ހުޅުދޫ އާއި މީދޫގެ އިން ކޮނެގެން ވަކިކޮށްފައި އޮތް ދުވަސްވަރުން ފެށިގެން މިހާރު ވެސް ދެ ރަށުގެ ދެމެދުން ފެންނަން އޮންނަ އާރެއް: މިއީ ދެ ރަށުގެ 'އޮރިޖިނަލް' ބޯޑަރު ކަމަށް ބައެއް މީހުން ބުނޭ. (ދައުރު ފޮޓޯ)
ހުޅުދޫ އާއި މީދޫގެ ޒަމާންވީ ހަތުރުވެރިކަމުން ހުތުރު މަންޒަރެއް
އާރްޓީއެލްގެ ސްޕީޑް ފެރީއެއްގައި ގޮސް އަހަރެން ފޭބީ މެދު ބަނދަރަށެވެ. މިއީ ހުޅުމީދޫ އެއްކޮށް، އެއްފަސްކޮށް އެއް ފާލަމެއްގެ ގޮތުގައި މި އަތޮޅުގެ އެހެން 'އަވަށްތަކާ' ގުޅުވައިދޭ ރަސްމީ ފާލަމެވެ. އަދި ހުޅުދޫ އާއި މީދޫ ގުޅިލާމެހި، އެކުވެރިވެ އެއްބައިވަންތަވެފައި އޮތް މިންވަރު އެންމެ ގަދައަށް ރަމްޒުކޮށްދޭ ތަހުޒީބުގެ މައި ފާލަމަކީ ވެސް މި 'މެދެ ބަނދަރެވެ.'
ފެރީގައި ކްރޫއިންނަށް ވެސް ތިބީ ދެ ރަށުގެ ޒުވާނުންނެވެ. ފެރީ ޓާމިނަލްގެ މުވައްޒަފުންނަކީ ވެސް ދެ ރަށަށް ނިސްބަތްވާ އާރުކާޓީންނެވެ. (ބަހަށް އަރާނެ ހަމަ އެއްވެސް ބަޔަކު ނެތަސް) ބަހަށް އަރައިގެން ނައްޓާލުމުން ވެސް ފެންނަނީ ލެޔާއި ލެޔިން ގުޅިފައި އޮތް ދެ އަވަށެއްގެ އެކުވެރި ފޯރި އެވެ.
މެދު ބަނދަރުގެ އަނެއް ފަޅި ސިނާއީ ސަރަހައްދެއްގެ ގޮތުގައި ތަރައްގީކޮށް ޖައްވަށް އަރަމުންދާއިރު އެތަނުން ފެންނަ މިފްކޯގެ މަސް ފެކްޓަރީ ވެސް ރޯފިލުވަމުން ދަނީ ދެ ރަށުގެ އެކި އުމުރު ފުރައިގެ މަސައްކަތްތެރިންނެވެ. އެމްޓީސީސީގެ ސައިޓު ތެރެއިން ވެސް ފެންނަނީ ދެ ރަށުގެ ހުނަރުވެރިންނާއި ތަރައްގީގެ ބަދަހި ގުޅުމެވެ. އެއް ތަށިން ކައިގެން އެއް މަސައްކަތެއް ކޮށްގެން އެއް ބައެއްގެ ގޮތުގައި އުޅެމުންގެންދާ ތަނެވެ.
މި ގުޅުމުގެ އިންޖީނު އަނބުރަމުން ރަށުތެރޭގައި ބުރެއް ޖަހާލަން ނުކުމެއްޖައީމެވެ. އެކަމަކު ގޯޅި ގޯޅިތަކަށް އަޅަމުން ރަށު ތެރޭގައި އެނބުރެން ފެށުމާ އެކު ކުރިން ފެނުނު މަންޒަރު މަޑުމަޑުން އިދިކޮޅަށް އެނބުރިގަތެވެ. އެއަށް ފަހު ބައްދަލުވި ކޮންމެ ކަންމައްޗަކުން ފައުޅުވާން ފެށީ ދެ ރަށުގެ ވާދަވެރިކަމުގައި އަނދާ ޒަމާންވީ އަލިފާނެވެ. އަދި އެ ހޫނާއި ހަސަދައިގެ ދިލަ މަޑުމަޑުން ގޮސް ސާބިތުކޮށް ދޭން ފެށީ ހުޅުދޫ އާއި މީދޫ އެއްފަސްކޮށް އޮތަސް މި ދެ ރަށް ދުވަހަކުވެސް އެއްކޮށް އެކައްޗަކަށް ނުވާނެ ކަމެވެ.
"ހުޅުދޫ މީހުންނެއް ދުވަހަކުވެސް މީދުއަކަށް ހެވެއް ނޭދޭނެ. އަދި މީދޫ މީހުންގެ ހިތެއް ވެސް ދުވަހަކުވެސް ހުޅުދުއަކަށް ހެވެއް ނުވާނެ،" ރަށު ތެރެއިން ބައްދަލުވި މުސްކުޅި ފުރައިގެ މީހަކު ލަކިޖަހަމުން ލޭކައްކުވައިގަތެވެ.
ހުޅުދޫ އާއި މީދޫގެ ރޫހަކީ އަދިވެސް ތެލާއި ފެންކަން އެ ހިސާބުން ޔަގީންވެއްޖެ އެވެ.
މީދޫ އިން އެރި ބަސް ހުޅުދޫއާ ހަމައަށް ގޮސް ހުއްޓިއްޖެ އެވެ. އަދި އަހަރެން ގޮސް މަޑުކޮށްލީ ދެ ރަށް ވަކިކުރުމަށް ކޮނެފައި އޮތް ކަންޒެއް ކައިރިއަށެވެ. މިއީ ދެ ރަށުގެ ވާދަވެރިކަން އުފެއްދި އެންމެ ހުތުރު ތާރީހު އެތަނެއްގައި ވަޅުލެވި ތަގައްޔަރުވެފައިވާ ސަރަހައްދެވެ.
އެ ހިސާބަށް ގޮސް ބަސް ހުއްޓުނީކީއެއް ނޫނެވެ. އެކަމަކު ބަސް ހުއްޓެނީ އެ ހިސާބުގައި އޮތް މި ތާރީހު ނިއުޅިގަތުމުންނެވެ. ތަގައްޔަރުވެފައި އޮތް ތާރީހުގެ އެ މުޑުދާރު ފެންގަނޑުން ބޮކިޖަހައިގަތުމުންނެވެ.
ހުޅުދޫ-މީދޫގައި ތަޅާފޮޅުން، ލޫޓުވުން އަދި ލޭއޮހޮރުވުން
މީގެ 49 އަހަރު ކުރިން ޝައްވާލު މަހެއްގެ ދެވަނަ ދުވަހެވެ. އެއީ އީދުގެ ކުޅިވަރުތަކާ އެކު ހުޅުދޫ އާއި މީދޫގެ ޒުވާނުންގެ ލޭ ހޫނުވަމުން ދިޔަ ހުކުރު ދުވަހެއްގެ ހަވީރެވެ. އަންހެންވެރިން ބަށި ކުޅެމުން ފޯރިއަރުވަމުން ފޯލި ހަމަކޮށް ހަޅޭލަވަމުން ދިޔައިރު ވޮލީގެ ފޯރީގައި ކުޅުންތެރިން އުޑަކު ބިމަކު ނުޖެހެ އެވެ. އެކަމަކު އެންމެންގެ ސަމާލުކަން ހުއްޓިފައި އޮތީ ރަށުގެ ފުޓްބޯޅަ ދަނޑުގައި ހުޅުދޫ އާއި މީދޫގެ ޓީމަކާ ދެމެދު ކުޅެމުން ގެންދިޔަ ފޯރިގަދަ ފުޓްބޯޅަ މެޗަކަށެވެ.
ފަހަރުގައި އެ ކުޅިވަރު ބަލަން ނުގޮސް ގޭގައި އެ ދުވަހު އިނީ މީދޫ އާރުނޫގެ އަލިދީދީ އެކަންޏެވެ. އޭނާ އެ ދުވަހު ހުރީ ރޯދަ އަށެވެ. އަދި އޮއްސުނު އިރާއެކު ރޯދަ ވީއްލައިގެން ހިސާބުގަނޑުގެ މިސްކިތަކަށް ގޮސް ޖަމާއަތު ނަމާދުކޮށްލައިގެން އެނބުރި ގެއަށް ދެވުނުއިރު ރަށުތެރެ އަނދިރިވެއްޖެ އެވެ.
އަނގަބޮޑު ފުޅިބައްތިއެއް ރޯކޮށްލައިގެން ގޮސް ހަތިމުން ކިޔަވަން އިނދެފައި އިޝާކޮށްލައިގެން ގެއަށް އެނބުރި އައިސް ކާލައިގެން އަރައި އޮށޯވެއްޖެ އެވެ. ހިސާބުގަނޑުގެ ބޯޅަދަނޑުގައި ހޫނުވި ފުޓްބޯޅަ މެޗުގެ ހަމަ އެއްވެސް ހޫނެއް އިހުސާސުނުވެ އޮއްވައި އެންމެފަހުން ލޮލުފިޔަޖެހިއްޖެ އެވެ.
ނިދީގައިވީ އިރެއް އަލިދީދީ އަކަށް ނޭނގެ އެވެ. ހޭލެވުނީ ދަރިންތައް ރޯ އަޑަށެވެ. ހިސާބުގަނޑުގެ އަންހެންވެރިން ރޮއި ހޭރޭ އަޑެވެ. އަދި ސިއްސައިގެން ދިޔައީ ހޮނުގުގުރިއެއްހެން ގޭގެ ފުރާޅުގަނޑު މައްޗަށް ވައްޓާލި ވަރުގަދަ ހަމަލާއަކުންނެވެ. ތެޅެމުން ފޮޅެމުން ބޭރަށް ނުކުމެވުނުއިރު ދަންވަރުގެ ހިމޭންކަން ކަތިލައި މުޅި ހިސާބުގަނޑު އޮތީ ސުންނާފަތިކޮށްލައިފަ އެވެ.
"ގޭގޭގެ ދޮރުތައް ލުއްސުވައި ގެތައް ލޫޓުވާލައިފި. މި ގޭގެ އިން ފާރާއި ގިފިލިއާ ދިމާލުން ވެސް އޮތީ ފާރު ވައްޓާލާފައި. ފުރާޅު މައްޗަށް ހީވަނީ ބޮޑުހިލައިގެ ވާރޭ ވެހެމުންދިޔަހެން،" މިހާރު އުމުރުން 80 އަހަރުން މައްޗަށް ގޮސްފައި ހުރި އަލިދީދީ އޭނާގެ ގޭގައި އިނދެ ކިޔައިދިނެވެ.
ފުޓްބޯޅަ ދަނޑުގައި ހުޅުދޫ އާއި މީދޫގެ ޒުވާނުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ރަށު ތެރޭގައި އުފެދި ކެކިއަރަމުން ދިޔަ ހަމަނުޖެހުމުގައި އެންމެފަހުން އަލިފާން ރޯވީ އެވެ. އެއާއެކު ހުޅުދޫގެ ބޮޑު ފައުޖެއް ދަގަނޑުބުރިތަކާއި ދަނޑިބުރިތަކާއި ގާތައް އަތަށް ހެޔޮވަރުކޮށް މީދޫގެ އެންމެން ނިދާފައި ތިއްބައި ކުއްލި ހަމަލާއެއް ދިނީ އެވެ.
"އެމީހުން އައީ ލޭންޑްލޯޑަރަކަށް ގާތައް ބަރުކޮށްގެން. އައިސް މި ހިސާބުގަނޑުން ގެއަކަށް ފަހު ގެއަކަށް ހަމަލާ ދެމުން ފާރުތައް ބިމާހަމަކުރަމުން ގެންދިޔައީ. ދުވަހަކުވެސް އަހަރެން އެ ހަނދާނެއް ނުނެތޭނެ އެ ދުވަހު އެ މީހުން ދިން ގެއްލުންތައް،" އަލިދީދީ ބުނެލި އެވެ.
'ބޮޑު ޖަގަޅާ'ގެ ގޮތުގައި މަޝްހޫރުވި މި ހަމަނުޖެހުންތައް ފަހުން ސިލްސިލާ ކުރިމަތިލުންތަކަކަށް ބަދަލުވެ ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހުޅުދޫ އާއި މީދޫގެ ޒުވާނުންގެ މެދުގައި އެކި ސިފަސިފައިގައި ކުރިއަށް ދިޔަ އެވެ. އަދި ފާހަގަކޮށްލަން ޖެހެނީ މިއީ އެއްގޮތަކަށް ވެސް ފުޓްބޯޅަ މެޗެއް ހޫނުވެގެން ފެށުނު ހަމަނުޖެހުންތަކެއް ނޫން ކަމެވެ. އެ ފުޓްބޯޅަ މެޗުގައި ހުޅުގަނޑު ފަޅައިގެން ދިޔަ ނަމަވެސް ދެ ރަށުގެ މީހުންގެ ދެމެދުގައި އުފެދިފައި އޮތް ޒާތީ ދެކޮޅުވެރިކަމުގައި ރޯވިތާ އޭރު ވެސް އެތައް ދުވަހެކެވެ.
އެއް އިރެއްގައި އެއް ތަށިން ކައިގެން އުޅުނު މި ދެ ރަށް 'ދާހިލީ' ބޮޑު އަރާރުމެއް އުފަންކުރުވި މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިގެންދިޔައީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދެ ރަށް، އެއް ރަށަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. – އެހެންކަމުން މިއީ އަބަދުވެސް، ސިޔާސީ ނުހޮރުއްޕާނެކެވެ.
މި ދެ ރަށް ނުވަތަ މި ޒަމާނުގެ ސިޔާސީ ބަސްކޮށާރުގައި، މި ދެ އަވަށް މިއަދު ވެސް އެއްކޮށްލަން އުޅުމުން އަބަދުވެސް ހުޅުރޯވަނީ މި ސަބަބާ ހެދި އެވެ. އެކަމަކު މި ވާދަވެރިކަން އުފަންކުރުވި ހަސަދަވެރިކަން ފެށުނީ ކިހިނެއް ހެއްޔެވެ؟ އަދި އެންމެ ފުރަތަމަ މިބައި މީހުން އެއް ރަށެއްގައި އެއް ބައެއްގެ ގޮތުގައި އެހާ ސުލްހަވެރިކޮށް ދިރިއުޅުނީ ކޮން ފޯމިއުލާއެއް ބޮއެގެން ހެއްޔެވެ؟
ހުޅުދޫ އާއި މީދޫގެ ބިމުގެ ބޯދާ އަރައިރުމަކީ ފޯކްލޯރެއްތަ؟
މި ދެ ރަށުގައި މީހުން އާބާދުވި ގޮތާ ބެހޭ ގޮތުން، އަތޮޅުގެ ބޯދާ ތާރީހު އެއްކުރާ މީހުން ކިޔައިދޭ ވަރަށް މަޝްހޫރު ވާހަކައެއް އޮވެ އެވެ. އައްޑޫގެ ބޯދާ ތަހުޒީބުން ފަށައިގެން ދޫދޫމަތިން މި ޒަމާނާ ހަމައަށް ގެނެސްފައިވާ އެ ވާހަކައަށް ހުޅުދޫ އާއި މީދޫ މީހުން ކިޔަނީ 'ކެހެޅާ އާއި ބެހެޅާ' ވާހަކަ އެވެ.
އެއީ ބުދު ދީނުގެ ދުވަސްވަރެވެ. އަދި ކެހެޅާ އާއި ބެހެޅާ އަކީ އޭރު ގަމުގައި ހުރި ބޮޑު ހާމުދުރެއްގެ ކޮއްކޮ އަކަށް ދެ ބަނޑަކުން ލިބުނު ދެ ފިރިހެން އައުލާދުންނެވެ. ދެ ރަށް އޭރު އޮތީ މި ދެބެއިންގެ ބައްޕަގެ ބެލުމުގެ ދަށުގަ އެވެ. އަދި އެ ބައްޕަ މަރުވުމުން ދެ ރަށުގެ ޒިންމާދާރު ވެރިޔަކަށް ހަމަޖެހުނީ ދޮށްޓަށް ހުރި ކެހެޅާ އެވެ.
އެކަމަކު ކޮއްކޮ، ބެހެޅާއަށް ހުޅުދޫ ދީފައި ކެހެޅާ ދިރިއުޅެމުން ގެންދިޔައީ މީދޫގަ އެވެ. ނުވަތަ ވާރުތަ މުދާ ބެހިއިރު ބޮޑުކޮށް އޮތް ރަށް، ބޮޑަށް ހުރި ދަރިއަށް ލިޔެ ނިމުނީ އެވެ.
ކޮންމެއަކަސް މި ދެބެއިންގެ ބެލުމުގެ ދަށުގައި ދެ ރަށް ތިޔާގިވަމުން ދަނިކޮށް ގަދަ ވިއްސާރައެއްގައި ހުޅުދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބި މީސްކޮޅު ހާލުގައި ޖެހިއްޖެ އެވެ. އޭރު ވެސް މި ދެބެއިންގެ ދެމެދުގައި އޮތީ ތަރިކަ ބެހި ގޮތުން ކުނިޖެހިފަ އެވެ. ނަމަވެސް ހާލުގައި ޖެހުނު ކޮއްކޮ އާއި އޭނާގެ އާއިލާ ދިރިއުޅެން މީދޫގެ ދެކުނު ބިތުން ހިސާބެއް ކަނޑައަޅުއްވައި ދެއްވައިފި އެވެ. (އެއީ މިހާރުގެ މީދޫ އާއި ހުޅުދޫ ގޮސް ގުޅޭ ސަރަހައްދެވެ.)
ބެހެޅާ އުޅެމުން ގެންދިޔައީ އެ ތަންކޮޅުގައި ވަރަށް ނިކަމެތި ހާލުގަ އެވެ. އަދި ކެހެޅާގެ ތަނަވަސް މޮޅު ދިރިއުޅުން ފެނި ހިތުގައި ހަސަދަވެރިކަމުގެ އަލިފާން އަނދަން ފަށައިފި އެވެ. އަދި އެ ތަނަވަސްކަމުން އިތުރު ބިންކޮޅެއް ދިނުމަށް އެދި އާދޭސްކުރަން ފަށައިފި އެވެ. އަދި އެގޮތަށް އާދޭސްކުރަމުން ގޮސް ބިންކޮޅަކަށް ފަހު ބިންކޮޅެއް އަތުލަން ވެސް ފަށައިފި އެވެ.
އެންމެފަހުން މިކަމުގައި ދެ ބެއިންގެ ދެމެދުގައި ހިޔާލު ތަފާތުވެ ބޮޑު އަރާރުމެއް ފެށިއްޖެ އެވެ. އަދި ބެހެޅާއަށް ކުރިން ދިން ބިމުގެ ބޮޑު ބައެއް އޭނާގެ އަތުން ނަގައި ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފި އެވެ. އަދި އެންމެފަހުން ދެ ބެއިންގެ ދެމެދުގައި ކުރިމަތިލުން ފެށި މަރުގެ ގަދަ ހިފުމަކަށް ތައްޔާރުވެއްޖެ އެވެ.
ދެ ބެއިންގެ އެ ގަދަހިފުމުގައި އެކަކު އަނެކަކަށް ހަމަލާ ދެމުން ގޮސް ދެބެއިން މަރުވެއްޖެ އެވެ.
އެއަށް ފަހު ހުޅުދޫ އާއި މީދޫގެ މުސްކުޅިން އެމީހުންގެ ދަރިންގެ ދަރިންނަށް ކިޔައިދިން އިބްރަތްތެރި ވާހަކައަކީ މި އެވެ. އަދި އަބަދުވެސް ނަސޭހަތް ދިނީ 'ކަލޭމެން، ކެހެޅާ އާއި ބެހެޅާ އަށް ނުވުމަށެވެ.' އެކަމަކު މި ދެ ބައި މީހުންގެ މެދުގައި އުފެދުނު ބިމުގެ މައްސަލަ، ކެހެޅާ އާއި ބެހެޅާއާ ހިސާބުން ފެށިގެން އަދިވެސް މި ދަނީ ކުރިއަށެވެ. ހައްލެއް ނުވި އެވެ.
ތާރީހުގެ އެ ސަފުހާތައް ނިއުޅެމުން ގޮސް ރަސްކަމުގެ ޒަމާނަށް އަލިވިލުނުއިރު ވެސް މި ދެ ބައި މީހުންގެ މެދުގައި އެންމެ ބޮޑުވެފައި އޮތީ ބިމުގެ އަރައިރުމެވެ. އަދި ރައްޔިތުންގެ އެދުމުގެ މަތިން ދެ ރަށް ރަސްމީކޮށް ވަކިކޮށް، ދެ ރަށުގެ އިން ކަނޑައެޅުމަށް 'ކަންޒެއް' ކޮނެ ހުޅަނގު ފަރާތު ގޮނޑުދޮށަށް ފޫވައްޓާލި އެވެ.
ރަސްކަން ނިމި މި ބޯޑަރަށް ޖުމްހޫރީ ދައުލަތުގެ ހިމާޔަތް ރައީސް މުހައްމަދު އަމީންދީދީ ދެއްވި އެވެ. އަދި އޭރު ގަމުގައި ތިބި އިނގިރޭސި ސިފައިންގެ އެހީގައި ކޮންކްރީޓު އަޅައިގެން މި ބޯޑަރު އިތުރަށް ވަރުގަދަ ވެސް ކުރި އެވެ.
މިހެން އޮއްވައި ދެ ރަށުގެ ސިޔާސީ ވާދަވެރިކަން އުފަންކުރުވި ހަސަދައިގެ ފިތުނަވެރި ސައްލާގެ ސިލްސިލާ އަކަށް ފަހު އިބްރާހިމް ނާސިރުގެ ވެރިކަމުގައި މި ދެ ރަށް ފުރަތަމަ ފަހަރަށް ރަސްމީކޮށް އެއް ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ. މީދޫގެ ވެރިންގެ އަތުން ބާރުތައް ނަގައި ހުޅުދޫގެ ވެރިންނަށް ދެ ރަށުގެ ހުރިހާ ބާރެއް ދިން ދިނުން ވެގެން ދިޔައީ ދެ ރަށުގެ 'ބޮޑު ޖަގަޅާ' އުފަންކުރުވި ސަބަބަށެވެ.
އެ ހަމަނުޖެހުންތައް ހޫނުވެ އެންމެފަހުން ނާސިރުގެ ވެރިކަމުގައި ދެ ރަށް އަލުން ދެ ރަށެއްގެ ގޮތުގައި ހަމަޖައްސައި ބާރުތައް ކުރީގެ ގޮތަށް އިޔާދަކޮށްދިނީ އެވެ. އަދި އެއަށް ފަހު ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދިގު ތިރީސް އަހަރުގައި މި ދެ ރަށު މީހުން ރުއްސައިގެން ތަރައްގީއަށް ދައުވަތު ދެމުން އައީ 'ހުޅުމީދޫ'ގެ އިދާރީ ޓެގެއް އަޅުވައިގެންނެވެ.
އެހެންވީމަ މިއަދު މިއީ ހުޅުދޫގެ އަވަށަކާއި މީދޫގެ އަވަށަކާއި އެއްވެސް ތާކުންތާކު ލައްވައިނުލާ 'ހުޅުމީދޫ' އެކެވެ. މިވަރުގެ އެތެރޭގެ ސިޔާސީ ކޯޅުމަކާއި އަރަތެއް އޮތް ދެ ރަށް ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެބައޮތް ހެއްޔެވެ؟
ހުޅުދޫ އާއި މީދޫގެ ވާދަވެރިކަމުގައި ހުޅުފަޅައިގެން ގޮސްފައި އޮތް މިންވަރު އޭރުގެ މަޝްހޫރު ދުވަހު ނޫސް 'ހަވީރު'ގެ ސަފުހާތަކަށް ތިލަވުމުން އެ ވާހަކަތައް އިތުރަށް ނުލިޔަން މައުމޫނުގެ ވެރިކަމުގައި އަމުރެއް ވެސް ނެރެން ޖެހުނެވެ. މި ދެ ބައި މީހުންގެ ކޯޅުންގަނޑު އުފެއްދި ކޮޅިގަނޑަކީ އެހައި ވެސް ވަރުގަދަ ކެރިގަނޑެކެވެ.
އެކަމަކު އެ ޒަމާން އެއްކޮށް ބަދަލުވެއްޖެ އެވެ. ދެ ރަށުގެ މީހުން، ދެ ރަށުގެ މީހުންނާ އިނދެ އެކުވެރިވެ ލެޔާއި ލޭގެ ގުޅުމަކުން އެއް އާއިލާއަކަށް ބަދަލުވެއްޖެ އެވެ. އައު ޖީލުތައް އުފަންކޮށްފި އެވެ. ނަމަވެސް ބަދަލުނުވެ އޮތީ ހުޅުދޫ އާއި މީދޫގެ ވާދަވެރިކަމެވެ. އެ ވާދަވެރިކަން މި ޒަމާނުގައި ހަމަ ލޮލަށް ފެންނަން ނެތަސް އެއީ ދެ ރަށުގެ ގިނަ މީހުންގެ ލޭގައި އަދިވެސް ދެމޭ އިހުސާސެކެވެ.
ބޮލު ތެރޭގައި ރާވަމުންދާ ރޭވުމެކެވެ. ގައިން ހީބިހި ނަގާ ވާހަކައެކެވެ.
"މީހުން ބުނޭ ހުޅުދޫ މީހުން މި ރަށު މީހުންނާ އިންނަނީ ވެސް ބިމުގެ ބޭނުމުގައޭ،" ރަށު ތެރެއިން ބައްދަލުވި މީހަކު ކުޅެލީ ސަމާސާ ރާގެކެވެ.
އެކަމަކު މިއީ ސަމާސާ އަރައިރުމެއް ނޫނެވެ.
ކޮމެންޓް (19)
ހުޅުދޫ/މީދޫ
ނަވާ
ހައްގަށްތެދު
ސުކުން
ސަންރޭ
ރަދީފް
ސަންރޭ
ރަދީފް
އަހުމަދު
ޙަސަންދި
ާއަލި ދީީދީ
ގާޑިޔާ
ޢަސްރާ
ރަތްހިނަ ހަސަން ފުތާ
ދޮގު
ޟޮހޮނު
ސައީދު
ޙަސަން
ޖަމީލު