ސ. ހިތަދޫ ފަތަނގުމާގޭ އައިޝަތު ބަޝީރާ އޭނާގެ އުނދޯލީގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ)
ފަތަނގުމާގެއިން ފޮޓޯތަކެއް: އަލިފުބާއިން އައިޝަތު ބަޝީރާ
މި އާދެވުނީ ހިތަދޫގެ މޫލެކެޑެ އަށެވެ. ހަނި ގޯޅިއަކަށް އަޅައިގެން ގޮސް މި ވަދެވުނީ ފަތަނގުމާގެ އަށެވެ. ކަށިވެލި ފަހަނަޅައި ގޮސް އައިޝަތު ބަޝީރާގެ ހަޔާތަށެވެ. 'މެދުވަތީ'ގެ އަށިން ތެދުވެ ގަނޑުތައް އުކަމުން ގޮސް ފެންޑާއަށް ވަދެ ބުރުގާއެއް އަޅައި އޭނާ އުނދޯލީގައި ޖައްސާލި އެވެ. ތެޅިގަލުގެ އެ ފެންޑާގައި ހަމަޖެހި ފޮޓޯއަކަށް ހުއްޓިގަތެވެ. އަދި އެއަށް ފަހު ޗަކަޗަކަލާފައި ވަރަށް ބާރަށް ހީގަތެވެ.
ދިރިއުޅުމުގެ ދަތުރު ކިތަންމެ ބުރަޔަސް ބަޝީރާގެ 58 އަހަރު ވީ މި ހަޔާތުގައި އޮތީ ސަކަ ހިތެކެވެ. އަދި ދުވަސް ކިތަންމެ ހިތްދައްޗަސް މުޅި އިންޓަވިއު ފަށައިގެން ނިމެންދެން ނުވަތަ މި ގެ އާއި އޭނާގެ ހަޔާތުގެ ޓުއާ ފަށައިގެން ނިމެންދެން އެ މޫނުމަތިން އުފާވެރިކަން ނޫން އެހެން އެއްވެސް އިހުސާސެއް ނިއުޅިގެނެއް ނުދެ އެވެ.
ފަތަނގުމާގޭގައި މަލެއް ނެތަސް މިއީ އައިޝަތު ބަޝީރާގެ ސުވަރުގެ އެވެ. އަދި މި ހުރިހާ ވާހަކައެއް އޭނާ ކިޔައިދޭން ފެށީ މަލެއް ފަދައިން ފޮޅި ދިއްލި ހުރެގެންނެވެ.
"އަޅުގަނޑު މިއަދު މި އުޅެނީ ކުޅިބޯކިބާ އަޅަން،" ހަނޑޫ މުގުރައިގެން ތައްޔާރުކޮށްފައި ހުރި ފުއްގަނޑެއް ދައްކާލަމުން ބަޝީރާ ބުނެލި އެވެ.
"މިގޮތަށް ހެދިކާ ހަދައިގެން ގޮސް [ފިހާރަތަކަށް] ލީމަ ދެން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބޭ. އެކަމަކު އާމްދަނީއެއް ހޯދުމަށް ވުރެ ބޮޑަށް މިކަން މި ކުރަނީ މިހެން ހުންނައިރު އެއްވެސް މަސައްކަތެއް ނުކޮށް ހުންނަ ހިތެއް ނުވާތީ. އަޅުގަނޑަކަށް ހަމަ ނުވެސް ހުރެވޭނެ ގޭގައި މިހެން އެއްވެސް ކަމެއް ނުކޮށް."
ބަޝީރާ އަކީ ކުރިން ކިޔަވައިދިން މީހެކެވެ. އަލިފުބާ އިން ފަށައިގެން ސޫރަތް ފަރިތަކުރަން ވެސް އޭނާގެ ގާތަށް ހިސާބުގަނޑުގެ ވަރަށް ގިނަ ކުދިން އޭރު ދިޔަ އެވެ. ފަތަނގުމާގެ އަކީ ކުދިންނަށް އަކުރު ކިޔަވައިދީ ވޮށުފިލާ އަޅައިދިނުމުގެ ދިގު ތާރީހެއް ވެސް އޮތް ހިޔަލެކެވެ.
"އަޅުގަނޑު ވެސް ވަރަށް ގިނަ ދުވަސް ވަންދެން ކިޔަވައިދިނިން. އެކަމަކު މި ގޭގައި އޮތީ އަދި މާ ދިގު ތާރީޚެއް. އަޅުގަނޑުގެ ބައްޕަގެ ޒަމާނުގައި މި ގެއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުޑަކުދިންނަށް ގުރުއާން ކިޔަވައިދިން ގެއެއް. މިއީ އަސްލު ވެސް އެދުރުގެއެއް،" ބަޝީރާ ކިޔައިދިނެވެ.
"އޭރު ކިޔަވައިދޭނީ މި ފެންޑާގައި. މިތަނުގެ ދެ ފަރާތުގައި ހުންނާނީ ބޮޑު ދެ ގޮނޑި. ކުދިންތައް ތިބޭނީ އައިސް އެ ގޮނޑިތަކަށް އަރައި. އަޅުގަނޑާއި އަޅުގަނޑުގެ ބޭބެއަކާއި ފަހަރިއަކު ވެގެން ވެސް އަލިފުބާ އާއި ގުރުއާން ކިޔަވައިދިނިން ހަމަ މި ފެންޑާގައި."
"ދެން އެންމެ ފަހުން ކުދިން ލިބިގެން، އެ ކުދިންނަށް ކުދިން ލިބިގެން ދިރިއުޅުމުގެ ވަގުތު ނެތީމަ ކިޔަވައިދިނުން ހުއްޓުނީ ފަހުން."
ފަތަނގުމާގެ އަކީ ބަޝީރާގެ ކާފަގެ ގޯއްޗެވެ. އޭރު ވެސް މި ގެއަކީ އަލިފުބާ ކިޔަވައިދިން އެދުރުގެއެކެވެ. އަބަދުވެސް ހިސާބުގަނޑުގެ ކުދިންނާ އެކު ފުރާލާފައި އޮތް އިލްމުގެ ފިނި ހިޔަލެކެވެ. ނަމަވެސް މިއަދު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
"މި ގޭގައި މިހާރު ދިރިއުޅެނީ އަޅުގަނޑުގެ ފިރިމީހާ އާއި އަޅުގަނޑުމެންގެ ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު. އަޅުގަނޑުގެ ފިރިމީހާ އަކީ މިސްކިތުގައި މަސައްކަތު މީހަކަށް އުޅޭ މީހެއް. ގޭގައި ދިރިއުޅޭ ފިރިހެން ސޮރަކީ ނުކުޅެދުންތެރިކަން ހުންނަ ބަލި ކުއްޖެއް،" ބަޝީރާ ކިޔައިދިނެވެ.
ހަޔާތުން ގަނޑުތައް އުކަމުން ގޮސް އޭނާ ދައްކާލީ ގޭގެ އެންމެ އެތެރޭގައި ހުރި ކޮޓަރިއެކެވެ. ފަޅުވެ، ވީރާނާވެ އަނދިރިކަމާއި އެކަނިވެރިކަމުން ފުރިފައި އޮތް ކޮޓަރިއެކެވެ.
"މިއީ އަފިރިންގެ އަމާ އަފިރިން ވެހިތަން. އަމާގެ ހުށުހެއި ކުދިން ވެހީ މި ކޮޓަރިއަށް،" ބަޝީރާ އައްޑޫ ބަހުރުވައިން ވިރުވައި އަޅާލި އެވެ.
"މަންމަގެ ފަސް ކުދިން ވެސް ވިހެއީ މި ކޮޓަރިއަށް،" ބަޝީރާގެ އެންމެ އުފާވެރި ހަނދާންތަކާ އެކު ހީވީ މުޅިތަން ދިއްލިގެން ދިޔަހެންނެވެ.
ބަޝީރާގެ ތިން ކުދިންގެ ތެރެއިން ދެ ކުދިން ދިރިއުޅެނީ މާލޭގަ އެވެ. އޭނާ ދިރިއުޅެމުން އަންނަ ފަތަނގުމާގެއަށް ފަޅުކަމާއި އެކަނިވެރިކަން ވެރިވެފައިވިޔަސް މިއީ އަދިވެސް އޭނާގެ ހަޔާތުގެ އެންމެ މުހިންމު ބިންގަލެވެ. އަދި މިގެ ދޫކޮށް ދިއުމުގެ ވިސްނުމެއް އޭނާގެ ނެތްއިރު ކުރީގެ މުސްކުޅި ގެ ތަޅާލުމުގެ ވިސްނުމެއް ވެސް އަދި ނެތެވެ.
"އަފިރިޔަ ގާމުން އެއްބަސްނިވޭށުމާ،" ކާފަގެ މުސްކުޅި މި ގެ ތަޅާލަން އެއްބަސްވެދާނެތޯ ސުވާލުކުރުމުން އަޑަށް ބާރުލާފައި ނިކަން ފޯރީގައި ބަޝީރާ ބުނެލި އެވެ.
ފަތަނގުމާގެ އަކީ ހަމަ އަސްލަށް ވެސް ބަޝީރާއަށް ސުވަރުގެއެކެވެ. ތެޅިގަލުގެ މި ސުވަރުގޭގައި އޭނާ މިއަދު ތައްޔާރުކުރާ ސުފުރާ ފަޅުފިލުވައިދޭނީ ކުޅިބޯކިބަލުންނެވެ.
"ހަމަ ވަރަށް މީރުވާނެ،" މިހެން ބުނެފައި ބަޝީރާ އަނެއްކާވެސް ޗަކަޗަކަލާފައި ހީގަތެވެ.
ކޮމެންޓް (3)
ރަމްޒީ
ތެފައާސާ.
ބަސް ދަސް ކުރަމާ