ތޭރަވާ އިން ހިންގާ އާއިލާއިން ތިން މެމްބަރުން (ކ-ވ) ހަފީޒާ މުހައްމަދު، މަހުރޫޒް ވަހީދު އަދި މާޒިޔާ ވަހީދު. (ދައުރު ފޮޓޯ)
މި އާއިލާގެ ހަޔާތުން ސްކޫޕެއް: ކާމިޔާބީއަކީ ކޭވައް
ސ. ފޭދޫ - އައިސް ކްރީމްގެ އެންމެ އާންމު ތިން ރަހައަކީ ޗޮކުލެޓާއި ވެނީލާ އާއި ސްޓްރޯބެރީ އެވެ. އޭގެ ފަހަތުން އޭތިމީތި އަޅައިގެން އެކި ކަހަލަ ރަހަތައް އުފައްދަ އެވެ. އެކަމަކު މިއީ ކައްކައިގެން ކައި އުޅޭ ކަށިކޭލާއި ފަނި ގިރަން ބޭނުންކުރާ ޕެޝަން ފުރުޓާއި ރިހަ ކައްކަން އަޅާ ރާނބާފަތުން، %100 ދިވެހި އައިސް ކްރީމް ފްލޭވާތަކެއް ބަޔަކު އުފެއްދި ވާހަކަ އެވެ.
މި ރަށު ބަޔަކު ކަށިކެޔޮ، ނުވަތަ އައްޑޫ މީހުން ކިޔާ ގޮތުން ނަމަ ކޭވައް، ބޭނުންކޮށްގެން ތައްޔާރުކުރާ އައިސް ކްރީމެއްގެ ވާހަކަ އަހަރެންގެ ކަންފަތުގައި ޖެހުނީ 500 އެތައް ކިލޯމީޓަރު ދުރުގައި، މާލޭގައި ހުއްޓަ އެވެ. މި ޖެހުނީ 3،000ރ. އަށް ވުރެ އަގުބޮޑުކޮށް ޓިކެޓު ނަގައިގެން ދަތުރަށް ފުރަންތާ އެވެ. ކޮންމެއަކަސް، އިތުރު މަސައްކަތްތަކެއް ވެސް ކުރަން ރާވައިގެން، އެ ބުނާ ކޭވައް އައިސް ކްރީމެއްގެ ރަހަ ބަލައިލަން އައްޑޫއަށް އާދެވިއްޖެ އެވެ.
ފޭދޫ ކަޅިބިތް (ފުއްޓަރު) ފަރާތުގައި ދިރިއުޅޭ އާއިލާއެކެވެ. 'ތޭރަވާ އިން'ގެ ނަމުގައި އަމިއްލަ ގޭގައި ހިންގާ ކުޑަ ކެފޭއެއް ކަހަލަ ތަނެކެވެ. ރައްޓެއްސެއްގެ ފަރާތުން ނަންބަރު ހޯދައިގެން މަހުރޫޒު ވަހީދަށް ގުޅައި އިންޓަވިއު ހަމަޖެހިއްޖެ އެވެ. އޭނާ ބުނި ގަޑިއަށް ގޮސް، އެ ގޭ ބޭރުގައި ހުރި ޖޯއްޔެއްގައި ޖައްސާލައިގެން އޮއްވާ ގެއިން ނުކުމެ އައިސް ވާހަކަ ފަށައިފި އެވެ. އާއިލާއަށް އެންމެ ބޮޑު ދައްޗަކާ ކުރިމަތިވި ދުވަސްކޮޅުގައި ކޭވަކުން ޖެއްސި އެކްސްޕެރިމެންޓާއި ކާމިޔާބީގެ މަގުން ކުރަމުންދާ ފޮނި ދަތުރުގެ ވާހަކަ އެވެ. އެ ދަތުރުގައި އެކުލެވިގެންވާ އެކި ފްލޭވާތަކާ ވެސް އެކީގަ އެވެ.
ފެށުން ގާޑިޔާ ވިޔަފާރިން
"އެ ގާޑިޔާ އަސްލު ފެށުމަކީ،" ގޭގެ އެއް އަރިމަތީގައި ބާއްވާފައި އޮތް ގާޑިޔަލަކަށް އިޝާރާތް ކޮށްލާފައި މަހުރޫޒު ބުންޏެވެ.
'ތޭރަވާ ރެސްޓު'ގެ ނަމުގައި ފެށި ގާޑިޔާ ވިޔަފާރިއަކީ ރިސޯޓު ވަޒީފާއެއްގައި ކުރިން އުޅުނު މަހުރޫޒުގެ ބައްޕަ، މުހައްމަދު ވަހީދު ރަށަށް ކުރި ދަތުރެއްގައި އިތުރު އާމްދަނީއެއް ހޯދަން ކުރި ކަމެކެވެ.
"ބައްޕަ އެއްފަހަރު ވަރަށް ބޮޑަށް ބަލިވެގެން އިންޑިއާއަށް ގޮސްފައި އައިސް، އެހާ ބޮޑު އުންމީދެއް ނެތް ރިސޯޓަށް އަނބުރާ ދެވޭނެކަމުގެ. އެ ދުވަސްކޮޅުގައި ގާޑިޔާ ފެށީ. އޭރު މިކޮޅަށް ރަނގަޅަށް ގާޑިޔާތައް އިންޓްރޮޑިއުސް ވެގެން އުޅުނުއިރު އެއީ،" މަހުރޫޒު ބުންޏެވެ.
ބަލިން ގަދަވެގެން ވަހީދަށް އަނބުރާ ރިސޯޓަށް ދެވުނު ނަމަވެސް ގާޑިޔާ ވިޔަފާރި އޮތީ ފެށިފަ އެވެ. އެކަމަކު ކުރުނބަލާއި ދިވެހި އުފެއްދުންތަކާއި ދަނޑުތަކުގައި ހައްދާ ތަކެތި ބަރުކޮށްގެން އެކަން ކުރަމުންދިޔަ ނަމަވެސް އެ ވިޔަފާރީގައި މާ ބޮޑު އުންމީދެއް ނެތެވެ. ބޮޑަށް ހިނގަނީ ޖެހިގެން އޮންނަ މަރަދޫފޭދޫގެ ގާޑިޔާތަކެވެ. ކޮފީ ނުވަތަ ޖޫސް ވިއްކަން ކައުންސިލުން ނަގަން ޖެހޭ ހުއްދަ އޭރު ނުނަގައި އޮތުމުން ތަފާތު ވެރައިޓީތަކެއް ތޭރަވާ ރެސްޓުން އޭރު ނުވިއްކެ އެވެ.
ގާޑިޔާ ވިޔަފާރި ފުޅާކުރާނެ ގޮތެއް ބަލަމުންދަނިކޮށް ބޮލަށް ވެއްޓުނީ ކޮވިޑް-19ގެ ބަލިމަޑުކަމެވެ. އަނެއްކާވެސް ވަހީދު ރަށަށް އަންނަން ޖެހުނެވެ. މިފަހަރު ދާއިމަށެވެ. މަސައްކަތް ކުރަމުންދިޔަ ރިސޯޓު ބަންދުކުރީ އެވެ. އަހަރެއްހާ ދުވަހުގެ މުސާރަ އާއި 35 އަހަރުގެ ދިގު ރިސޯޓު ކެރިއަރު ވެސް ދޫކޮށްލާފައި، ގާތްގަނޑަކަށް ހުސްއަތާ އެވެ. އެ ހިސާބުން ގާޑިޔާ ވިޔަފާރި ފުޅާކުރުމަކީ މަޖުބޫރު ކަމަކަށް އޮތީ ވެފަ އެވެ.
"އައްޑޫގައި ގާޑިޔާތަކާއި ޓޭކްއަވޭ ތަންތަން ގިނަވާން ފެށީ ކޮވިޑް ތެރޭގައި މީހުން ނިކަމެތިވެގެން ގޮސް، ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން. އަހަރެމެން ވެސް އެކަހަލަ ގޮތަކަށް. ފެމިލީ ލީޑުކުރަން ހުރީ ބައްޕަ. ބައްޕަގެ ވަޒީފާ ގެއްލި، ފެމިލީ ނުބެލެހެއްޓޭ ހާލަތަށް ގޮސްގެން ފެށީ،" މަހުރޫޒް ބުންޏެވެ.
ކައުންސިލުން ދޫކުރާ ކައުންޓަރު ހުއްދަ ނަގައި، 'ތޭރަވާ އިން'ގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް ފަހު ފުރަތަމަ ވިއްކަން ފެށީ ޖޫގޯ އެވެ. އެއީ އެ އާއިލާއަށް އާ ކަމެއް ވެސް ނޫނެވެ.
"2007 ހިސާބުގައި ވެސް ޖޫގޯ ވިއްކިން. އައްޑޫގައި ޖޫގޯ ވިއްކަން ފެށީ ވެސް ގޮތަކަށް ބުނާ ނަމަ އަހަރެމެން،" މަހުރޫޒު ބުންޏެވެ.
ނަމަވެސް އެކަމުގައި ވެސް މަޝްހޫރުވީ މަރަދޫފޭދޫ އެވެ. ސަބަބަކީ އޭރު މި ރަށުގައި އޭޓީއެމްއެއް ނެތުމެވެ. އެހެންވެ، އޭޓީއެމްއަށް ދާން މަރަދޫފޭދުއަށް ދާ ގިނަ މީހުން އަނބުރާ އަންނަނީ އެ ރަށުގައި ހުންނަ ޖޫގޯ ޕޮއިންޓަށް ވަދެ، ކަރު ތެންމާލައިގެންނެވެ.
އަހަރެއްހާ ދުވަސް ފަހުން އެ ވިޔަފާރި ހުއްޓާލި ނަމަވެސް، ޖޫގޯ ތައްޔާރުކުރަން ބޭނުންވާ މެޝިނުތައް ފޮރުވާފައި ހުރުމުން ތޭރަވާ އިން ފަށައިގަތުމަށްޓަކައި ޖީބުން ބޮޑު ހަރަދެއް ސަލާމަތް ކުރެވުނެވެ. އިތުރަށް ގަންނަން ޖެހުނީ ޖޫގޯއަށް އަޅާ އައިސް ކްރީމް އެވެ. އެ ދުވަސްވަރު މުޅި އައްޑޫގައި ވެސް އައިސް ކްރީމް ފަސް ލީޓަރު ތަށި ގަންނަން ލިބެނީ ތިން ފިހާރައަކުންނެވެ. އެހާ އަގު ބޮޑުއިރު، ގިނައިން ހުންނަނީ ހުސްވެފަ އެވެ.
"މިހެން އައިސް ކްރީމް ނުލިބިގެން އުޅޭތީ ހިތަދޫ އިވާން ޓްރޭޑާސް ކިޔާ ބައެއްގެ ކައިރީގައި ބުނީ ވަރަށް އުނދަގުލޭ އަބަދު އައިސް ކްރީމް ނުލިބިފައޭ މި ތިބެނީ. ދެން އެ މީހުން ބުނެފި މެޝިނަކުން އައިސްކްރީމް ހެދެޔޭ ޕައުޑާ ގެނެސްގެން. މަށަކަށް އޭރު ނޭނގެ މިގޮތަށް މެޝިނަކުން އައިސްކްރީމް ހެދޭ ކަމެއް ވެސް،" މަހުރޫޒް ބުންޏެވެ.
"އެމީހުން ކުރިން ގެނައި އައިސްކްރީމް ހަދާ ތިން މެޝިނުން އެކަތި ނުވިކި އެބަ ހުއްޓޭ ބުނީ. ނަގަންޏާ ޑިސްކައުންޓެއް ވެސް ދޭނަމޭ. ދެން ގޭ އެންމެން މަޝްވަރާ ކޮށްފައި ނިންމީ އޭތި ގަންނަން. އައިސްކްރީމް އެއްގޮތަކަށް ވެސް ނުލިބޭ ފަހަރުފަހަރު ވެސް އަންނާތީ."
ކޭވައް ފްލޭވާ: ކާމިިޔާބު އެކްސްޕެރިމެންޓެއް
ތޭރަވާ އިންއަށް އައިސް ކްރީމް މެޝިން ވެއްދުމަށް ފަހު ފުރަތަމަ ތައްޔާރުކުރަން ފެށީ އޭގެ ރަސްމީ ތިން ފްލޭވާ އެވެ. ޗޮކުލެޓާއި ސްޓްރޯބެރީ އާއި ވެނީލާ އެވެ. ނަމަވެސް އެއީ އައިސް ކްރީމް ވިއްކާ ކޮންމެ ތަނަކަށް ދިޔަޔަސް ލިބޭނެ ތިން ފްލޭވާ އެވެ. އެހެންވީމަ ކޮންމެހެން ތޭރަވާ އިންއަށް ނަޔަސް އެ ތިން ފްލޭވާ ލިބޭނެ އެވެ. ލޮކްޑައުން ދުވަސްވަރަށް ވުމާ އެކު ކުދިކުދި ޓޭކްއަވޭ ތަންތަން ވެސް ދިޔައީ ގިނަވަމުންނެވެ.
"އެހެންވެ މެނޫގައި ފްރެޝް ޖޫހާއި މޮހީޓޯ ކަހަލަ އެއްޗެހި ވެސް ހިމެނީ. ޔޫޓިއުބުން ބަލައިގެން ދަސްކުރީ، ކޮންމެހެން ކޯހެއް ހަދައިގެނެއް ނޫން،" މަހުރޫޒް ބުންޏެވެ.
އައިސް ކްރީމް ތައްޔާރު ކުރުމުގައި ވެސް އަމިއްލައަށް، ތަފާތު ގޮތްތައް ޓެސްޓު ކުރަން ފެށީ އެ ދުވަސްވަރު އެވެ.
"ޓެސްޓު ކުރަން ފެށީމަ މި އެނގުނީ ވެނީލާ ޕައުޑާއިން އެހެން ފްލޭވާތައް ހެދޭކަން. ދެން އައި އައިޑިއާއެއް ކޭވައް ފްލޭވާއަކީ. ދިވެހިވަންތަ ރަހައެއް ވެސް ވީމަ،" އައިސް ކްރީމް ފްލޭވާއެއްގެ ގޮތުގައި ކަށިކޭލުގެ ރަހަ އުފައްދަން ފެށި ގޮތް ކިޔައިދެމުން މަހުރޫޒް ބުންޏެވެ.
ކޭވައް އައިސް ކްރީމާ ހިސާބަށް ވާހަކަ ދިޔަތަނާހެން މަހުރޫޒްގެ އެއްބަނޑު އެއްބަފާ ކޮއްކޮ މާޒިޔާ ވަހީދު ވެސް އައިސް އިންޓަވިއުގައި ބައިވެރިވާން ޖޯއްޔެއްގައި އިށީނދެއްޖެ އެވެ. އަދި މި ވާހަކައިން މަދުވާ ފްލޭވާތަކާ އެކު އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.
"ކޭވައް ހެދިއިރު އެކި ގޮތްގޮތަށް ފުރަތަމަ އެކްސްޕެރިމެންޓު ކުރީ. އެންމެ ފުރަތަމަ ގޭ މީހުން ރަހަބެލީ. ޓްރައި ކުރަމުން ކުރަމުން ގޮސް ބޭރަށް ނެރުނީ،" މާޒިޔާ ބުންޏެވެ.
ކޭވައް އައިސް ކްރީމް އަލަށް ނެރުނު ދުވަސްކޮޅު އާންމުން އިޖާބަދިނީ ވަރަށް ތަފާތު ގޮތަކަށެވެ. ގިނަ މީހުންގެ ނަޒަރުގައި ކަށިކޭލަކީ 'މުސްކުޅި' އެއްޗެކެވެ. ފުރަތަމަ ކޮޅުގައި ގިނަ މީހުން އޭގެ ރަހަ ބަލަން ވެސް ބޭނުމެއްނުވި އެވެ.
"ބައެއް މީހުން [ތަންކޮޅެއް ދޮށީ މީހުން] ބުނީ ތިއީ ތިމަންނަމެން ގޭގައި ކައްކައިގެން ވެސް ކާ އެއްޗެކޭ. ގިނަ ކުޑަކުދިންނަށް ނުވެސް އެނގެއޭ ކޭވަކަކީ ކޯއްޗެއް ކަމެއް ވެސް. [ކުޑަކުދިންނަށް] އޭގެ އިނގިރޭސި ނަން ޖަހައިގެން ގޫގްލް ކޮށްގެން ފޮޓޯ ދެއްކީމަ ވެސް ނޭނގުނު. ބައެއް ކުދިން އައިސް މީގެ ވަސް ޖެހުނީމަ ވެސް ބުނޭ މުސްކުޅި ވަހެކޭ ދުވަނީ،" މާޒިޔާ ބުންޏެވެ.
"ފުރަތަމަ ޓްރައި ނުކުރަންޏާ ނޭނގޭނެތާ ދޯ؟ ދެން ފަހުން ފަހުން އައިސް މީހުން ޓްރައި ކުރަން ފެށީމަ، އެކަކުގެ ފަރާތުން އަނެކަކަށް އެނގި، ޕާސްވަމުން ގޮސް މިހާރު ކުޑަކުދިން ވެސް ބޭނުންވޭ އޭތި ޓްރައި ކުރަން."
ފުރަތަމަކޮޅުގައި ރަހަ ބަލަން ފަސްޖެހުނު ނަމަވެސް، މިހާރު ކޭވައް އައިސް ކްރީމްއަކީ ތޭރަވާ އިން ހާއްސަކޮށްދޭ ސަބަބެވެ. އައްޑޫގެ އެކި ހިސާބުތަކުން ހަމަ ސީދާ މި އައިސް ކްރީމް ބޯން އެތައް ބަޔަކު އެ ތަނަށް ދެ އެވެ. އައްޑުއަށް އައިސް އުޅޭ ފަތުރުވެރިން ވެސް މި ދިވެހިވަންތަ އުފެއްދުމުގެ ރަހަ ބަލައިލަން ދެ އެވެ.
"މިތަނަށް އާދޭ އޭއީއެޗުގައި [ހޮސްޕިޓަލް] އުޅޭ މުވައްޒަފުން ވެސް، ބްރޭކަށް ލިބޭ ގަޑިއިރުގައި. އެއާޕޯޓު މުވައްޒަފުން ވެސް ދެ ފްލައިޓު ދޭތެރޭގައި އަންނާނެ މިތަނަށް. ހަމަ ކޭވައް އައިސް ކްރީމް ބޯންވެގެން،" މަހުރޫޒް ބުންޏެވެ.
ކޭވައް ފްލޭވާ ތައްޔާރުކުރަނީ ހަމަ ސީދާ އަސްލު ދިވެހި ކަށިކެޔޮ ބޭނުންކޮށްގެންނެވެ. ނަމަވެސް އެއީ އައްޑޫގައި އެހާ ތިޔާގި އެއްޗެއް ނޫނެވެ. މިރަށާއި މަރަދޫގައި އާންމު ތަނަކުން ކަށިކެޔޮ ގަސް ފެންނާކަށް ނުހުރެ އެވެ. ހިތަދޫގެ ކޯއްޓޭ އާއި ހުޅުދޫ އަދި މީދޫގައި މި ބާވަތުގެ ގަސް ހުރި ނަމަވެސް، ބައެއް ދުވަސްވަރު ނުލިބެ އެވެ. އެހެންވެ ބައެއް ފަހަރު މާލެ އާއި ހުވަދޫ އަތޮޅުން އެތެރެކުރަން ޖެހޭ ފަހަރުފަހަރު ވެސް ކުރިމަތިވެ އެވެ.
"އަސްލު ވަރަށް އަގުބޮޑުކޮށް ކޭވައް ލިބެނީ. މިކޮޅުގައި މީތި މަޝްހޫރުވި ފަހުން ކޭވަކުގައި މިހާރު ވެލިއުއެއް ވެސް ހުރޭ،" މާޒިޔާ ބުންޏެވެ.
މިހާރު ކަށިކޭލަކީ އެ އާއިލާގެ އެންމެ ބޮޑު ކާމިޔާބީ އެވެ. އާއިލާއަށް އެންމެ ބޮޑު ދައްޗަކާ ކުރިމަތިވި ދުވަހު، އެ ދަތިކަމުން އަރައިގަނެވުނީ އެ މޭވާގެ ސަބަބުންނެވެ.
"އަހަރެމެންގެ އާއިލާގެ ކާމިޔާބީއަކީ ކޭވައް އައިސް ކްރީމްއޭ ބުނެވޭނެ. އެއީ އަމިއްލަ އުފެއްދުމެއް،" މަހުރޫޒް ބުންޏެވެ.
"ގަމުން ހިތަދޫއާ ހަމައަށް ދާއިރު ޖޫގޯ އާއި އައިސްކްރީމް ލިބޭނެ ބައިވަރު ތަންތަން ހުންނާނެ. އެކަމަކު އަހަރެމެންގެ ސަކްސެސްއަކީ ކޭވައް އައިސްކްރީމް. އެއަށް އަސްލު މީހުން މިތަނަށް އަންނަނީ. މިތަން ހިނގަނީ އޭގެ ސަބަބުން."
ކޭވައް އައިސް ކްރީމްއަކީ ތޭރަވާ އިންގެ ނަންބަރު ވަން އުފެއްދުމަށް ވިޔަސް، މިއީ އަދި އެންމެ އުފެއްދުމެއްގެ ވާހަކަ އެވެ. ހަމައެކަނި އައިސް ކްރީމަށް ބަލާއިރު، ރަސްމީ ތިން ފްލޭވާ އާއި ކޭވަކުގެ އިތުރަށް، ޕިސްޓާޝިއޯ، އޯރިއޯ، ކެރެމަލް، ބްލޫބެރީ، ޕެޝަން ފްރުޓް އަދި ޕަންޑަން ފްލޭވާ ވެސް ލިބެން ހުރެ އެވެ. ރަސްމީ ތިން ފްލޭވާ ފިޔަވައި ދެން ހުރި ހުރިހާ ފްލޭވާތައް ވެސް ތައްޔާރުކުރަނީ އަމިއްލަ ރެސިޕީތަކުންނެވެ. ކޭވަކެކޭ އެއްގޮތަށް، ޕަންޑަން، ބްލޫބެރީ އަދި ޕެޝަން ފްރުޓް ފްލޭވާ ތައްޔާރުކުރަނީ ވެސް އޭގެ އަސްލު ބާވަތްތަކުން ފްލޭވާ ނެރެގެންނެވެ.
އެ ފްލޭވާތަކުގެ ތެރެއިން ޕަންޑަން ނުވަތަ ރާނބާ ފަތް ފްލޭވާއަކީ ތޭރަވާ އިންއިން މި ފަހުން ތައްޔާރުކުރަން ފެށި އަމިއްލަ އުފެއްދުމެކެވެ. އެކަމަކު ރާނބާ ފަތަކީ ރިހަ ކައްކަން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮންނާތީ، އެ ފްލޭވާ ވިއްކަނީ އިނގިރޭސި ނަމުގަ އެވެ. މިހާރު އެއީ ކޭވަކުގެ ފަހަތުން ދެވަނައަށް އެންމެ މަގުބޫލު އައިސް ކްރީމް ފްލޭވާ އެވެ.
މި އާއިލާގެ ދިރިއުޅުން ކޮންމެ ދުވަހަކު ހެން ދައުރުވަނީ މި ވިޔަފާރީގެ ތެރޭގަ އެވެ. ހެނދުނު ހެނދުނާ ތަން ހުޅުވަނީ މަންމަ އާމިނަތު އަބްދުﷲ އެވެ. ވިޔަފާރީގައި އެންމެ ބުރަކޮށް އުޅޭނީ ވެސް އާމިނަތު އެވެ. މަހުރޫޒު އާއި މާޒިޔާ ކޮންމެ ދުވަހަކު ވެސް 8އިން 2އަށް ޑިއުޓީއަށް ދާން ޖެހުނު ނަމަވެސް، ކިރިޔާ ވަގުތެއް ވިޔަސް އަތްގާތްކޮށްދެ އެވެ.
މިކަން ފެށިއިރު މަހުރޫޒު އުޅުނީ އީކުއޭޓަ ވިލެޖުގައި ވެއިޓަރަކަށެވެ. މިހާރު ފޭދޫ އަވަށު އޮފީހުގެ ހާބާ އިންސްޕެކްޓަރަކަށެވެ. ކުރިން ފޭދޫ ސްކޫލުގެ ލެބް އެސިސްޓެންޓަކަށް އުޅުމަށް ފަހު މާޒިޔާއަކީ މިހާރު ޕްރައިމަރީ ޓީޗަރެކެވެ. ތަނުގެ ސޭލްސް، ފެށުނީއްސުރެ ވެސް ބަލަހައްޓަނީ އެ ދެ މީހުންގެ ކޮއްކޮ މާޒިން ވަހީދު އެވެ. އޭނާ އަކީ މިހާރު އޭ'ލެވެލް ދަރިވަރެކެވެ. އެމްޓީސީސީގެ ވަޒީފާއެއްގައި އުޅޭ އެ އެންމެންގެ ބޭބެ، މުއާޒު ވަހީދު ވެސް ހުސް ވަގުތުތަކުގައި އުޅެނީ މިކަމުގެ ތެރޭގަ އެވެ.
އާއިލާގެ އެންމެ ދޮށީ މީހަކަށް ހުންނަނީ އާމިނަތުގެ މަންމަ ހަފީޒާ މުހައްމަދު އެވެ. އެއީ މާމަ ދަރިން ކިޔާ ގޮތުން ނަމަ ބޮޑުމަންމަ އެވެ. ރަށުގެ އެހެން މީހުންނަށް އެއީ ހަޕިމަންމަ އެވެ. ހަފީޒާ ކޮބައިތޯ އަހާލުމުން ގޭތެރޭގައި އިންދާ ގޮވައިގެން ގެނެސްފި އެވެ. ހުސް ޖޯއްޔެއްގައި އިށީނދެ، އަތުގައި އޮތް ހެލޯ ކިޓީ ދަބަސް އުނގުމަތީގައި ބޭއްވުމަށް ފަހު ދެން ވާންވީ ކިިހިނެއްތޯ ސުވާލުކޮށްފި އެވެ.
ހަފީޒާއަކީ ދިވެހި ބޭހުގެ ތަޖުރިބާކާރެކެވެ. އެއް ޒަމާނެއްގައި ފޫޅުމައެކެވެ. އެހާމެ ސަމާސާ ބޮޑު މީހެކެވެ. ކޭވައް އައިސް ކްރީމެއްގެ ރަހަ ބަލަމުން ހަފީޒާގެ ކަޅާއި ހުދުގެ ޒަމާނުގެ އެ ވާހަކަތަކަށް އަހަރެން ގެއްލިއްޖެ އެވެ.
ކޮމެންޓް (1)
ވާނުވާ