ސަލްމާން މިސްކިތް ކައިރީގައި ބުޅަލަށް ހަދާފައި ހުރި ގެތައް ކަައިރީގައި ކުޑަ ކުއްޖަކު ބުޅަލާ ކުޅޭތަނުގެ ފޮޓޯ އޭނާގެ ބައްޕަ ނަގަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މާލޭގެ އެކި ހިސާބުތަކުގައި ބުޅަލެވެ. ބައެއް މީހުންނަށް އެއީ އުނދަގުލެކެވެ. ނަމަވެސް ބުޅާ ދެކެ ލޯބިވާ ޒުވާނުން ގިނަވުމާ އެކު އެއަށް އެކި ގޮތްގޮތުން އަޅާލުން ލިބެ އެވެ. ބައެއް މީހުން ގަވައިދުން ކާން ދެނީ އެވެ. އަނެއް ބަޔަކު އެ ބުޅާތަކުގެ ކައިރީގައި ވަގުތުކޮޅެއް ހޭދަކޮށް، ފިރުމާ ހަދާލަނީ އެވެ.
މިހާރު މި ފެންނަނީ ބުޅާ ދެކެ ވާ ލޯބި އެހެން ހަރުފަތަކަށް އެރި ތަނެވެ. ސަލްމާން މިސްކިތް ކައިރީ އުޅޭ ބުޅާތަކަށް އަމިއްލަ ޖަމިއްޔާއަކުން މިހާރު ވަނީ ހާއްސަ ގެތަކެއް ހަދައިފަ އެވެ. މިއީ ރާއްޖޭގައި އާންމު ތަނެއްގައި ބުޅަލަށް ހާއްސަކޮށްގެން އެކަހަލަ ހިޔާވަހިކަމެއް ދިން ފުރަތަމަ ފަހަރެވެ.
މި މަސައްކަތްކުރީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވެލްފެއާ ފޯ އައިލެންޑް ކެޓްސްގެ ފަރާތުންނެވެ.
އެ ޖަމިއްޔާގެ ފޭސްބުކް ޕޯސްޓެއްގައި އޮތް ގޮތުން ނަމަ އެ މީހުން އަމިއްލައަށް ގޮސް ސަލްމާން މިސްކިތުގެ ޕާކިން ސަރަހައްދުގައި އެގެތައް އެޅީ، ކަމާ ބެހޭ ފަރާތްތަކުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.
މި މަހު ކުރީކޮޅު މާލެއަށް ބޯކޮށް ވާރޭ ވެހުމުން ކުޑަކުޑަ ދެ ބުޅާ ގެއްލުނު ކަމަށް ވެސް ލިއުނެވެ. އެހެންވެ އިތުރަށް އެކަހަލަ ކަމެއް ވިޔަ ނުދޭން އެ އެއްޗެހީގެ ހިމާޔަތަށް އެކަން ކުރީ ކަމަށް، އެ ޕޯސްޓްގައި ލިއުނެވެ.
ސަލްމާން މިސްކިތް ކައިރީގައި އުޅޭ ބުޅާތަކަށް އާންމުކޮށް ކާން ދޭން މީހުންނާއި ކުޑަކުދިން ގޮސް އުޅެ އެވެ. މިހާރު އެ ބުޅާތައް ގެތަކަށް ލައިދިނުމާއި ކުދި ބުޅާތަކަށް ރަނގަޅު ހިމާޔަތެއް ދޭން، ބުޅާގެ ލޯބިވެރިން އަމަލީ ގޮތުން އުޅެ އެވެ.
"ބައެއް މީހުން ބުޅާތަން ގެންގޮސް ގޭތެރެއަށް ލައި ހަދާ،" އެތަނުގައި ހުރި މީހަކު ބުންޏެވެ.
"މިހާރު ހަމައެކަނި ކާން ދޭކަށް ނޫން އަންނަނީ. މި ގެތައް ކައިރީގައި މި ބުޅާތައް އުޅޭތީ ރީތިވެގެން ފޮޓޯ ވެސް ނަގާ."
މާލެ ސަރަހައްދުގައި ގިނަވެގެން އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި ޕެޓް ކެއާ ފެސިލިޓީ ހެދުމުގެ އަމަލީ މަސައްކަތް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ފެލްފެއާއިން މި މަހު 19ގައި ވަނީ ފަށައިފަ އެވެ. މި ތަން ހަދާ ނިމުމުން މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންގޮސް އެއަށް ބޭނުންވާ އެކި ފަރުވާތައް ދޭނެ އެވެ.
އެކަމަކު އޭގެ ކުރިން ވެސް ބުޅާ ދެކެ ލޯބިވާ މީހުން އަންނަނީ އެ އެއްޗިއްސަށް އަޅާލަމުންނެވެ. ސަލްމާން މިސްކިތް ކައިރީގައި ހަދާފައި ހުރި ކުދިކުދި ގެތަކަކީ އޭގެ ހެއްކެކެވެ. ލޯތްބާއި އަޅާލުމުގެ އަމަލީ މަސައްކަތެކެވެ.
ކޮމެންޓް (3)
އިހްސާސް
ީއިހްސާސްގެބަފަާ
ރެއްކަބޭ