ގަޑިއައްޔަގެ 24 އަހަރުގެ ވަގުތު ގަޑީގެ ހިދުމަތުގައި
މީގެ 24 އަހަރު ކުރިން އަލީ ޝަފީގު، އަތުކުރި ގަޑި މަރާމާތުކޮށްދޭން ފެށީ މާލޭގައި އޭނާގެ ބައްޕަގެ ގޯތީގައި ހުޅުވި ކުޑަކުޑަ ތަންކޮޅެއްގަ އެވެ. އެތައް ބައެއްގެ ލޯބި ހޯދި ހިދުމަތަކާ އެކު އެ ކުޑަކުޑަ ސްޓޭޝަން މިހާރު ހުޅުމާލެއަށް ބަދަލުކޮށް އޭނާ ދިރިއުޅޭ ފްލެޓުގެ ސިޓިންރޫމުގައި ހުޅުވާފައި ވިޔަސް މި މަސައްކަތުގައި އަދިވެސް ޝަފީގު ވަރުގެ ދެ ވަނަ ހިދުމަތްތެރިޔަކު މި ގްރޭޓާ މާލެއަކު ނެތެވެ.
'ދައުރު' ނޫހުން 'ދިރާގު'އާ ގުޅިގެން މި ރޯދަ މަހު ގެނެސްދޭ 'ސަތޭކަ' ސެގްމަންޓުގެ ދެ ވަނަ އެޕިސޯޑުގައި ޝަފީގު މި ކިޔައި ދެނީ އޭނާގެ ދަތުރާއި މި މަސައްކަތުގައި އޭނާ އެންމެ އުފާވާ ކަންކަމެވެ.
"މި މަސައްކަތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މި މަސައްކަތުގައި މެދުނުކެނޑި ދެމިހުރެވުން. މެދުނުކެނޑި 24 އަހަރު އާންމުންނަށް ހިދުމަތްކޮށްދޭން މިގޮތަށް ހުރެވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި އެއީ އަޅުގަނޑަށް ލިބުނު ކުރިއެރުމެއް ވެސް މެ،" ޝަފީގު ބުންޏެވެ.
އޭނާގެ މި ދަތުރު ފެށީ ބައްޕަގެ އެހީތެރިކަމާ އެކުގަ އެވެ. ނަމަވެސް މިއަދު 'ގަޑި އައްޔަ' އަކީ މުޅި މާލޭގައި ބްރޭންޑް ނަމަކަށް ބަދަލުވެ، ގަޑި މަރާމަތުކުރުމުގެ މި މަސައްކަތުގައި އެތައް ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ހުނަރުވެރިއެކެވެ.
"އަޅުގަނޑު ހުޅުމާލެއަށް މި މަސައްކަތް ބަދަލުކޮށްލިތާ ދެ އަހަރު މި ވަނީ. އަޅުގަނޑުގެ ކަސްޓަމަރުން މިހާރު ވެސް މާލޭގައި ތިއްބަސް އަޅުގަނޑާ ހަމައަށް ގަޑި ފޮނުވައިގެން މަރާމާތުކުރުވާ،" ޝަފީގު ކިޔައިދިނެވެ.
"އަޅުގަނޑު އެ ގަޑިތަކާ ހަވާލުވެ އެ ގަޑިތައް މަރާމާތުކުރުމަށް ފަހު އޭގެ ވެރިފަރާތްތަކާ ހަމައަށް ގެންގޮސްދެނީ."
"އަޅުގަނޑު ބަލާނަން މިގޮތަށް މުސްތަގުބަލުގައި ވެސް ތެދުވެރިކަމާ އެކުގައި މި މަސައްކަތުގައި ދެމިހުރެވޭތޯ. އިރާދަކުރެއްވިއްޔާމު މި މަސައްކަތް ހުއްޓާލާކަށް އަޅުގަނޑު ގަސްދެއް ނުކުރަން."
"މަރުދުވަހާ ހަމައަށް ވެސް މި މަސައްކަތުގައި ދެމިހުރެވިއްޖެ ނަމަ އަޅުގަނޑު މި މަސައްކަތް ދޫކޮށެއް ނުލާނަން."
ނަމަވެސް އޭނާގެ މި މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުމެއް ވެސް އޮތްކަން އޭނާ ފާހަގަކުރި އެވެ.
"ގަޑިއެއްގައި މައްސަލައެއް ޖެހިގެން އަޅުގަނޑަށް ހައްލުނުކުރެވޭ ވަރުގެ މައްސަލައެއް ހިފައިގެން މިހާރަކު ނާދެވޭނެ. ކޮންމެ ކަހަލަ މަރާމާތަކަށް ވެސް އަޅުގަނޑު ތައްޔާރު. އެކަމަކު ސްޕެއާ ނުލިބިގެން ބައެއް ފަހަރަށް އެ ބޭނުންވާ ފުލް ފިކްސްއެއް ނުލިބިދާނެ،" އޭނާ ކިޔައިދިނެވެ.
"ސްޕެއާ ނުލިބިގެން އަޅުގަނޑު އަމިއްލައަށް މޮޑިފައިކޮށްލައިގެން ބައެއް ފަހަރަށް ބޭނުންކުރަން ޖެހޭ ބައެއް ސާމާނު. މި މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސްޕެއާ ޕާޓުތައް ހޯދަން. ސްޕެއާ ޕާޓުތައް މާލެއިން ލިބެން ނެތުމަކީ ވަރަށް ބޮޑު އުނދަގުލެއް."
ކޮމެންޓް (1)
މުހައްމަދު