ސ. ހިތަދޫގެ ގާޑިޔާ ސަރަހައްދު. (ދައުރު ފޮޓޯ/އަލީ ނާސިރު)

ރާޅުފަށް

ކާޑަމަންއަކާއި ޕަނީނޯއެއް އަދި ފިނިމައިޒާނަކުން ހިތަދޫގެ ހޫނުކަން

ބިސްމި ކިޔާފައި ކާޑަމަންއަކުން ފެށިޔަސް މިއީ ފޮނިތޮށިކާފޫރުތޮޅި ލައިގެން ކިޔައިދޭ ވާހަކަތަކެއް ނޫނެވެ. ހިތަދޫގެ މި ގާޑިޔާ މައިޒާންތައް ކިތަންމެ ފިންޏަސް އާންމު ހާލަތު ވަރަށް ހޫނެވެ.
27 ޖެނުއަރީ 2024

ހިތަދޫއަށް އޮތީ ގާޑިޔާގެ އީދެއް އައިސްފަ އެވެ. ނުވަތަ އެންމެ ރަނގަޅުވާނީ މިހެން ބުނިއްޔާ އެވެ. މި ރަށުގައި ފެށިގެން މި އުޅެނީ ގާޑިޔާގެ އިންގިލާބެކެވެ. ގާޑިޔާތަކުން ފަށައިގެން ގޮސް އެންމެ ޒަމާނީ ފުޑް ޓްރަކްގެ ފޯރި ވެސް ހިތަދޫގެ މިނިވަން ޖައްވުގައި އޮތީ ވަރަށް ގަދައަށް ހިފައިފަ އެވެ. ކައްކައި ދުންއަރުވައި ދިއްލައިފަ އެވެ.

އެއް ބަޔަކަށް މިއީ ތަރައްގީގެ ތަހުޒީބު ސިފަކޮށްދޭ ކުލަ އީދެކެވެ. އެކަމަކު ކެފޭ ރެސްޓޯރެންޓާއި ސައިހޮޓާތައް ޒަމާނުއްސުރެން ފެށިގެން ރަށުގައި ހިންގާ މީހުން އެ ތިބީ މޫނު ކުނިކޮށްލައިގެންނެވެ. އެމީހުން ބުނަނީ މިއީ ނުހޮރުއްޕާނެއް ކަމަށެވެ.

ކީއްވެގެން ހެއްޔެވެ؟

"މިއީކީ މިހާރު ގާޑިޔާތަކެއް ނޫނޭ،" ހިތްހަމަނުޖެހިފައި ހުރި ސައިހޮޓާ ސޭޓަކު ފަށައިގަތެވެ.

"ގާޑިޔާ ވިޔަފާރިއަށް ދޮރު ހުޅުވާލާއިރު ދެން ހުރި އެހެން ދޮރުތައް ބަންދުވާ ކަހަލަ ގޮތަކަށް މިކަން ކުރިއަށް ގެންގޮސްގެން ނުވާނެ. އޭގެ ބަދަލުގައި ވަކި މިންގަނޑުތަކެއް ކަނޑައެޅި އެ މިންގަނޑުތަކަށް އެންމެން ތަބާވާން އެބަޖެހޭ. އަޅުގަނޑު ދަންނަ ލޯކަލް ގާޑިޔާގެ ކޮންސެޕްޓަކީ ޕެކެޓް ކާއެއްޗެއްސާއި ލޯކަލް ތަރުކާރީގެ ބާވަތްތައް ވިއްކުން،" ސޭޓުގެ ބޮލުން ދުންއަރައިގަތެވެ.

"އެކަމަކު އެ ކޮންސެޕްޓެއް ނޫން މިހާރު މި ގާޑިޔާތަކުގައި މި އޮތީ. މި ގާޑިޔާތަކުން ރެސްޓޯރެންޓް ފެންވަރުގެ ޑިޝްތައް ކާން އެބަ ލިބޭ. މޮހީތޯ އާއި މިލްކްޝޭކާއި ގުޑުގުޑާ ވެސް އެބަ ލިބޭ. ބާބެކިއު ވެސް އެބަހުރި."

އަރައިގެން ދިޔަ ގޮތަށް ސޭޓު ތިރިއަކަށް ނަ އެވެ.

ހިތަދޫގެ ގާޑިޔާއެއްގެ ބޭރުގައި ޑްރިންކްސްގެ އިޝްތިހާރެއް. (ދައުރު ފޮޓޯ/އަލީ ނާސިރު)

"އަޅުގަނޑު މި ބުނަނީ ގާޑިޔާ ވިޔަފާރި ވެސް ފުޅާކުރަންވީއޭ. އެކަމަކު އުސޫލެއްގެ ދަށުންނޭ ހުރިހާ ކަމެއް ވެސް ތަރައްގީކުރަން ޖެހޭނީ. މި ގާޑިޔާތައް މި ފެންވަރުގައި އޮޕަރޭޓްކުރާއިރު އެމީހުން ޖީއެސްޓީ ދައްކާތޯ ވެސް ބަލަން އެބަޖެހޭ. އަޅުގަނޑުމެން ވިޔަފާރި މި ކުރަނީ އުސޫލެއްގެ ތެރެއަށް ފެތި ތިބެގެން."

"ދެން މިވާ ގޮތަކީ ޖީއެސްޓީ ރަޖިސްޓްރީނުކުރާ މީހުން އަތުން ކެއީމަ ކަސްޓަމަރުންނަށް ވެސް މާ އަގުހެޔޮ. އެހެންވީމަ އަހަރެމެން އަތުން ކެއުމުގެ ބަދަލުގައި ގިނަ މީހުން ދަނީ ގާޑިޔާތަކަށް."

ސޭޓުގެ ސައިހޮޓަލުން ސައިބޮއެގެން އަހަރެމެން ވެސް ނައްޓާލީ ހިތަދޫގެ ގާޑިޔާތަކުގެ ފިނިމައިޒާނަށެވެ. އެއީ ތެދެކެވެ. ގާޑިޔާތައް އޮތީ ފުރާލައިފަ އެވެ. އަދި ގިނަ ގާޑިޔާތައް ތަރައްގީކޮށްފައި ވަނީ ހަމަ ސީދާ އޯޕެން އެއާ ބީޗު ރެސްޓޯރަންޓްތަކެއްގެ ގޮތުގަ އެވެ.

ހިތަދޫގެ ގާޑިޔާ މައިޒާނުގައި ޓޫރިސްޓުންގެ ބަޔަކު ޖައްސާލައިގެން: މުޅި މި ސަރަހައްދު ތަރައްގީކޮށްފައި ވަނީ ހިތަށް ވަރަށް އަރާމު ގޮތަކަށް. (ދައުރު ފޮޓޯ)

އެކަމަކު އަހަރެމެން މި އައީ ގާޑިޔާތައް ރެގިއުލޭޓްކޮށް އަނދަގޮނޑިޖަހާކަށް ނޫނެވެ. ފިނިކޮށް ދުފައި ރަތްކޮށްލާށެވެ. އެކަމަކު މިއިން ކޮންމެ ތަނެއްގައި ވެސް އެންމެ ހިޓީ 'ކާޑަމަން' އެވެ. 'ކާޑަމަން' އަކާއި ޕަނީނޯއެއް ނުކާ ނަމަ ގާޑިޔާއަށް ދިޔަ ކަމަކަށް ވެސް ނުވާނެ އެވެ. އަދި އެ ޓްރެންޑުގައި ނުޖެހިއްޖެއްޔާމު މީހަކަށް ވެސް ނުވާނެ އެވެ.

ރެސްޓޯރެންޓްގެ މެނޫއަށް ޓާޓާ އެވެ. 'ކާޑަމަން' ސަޔަކާއި ޕަނީނޯއެއް ހިފައިގެން ގޮސް ގާޑިޔާގެ ފަހަތުގައި ހަދާފައިވީ ހަޓުތަކަށް ބޯކޮށްޕަމުން ގޮސް ވައި އެންމެ ފިނި ހިސާބުގައި ގަތާފައި ހުރި ޖޯލި ފައްޗެއްގައި ޖައްސާލައިފީމެވެ.

ބިސްމި ކިޔާފައި 'ކާޑަމަން' އަކުން ފެށިޔަސް މިއީ ފޮނިތޮށިކާފޫރުތޮޅި ލައިގެން ކިޔައިދޭ ވާހަކަތަކެއް ނޫނެވެ. ހިތަދޫގެ މި ގާޑިޔާ މައިޒާންތަކުން ދެނީ ހަމަ އަސްލަށް ވެސް ބީޗު ކެފޭތަކެއްގެ ވައިބެވެ.

ހަޓުތަކާއި ޖޯލިތައް ފުރެމުން ގޮސް އަހަރެމެން ތިބި ޖޯލިފަތި ވެސް އެކި އުމުރުފުރައިގެ މީހުންނާ އެކު ފުރިއްޖެ އެވެ. އަދި ތަޅަންފެށި އަނގަތަކާ އެކު ބައްދަލުވެ ތައާރަފްވީ އަލިބެއަކާ އެވެ. ވަޒީފާގެ ހަވާސާގައި ފިނިކޮށްލަން އައިސް ފުރިހަމަ ނަން ނުޖަހަން އެދި ދައްކަން ފެށި ވާހަކަތަކާ އެކު މުޅި މަޖިލިސް އިސާހިތަކު ހޫނުކޮށްލައިފި އެވެ.

ހިތަދޫގެ ގާޑިޔާއެއްގައި އާންމުންގެ ބަޔަކު. (ދައުރު ފޮޓޯ/އަލީ ނާސިރު)

ހިފަހައްޓައިގެން ހުރި ހޫނު ކާޑަމަން އިން ފޮދުވަރެއް ބޯލައި ޖޯލީގައި ރަނގަޅަށް ހަމަޖެހިލުމަށް ފަހު އަލިބެ ފަށައިގަތެވެ.

"ބާގާ އާއި ޕަނީނޯ އާއި ކާޑަމަން އިން ކޮންމެ މީހަކު ވެސް މި ފަށަނީ. ފަށައިގެން ގޮސް އެބަ ލިބޭ ރެސްޓޯރެންޓަކުން ކާން ލިބޭނެ ހުރިހާ އެއްޗެއް ވެސް. ދޮގު ހަދާ މީހަކު ބުނަނީ މިހެން. އެކަމަކު މިއީ މުޅިއަކުން ދޮގެއް ވެސް ނޫން،" ސަމާސާ ރާގުން ފޯކޮށް އަލިބެ އަނެއްކާވެސް އޭނާގެ ކާޑަމަން އިން ފޮދުވަރެއް ބޯލި އެވެ.

"އެކަމަކު މިއީ އަދި ކުޑަކުޑަ ކަމެކޭ އިނގޭތޯ މި އޮތް ބޮޑު ރަށަށް ބަލާ ނަމަ. އަޅުގަނޑު ކިޔައިދެންތޯ މި ރަށުގައި ހުރި އަސްލު މައްސަލަތަކުގެ ވާހަކަ ތިޔަ ކުދިންނަށް؟ ރަށުގެ އަސްލު ހާލަތު ކިޔައިދޭން ކެރޭނީ ނުވަތަ ކިޔައިދޭން އެނގޭނީ ވެސް ރަށުގެ އެންމެ އާދައިގެ މީހަކަށް،" އަލިބެ ބުނެލި އެވެ.

އަލިބެ އަކީ ސަރުކާރު އޮފީހެއްގައި މަސައްކަތު މީހެކެވެ. އިތުރު ވަގުތުގައި އުޅެނީ ވަގުތީ މުދިމަކަށެވެ. އަދި އިތުރަށް ވަގުތު ހޯދައިގެން އިތުރު އެތައް ކަމެއް ކުރިޔަސް، އަނބިދަރިންނާ އެކު އަލިބެގެ މި ދިރިއުޅުމުގައި އަނގަޔާއި އަތާ ދިމާނުވެ އެވެ.

"އެ ހުރިހާ ތުރާލެއް ބޮލުތެރެއަށް ލައިގެން ދެން މި އަންނަނީ ކާޑަމަން ޓީއެއް ބޯލައި ބޯހަމަޖައްސާލަން. އެކަމަކު މި ގާޑިޔާތައް ޖަހައި ފުރާލާފައި އޮތް މި ސަރަހައްދަކީ ހަގީގަތުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހިއްކައި ބޮޑުކުރަން އޮތް ސަރަހައްދެކޭ،" ޖެހިގެން އޮތް ފަޅު ދައްކާލަމުން އަލިބެ ކާޑަމަންގެ ފޮދުވަރެއް ބޯލި އެވެ.

"މިހާރު ދެން މިތަން ބަދަލުވެފައި މި އޮތީ ގާޑިޔާ އާއި ޑިންގީ މަސްވެރިންގެ ޕާކަކަށް. ގާޑިޔާތައް ވެސް ހިންގަންވީ ހިންގާނެ ގޮތަކަށް. ޑިންގީ މަސްވެރިންނާ ހެދި މިހާރު މި ފަޅު ވެސް ހިއްކޭނެ ގޮތެއް ނެތް. އަދި ޑިންގީ މަސްވެރިން މިތަނަށް ކަރުގޮހޮރު އަޅާވަރުން މިތަނުގައި މިހާރު ނޯއްދަމާލެވެނީކީއެއް ވެސް ނޫން."

މިހެން ބުނިއިރު ވެސް މަސް ކަނޑައި ސާފުކުރަން ތިބި ބަޔަކު ގޮނޑުދޮށުން ފެނެ އެވެ.

ހިތަދޫގެ ގާޑިޔާ ބީޗު ނުވަތަ ޑިންގީ ބީޗުގައި މީހަކު މަސް ކަނޑައި ސާފުކުރަނީ. (ދައުރު ފޮޓޯ/އަލީ ނާސިރު)

"ތިއީ އަދި ޑިންގީ މަސްވެރިންނެއް ވެސް ނޫނޭ. ތިއީ ސީދާ ދޯނިތަކުން މަސް ގަނެގެން މިތަނަށް މަސް ކަނޑަން އަންނަ މީހުން. ދެން އެ ކަރުގޮހޮރުތައް ކުނިވާނީ އެތަނުގައި ހުރެގެން،" އަލިބެ އޭނާގެ ކާޑަމަން ދަމައި ހުސްކޮށްލުމަށް ފަހު ބިލެތްގަނޑަކަށް އޯޑަރު ޖަހައިފި އެވެ.

އެއަށް ފަހު އަހަރެމެން ގޮވައިގެން ގޮސް ވެއްދީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކުގެ ތެރެއަށެވެ.

"ބަންގި ގޮވަން މިސްކިތަށް އަރައި ހުއްޓައި އިމަޖެންސީއެއް ދިމާވެގެން އަންހެނުން ގުޅައިފި. ގަވާއިދު އޮންނަ ގޮތުން ނަމާދުކޮށް ނިމިގެން 20 މިނެޓު ފަހުން މިސްކިތުން ފޭބޭނީ. އޭގެ ކުރިން ފައިބައިފި ނަމަ އިމެޖެންސީއަކަސް މުސާރަ ކަނޑާފާނެ،" އަލިބެ ބިލެތްގަނޑު ތައްޔާރުކުރަމުން ވާހަކަތައް ކައްކަން ފަށައިގަތެވެ.

"އަންހެނުންގެ ކަންފަތުން ލޭ ފައިބައިގެން މަނާނުވެގެން ބޮލުގައި އެވަރަށް ރިއްސައިގެން އިމަޖެންސީއަށް ދިޔައީމަ އޭނަ ކޮށްޕައި ބޭރަށް ފޮނުވާލާފައި ބުނީ ކައުންޓަރަށް ގޮސް ބިލު ހައްދައިގެން އަންނާށޭ. އޭރުންނޭ އެޑްމިޓްކުރެވޭނީ ދެ ފައި މައްޗަށް ހަމައަށް ނުތެދުވެވޭ ބަލިމީހާ މި ފޮނުވާލީ ކައުންޓަރަށް. އޭނާގެ ނެތް އިތުރު އެހީތެރިއެއް އެ ވަގުތު. އަޅުގަނޑު އޭރު ހުރީ އިޝާ ނަމާދަށް އަރައި."

"ދެން ނަމާދުކޮށްގެން އަޅުގަނޑު ގޮސް ފޯމުތައް ފުރައިގެން ސޮއިކޮށްގެންނޭ އެމީހުން އޭނަ އެޑްމިޓްކޮށްދިނީ. އަޅުގަނޑުގެ ސުވާލަކީ އިމަޖެންސީގައި ހޮސްޕިޓަލަށް ދާ ބަލިމީހަކަށް އެ ހާލު ޖައްސަން ޖެހޭތޯއޭ؟ އެމީހާއަށް އަވަސް ފަރުވާ ނުވަތަ ކުއްލި ފަރުވާ ކަމުގައިވިޔަސް، ފަރުވާ ދެވެނީ އެވަރަށް ގަނަތަޅުވައިގެންތޯއޭ؟ އެ އަށް ވުރެ އެމްޕަތީ ބޮޑު ސިސްޓަމަކަށް މިފަދަ ތަންތަނުގެ އޮނިގަނޑު ބަދަލުވާން ޖެހޭ ނޫންތޯއޭ؟"

"ފަރުވާ ދީފަ ވެސް އަޅުގަނޑު ލައްވައި އެ ލިޔެކިޔުންތަކުގައި ސޮއިކުރުވިދާނެ ނޫންތޯ؟ ފަރުވާ ނޫންތޯ އަވަސްކުރަން ޖެހޭނީ؟"

ހޮސްޕިޓަލުން ނުކުމެގެން ގޮސް އަލިބެ ދެން ވަނީ ބޭސްފިހާރައަށެވެ.

"ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ބޭސްފިހާރައިން ނަގާ ނަމަ އާންމުކޮށް އެއް ބޭސް، ދެ ބޭސް ނުލިބޭނެ. މިއީ ހަމަ އާންމު ހާލަތު. ދެން މި ޖެހެނީ އެ ދެ ބޭސް ހޯދަން ހޮސްޕިޓަލުން ބޭރުގައި ހުންނަ އަމިއްލަ މީސްމީހުންގެ ބޭސް ފިހާރަތަކަށް ދާން،" ބިލެތްގަނޑު މީރުކޮށް އޭނާ ހަފައިގަތެވެ.

"އޭގެ ތެރެއިން ވެސް ވަކިން ހާއްސަކޮށް (އަމިއްލަ ބޭސް ފިހާރައެއްގެ ނަން އުނިކޮށްފައި) އަށް ގޮސް ވަދެއްޖެ ނަމަ، މި ބުނާ ބޭސް ސިޓީއަށް އެމީހުން ބޭހެއް ނުދޭނެ އެތަނުގައި ބޭސް ހުއްޓަސް. އެއީ ކީއްވެ؟ އެއީ ހަމައެކަނި އެ ބޭސް ނަގަން އައީމަޔޯ. މިހެން ދިމާލަށް ބުނެފައި އެބަހުއްޓޭ އެތަނުގެ ކައުންޓަރުގައި ތިބޭ މީހުން" އަލިބެގެ ރާގު ބަދަލުވާން ފެށީ ލޭމައްޗަށް ދަނީހެން ހީވާ ކަހަލަ ގޮތަކަށެވެ.

"ކީއްވެގެން ހެއްޔޭ ހުރިހާ ބޭހެއްހެން އެސްޓީއޯ ފާމަސީން ނަގައިގެން އެންމެ ބޭހެއް ތިމަންނަ އަތުން ނަގަން އަންނަނީ؟ ދެން މި ބުނަނީ ތި ބޭހެއް ނެތޭ. އަދި އެންމެފަހުން މި ބުނަނީ އެސްޓީއޯ އެހެން ހުރިހާ ބޭހެއް ނެގީމަ ބާކީވާ އެންމެ ބޭހެއް ނުވިއްކާނޭ މިތަނުން ވަކިންނެއް."

"ކޮބައިތޯ މިތަނުގައި އަޅުގަނޑުގެ މައްސަލައަކީ؟ އަޅުގަނޑު އެސްޓީއޯ ފާމަސީން ބޭސް ނަގައިގެން، އެތަނުން ނުލިބުނު ބޭސް ގަންނަން އަމިއްލަ މީހެއްގެ ފާމަސީއަށް ދިޔައީމަ އަޅުގަނޑާ ދިމާލަށް، ބޭސް ނުލިބޭނެއޭ ކިޔާފަ ބަވާލަން ޖެހޭ ހަމައަކީ ކޮބައިތޯ؟"

ހިތަދޫގައި ހަދައި ނިންމަމުންދާ މަގެއް: މަގު ހަދަން ގޮސް ތިބި ލޭބަރުންގެ އުނދަގޫ އާންމުންނަށް ކުރިމަތިވެފައިވާ ކަމަށް މީހުން ބުނި. (ދައުރު ފޮޓޯ/އަލީ ނާސިރު)

ބޭސްފިހާރައިން ނުކުމެގެން ގޮސް އަލިބެ ވަނީ ކަންމަތީ ފިހާރައަކަށެވެ. ޖީއެސްޓީ ނަގަން ނުޖެހޭ އެއްޗެހިން ވެސް ޖީއެސްޓީ ނަގަނީއޭ ކިޔާފައި ފަތިވަރު އަމުނަމުން ގޮސް ދެން މުޑިއެރީ މެގަ ޕްރޮޖެކްޓްތަކުން އައްޑޫ އަތޮޅަށް އަންނަމުންދާ ތަރައްގީގެ އުސް ފަރުދަބައާ އެވެ.

"އަޅުގަނޑު ވެސް ލޯނެއް ނަގައިގެން ދަރަނި ބޮލު އަޅައިގެންގެ ބުރިބުރިއަށް ހެދީމޭ ސީދާ ޓޫރިސްޓު މީހާ ވެސް ބެހެއްޓޭ ފެންވަރަށް. ދެން ކައްކާ މީހާގެ ހެދުން އަޅައިގެން އަޅުގަނޑު މި ހުންނަނީ އަޅުގަނޑުގެ މި އެޕާޓްމަންޓަށް ވެސް ގެސްޓުން އަންނާނެ ދުވަހަކަށް ލަވަކިޔާލަ ކިޔާލަ،" ކިތަންމެ ސަމާސާ ރާގަކަށް ކިޔައިދިނަސް އަލިބެގެ މުޅި ބޮލުން އޭރު ދުން އަރަ އެވެ.

"އެ ހަތަރު ލައްކަ ރުފިޔާގެ ލޯނާ ހެދި ނޭވާނުލެވި އަޅުގަނޑުގެ މުސާރަކޮޅު ދެކޮޅުނުޖެހިގެން އުޅޭއިރު ލޯކަލް ޓޫރިޒަމުގެ ހުވަފެނުގައި ޖެހި ގެސްޓު ހައުސްތައް ހަދައިގެން ގެސްޓުން ގެނެވޭނެ ގޮތް ނުވެފައި ތިބި އެތައް ބަޔަކު އެބަތިއްބޭ ރަށުގައި."

"އިންޓަނޭޝަނަލް އެއާޕޯޓު ޖައްސާ ފެންވަރުގެ އެއާޕޯޓެއް އޮތީ. އިންޓަނޭޝަނަލް ފްލައިޓް ޖައްސަން ބޭނުންވީމަ އެކަން ވެސް އެބަކުރޭ. އެކަމަކު ޓޫރިސްޓުންނާ ޖެހުނީމަ އިންޓަނޭޝަނަލް އެއްވެސް ފްލައިޓުގަނޑެއް ނާދޭ މިތަނަކަށް."

އަލިބެގެ އަތުގައި ޝަކުވާ ފިޔަވައި މިހާރު އިތުރު އެއްވެސް އެއްޗެއް ނެތެވެ. އޭނާ މިހާރު އެހެރީ ދުފައި ރަތްކޮށްލައިގެންނެވެ.

"ކޮން ދިމާލަކުންތޯ މައްސަލަތައް ކިޔައިދޭންވީ؟ އޯޓިޒަމް ހުންނަ އަޅުގަނޑުގެ ދަރިފުޅަށް ސްކޫލްގައި އަޅާނުލާ ވާހަކަތޯ؟ މަގުތައް ހަދަން އައިސް ތިބި މީހުން މީހުންގެ ގޯތިތަކުން ވަގުރުކު އަޅައި ގޯތިތަކަށް 'ގޫލާ' ވާހަކަތޯ؟ ގޮދަން ފުށްހެން ހަކުރު ވިއްކާ ވާހަކަތޯ؟" އަލިބެ ސަތޭކައަށް އަރައިފި އެވެ.

"މި ނޫން ކޮން ފިކުރެއްތޯ ބޮލު ތެރޭގައި އެނބުރޭނީ މި ހާލެއްގައި ގަނަތެޅުވީމަ. އަބަދުވެސް ކޮންމެ ދުވަހަކުވެސް މި ވިސްނެނީ މިއަދު ކާނީ ކޯއްޗެއްތޯ. ދަރިންނަށް ދޭނީ ކޯއްޗެއްތޯ. ކާން ބޯން ކުރާނީ ކޮން މަސައްކަތެއްތޯ. މި މަހުގެ ކަރަންޓު ބިލު ދައްކާނީ ކިހިނެއްތޯ؟"

"ފަލަސްތީނާ މެދު ވެސް ވިސްނާލާނީ ކިހިނެއްތޯ މި ހާލުގައި އުޅޭ މީހަކު."

ދުފައި ރަތްކޮށްލައިގެން އަލިބެ ތެދުވެ ނައްޓާލައިފި އެވެ. ގަޑިޖެހިގެން މުސާރައިން ކަނޑާނެކަން އެނގޭތީ އެވެ. އެކަމަކު މިހާރު ވެސް ހަތަރު އުދަރެސް އެހެރީ ފެނުޖެހިފަ އެވެ.

އަލިބެގެ ހޫނުގައި ޖެހި ފިނިވި ކާޑަމަން ދަމައި ހުސްކޮށްލުމަށް ފަހު އަހަރެންނަށް ބަލައިލެވުނީ ސޭޓު ގެނެސްދިން ބިލަށެވެ. އެއީ ފަސް ތަރީގެ ބިލެކެވެ. އެވަގުތު ބަލައިލެވުނީ ހެވިދިލިފައި ހުރި ސޭޓުގެ މޫނަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް