ކަޑާސް އެޓިކް ފިހާރައިގެ ކައުންޓަރުގައި ހަދީޖާ މޫސާ ދީދީ (ކައްދަ). (ދައުރު ފޮޓޯ)
ވައްކަމާއި ފޭރުން ކުރިމަތިވިޔަސް ހިތްވަރުގަދަ އަންހެނެއް
ސ. ހިތަދޫ ހުސައިނީ މަގަކީ ދުވާލު ގަޑީގައި ކާރުބާރު ބޮޑު މަގެކެވެ. ނަމަވެސް އިރުއޮއްސުމާ އެކު މަރުހަބާ ކިޔަނީ ފަޅު، ނާމާން އަދި އަނދިރި ކަމަކަށެވެ. ކުޑަކުޑަ ފިހާރައެއްގެ ތެރޭގައި ހަދީޖާ މޫސާ ދީދީ (ކަތްދަ) ކޮންމެ ދުވަހަކު އެ އިންނަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. ފިހާރަ ހުޅުވާފައި ހުއްޓަސް، ދޮރާއި ބިއްލޫރިގަނޑުގައި ތޭރިޖަހައި އެ ބިރުވެރިކަމަށް ފިހާރަ ބަންދުކޮށްގެންނެވެ. ނަމަވެސް، އޭގެ ތެރެއިން އެންމެ ތޭރިއަކުން ވެސް ހަދީޖާގެ ހިތަށް ހަގީގަތުގައި ތަސައްލީއެއް ނެތެވެ. ލިބުނު ގެއްލުމާއި ކުރިމަތިލާން ޖެހުނު ނުރައްކަލުގެ ބޮޑުކަމުންނެވެ.
އަމިއްލަ ވިޔަފާރިއެއް ކުރުމަކީ ހަދީޖާގެ ހުވަފެނީ އަދި އެންމެ ކުރާ ހިތްވާ މަސައްކަތެވެ. މީހެއްގެ ފިހާރައިގައި ފަސް އަހަރު ވަޒީފާ އަދާކުރުމަށް ފަހު އަމިއްލަ ފިހާރައެއް ހުޅުވާ ވާހަކަ ފުރަތަމަ ދެއްކީ ވެސް ސަމާސާއެއްގެ ގޮތުގަ އެވެ. ހެޔޮއެދޭ ރަހުމަތްތެރިން ހިފީ އެކަން ހަގީގަތަކަށް ހަދައިދިނުމަށެވެ. ވިޔަފާރި ފަށަން ބޭނުންވާ ތަނާއި ބައެއް މުދާ ވެސް ހޯދައިދިނީ އެ މީހުންނެވެ. ތިމާގެ ދެ މީހަކާއި ކޯހެއް ހަދަން މާލެ ގޮސް، ވަޒީފާ އަދާކުރަން އުޅުނު ހަމައެކަނި ދަރިފުޅު ދިން ޖުމްލަ 6،000ރ.އިން 7 އޭޕްރީލް 2016ގައި ފިހާރަ ހުޅުވި ހިސާބުން ހަދީޖާގެ ވާހަކަ ފެށި އެވެ.
ފުރަތަމަ ގޮނޑި ގެނައީ ގެއިންނެވެ. އޭރު ހަރެއް ނެތުމުން މުދާ ބެހެއްޓީ ފިހާރައިގެ ކުރިމައްޗަށް ހުންނަ ގެއިން ބޮޑު މޭޒެއް ގެނެސްގެންނެވެ. އެންމެ ފުރަތަމަ އެ މޭޒު ފަޅުފިލުވައިލީ ދެތިން ކޭސް ބިސްކޯދާއި ޓޮމާޓޯ ޕޭސްޓު ކަހަލަ އާންމުކޮށް މީހުން ގަންނަ މުދާ ބަހައްޓައިގެންނެވެ. ކައިރީގައި ހުންނަ މީޑިއާ ސެންޓަރުގައި އުޅޭ ކުދިންގެ އެދުމަކަށް މީހުން ކައިރި ބުނެގެން ފަހުން ހެދިކާ ވެސް ގެންނަން ފެށި އެވެ.
ދޮރާއި ފުރާޅުން ވެސް ވަގުން
ވަރަށް އާދައިގެ ގޮތަކަށް ހިންގަމުންދިޔަ ނަމަވެސް، ވަގުންގެ ރާޑަރަށް 'ކަޑާސް އެޓިކް' އަރާކަށް މާ ގިނަ ދުވަހެއް ނުނަގަ އެވެ. އެ އަހަރުގެ ފަހުކޮޅުގައި ސިލްސިލާ ވައްކަންތަކުގެ ފެށުން ކުރިމަތިވި އެވެ. ފުރަތަމަ ވަނީ ފިހާރައިގެ ދޮރުގައި އަޅުވާ ބޮޑު ތަޅު ހަލާކުކޮށްލުމަށް ފަހު އެވެ. ދެން ވަނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފަ އެވެ. ތޭރިތައް ހަރުކުރަން ޖެހުނު ސަބަބަކީ އެއީ އެވެ.
"ތޭރިތައް ހަރުކުރީމަ ދެން ވަންނަން ފެށީ ފުރާޅުން. އެހެރަ ދެ ގޮޅިއަކީ އެ މީހުން ފައިބާ ތަންތަން،" ސީލިންގަނޑުގައި 'ޕެޗު' އަޅާފައި ހުރި ދެ ގޮޅިއަށް އިޝާރާތް ކުރަމުން ހަދީޖާ ބުންޏެވެ.
ފުރާޅުން އަރާވަރުން އޮބިނޯވެގެން މުޅި ފުރާޅު ބަދަލުކޮށް، ވަރުގަދަ އިސްކުރުތަކެއް ވެސް ޖެހި އެވެ.
ފިހާރައަށް ހަތް އަހަރު ވެގެންދިޔައިރު، ޖުމްލަ ހަތް ފަހަރު އެ ފިހާރައިން ވައްކަންކޮށްފި އެވެ. ފަހު ތިން ފަހަރު ކުރިމަތިވި ގެއްލުން އިންތިހާއަށް ބޮޑެވެ. ކޮމްޕިއުޓަރެއް ބެހެއްޓިތާ ތިން މަސް ވެސް ނުވަނީސް އެ ގެންގޮސްފި އެވެ. ޖެހިގެން އައި ފަހަރު ދިޔައީ ފިހާރައިގައި ހުރި ސެކިއުރިޓީ ކެމެރާ އާއި ވައިފައި ރައުޓަރު ވެސް ކިހިލީގައި ޖަހާލައިގެންނެވެ. ބައިވަރު މުދަލާ ވެސް އެކީގަ އެވެ. އެ މީހަކު ފިހާރައަށް ވަނީ ދަނޑިގަނޑަކުން ނުވަތަ ކޮންމެވެސް އެއްޗަކުން ޖައްސައިގެން، ކުރިމަތީގައި ހުންނަ ގޭގެ ކެމެރާ ވެސް ދުރަށް ވާ ގޮތަށް އަނބުރާލައިފަ އެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އެ މީހަކު އަރާފައި ހުއްޓެވެ.
"އެ ފަހަރު ފުލުހުން އައިސް ބުނެފި، މިފަހަރު ކަމެއް ކުރެވޭނޭ، ތިމަންނާމެންނަށް މި ކުއްޖާ އެބަ އެނގެޔޭ. އެކަމަކު އެއްވެސް ކަމެއް ނުވި. ތަހުގީގުކުރި މީހާއަށް ވެސް ގުޅީމަ ވަރަށް ރުޅި އައިސްފައި ވާހަކަދެއްކީ. ތިމަންނަމެން ތިބެނީ ހަމައެކަނި ތިކަން ކުރާކަށް ނޫނޭ ކިޔާފައި،" ފުލުހުން އެ މައްސަލަ ބެލި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ހަދީޖާ ބުންޏެވެ.
"މަ ނުވެސް ގުޅަން އެހާ އަވަހަށް. އެކަމަކު އެ ފަހަރު ގުޅީ ރައުޓަރު ވެސް ފެނިއްޖެއްޔާ އަލުން އެއްޗެއް ނުލާ ވާނެތާ، އެހެންވެ އޭގެ ހަބަރެއް ވެސް ބަލަން. އަނެއްކޮޅުން އެމީހުން ބުނެފައި އޮތީ އެ ކުއްޖަކު އެބަ އެނގެޔޭ. ހޯދޭނޭ. ގުޅީމަ ވަރަށް ހުތުރުކޮށް ވާހަކަދެއްކީ. އެހެން ނޫނީ ވަރަށް ރީތިކޮށް ވާހަކަދައްކާނީ."
ވަޅީގެ ކުރިމަތީގައި ދެއްކި ހިތްވަރު
ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރުން ރެއެކެވެ. މަޖުބޫރު ކޮށްފައި އޮތުމާ އެކު ފޭރުމުގެ ނިޔަތުގައި ފިހާރައަށް ވަން މީހާ ވެސް ހުރީ މާސްކެއް އަޅައިގެންނެވެ. އޭރު ހަދީޖާ ހުރީ ކައުންޓަރުގައި ފޯނު ބާއްވައިގެން، 'މަންދީ' ނަމަކަށް ކިޔާ ރައްޓެއްސަކަށް ގުޅައި، ސްޕީކަރަށް ލައިގެންނެވެ. ކަސްޓަމަރެއް ކަމަށް ހީކޮށް އާދައިގެ މަތިން ހިނިތުންވުމަކާ އެކު ހަދީޖާ އެ މީހާއަށް މަރުހަބާ ކިޔެވެ. އެ މީހާ ވަދެގެން ގޮސް ހުއްޓުނީ ކައުންޓަރުގެ އަރިމަތީގައި ހުރި ރެކު ކައިރީގައި ކޮލްގެޓު ބޭސްފުޅިތައް ބަލާށެވެ.
"އިރުކޮޅެއް ކޮށްލާފައި ދައްތާއޭ ކިޔާފައި ގޮވާލައިފި. ބަލައިލިއިރު ތިރިން، [ފިހާރައަށް ވަދެގެން އަންނަ މީހަކަށް ވެސް ނުފެންނަ ހިސާބުން] ވަޅީގެ ތިލަ ދިއްކޮށްގެން ހުރީ. ދެން ބުނެފި ދައްތާ ލާރިއޭ. މަށަށް ބުނެވުނީ އޭނ، ކޮން ލާރިއެއްހޭ،" ހަދީޖާ ބުންޏެވެ.
"ފޯނުގައި ހުރީމަ އަހަރެންގެ ހިތްވަރު ވެސް ހުންނާނެތާ؟ ވަގުތުން ބުނެފިން، "މަންދީއޭ މި ތަނަށް ފޭރޭ މީހަކު ވަދެފިއޭ." ދެން އެއްކަލަ މީހާއަކަށް ނުވިސްނޭނެތާ މަންދީ ހުރީ ކޮން ތާކު ކަމެއް. އަސްލު ވަރަށް ދުރުގައި ހުރީ."
"ތެޅިގަތް ބޮނޑީގައި، ދިޔައީ ފޯނު ފޭރިގެން. ދެން މަ ކީއްކުރާނީ، މަގޭ އަތުގައި އޮތީ ފެންފުޅިއެއް. އޭތި އެއްލިން. ފަހާ ދުވެފައި ވެސް ދިޔައިން. އެކަމަކު އަތެއް ނުވި."
އޭރު ވާރޭ ވެހެމުންދިޔަ ނަމަވެސް، ފިހާރަ ކުރިމަތީ ހުންނަ ގޭގެ ކެމެރާއަށް އެ މީހާ ފިލި މަންޒަރު ހުރީ އަރާފަ އެވެ. މާސްކު އަޅައިގެން ހުރުމުން ސީދާ ކާކުކަން ދެނެގަންނަން އުނދަގޫވި ނަމަވެސް، ފުލުހުން ނުހުއްޓައި ކުރި މަސައްކަތުގެ ސަބަބުން ތިން ދުވަސް ފަހުން އެއީ ކާކުކަން ހޯދުނެވެ. ފޯނު އަނބުރާ ލިބުނީ ވިއްކާލާފައި އޮއްވަ އެވެ. ހަދީޖާއަށް އިންސާފެއް ލިބުނު ހަމައެކަނި ފަހަރަކީ އެއީ އެވެ.
ދަބަހާ އެކު ފޭރިގަތީ ނަފްސާނީ ހަމަޖެހުން
ހަދީޖާގެ ހަޔާތުގައި އެންމެ ބިރުވެރި ހާދިސާއަކާ ކުރިމަތިވީ މިދިޔަ ޑިސެމްބަރުގެ ފަހުކޮޅުގަ އެވެ. އެއްރޭ ފިހާރަ ބަންދުކޮށްފައި ނުކުތް ތަނުން ދިޔައީ އަތް ދަބަސް ފޭރިގެންނެވެ.
ހަދީޖާ ދިރިއުޅެނީ ފިހާރައާ ކިތަންމެ ކައިރީގައި ވިޔަސް އެކަނި ގެއަށް ދާން ބިރުގަނެ އެވެ. އެހެންވެ އެ ރޭ ވެސް އާދައިގެ މަތިން ގެއަށް ލައިދިނުމަށް ފިހާރަ ބަންދުކުރި ގަޑިއަށް އެކުވެރިޔަކު ސައިކަލުގައި އައިސް ހުއްޓެވެ.
"ސައިކަލަށް އަރައި އެއް އަރިމަތީގައި ފައި ނުބެހެއްޓޭ، ކުއްލިއަކަށް ކަރަށް ބާރުވީ. މިހެން [ހުރަހަށް] އަޅުވާފައި އޮތީ. ދަބަހުގައި ވަރަށް ވަރުގަދަ ފަށެއް ހުންނާނީ ވެސް. ކަރަށް ބާރުވެގެން ބެލިއިރު ޖެހިގެން މި އޮތް ގޯއްޗަށް ގޮސް ވަންނަނީ ދުވެފައި. އެހާ ހަލުވި. އެންމެ ސިކުންތެއްގެ ތެރޭގައި،" ހަދީޖާ ބުންޏެވެ.
"ސައިކަލުން ފުންމާލާފައި އޭނާ ފަހާ ދުވިން. އެކަމަކު ކޯއްޗެއް ފެންނާނީ؟ މީހަކު ދުވާ ތަނެއް، ހިލަމެއް ވެސް ނުވޭ. ދެން ވަގުތުން ފުލުހުންނަށް ގުޅައިގެން އެމީހުން އައިސް މުޅި މި ސަރަހައްދު ވެސް ބެލި. އެކަމަކު އެއްވެސް މީހެއް ނުފެނުނު. އެއްޗެއް ނުފެނުނު، އެއްލާލާފައި އޮއްވާ ވެސް."
"އެއީ އެންމެ ބިރުގަތް ފަހަރު. ވަޅި ހިފައިގެން ވަން ދުވަސްކޮޅު ވެސް ވަރަށް ބިރުގަނޭ އެކަނި އުޅެން. އެކަމަކު މި ދަބަސް ފޭރިގަތް ފަހުން ނުވިސްނާ ހުއްޓާ މީހަކު ދޮރު ހުޅުވިޔަސް ސިއްސައިގެން ދަނީ."
ފޭރިގަތް ދަބަހުގެ އެތެރޭގައި ބޭންކު ކާޑާއި ދެ ފޯނާއި 10،000އަށް ވުރެ ގިނަ ރުފިޔާ ހުންނާނެ އެވެ. މަހުގެ ފަހުކޮޅަށް ވުމާ އެކު އެއީ ކުރެޑިޓް ކަސްޓަމަރުން އެ މީހުންގެ ދަރަނި ހަމަޖައްސަން ދީފައި ހުރި ފައިސާ އެވެ.
ހެޔޮއެދޭ މީހެއްގެ ފަރާތުން ދަބަހުގައި ހުރި އަދަދަށް ވާ ވަރަށް ފައިސާ ލިބުނު ނަމަވެސް، އެ ހާދިސާއަށް ފަހު ހަދީޖާ ދިރިއުޅެން ޖެހެނީ މޭގަނޑު އަތަށް ލައިގެންނެވެ. ވައްކަން ކުރާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. ފިހާރައަށް ވަންނަ ކަސްޓަމަރުންގެ ތެރެއިން ވަޅިއަކުން ބިރު ދައްކާނީ ކާކު ކަމެއް ނޭނގެ އެވެ.
"މަގުން އެކަނި ދާން ވެސް ވަރަށް ބިރުގަނޭ. އަހަރެންގެ ގެ ހުންނަ މަގު އަދި ހަދާ ނުނިމޭ. ވާރޭ ވެހިއްޖެއްޔާ ބޮޑު ފެންގަނޑެއް އޮންނާނީ. ފާރުގައި ކޭއްތެމުން ޒިގް ޒެގް އަޅަމުންދާއިރު، ގަރާޖެއް ނޫނީ ގެއެއްގެ ދޮރު ހުޅުވާފައި ހުރެދާނެ. ދެން ހިތަށް އަރަނީ އެތާ މީހަކު ހުރެދާނޭ، ފުންމައިގެން އައިސް ހިފާފާނޭ،" ހަދީޖާ ބުންޏެވެ.
"އެކަނި ނުހުންނަން ފިހާރައިގައި. ހުޅުވާ ގަޑީގައި އެކަނި ހުއްޓަސް ފުރަތަމަ ތަޅުލައިގެން ހުންނަނީ. އެކަމަކު އެއީ ވެސް ހައްލެއް ނޫންތާ؟ މީހަކު އައިސް ވަންނަން ބޭނުމިއްޔާ ވައްދަން. މަށަކަށް ނޭނގޭނެދޯ މީހަކު ވަދެފައި ކޮން ކަހަލަ ކަމެއް ކަން ކޮށްލާނީ. ހުސް ވެސް މައްސަލަ. ވައްކަން ކުރާނެ ނުކުރާނެ މީހަކު ނޭނގޭ."
މިވެނި ކަމެއް ކުރީ، އެވެނި ކަމެއް ނުކުރީ ކީއްވެ؟
ޝައްކާއި ވަހުމެއްގެ ތެރޭގައި ދިރިއުޅެން ޖެހުނު ނަމަވެސް، ބައެއް މީހުންގެ ފަރާތުން އިވޭ ވާހަކަތަކުން ލިބެނީ އިތުރު ހިތްނުތަނަވަސް ކަމެކެވެ.
"އެކަކު ބުނާނެ، ދެ މީހުން އެކަނި ތިބީ ކީއްވެހޭ [ދަބަސް ފޭރުނު ރޭ]. އެހެން މީހަކު ބުނެފާނެ ދަބަހަށް ލާރި އެޅީ ކީއްކުރަންހެއްޔޭ. މިވެނި ކަމެއް ކުރީ ކީއްވެހޭ، އެވަނި ކަމެއް ކުރީ ކީއްވެހޭ،" ހަދީޖާ ބުންޏެވެ.
"ހީވަނީ އެކަން ކުރި މީހާ އެއްވެސް ގޯހެއް ނޫނޭ. ދައްތައަށް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވެނީއޭ. އެއީ ވަރަށް ދެރަ ކަމެއް. އެހެންވެގެން ވެސް ވަރަށް ވިސްނޭ."
ހަދީޖާގެ އެންމެ ބޮޑު ޝަކުވާއަކީ މިކަން ކުރާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ނުގެނެވޭތީ އެވެ. މައްސަލަ ރިޕޯޓުކުރުމާ އެކު ފުލުހުން ވަގުތުން ސީނަށް އާދެ އެވެ. ހަދީޖާގެ ކަމަކީ ބަޔާން ދިނުމެވެ. އިތުރަށް ވާ ކަމެއް ނޯވެ އެވެ.
"ފުލުހުން އަސްލު ނުހޯދަނީ. އާންމުން ވެސް އެބަ ބުނޭ މިއީ މިވެނި މީހެކޭ. އެކަމަކު ފުލުހުންނަށް އެއްބަސް ނުކުރެވޭ،" މިކަމުގައި ހަދީޖާ ދެކޭ ގޮތް، އަމިއްލަ ތަޖުރިބާގެ އަލީގައި ހިއްސާކުރި އެވެ.
މިސާލަކަށް ފިހާރައިގެ ކޮމްޕިއުޓަރު ވަގަށް ނެގި ފަހަރެވެ. ފުލުހުން ސީންއަށް އައިސް ދިޔަތާ ދެ ގަޑިއިރު ވެސް ނުވަނީސް ފިހާރައިން ވަގަށް ނެގި ހުރިހާ މުދަލެއް އެ ރަށު ކޮންމެވެސް ގެއަކުން ފުލުހުންނަށް ފެނުނެވެ.
"ވަޅޯމަހުން ފެށިގެން، ޕްރޮމެކްސް ކިރު، އެންޓަބެކްސް، އެކްސްއެލް، ޗީޒު، މައިލޯ މިހެން ގޮސް މިތަނުން ގެއްލުނު ހުރިހާ އެއްޗެއް. ފުލުހުންނަށް އެނގިއްޖެ އެ މީހުން ވައްކަން ކުރި ކަން. ހުރިހާ އެއްޗެއް އެ ގެއިން ފެނިއްޖެ. އެހެންވީމަ ފުލުހުން ވާނެ ނޫންހޭ އެކުދިން ލައްވާ ބުނުވަން އެއީ ކޮން ތަނަކުން ނެގި އެއްޗެއްކަން. 15 ދުވަސްކޮށްފައި ދޫކުރާކަށް ނުޖެހޭނެ،" ހަދީޖާ ބުންޏެވެ.
"އެ މީހުން ވައްކަން ކުރިކަން އެނގިގެން ހައްޔަރުކުރީ. އެހެން ބުނީމަ ބުނަނީ ގާނޫނީ މައްސަލައެކޭ، ތިމަންނަމެންނަށް އެއްބަހެއް ނުކުރެވެޔޭ... ދެން އެ ގާނޫނު ރަނގަޅު ކުރާނެ މީހެއް މަށަކަށް ނޭނގޭ."
އެ ފަހަރު މުދާ އަނބުރާ ލިބުނުތޯ އަހާލުމުން ހަދީޖާ ބުނީ "ފިހާރައިގެ އެއްޗެއްކަން ސާބިތުނުވީމަ" އެ ހުރިހާ އެއްޗެއް ލިބުނީ ފުލުހުންނަށް ކަމަށެވެ. އެކަން ކުރެވޭނީ، ފުލުހުންގެ ބަހުން ނަމަ، ކޮންމެ މުދަލެއްގައި ވަކިވަކިން އެ ފިހާރައިގެ އެއްޗެއްކަން ފާހަގަވާ ގޮތަށް، ޖަހާފައި ހުރެގެންނެވެ.
ނަމަވެސް، މިފަހަކަށް އައިސް ފުލުހުންގެ މަސައްކަތަށް ހަދީޖާ ދިނީ 'އޭ ސްޓާ' އެކެވެ. އެއީ ފިހާރަ ބަންދުކުރާ ގަޑީގައި ފުލުހުން ޕެޓްރޯލް ކުރާތީ އާއި ފިހާރައިގެ ފޮޓޯ ނަގާތަން ފެންނާތީ އެވެ.
އަނބުރާ ލިބުމުގެ އުންމީދެއް ނެތް، ކުރެޑިޓް ފުންޏެއް
ކަޑާސް އެޓިކްގެ ވިޔަފާރީގެ ބޮޑު ބައެއް ބިނާވެފައިވަނީ ކުރެޑިޓް ވިޔަފާރިއަށެވެ. ހިތަދޫގެ ދުރު ހިސާބުތަކުން ވެސް ހަދީޖާގެ ރަހުމަތްތެރިން އެ ތަނަށް ވިޔަފާރި ކުރަން އާދެ އެވެ. ގާތްގަނޑަކަށް 20 ވަރަކަށް ގޭބިސީން މުޅި މަސް ދުވަހުގެ ވިޔަފާރި ކުރަނީ އެ ފިހާރައިންނެވެ.
ވިޔަފާރި ކުރިއަށްދަނީ ވެސް އެފަދަ ލޯޔަލް ކަސްޓަމަރުންގެ ސަބަބުން ކަމަށް ވާތީ، ކުރެޑިޓަށް ދިނުމަކީ ހަދީޖާއަށް މައްސަލައެއް ވެސް ނޫނެވެ. މައްސަލައަކީ ބައެއް މީހުން ފައިސާ ނުދައްކާ ފިލާތީ އެވެ. ކުރީ މަހުގެ ދަރަނި ނުދައްކައި އަނެއް މަހު އަޔަސް، ހަދީޖާގެ ހުންނަ ހިތްހެޔޮކަމުން ދެ ވަނަ މަހު ވެސް ދަރަންޏަށް ދެވެނީ އެވެ.
"އެހެން ގޮސް އެބަތިބި 2017އިން ފެށިގެން އެއްކޮށް ފިލައިގެން އުޅޭ މީހުން. ބައެއް މީހުން މޫނުމައްޗަށް ޖެހޭއިރު ލަދެއް ވެސް ނުގަނޭ. އެއީ ވެސް ވަރަށް ބޮޑު ގެއްލުމެއް،" ހަދީޖާ ބުންޏެވެ.
ފިހާރައިގެ ސިސްޓަމް ނުބަހައްޓާއިރު ދަރަނި ނޯޓުކުރަން ގެންގުޅުނު ފޮތްތައް އަދިވެސް ހަދީޖާ އަތުގައި އެބަހުއްޓެވެ. އެ ފޮތްތަކުގައި ނުލިބިހުރި ދަރަނީގެ އަދަދު 80،000ރ.އަށް އަރަ އެވެ. ފޮތްތައް ބަހައްޓާފައި ހުއްޓަސް، ނުލިބި ހުރި ފައިސާއިން އެންމެ ރުފިޔާއެއް ލިބޭނެކަމުގެ އުންމީދެއް ވެސް ހަދީޖާގެ ނެތެވެ.
ދެކެން ބޭނުންވަނީ އަމާން ދުވަހެއް
ހަދީޖާއަކީ ހިތްވަރުގަދަ އަންހެނެކެވެ. ވައްކަމާއި ފޭރުމާއި މީހުންގެ ފަރާތުން ނުލިބި ހުރި ފައިސާގެ ސަބަބުން ވިޔަފާރީގައި ބުރެކި ޖެހިފައި އޮތް ނަމަވެސް، އޭނާ އެންމެ ދެކެން ބޭނުންވަނީ ވިޔަފާރި ފުޅާކުރެވޭނެ ދުވަހެކެވެ.
އެ ނިޔަތުގައި ބޭބެއެއްގެ ގޭގައި އޮތް ހުސް ތަންކޮޅެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. އެ ތަން އަދި ރޭނުނީ ހަތަރު ފޫޓަށެވެ.
"ކުރިއަކަށް ނުދޭ، މިއީ މިވާ ވަރަކީ،" ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ހަދީޖާ ބުންޏެވެ.
"މަ ބޭނުމީ އަމިއްލަ ތަނެއް ލިބި، ވިޔަފާރި ވެސް ތަންކޮޅެއް ފުޅާވާނެ ދުވަހެއް. ތަންކޮޅެއް މިނިވަންކޮށް، އަމާންކޮށް މިކަން ކުރެވޭނެ ދުވަހެއް އައިސްފި ނަމަ ވެސް ދެން ރަނގަޅު."
ކޮމެންޓް (4)
ޢަލީ
ވޯލް
ވާނުވާ
އަހްމަދު