އައްޑޫ ނޭޗާ ޕާކްގެ ބާޑް ވޮޗު މައްޗަށް އެރުމުން ފެންނަ އެންމެ ހިތްގައިމު މަންޒަރު: އިރުއޮއްސޭ ވަގުތާ ދިމާކޮށް މި މަންޒަރުގެ ކުލަ އެއްކޮށް ބަދަލުވޭ. (ދައުރު ފޮޓޯ)

ރާޅުފަށް

އައްޑޫ ނޭޗާ ޕާކުން ހިތަށް ތުރާލެއް، އެކަމަކު ޓޫ ސްޓާއަށް ފައިވް ސްޓާ

އައްޑޫ ނޭޗާ ޕާކު ފެނުނީ ވީރާނާވެ ހަސްނެތި ބޯ ޖަންގައްޔަކަށް ބަދަލުވެފައިވާތަން. އެކަމަކު ޓޫ ސްޓާ ހޮޓަލުގެ ދިވެހި ކެއުމަކީ މުޅި އަތޮޅުގެ ވެސް އެއްވަނަ.
24 ޖެނުއަރީ 2024
7

މި އާދެވުނީ ހިތަދޫ އަށެވެ. ބަނދަރުމަތިން ފައިބައިގެން ގޮސް މި ވަދެވުނީ 'ޓޫ ސްޓާ' އަށެވެ. ކުޑަކުޑަ ސައިހޮޓާ އޮތީ ފުރާލައިފަ އެވެ. މިއީ އައްޑޫ އަތޮޅުގައި މީހުން ދިރިއުޅޭ އެންމެ ބޮޑު ރަށެވެ. އަދި އެންމެ ގިނަ މީހުން ވެސް ދިރިއުޅޭ ރަށެވެ. ރަށުގެ އާބާދީ، ބިދޭސީންނާ އެކު 13،000 އިން މައްޗަށް އަރަ އެވެ.

ޓޫ ސްޓާއިން އެއްޗެއް ކަޅެއް ޖަހާލައިގެން ސައިކަލުގައި އަހަރެމެން ނައްޓާލައިފީމެވެ. ހިތަދޫގެ މަޝްހޫރުދ އޮޑައްސައު ސަރަހައްދަށެވެ. އެންމެން ވެސް އެ ބުނާ އަޖާއިބުން އަޖާއިބުކުރަނިވި އައްޑޫ ނޭޗާ ޕާކުގެ ސުވަރުގެއިން ޓިކެޓަކަށް ދަހިވެތިވެގެންނެވެ. އެވަރުގެ ގުދުރަތީ އަޖާއިބެއް މުޅި އައްޑޫގައި ވެސް ނެތޭ ބުނާތީ އެވެ. އަދި މި 'ރާޅުފަށް' އެތަނުގެ ރީތިކަމާ ނުލައި ހަމަ އެއްވެސް ވަރަކަށް ރީތި ނުވާނެތީ އެވެ.

އެކަމަކު ވަރަށް ކުރުކޮށް ބުނަމު ހެއްޔެވެ؛ އައްޑޫ ނޭޗާ ޕާކުގެ ތަޖުރިބާވީ ފުދޭވަރެއްގެ ބޮޑު މުސީބާތަކަށެވެ. ހިތަށް ހަމަ ތުރާލަކަށެވެ.

އައްޑޫ ނޭޗާ ޕާކަށް ވަނުމަށް ޓިކެޓް ގަންނަނީ. (ދައުރު ފޮޓޯ)
އައްޑޫ ނޭޗާ ޕާކުގެ ރިސެޕްޝަނުގައި ބަގީއެއް ބިތްޖެހިފައި. (ދައުރު ފޮޓޯ)

އަހަރެމެން ގޮސް ޓިކެޓް ގަނެފީމެވެ. މާރެއް ނުލިބުނެވެ. ޕާކު ތެރޭގައި ބުރެއް ޖަހާލާފައި އަންނަން ވާއިރަށް މާރު ލިބޭނެއޭ ބުނެފި އެވެ. ނޭޗާ ޕާކުގެ މި ކައުންޓަރުން ފަށައިގެން ގޮސް ޕާކު ނިމޭ ކޯއްޓޭކޮޅާ ހަމައަށް އެއީ ދެ ކިލޯމީޓަރުގެ ރާސްތާއެކެވެ. ބަގީގަނޑެއް ނެތްތޯ އަހާލެވުނީ ދަތުރުގެ ބުރަކަން އިހުސާސުވެގެންނެވެ. މާރުކޮށްލަން ވެސް ފަސޭހައަކަށެވެ. ނަމަވެސް އެތަނުގައި ބަގީއެއް ނެތެވެ. ނޫނެކެވެ. ރިސެޕްޝަން އޭރިއާގެ ބިތްދޮށުގައި ބަގީތަކެއް ހުއްޓެވެ. ބެގީޖަހާލައިގެން، ދެ ޖީބަށް ދެ އަތް ޖަހާލައިގެން މަރުހަބާއިން ހެވިދިލިފަ އެވެ. ނަމަވެސް ދެ ދުނިޔެއިން މޮޔަވެ، ހަލާކުވެ ހުއްޓި ބިތްޖެހިފަ އެވެ.

ބައިސިކަލުގަނޑެއް ވެސް ނެތެވެ. ބައިސިކަލްގަނޑެއް މި ހިސާބު އެހެން ބަޔަކު ރެންޓުކުރޭތޯ އަހާލުމުން، ޕެބްލްސްއޭ ބުނިހެން ހީވި އެވެ. ޕެބްލްސް އަކީ ފުދޭވަރަކަށް ދުރުގައި ހުރި ގެސްޓުހައުސްއެކެވެ. އެތަނުން ބުނީ މިހާރު އެގޮތަށް ދޭނެ ބައިސިކަލެއް ނެތް ކަމަށެވެ. އެހެންވީމަ އެންމެ ފަހުން މިޖެހުނީ ގޮސް ކޮން ތާކު ހެއްޔެވެ؟ ސަތޭކަ އެތައް ހެކްޓަރެއްގެ ނޭޗާ ޕާކުގައި ހޫރި ހާންތިވެ ނިމޭއިރު އަހަރެންގެ ދެ ފައި ވެސް ނުލިބޭނެކަން ޔަގީންވެއްޖެ އެވެ.

"ސައިކަލުގައި ދެވޭނެ ހެއްޔެވެ؟" ރަތްދަކަ އަވި ފިއްސަމުން ދިޔަ ނަފުސުން އަމިއްލަ އެދުން އިސްކޮށް އަހާލި އެވެ.

"ނުދެވޭނެ އެވެ. މިއީ ނޭޗާ ޕާކެކެވެ،" ކައުންޓަރުގައި އިން މީހަކު ބުނެލި އެވެ.

"މިއީ ހިމާޔަތްކޮށްފައިވާ ތިމާވެށީގެ ޕާކެކެވެ. މިތަނުގެ ތެރޭގައި ސައިކަލެއް ނުދުއްވޭނެ އެވެ،" އެހެން މީހަކު ބުނެލި އެވެ.

އައްޑޫ ނޭޗާ ޕާކްގެ ޓިކެޓުގައި ބުނާ އެއްވެސް ހިދުމަތަކަށް އިތުބާރެއް ނުކުރެވޭ. (ދައުރު ފޮޓޯ)
ފޮޓޯގްރާފަރު އަލީ ނާސިރު ނޭޗާ ޕާކުގެ ކޯއްޓޭމަގުން ހިނގާލާފައި ދަނީ: މިތަން ބަޔަކު ބެލެހެއްޓިޔަސް ބަޔަކު ނުބަލަހައްޓާ ތަނަކާ އެއްވަރު. (ދައުރު ފޮޓޯ)

ޗޮސްކަނޑަމުން ފައިމަގުގައި ސެލްފީކަނޑަމުން ގަސްތަކުގެ ތެރެއިން ފޮނިކަނޑަމުން އަހަރެމެން އެންމެ ފަހުން ނައްޓާލައިފީމެވެ. ކޯއްޓޭ މަގުން ކުރިއަށެވެ. އެއަށް ފަހު ނޭޗާ ޕާކަށް ވަދެ ގެއްލެން ނެގީ ހަމަ ހިނދުކޮޅެކެވެ.

ތަނުގެ ރީތިކަމުގައި ޖެހި ގެއްލުނީއެއް ނޫނެވެ. މަގެއް ވަލެއް ރަށެއް ވަކިނުވާވަރުގެ ބޮޑު ޖަންގައްޔަކަށް ގޮސް ވަދެގަތީމަ މީހަކު ގެއްލޭނޭ ގޮތަށެވެ. އެކަމަކު ޓިކެޓުގައި 'ގައިޑެޑް ޓުއާ' އެއްގެ ވާހަކަ އޮތެވެ. ހަމަ އެ ޓިކެޓުގައި 'ބައިސިކަލު'ގެ ވާހަކަ ވެސް އޮތް ގޮތަށެވެ. ބަގީ ޓުއާ ވެސް ލިބޭނޭ ބުނެފައި އޮތް ގޮތަށެވެ.

ފީވެ ބޮލަށް ވެއްޓެން ގާތްވެފައި ހުރި 'ގައިޑެޑް ޓުއާ'ގެ ބޯޑުތަކަށް ބަލަމުން ގޮސް އެންމެ ފަހުން 'ބާޑް ވޮޗު' އަކަށް ދެވިއްޖެ އެވެ. ލަކުޑި ފިލައިން ގަތާލާފައި އޮތް ފާލަމަށް އަރައިގެން ދުއްވައިގަނެވިއްޖެ އެވެ. ލޯބީގެ އަސަރުގަދަ ދިވެހި ލަވައެއްގެ މަންޒަރަކަށް މުޅި މީހާ ބަދަލުވެއްޖެ އެވެ. ދޫނިތައް ގުއިރަވައި ހަޑިކޮށްލާފައި އޮތް ބާޑް ވޮޗުގެ މައި މަރުކަޒަށް ގޮސް ވަދެވެންދެނެވެ.

އައްޑޫ ނޭޗާ ޕާކް: މިއީ މިހާރު ވީރާނާވެ ހަސްނެތެމުންދާ ތަނެއް. (ދައުރު ފޮޓޯ)
އައްޑޫ ނޭޗާ ޕާކްގެ ބާޑް ވޮޗު ޕޮއިންޓަށް އެރުމުން ފެންނަ ކުޅި. (ދައުރު ފޮޓޯ)
އައްޑޫ ނޭޗާ ޕާކްގެ ބާޑް ވޮޗުން ފެންނަ ކުޅި. (ދައުރު ފޮޓޯ)

އެތަން އޮތް ގޮތް ފެނުމުން ހިތަށްއެރި އެވެ؛ މިއީ އެއްގޮތަކަށް ވެސް އިންސާނުންނަށް ހާއްސަކޮށްފައިވާ 'ބާޑް ވޮޗެއް' ނޫނެވެ.

އެތަން ހަޑިކަމުން އެތަނުގައި ސެލްފީގަނޑެއް ވެސް ނެގޭވަރެއް ނުވި އެވެ. ކެމެރާތައް ކޮޅުކޮޅަށް ދިއްކޮށްލުމުން ފޫހިވެފައި ތިބި މާކަނާތަކެއް އެތަން މިތަނުން ލޮލުގައި އަޅައިގަތެވެ.

ނަގާނެ ވަރަކަށް ފޮޓޯ ނަގައިގެން އެތަނުން ފެއްސިގެން 'މި ވަލު ތެރޭގައި' ހޫރެމުން ދަނިކޮށް ދެން ފެނުނީ 'ބޯޑްވޯކް' އޭ ކިޔާ ތަނެކެވެ. އެކަމަކު 'ބޯޑްވޯކް' އަށް އަރައިގެން ހިނގާލެވޭ ވަރެއް ނުވި އެވެ. އެތަން އޮތީ ބޮލަށް ވެއްޓިފަ އެވެ.

އައްޑޫ ނޭޗާ ޕާކްގެ ހަލާކުވެފައިވާ ފާލަމެއް ކައިރީގައި ފޮޓޯގްރާފަރު ހުއްޓިލައިގެން. (ދައުރު ފޮޓޯ)
އައްޑޫ ނޭޗާ ޕާކްގެ ހަލާކުވެފައިވާ ބޯޑްވޯކް. (ދައުރު ފޮޓޯ)

ވީރާނާވެ ބޮލަށް ވެއްޓިފައިވީ ފާލަންތަކާއި ވައުހެދިފައި އޮތް ޖަންގަލީގެ ފޫހިކަމުގައި އާފުރެމުން ދަނިކޮށް ޕާކުގެ މެދަކާ ހިސާބަށް ދެވިއްޖެ އެވެ. ގާތްގަނޑަކަށް ކިލޯމީޓަރެއް ކަޑައްތުވީ އެވެ. އެ ހިސާބުން ލޮލުގައި އަޅައިގަތީ ޕާކުކޮށްފައި ހުރި ސައިކަލުތަކެކެވެ. އެ ސައިކަލުތައް ހުރީ ފެންސު ޖަހާފައިވާ ޕާކުގެ ބޭރުގަ އެވެ.

"އެއީ ޝޯޓްކަޓެއް،" ފޮޓޯގްރާފަރު ބުނެލި އެވެ.

އަނެއްކާވެސް އޭނާ ބުނެލި އެވެ: "ވަރަށް ގިނަ މީހުން ޓިކެޓް ގަނެގެން ސައިކަލުގައި އަނެއް ފަޅިން މި ހިސާބަށް އައިސް ދެން ޕާކު ތެރެއަށް ވަންނާނީ."

މިހެން ބުނިއިރު ފޮޓޯގްރާފަރު ހުރީ އިމަޖެންސީއަށް ގެންދާ ވަރު ވެފަ އެވެ. ޝޯޓްކަޓުގެ މުހިންމުކަން އެ ހިސާބުން ވިސްނުނެވެ. އެއާއެކު އޭނާ އެތަނުގައި މަޑުކޮށްލި އެވެ. އަހަރެން އެކަނި ނައްޓާލީ އަދިވެސް ކުރިއަށެވެ. 'ރަނިންހަނާ ފެންގަނޑު' ނުބަލައި އެނބުރި ނުދާންވެގެންނެވެ.

އައްޑޫ ނޭޗާ ޕާކްގެ 'ރަނިން ހަނާ ފެންގަނޑު.' (ދައުރު ފޮޓޯ)
ރަނިން ހަނާ ފެންގަނޑުގެ ކުރިމަތީގައި ހަދާފައިވާ އުނދޯލިގެ. (ދައުރު ފޮޓޯ)
އައްޑޫ ނޭޗާ ޕާކްގެ ރަނިން ހަނާ ފެންގަނޑު އޮތް ހިސާބުގެ މޫދުފަޅީގެ ގޮނޑުދޮށް. (ދައުރު ފޮޓޯ)

މިހެން ދަނިކޮށް 'ކެނޯއިން' ޖަހައި މަގު ދައްކާފައިވާ ބޯޑެއް ފެނިއްޖެ އެވެ. އެ ބޯޑުގައި ނުޖެހި ކުރިއަށް ދަނިކޮށް އެންމެ ފަހުން 'ރަނިން ހަނާ ފެންގަނޑަ' ފެނިއްޖެ އެވެ. އެތަނަށް ކިޔަނީ 'ދިއްވާ ފެންގަނޑަ' އެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ ހިތްގައިމު ތަންތަނުގެ ތެރޭގައި ހިމެނޭ ފެންގަނޑެކެވެ. އެއީ ތެދެކެވެ. ފޮޓޯތަކުން ވަރަށް ވެސް ރީއްޗެވެ. އެކަމަކު މޭގަނޑު އަނގަޔަށް އައި ގޮތަށް ގޮސް އަހަރެން ޖައްސާލީ އެ ދިމާލުގައި ހަދާފައި ހުރި އުނދޯލި ގެއެއްގަ އެވެ. މުޅި އައްޑޫ ނޭޗާ ޕާކުން ވެސް ހިތަށް ފިނިކަމެއް ގެނެސްދިން ހިޔަލަކަށްވީ މި އުނދޯއްޔެވެ. ބިތްދޮށުގައި އޮތީ ހިތްގައިމު މޫދެވެ. ކުރިމަތީގައި އޮތީ 'ރަނިން ހަނާ ފެންގަނޑެވެ.'

ނަމަވެސް ހިމާޔަތްކޮށްފައިވާ މި ގުދުރަތީ ވެށީގެ އަސްލު ހިތްގައިމުކަމާއި ރީތިކަން އޮތީ ހަގީގަތުގައި ވަޅުލެވި ފޮރުވިފަ އެވެ. ކޯއްޓޭގެ ކޮޅަށް ނުގޮސް އެނބުރިގަތީ ވެސް އެހެންވެގެންނެވެ. އެނބުރި ދިޔަ މަގުމަތީގައި ގޮސް 'ކެނޯއިން' ޕޮއިންޓަށް ބޯދިއްކޮށްލީމެވެ. އެތަނުގައި ހައެއްކަ ކުއްޖަކު ކެނޯއީ ދުއްވައި ސަކަރާތްޖަހަން ތިއްބެވެ. އަދި އެނބުރި އައި މަގުމަތިން އިތުރު އެހެން މީހުންނާ ވެސް ބައްދަލުވި އެވެ؛ ސްނޯކްލިންއަށް ދިޔަ ޒުވާން ދެ ފިރިހެން ކުއްޖަކާއި ހަވީރުގެ ފިންޏާ އެކު ފޮޓޯނަގަމުން ދިޔަ ދެތިން އާއިލާއެކެވެ.

އެކަމަކު އެންމެ ދެރަވީ، މިތަނުގެ ތެރޭގައި ސައިކަލެއް ނުދުއްވޭނެއޭ ބުނި، މި ޕާކު ބަލަހައްޓާ ޓީމުގެ ދެ މީހަކު އެއާބްލޭޑެއްގައި ދުންޖަހާފައި ދިޔަ މަންޒަރު ފެނުމުންނެވެ. އެހެންވީމަ މިތަނުގައި އޮތީ، ޕާކު ބަލަހައްޓާ މީހުންނަށް ސައިކަލުގައި ވަދެ، ބުރުޖެހޭ އުސޫލެކެވެ. އެ ބުނާ ނޭޗާ ޕާކެއް ހަގީގަތުގައި ވެސް ނެތެވެ.

އައްޑޫ ނޭޗާ ޕާކް ފާހަގަކުރެވުނީ ނުބެލެހެއްޓި ވައުވެފައި އޮތް ޖަންގަލީ ވަލެއްގެ ގޮތުގައި. (ދައުރު ފޮޓޯ)
ހިތަދޫ ޓޫ ސްޓާ ހޮޓަލުގެ ބޭރު ފެންޑާ: މިއީ ދިވެހި ރަހައިގެ އެންމެ މަތީ ފެންވަރުގެ ކެއުންތަކެއް ތަޖުރިބާކޮށްލަން ލިބުނު ހޮޓަލެއް. (ދައުރު ފޮޓޯ)

ނޭޗާ ޕާކު ވީ ފޫހިން ފޫހިކޮށް ވަރުބަލިކޮށްލި ތުރާލަކަށެވެ. ގާތްގަނޑަކަށް ދެ ގަޑިއިރުގެ އެ ފައިމަގު ދަތުރު ނިންމާލާފައި އެނބުރި ދިޔައިރު ވެސް އެއްކަލަ މާރު އަތުޖެހޭ ގޮތެއް ނުވި އެވެ. މާރު ޓިޕްސްއަށް ހަދާފައި ދޭ ވަރުގެ ޓުއާއަކަށް ނުވިޔަސް މާރު އެންމެ ފަހުން ޓިޕަކަށް ހަދާލާފައި އަހަރެމެން ނައްޓާލީ ބަނދަރުމަތިން ފެނި ހިތްދޫވި ސައިހޮޓަލަށެވެ.

ޓޫ ސްޓާ ދޭންވީ މި ނޭޗާ ޕާކަށެވެ. ހިތަދޫގެ ބަނދަރު ކުރިމަތީގައި ހިންގާ 'ޓޫ ސްޓާ' ހޮޓަލަކީ ހަގީގަތުގައި ވެސް ފައިވް ސްޓާގެ ތަޖުރިބާއެކެވެ. އެވަރުގެ ފައްކާ ދިވެހި ކެއުމުގެ ބުފޭއެއް ދުވަހަކު ވެސް ހޮޓަލަކުން ނުދެކެމެވެ. އަދި މިއީ މި ފެންވަރުގެ ދިވެހި ރަހައިގެ ބުފޭއެއް މުޅި އައްޑު އަތޮޅުން ވެސް ލިބުނު ހަމައެކަނި ހޮޓަލެވެ.

ހިތުން ފިލައިގެން ނުދާވަރުގެ ދިވެހި ރަހައިގެ ތަޖުރިބާއެއްކޮށްލަން ބޭނުން ނަމަ މިއީ ކޮންމެހެން ވެސް ދާން ޖެހޭ ހޮޓަލެކެވެ. ޔަގީނަށް ވެސް މިއީ ދިވެހި ރަހައިގެ 'ފައިވް ސްޓާ' ތަޖުރިބާއެކެވެ. މި ހޮޓަލުގެ ވާހަކަ އަކީ އޭގެ ދިވެހި ރަހަތަކަށް ތަރި ދޭން މުޅިން ވަކި އާޓިކަލްއެއް ލިޔާވަރުގެ ތަނެކެވެ. އެކަމަކު މިފަހަރު ނިމުނީ އެވެ.

ކޮމެންޓް (7)

ޢައްޑުކަލޯNޜ

25 ޖެނުއަރީ 2024
ޏިޒާރު ތެތަނުން ބާލަ. ތިޔެކާއި ހެދި މިރަށި ގިހަށް ނިއޮވެއި. ތިޔައް ކޮން ނޭޗަރ ޕާކަށް ބެލޭނެއި aN
1 0

އަންދު

25 ޖެނުއަރީ 2024
ނިޒާރުމެންނަށް އާދޭސްކޮށްކޮށް މަތިކިޅި އީކޯ ގާޑަން ބަލަހައްޓާން ވެސް އެއްވެސް ބަޖަޓެއް ނުދީ، ސިޓީ ކައުންސިލް ބަޖެޓް ތަޅާ ހުސްކުރި އިރު އަމިއްލަ އަށް އުޅޭ ތަނުގައި އޮތް ތަނަށް ވެސް އެއްކަމެއް ވެސް ކޮށްފައި ނެތީމާ ހައިރާންވޭ. ސިޓީ ކައުންސިލުން ވެސް އަދި މީދޫ އަވަށު އޮފީހުން ވެސް އެހީއެއް ސަޕޯޓެއް ނުދޭ އިރުވެސް ތިޔަ ތަނަށް ވުރެ މާ ރަނގަޅަށް އޮތީ. ނިޒާރަށް ވަރަށް ސަލާމް. އަދި ސާލިހާ އަށް ވެސް ސަލާން.
3 0

ނިޒާރު

24 ޖެނުއަރީ 2024
ބަލަހައްޓާނެ ބާކިން ނެތް މެއި. ކިތަން މެ އާބާދީ ބޮނޑަސް ތެ ހިތަދޫ ތިބެނީ ވަރަށް ވިޔައި ނިވޭ މީހާ. ހުސް ކަޅޮސައި އެއި ބަނަސް ކާގެން
3 1

ވޯޓް ވިއްކި ގަމާރު

24 ޖެނުއަރީ 2024
މިޑިއާއިން ކިތަމެ އޮފް ކުރަން އުޅުނަސް އައްޑޫ ވަނީ ވީރާނަވެފަ...
10 0

މޭޔާރ ނިޒާރު

24 ޖެނުއަރީ 2024
ކިހެއި ދެރަކަމަށް، ޓޫ ސްޓާ ދޭއްވީ ތަފިރިން ނޫހާއް! އެންގިގެއި؟
2 12

ޕީއެސްއެމް

24 ޖެނުއަރީ 2024
ތި ވާހަކަ ލިޔަން ވެގެން މޭޔަރަށް މަޢުލޫމާތު ހޯދަން ގުޅިމަ މާދަމާ މާދަމާ ކިޔަމުން އަދިވެސް އެ ދުވަސް ނާދޭ...
8 0

ހިތަދޫ

24 ޖެނުއަރީ 2024
ތެތާން ވީރާނާ ކެޑެއި މޭޔާރ ނިޒާރު
15 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް