިދިނެވެ.

"ދެން އަޅުގަނޑު ބުނެފިން ޒާޔާ އަށް ކިޔަވަން ސްކޫލަށް ނުދެވޭ ނަމަ މަރަދޫ ސްކޫލަށް އެހެން އެއްވެސް ކުއްޖަކަށް ނުވަދެވޭނެއޭ."

މިހެން ބުނެފައި ގޮސް އިނާޔާ އޭނާގެ ދަރިފުޅަށް ޔުނީފޯމު ފައްސައި ފޮތާއި ދަބަސް ގަނެގެން އެ ކުއްޖާ ނަލަކޮށްލައިގެން ގޮސް ސްކޫލްގެ ގޭޓު ކުރިމަތީގައި އިށީނދެއްޖެ އެވެ. އެ ހިސާބުން އޭނާ ފެށީ އެތައް ދުވަހަކަށް ދިގުދެމިގެން ދިޔަ އިހުތިޖާޖެކެވެ.

"އެގޮތަށް ގޮސް މި ކުއްޖާ ގޮވައިގެން ކޮންމެ ދުވަހަކު އަޅުގަނޑު އެކަނިމާއެކަނި އިހުތިޖާޖުކުރަމުން ގެންދިޔައީ މަރަދޫ ސްކޫލްގެ ދޮރު ކުރިމަތީގައި ހުރެގެން. އެކަމަކު ދެން ވެސް ސްކޫލަކަށް ނުވެއްދިއޭ،" އިނާޔާ ކިޔައިދިނެވެ.

"ދެން އެންމެފަހުން އަޅުގަނޑު ކުރި ކަމަކީ ގަދަކަމުން ސްކޫލަށް ވަދެގެން ގޮސް ގްރޭޑް އެކެއްގެ ކްލާހުގެ ފާރުބުރިގަނޑު މަތީގައި ޖައްސާލީ ދަރިފުޅު ގޮވައިގެން، ޒާޔާ ގޮސް ގޮނޑިއެއްގައި ބަހައްޓައިގެން އަޅުގަނޑު ހުރީ.

ރަނގަޅު، އަޅުގަނޑު މިއީ އެއްވެސް ތައުލީމެއް ލިބިފައި ހުރި މީހެއް ނޫން. އަޅުގަނޑުގެ މި ފަސޭހަ ދޫ ކިރިޔާ ވެސް އަސާސީ ތައުލީމަށް ވެސް ފާސްވާނީ. އެހެންވީމަ އަޅުގަނޑު އަބަދުވެސް ބޭނުންވީ އަޅުގަނޑަށް ނުލިބުނު ހުރިހާ އިލްމަކާއި ހުނަރެއް އަޅުގަނޑުގެ ކުދިންނަށް ހޯދައި ދަސްކޮށްދޭން. ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ވެސް."

އިނާޔާގެ އެ އިހުތިޖާޖު އެންމެފަހުން ކޮޅެއްގައި ޖެހި ޒާޔާ އަށް ސްކޫލުން ޖާގަ ލިބިއްޖެ އެވެ. އަދި މަރަދޫ ސްކޫލްގައި ގްރޭޑް ހައެކާ ހަމަ އަށް ދިޔަ ތަނުން އެ ރަށު ޝަރަފުއްދީނު ސްކޫލްގައި ސައިން ލެންގުއޭޖު ކިޔަވައިދޭން ފަށައިފި އެވެ.

"އަޅުގަނޑާ ދިމާލަށް އެންމެން ވެސް ބުނީ ކަލޭގެ ދަރިއަކަށް ނުކިޔެވޭނެއޭ. އެކައްޗެއް ވެސް ދަހެއް ނުވާނެއޭ. އެކަމަކު އަޅުގަނޑު އަބަދުވެސް އަޒުމު ކަނޑައެޅީ ރާއްޖެ އިން ކިޔަވައިގެން ދެވެން އޮތް އެންމެ ކުރިއަކަށް އަޅުގަނޑުގެ މި ދަރިފުޅު ގެންގޮސްދޭން،" އިނާޔާ ބުނެލި އެވެ.

"އަދި އެކަން ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑަށް އަބަދުވެސް އޮތް."

އިނާޔާ (ވ) އަދި އޭނާގެ ދަރިފުޅު ޒާޔާ. (ދައުރު ފޮޓޯ/އަލީ ނާސިރު)
ޒާޔާ އޭނާގެ ގޯތި ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ ބުނަނީ ކިޔަވައިގެން ތަމްރީނު ހެދިޔަސް އެއްވެސް ބަޔަކު އޭނާ އަށް ވަޒީފާއެއް ދޭން ބޭނުން ނުވާ ކަމަށް. (ދައުރު ފޮޓޯ/އަލީ ނާސިރު)

އެކަމަކު ކިޔެވިޔަސް އަދި ކިތަންމެ ގިނަ ހުނަރެއް ދަސްކޮށް ސެޓްފިކެޓާއި ތަށިތަކެއް ހާސިލުކުރިޔަސް އިނާޔާ ބުނަނީ އޭނާގެ ދަރިފުޅަށް މި މުޖުތަމައުއިން ފުރުސަތެއް ދޭން އެއްވެސް މީހަކު އަދިވެސް ބޭނުން ނުވާ ކަމަށެވެ.

"ދަރިފުޅު މިހާރު އެހެރީ ހިސާބާއި އިނގިރޭސި އާއި އާޓުން އޯލެވެލްއާ ހަމަ އަށް ކިޔަވައި ފާސްވެފައި. އޭގެ ފަހުން އިންޓަނޭޝަނަލް ޑައިވިން ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފި. ރާޅާއަޅަން އެހާ މޮޅު. ކޭކު ޑެކަރޭޝަން ކިޔަވައި ވަނަ ހާސިލުކޮށްފައި އެބަހުރި. ކެއްކުމުގެ ރަސްމީ ތަމްރީނު ވެސް ފުރިހަމަކޮށްފައި އެބަހުރި. ފޮޓޯގްރެފީ ކޯސްތައް ވެސް ހަދައިފި. އާޓް އެންޑް ކްރާފްޓް މަސައްކަތްތަކަށް ވެސް އެހާ ކުޅަދާނަ،" ޒާޔާގެ ހުނަރުތައް ބަރިބަރިއަށް ކިޔައިދެމުން އިނާޔާ ގެންދިޔައީ ހުއްޓުމެއް ނެތި އެވެ.

އެކަމަކު މި ދަތުރު ގޮސް ހުއްޓެނީ ޒާޔާ އަށް ވަޒީފާއެއްގެ ފުރުސަތު ހޯދަން ނުކުންނަ ހިސާބުންނެވެ.

"ހަމަ އުޅެއުޅެ މި ކުއްޖާ އަށް ވަޒީފާއެއްގެ ފުރުސަތެއް ލިބޭނެ ގޮތެއް ނެތް މި މުޖުތަމައުގައި. ކުރީގެ ސަރުކާރަކުން ހާއްސަ އެހީ ބޭނުންވާ ކުދިންނަށް ވަޒީފާގެ ފުރުސަތު ވެސް ދިން. އެކަމަކު ޒާޔާ އަށް އެފަދަ ފުރުސަތެއް ވެސް ނެތް،" އިނާޔާ ބުނެލި އެވެ.

އެކަމަކު އޭނާ އަކީ މުޅި ރަށުގައި ވެސް ހުރި އެންމެ ފަހުރުވެރި މަންމަކަން ޔަގީނެވެ.

"މަންމައެއްގެ ގޮތުގައި އަޅުގަނޑު އެންމެ އުފާވަނީ ވެސް ޒާޔާގެ ކިބައިން އެ ފެންނަ މެހުމާންދާރީ އަދާކުރުމުގެ ރިވެތި ސިފަތަކާ ހެދި. އެހެން މީހުންނަށް އިހުތިރާމުކުރުމާއި ގަދަރުކުރުމާއި ކަމަށް ކަމޭހިތުމުގެ ބައި ދަސްވެފައި އޮތް ވަރުން،" ވަރަށް ފަހުރުވެރިވެލާފައި އިނާޔާ ބުނެލި އެވެ.

"މިއީ މީހުންނަށް ވަރަށް ހެޔޮ، މީހުންނާ ވަރަށް ގުޅޭ، އެންމެނާ ވެސް ވަރަށް އެކުވެރި ވަރަށް ހުނަރުވެރި ކުއްޖެއް. އަދި މިހެން ބަލައިލާފައި މީހަކަށް ނުވެސް އެނގޭނެ ޒާޔާގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރިކަން ވެސް.

ޒާޔާ އަށް އަޑުނީވޭކަން އެކަނި."

ދަރިފުޅުގެ އެ ނުކުޅެދުންތެރިކަމަކީ އިނާޔާ އަށް ހަމަ އެއްވެސް މައްސަލައެއް ނޫނެވެ. މީގެ 24 އަހަރު ކުރިން ވެސް އޭނާ ބުނީ މިހެންނެވެ. އޭނާ ބޭނުންވީ ދަރިފުޅާ އެކު ވީހާލެއްގައިވާށެވެ. އެ ދަރިފުޅު ގޮވައިގެން އެރުނު އެންމެ މައްޗަކަށް އަރާށެވެ. އަބަދުވެސް އެންމެނާ ދެކޮޅަށެވެ.

ކޮމެންޓް (4)

ގޫބަ

11 މޭ 2024
ކޮބާތަ ހޯދަންދިޔަ ވަޅުގެ ވާހަކަ؟
0 0

ވަޅު

11 މޭ 2024
@ގޫބަ މަ ވެސް ބޭނުންވި ފޮޓޯ އެއް ނަމަވެސް ބަލާލަން..
0 0

ޕްލީޒް

9 މޭ 2024
ހިއަރިންގ އެއިޑް ގެ އެހީގައި އަޑުއިވުން ރަނގަޅުކުރެވޭތޯ ޑޮކްޓަރުންނާ މަޝްވަރާކުރެއްވިންތޯ؟
8 1

ތަހުޒީބޭ

9 މޭ 2024
އާޓިކަލް ކިޔާލީމަ އިނގެނީ މަވަރެއް ނެތިގެން އައިފޯނު ޖީބަށް ލައިގެން އުޅޭ ގިނަ ދިވެހިންގެ ސިކުނޑި އަދިވެސް ތަހުޒީބު ނުވާކަން
17 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް