ނިޒާމް އާއި އަމީނާ އެމީހުންގެ ބެކްޔާޑުގައި ފޮޓޯއަކަށް ހުއްޓިގެން. (ދައުރު ފޮޓޯ)
ނިޒާމް އާއި އަމީނާގެ ފަނޑުވުމެއް ނެތް ލޯބީގެ މެހެފިލް
އަހުމަދު ނިޒާމް އާއި އާމިނަތު އަމީނާ ތިބީ އެ މީހުން ދިރިއުޅޭ ގޭގެ ބެކްޔާޑުގައި ހަދާފައިވާ ފިނިމައިޒާނެއްގަ އެވެ. ދެ މީހުންގެ ހުނަރުން ނަލަކޮށް، ލޯބިން ކުރަހައި ފަރިކޮށްފައިވާ އެ މީހުންގެ އަމިއްލަ ކުޑަ ދުނިޔެއެއްގަ އެވެ. ހިތާއި ހިތް ލޯބިން ގަތައިދިން ވަރުގަދަ އަދި އެހާމެ އަސަރުގަދަ ގުޅުމަކުން ގުޅިލާމެހި، ހެވިދިލިފަ އެވެ. މީގެ 45 އަހަރު ކުރިން މި ލޯބީގެ ވާހަކަ ފެށުނު ކިލާސްރޫމުގެ ފޯރި އާއި ޖޯޝާއި އެކުވެރި ސަކަ މިޒާޖުން އަދިވެސް ތަތްތެޅިފަ އެވެ.
އެ ހަނދާންތަކުން ގަނޑުތައް އުކައިގަތީ ދެ މީހުން އެކުގަ އެވެ.
"އަހަރެމެން ދެ މީހުން ކިޔަވަން އުޅުނީ އެއް ކްލާހެއްގައި ދޯ؟" ނިޒާމް ބުނެލި އެވެ.
"އެއީވާ ދުވަސްތަކެއް. މުދައްރިސެއް ނެތިއްޔާ މީނަ އުޅޭނީ މުދައްރިސަކަށް ހެދިގެން،" އަމީނާ ހީގަތެވެ.
"ތެދެކޭ. ޓުޑޭ އައި އޭމް ދަ ޓީޗާއޭ ކިޔާފައި ހަޅޭފަޅޭޖަހައިގެންފައި އެއްތެޔޮގަނޑުން މޭޒުމަތީގައި ތަޅައިގަތީމަ މިއެންމެން ތިބޭނީ ބިރުން،" ތަމްސީލުކޮށް ސިފަކޮށްދެމުން ނިޒާމް ކިޔައިދިނެވެ.
އެއާއެކު ބިނދިބިނދިފައި ދެ މީހުން އެކުގައި ހީގަތެވެ. ދެން އަނެއްކާވެސް ޅަފުރައިގެ ހަނދާންތަކަށް އެ ދެ ހިތް ދަމައިގެން ގޮސް ގެއްލިއްޖެ އެވެ.
"މީނަ މިއީ އޭރު ވެސް އާޓުގެ ކަންތައް ވަރަށް ބޮޑު މީހެއް. ހިންދީ ފިލްމުތަކުގެ ޑައިލޮގްތައް ފޮތްތަކުގައި ވަރަށް ރީއްޗަށް އަތުލިޔުމުން ކުލަކުލައިން ލިޔެގެން އުޅޭނީ،" އަމީނާ ބުނެލި އެވެ.
ނިޒާމް ގެންދިޔައީ ތަފުސީލުކޮށް ގަނޑުތައް އުކަމުންނެވެ.
"އެއީ ހަމަ ސީދާ އަންހެންކުދިންނަށް ދޮއިދައްކަން ކުރި ކަމެއް އޭރު. އެ ފޮތްތައް ހޯދައިގެން ކިޔަން އަންހެންކުދިން ވަރަށް ފޯރި ހުންނާނެ. މި އާމިނާއްދީއަށް ވެސް ފުރަތަމަ ކަމުދިޔައީ އަޅުގަނޑުގެ ކިބައިގައި ހުރި އެ ކްރިއޭޓިވް ހުނަރު."
އަމީނާ ދެން ކިޔައިދިނީ އެ ޖާދޫގައި ގޮސް ޖެހުނު ގޮތެވެ.
"އޭރު މީނަ ފޮނުވާނީ ސިޓީ. އެ ސިޓީތަކުގައި ވެސް ލިޔެފައި ހުންނަ ރީތިކަމުން މީހަކު ހަމަ މޮޔަވެދާނެ. އެއީ ހަގީގަތުގައި ވެސް އެންމެ ފުރަތަމަ އަޅުގަނޑުގެ ޝައުގުވެރިކަން މީނައަށް ދަމައިގެންދިޔަ ސަބަބަކީ ވެސް. މީނަގެ މި އާޓާއި ކްރިއޭޓިވިޓީގެ ޖާދޫ ބޮޑުކަމުން."
އެހެން ބުނުމާ އެކު ނިޒާމް ހިންދީ ފިލްމެއްގެ ލަވައަކުން ޅެމެއް ގަތައިގަތެވެ.
"އޭރު ސިޓީތަކުގައި ލިޔެފައި ފޮނުވާނީ ހިންދީ ފިލްމުތަކުގެ ލިރިކްސް. މިސާލަކަށް ދަރުމެންދުރާގެ މަޝްހޫރު 'ޔަކީން'ގެ ލަވައިގައި ބުނާހެން، ޔަކީން ކަރުލޯ މުޖޭ މުހައްބަތު ހެ ތުމްސެ ތުމްސޭ."
އަމީނާގެ ހިތް، ނިޒާމް ކަތިލީ އޭނާގެ ރިވެތި އަތުލިޔުމުން ގަތައި ފަވައި ކުލަޖެއްސި ބޮލީވުޑްގެ މި ލިރިކްސްއިންނެވެ. އެއަށް ފަހު ދެ މީހުން އެ ތިބީ އަދިވެސް އެ ދުވަހު ދިން ޔަގީންކަމުގައި ހިފަހައްޓައިގެންނެވެ.
އޭރު ވެސް އަދި މިއަދު ވެސް މި ދެ ހިތް އެއްތަންކޮށް އެކުގައި ކުރިއަށް ގެންގޮސްދޭ ޖާދުވީ ބާރަކީ ދެ މީހުންގެ ކިބައިގައިވާ އާދަޔާހިލާފު ހުނަރެވެ؛ ދެ މީހުންނަކީ ވެސް ކުޅަދާނަ ދެ އާޓިސްޓުންނެވެ. އެކުގައި ކިޔަވަން އުޅުނުއިރު ވެސް އާޓް އާއި ކްރާފްޓްގެ ދުނިޔެއެއްގައި ލޯބިން އުދުހުނު ދެ ލޯބިވެރިންނެވެ. އަދި މިއަދު ވެސް އެ ދުނިޔެ ވަށައި ބުރުޖަހަމުންދާ ދެ ހުނަރުވެރިންނެވެ.
"ދެ މީހުންނަކީ ސްކޫލްގައި އުޅުނުއިރު ވެސް ވަރަށް ގުޅިގެން، ކްރިއޭޓިވް މަސައްކަތް އެކުގައި ކޮށް އުޅުނު ދެ މީހުން. ރައީސް ވަޑައިގަންނަވާއިރަށް ދިދަތައް ފަހައި ތައްޔާރުކުރުމާއި ތައްގަނޑު ޖެހުމާއި މާ ޖެހުން ކަހަލަ މަސައްކަތް ވެސް ކުރާނެ،" ނިޒާމް ކިޔައިދިނެވެ.
"އެހެން އުޅެފައި ވަރަށް ޅަ އުމުރުގައި އަހަރެމެން ދެ މީހުން ކައިވެނިކޮށްފިން. އާމިނާއްދީއަށް ވާނީ ކިރިޔާ 18 އަހަރު. އަޅުގަނޑަށް 20 އަހަރު"
"އަޅުގަނޑުމެން ދެ މީހުން ކައިވެނިކުރިއިރު އަޅުގަނޑުގެ އަތުގައި އޮތީ ޖުމްލަ 50 ރުފިޔާ. އެއީ މީހަކަށް ދެ ޔުނީފޯމާއި ދެ ސޯޓުބުރި ފަހައިދިނީމަ ދިން 50 ރުފިޔާ"
"އަތުގައި އިތުރަށް ބައި ރުފިޔާއެއް ވެސް ނެތް. ހިޔާލު މޮޅީ. މޮޅެތި ހިޔާލުތަކުން ސިކުނޑި ފުރާލާފައި އޮތީ."
އެ ހިޔާލުތައް ކަވިކޮށް ކުރަހައި ކުލަޖައްސަން ދެ މީހުން ގޮސް ޖައްސާލައިގެން ތިބީ އަތިރިމަތީގަ އެވެ. އަދި ނޭނގި ތިއްބައި ހަޔާތުގެ އެންމެ ބޮޑު ދަތުރު ކުއްލިއަކަށް ފެށިއްޖެއެވެ. ދެ މީހުން އެއްތަންކުރި ހުނަރު އެންމެފަހުން ދެ މީހުން ވަކިކޮށްފި އެވެ.
ދިރިއުޅުން ކޮޅަށް ޖަހަން، ރަށާއި އަންހެނުން ދޫކޮށްލާފައި ނިޒާމް އަށް މަޖުބޫރުވީ މުޅިން އައު ދަތުރަކަށް ރިޔައު ފަހާށެވެ.
ދިރިއުޅުން ދެކޮޅުޖެއްސި ހުނަރުވެރިކަން
ސ. މީދޫ ބަންކެއުއަލިގޭ އަހުމަދު މަނިކުފާނުގެ މުހައްމަދު މަނިކުފާނަކީ އެފަދަ ދެވަނައެއް ނެތް ކުޅަދާނަ ކެޔޮޅެކެވެ. މަހަށް ގޮސް މަސްމަރަން ގޮސް އަތްކަންކޮށް ވަޑާމުގެ ހުރިހާ މަސައްކަތެއްގައި ވެސް މުޅި އައްޑޫ އަތޮޅަށް މަޝްހޫރު ކުޅަދާނަކަމެކެވެ. އަތުލިޔުމާއި ބޮޑުއަކުރު އެޅުމުގައި ވެސް ހުނަރުން ފުރިފައިވީ ކެލިގްރާފަރެކެވެ. އަދި އެފަދަ ދެވަނައެއް ނެތް ކުޅަދާނަ ފެހުންތެރިއެއް ވެސް މެ އެވެ. ނިޒާމް އަކީ މި މަނިކުފާނަށް ލިބުނު ހަ ކުދިންގެ ތެރެއިން އެންމެ ދޮށީ މީހާ އެވެ.
އެހެންކަމުން ބައްޕަގެ އެ ހުރިހާ ހުނަރުވެރިކަމަކާއި ކުޅަދާނަކަމެއް އެންމެ ގާތުން ބަލައި ދަސްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނީ ހަމަ ހިތަކަށްބިތަކަށެވެ.
"ގޭގައި ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ވެސް ބައްޕަ ހެދީ އަމިއްލައަށް. އެންމެ ކުޑަމިނުން ގޮސް ގޭގައި ސައި ކައްކާ ކުރަ އަކީ ވެސް ބައްޕަ ހަދާފައި ހުރި އެއްޗެހި. އަޅުގަނޑުމެން ހަ ބެއިން ލައިގެން ތިބޭނީ ވެސް ބައްޕަ ފަހާފައި ދޭ އެއްޗެހި. ބައްޕަ ހެދުންތައް ކަނޑައިގެން ފަރިތަކަމާ އެކު ފަހަން އިންނައިރު އެ މަންޒަރު ބަލަން އަޅުގަނޑު އިންނާނީ ހަމަ އަންތަރީސްވެފައި،" އައްޑޫ ބަހުރުވަ އާއި ރާގުން ނިޒާމް ވިރުވައި އަޅާލި އެވެ.
އޭނާ ގެންދިޔައީ ބައްޕަގެ ކިބައިން ފެނުނު ހުރިހާ ހުނަރަކާއި ކުޅަދާނަކަމެއް ބޮލަށް ނަކަލުކޮށް އަމިއްލަ ދެ އަތުން ފަރިކޮށް ފަރިތަކުރަމުންނެވެ.
"ވަޑާންގޭގައި މަސައްކަތްކުރަން އުޅޭއިރު ބައްޕަ އުޅޭނީ އަޅުގަނޑު ވެސް ގޮވައިގެން. އަޅުގަނޑުގެ އަތަށް ދަމާރޮންދާ ދީގެން އަޅުގަނޑު ލައްވައި ވެސް މަސައްކަތްކުރުވާނެ،" ކުޑައިރުގެ ހިޔާލުތައް ދަމައިގެން ގެނެސް ނިޒާމް ކިޔައިދެމުންދިޔަ އެވެ.
"އެހެންވީމަ އެގޮތަށް އުޅެވި އެހާ ޅަ އުމުރުގައި މަސައްކަތަށް ނުކުމެވުމުން އަޅުގަނޑުގެ ސިކުނޑިއަށް ވަރަށް ރަނގަޅަށް މި ހުނަރާއި މައުލޫމާތު ހުރީ ވަދެ މޫލާފައި. އޭރުން ފެށިގެން މިކަހަލަ މަސައްކަތްތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ވެސް އުފެދިއްޖެ."
މިހައި ހިސާބަށް އައިއިރު ވެސް އަދި މި އުޅެވެނީ މި ނިޒާމެއްގެ ހުނަރުވެރިކަމާއި ކުޅަދާނަކަމަކީ ކޮބައިތޯ ކިޔައިނުދެވި ދޯ އެވެ. އެހެންވީމަ އައު ފެށުމަކުން އޭނާގެ ހުނަރުގެ މި އާދަޔާހިލާފު ދުނިޔެއަށް ފުންމާލަމާ ހިނގާށެވެ.
އުމުރުން 63 އަހަރުގައި ވެސް ފުލްޓައިމުކޮށް އަދި އެކަނިމާ އެކަނި އޭނާ ހިންގަނީ ރަށުގައި ހުރި އެންމެ ވަރުގަދަ އެއް ވަޑާންގެ އެވެ. ނިޒާމަކީ ނިކަން މޮޅަށް ކުރަހައި ކަވި މަސައްކަތް ވެސް ކުރާ މީހަކަށްވުމުން މި ކާޕެންޓްރީ އެކި ބައިތަކަށް ބެހި ފުރިހަމަވެފައި ވަނީ އޭނާގެ ޕާސަނަލް އާޓު ސްޓޫޑިއޯއެއްގެ ވެސް ގޮތުގަ އެވެ.
ނިޒާމަކީ ކުޅަދާނަ ފެހުންތެރިއެއް ވެސް މެ އެވެ. ޒުވާން އުމުރުގެ ރަސްމީ މަސައްކަތަކީ ވެސް ފެހުމެވެ. މިސްކިތްތައް ނަލަކޮށް ޒީނަތްތެރިކުރުމަށް ބޮޑުއަކުރު އެޅުމަކީ ވެސް އޭނާގެ ފަރިތަ އަދި ހަލުވި ހުނަރުތަކުގެ ތެރެއިން މިއަދު ވެސް ހުއްޓުމެއް ނެތި ދެލި ހިނގާ ހުނަރެކެވެ. އަދިވެސް ތަލިންކުޅުހިކޭހާ ފަރިތަވެފައި ކުޅަދާނަ އެވެ.
އަތުލިޔުމުން ރީއްޗަށް ކެލިގްރަފީގެ ރިވެތި އިސްޓައިލުތަކަށް ނަން އަޅައިދިނުން އެކަންޏެއް ނޫނެވެ. ގޭގެއަށް ނަން ދިނުމާއި ފުރާދުއްވާ އުޅަނދުފަހަރަށް ތަފާތު ނަންތައް 'އުފެއްދުމަކީ' ވެސް އޭނާގެ ފަރާތުން ފާހަގަކުރެވޭ ހުނަރެކެވެ.
"މިހާރު މި ގެއަށް މި ކިޔަނީ ނާދީ. އެކަމަކު އެއީ ބަސްކޮށާރުގައި އޮންނަ ނާދީއެއް ނޫނޭ އަދި. މި ނާދީގެ މާނަ އަކީ ނަސީމީވާދީ އަހައްމައިދީ. އެއީ އިނގިރޭސިން ލިޔެލާފައި އޭގެ އަކުރުތައް ނަގައިގެން އަޅުގަނޑު ހަދާލި ނަމެއް،" ގެތަކާއި އުޅަނދުފަހަރަށް އަދި މީހުންނަށް ނަން ކިޔުމުގައި ގެންގުޅޭ އަރަތް، އަމިއްލަ މީހާގެ އާންމުނަމާ އެކުގައި ތަރުތީބުކޮށްލަމުން އޭނާ ކިޔައިދިނެވެ.
ނަސީމީވާދީއަކީ އަހައްމައިދީގެ ގޮތުގައި އެންމެން ދަންނަ ނިޒާމްގެ 'މައިފުނަގެ' ނުވަތަ ބައްޕަގެ ގޯއްޗަށް ކިޔާ ނަމެވެ. އެހެންވީމަ ފޮޓޯއިން މި ފެންނަ 'ނާދީ' އަކީ 'ނަސީމީވާދީ އަހައްމައިދީގެ' އުފާވެރި ނަލަ ހިޔަލެވެ. ކުރުކޮށް ފޮނިކޮށެވެ.
އެކަމަކު ނިޒާމްގެ މި ވާހަކަ އަކީ ކުރުކޮށް ފޮނިކޮށް ގޮސް ނިންމާލެވޭ ވަރަށް ވުރެން އޭގައި ބާބާއި ހުނަރާއި ދަތުރު ދިގު ވާހަކައެކެވެ. އަދި މި ފެންނަ އުފާވެރި ދިރިއުޅުމަށް އެނބުރި އައުމަށް އޭނާ 'ފެހި' ދުވަސްތަކަކީ ފެހުންތެރިއެއްގެ ގޮތުގައި އޭނާ ކެނޑި އެންމެ ރިވެތި 'ލިބާސް' ވެސް މެ އެވެ.
ބުރުހަމަކުރި ލޯބީގެ ދުނިޔެ
ބައްޕަ މަރުވިއިރު ނިޒާމްގެ އުމުރުން 23 އަހަރު ފުރިއްޖެ އެވެ. ކައިވެނިކޮށް އަމިއްލަ ދިރިއުޅުމެއް ފެށިއްޖެ އެވެ. ހުރިހާ ވެސް ޝުކުރެއް މުހައްމަދު ކަލޭގެފާނަށެވެ. އެ ބައްޕަ ވަކިވެގެން ދިޔައީ އޭނާއަށް ހުރިހާ ކަމެއް ދަސްކޮށްދީ ދިރިއުޅުމުގައި ކުރިއަށް ދާނެ މަގު ވަރަށް ރަނގަޅަށް ކޮށައިދީފަ އެވެ.
"އޭރަކީ އައްޑޫ މީހުން ޕައުންޑް އެއްކޮށްގެން އެމީހުންގެ ކުދިންނަށް އިސްލާމީ ތައުލީމު ކިޔަވައިދޭން އިންޑިއާއަށް ފޮނުވި ދުވަސްވަރެއް. އެންމެން އެ މީހުންގެ ކުދިން އިންޑިއާއަށް ފޮނުވާތީ ބައްޕަ ކައިރީގައި ވެސް މީހުން އަހަން ފަށައިފި ކޮން އިރަކުހޭ އަހަރެން އިންޑިއާއަށް ފޮނުވަނީ،" ނިޒާމް ކިޔައިދިނެވެ.
"އޭރު 40 ޕައުންޑަށް އިންޑިއާއަށް ދެވޭނީ. އެކަމަކު ބައްޕަގެ އެހާ ގިނަ ކުދިން ތިބީމަ ހަރަދު ދެކޮޅުނުޖެހިގެން އުޅެން ޖެހުނީ."
ނިޒާމް ގޮވައިގެން އޭނާގެ ބައްޕަ ދިޔައީ މާލެއަށެވެ. އޭރު އޭނާގެ އުމުރުން 17 އަހަރެވެ. ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ ވެރިކަމެވެ.
"ބައްޕަ އޭރު އުޅެނީ މާލޭގައި ވަޑާންކުރަން. އެކަމަކު އަޅުގަނޑު ގޮވައިގެން ގޮސް މި ވެއްދީ ފަހާ ތަނަކަށް. ފަހަން ދަސްކޮށްދޭށޭ ކިޔާފައި،" ނިޒާމް ބުނެލި އެވެ.
އެއީ މިހާރު މާލެތެރެއިން ފެންނަ ވަރުގެ ކުޑަކުޑަ ފަހާ ތަނެއް ނޫނެވެ. ފެކްޓަރީއަކަށް ނުވިޔަސް އެތައް ބަޔަކު އެއްފަހަރާ ފަހާފޮށިތަކުން ރެއާއި ދުވާލު ފާޑުފާޑުގެ ހެދުން އުފައްދަމުން ދިޔަ މާ ސިންގާ ފަހާ ތަނެކެވެ.
"ފެކްޓަރީއެއްހެން ހީވާވަރުގެ ތަނެއް. އެތަނުގައި އަޅުގަނޑު އުޅުނީ އެންމެ ފުރަތަމަ އެއްޗެހި ފަށްޖަހަން،" ނިޒާމް ކިޔައިދިނެވެ.
ވިހި އަހަރުގައި މީހަކާ އިނދެފައި ޖެހިގެން އައި އަހަރު ގޮސް މިހިރީ ރިސޯޓެއްގައި. ކުޑައިރުންފެށިގެން ހިތުލައިގެން ގޮސް ކައިވެނިކުރި އަންހެނުން މަތިން ކިހާ ހަނދާނެއް ވާނެ ދެން؟
އެތަނުގައި ދެ އަހަރުވީއިރު ނިޒާމް ހުރީ ފެހުންތެރިކަމުގެ ދުނިޔޭގައިވީ ހުރިހާ ހުނަރަކާއި އުކުޅެއް ރަނގަޅަށް ގިރައިގެން ބޮއެ، އެ ހުނަރުން ބޮކިޖަހާލަޖަހާލަ އެވެ. އަދި އިސާހިތަކު ޕްރޮފެޝަނަލް ޓެއިލަރެއްގެ ގޮތުގައި ރިސޯޓް އިންޑަސްޓްރީއަށް ނުކުމެއްޖެ އެވެ.
"އޭރު، ފެހުމަކީ އަޅުގަނޑަށް ހަމަ އެއްވެސް ކަމެއް ނޫން. ވަރަށް ފަރިތަވާނެ އަޅުގަނޑު ހެދުމާއި އޭތިމީތި ފަހަން އޭރު. މިހެން އަދި ކިޔާ ދިނަކަސް އަޅުގަނޑުގެ އޭރުގެ އެ ސްޕީޑެއް މީހަކަށް ވަޒަން ވެސް ނުކުރެވޭނެ،" އަބަދުވެސް އަތްދިގު ގަމީހަކާއި ރޫޖެއްސި ފަޓުލޫނެއް ލައިގެން ގަމީހު ޖީބަށް ގަލަމެއް ޖަހާލައިގެން ހުންނަ ނިޒާމް ކިޔައިދިނެވެ.
"އެހެންވީމަ މިސާލަކަށް ދަތްގަނޑުން ގޮށްވަޅު ހަދަން ހުރެފައި ދަތްގަނޑު ދަށުން އެ ގޮށްވަޅުގަނޑު ދުއްވާލާފައި ފަހާފޮށީގެ ކޮންޓްރޯލަށް އޮބާލާފައި އަޅުގަނޑު އެބަ ދަމޭ އެހެން ކަންކަމުގަ ބޭރަށް ވެސް. މަގަށް ނުކުމެފައި އެހެން ކަމެއް ކޮށްލާފައި އެނބުރި ގޮސް ފަހަން އެބަ އިށީންނަމޭ އެ ގޮށްވަޅު ގޮސް ބުރުޖެހޭހާ އިރަށް. އެހާ ވެސް އެ މަސައްކަތުގައި ކުޅަދާނަވާނެ އޭރު އަޅުގަނޑު."
އެންމެ ގިނަ ދުވަހު ޓެއިލަރެއްގެ ގޮތުގައި އޭނާ ވަޒީފާއަދާކުރީ ރީތި ރަށުގަ އެވެ. އަދި ފެހުންތެރިއެއްގެ ގޮތުގައި އޭނާގެ އެންމެ ކުލަ ހަނދާންތައް ވެސް އާވެގެން އަންނަ ރަށަކީ އެއީ އެވެ.
"އެ ޖޮބް އިންޓަވިއު މަތިން މިހާރު ވެސް ހަނދާންވޭ. އެމީހުން އަޅުގަނޑު އަތަށް މުންޑު ފޮތިގަނޑެއް ދީފައި ބުނީ ފަޓުލޫނު ބުރިއެއް ފަހަން. ގާތްގަނޑަކަށް 40 މިނެޓް ތެރޭގައި އަޅުގަނޑު އޭތި ފަހައި ނިންމާލައިފިން. ދެން މި ފަޓުލޫނު ބުރި ހިފައިގެން ޖީއެމްއަކަށް ހުރި ސްވިސް މީހާ ވަދެއްޖެ ޗޭންޖިން ރޫމަށް،" ނިޒާމް މިފަހަރު ކިޔައިދެމުންދިޔައީ އެކްޓް ވެސް ކުރަމުންނެވެ.
ސްވިސް މީހާގެ އިނގިރޭސި އެކްސެންޓްގައި، ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހާލައިގެން ނިޒާމް ގޮނޑިން ތެދުވެއްޖެ އެވެ. އަދި އެ މީހާ އެ ދުވަހު ހިނގާލާފައި އައި ގޮތަށް އައިސް ކުރިމަތީގައި ހުއްޓިގަތެވެ.
"އޯ ޕާފެކްޓް. ވެރީ ނައިސް. ވެރީ ނައިސް،" ސްވިސް މީހާ އެ ދުވަހު ދިން ކޮމެންޓް ނިޒާމް ތަމްސީލުކޮށް ދައްކާލި އެވެ.
އޭނާގެ ފެހުމުގެ ކެރިއާ އެހައި ވެސް ޕާފެކްޓެވެ. ހުނަރާއި އުޅުމާއި އަހުލާގު ވެސް އެހައި ޕާފެކްޓެވެ. އެކަމަކު އަމީނާ އާއި ކުދިން ފެންނަ ހިސާބުގައި ހުރީމަ ދިރިއުޅުމުގެ ހުރިހާ ކަމެއް އަދި މާ ޕާފެކްޓެވެ.
"ވިހި އަހަރުގައި މީހަކާ އިނދެފައި ޖެހިގެން އައި އަހަރު ގޮސް މިހިރީ ރިސޯޓެއްގައި. ކުޑައިރުން ފެށިގެން ހިތުލައިގެން ގޮސް ކައިވެނިކުރި އަންހެނުން މަތިން ކިހާ ހަނދާނެއް ވާނެ ދެން،" ނިޒާމް ބުނެލި އެވެ.
"ދެ ކުދިން ގޮވައިގެން އޭރު އަންހެނުން ރަށުގައި އުޅޭނީ އެކަނި. ދެން އެމީހުން މިސްވާވަރުން އަހަރެން ވެސް ހުންނަނީ އަބަދު ރަށަށް ނުދެވިފައި. ދެން އެންމެފަހުން ނިންމީ ހެވޭ ކިތަންމެ ގިނަ ރުފިޔާއެއް ލިބުނަސް. މިތަނުގައި މަޑެއް ނުކުރާނަމޭ. ކުދިންގެ ހައްގުގައި ދާނީއޭ ރަށަށް."
އޭނާ ދެން ގޮސް އިށީނީ އަމިއްލަ ވަޒަނަށް، އަމިއްލަ ކުޑަކުޑަ އާއިލާގެ ގާތަށް އެނބުރި ދިއުމުގެ ރިޔައު ކަނޑައިގެން ފަހާށެވެ. އޭގެ ފަހުން މިހާރު ދަރިންތައް ބޮޑެތިވެއްޖެ އެވެ. ފަހައި އަތުލި ދިރިއުޅުން ފުރާފުރިހަމަވެއްޖެ އެވެ. އެކަމަކު ހަޔާތުގެ ބައިވެރިޔާއާ އެކުގައި ނިޒާމް ފެށި އުފާވެރި ދަތުރުގައި އަދިވެސް އެ ދެ މީހުން އެކުގައި ކުލަޖައްސަނީ އެވެ.
"އާޖެންޓީނާ އިން 86ގެ ވޯލްޑްކަޕް ކާމިޔާބުކޮށްގެން މެރަޑޯނާ މަޝްހޫރުވެގެން އުޅުނުއިރު ވެސް އަހަރެމެން ދެ މީހުން އޭނަގެ ފޮޓޯ ސްޓެންސިލު ހަދައިގެން ޓީޝާޓަށް ތައްގަނޑު ޖަހައިގެން ވެސް ފިހާރަތަކުގައި ވިއްކީމޭ އޭރު،" ނިޒާމް ބުނެލި އެވެ.
"މިހާރު ވެސް ދެ މީހުން އެކުގައި މި ގޭގެ ފާރުތަކުގައި ވެސް މިހިރީ ކުރަހާފައި. އަދި އެހެން ގޭގޭގެ ފާރުތަކުގައި ވެސް ހުންނާނެ ކުރަހައިދީފައި. މި ރަށުގެ ޕާކުތަކުގައި ވެސް ހުންނާނެ ދެ މީހުންގެ މަސައްކަތް. މިހާރު އެބައޮތް އެހެން ރަށަކަށް ގޮސް ކުރަހައިދޭން ވެސް ދައުވަތު ލިބިފައި."
ނިޒާމް އާއި އަމީނާގެ ހަޔާތުގެ އެންމެ ކުލަގަދަ މަންޒަރަކީ ވެސް މި އެވެ. އެންމެ އުފާވެރި ކުލަތައް މި ދިރިއުޅުމުން ފައުޅުވެގެން އަންނަނީ ވެސް މިގޮތަށް ދެ މީހުން އެކުގައި ފޮޓޯއަކަށް ހުއްޓި ތިބޭ އިރެވެ. ކުޑައިރު ކިޔަވަން ގޮސް ކިލާހުގައި ވެސް ހަމަ ތިބި ގޮތެވެ. އާޓާއި ލޯބީގެ ދުނިޔެއެއްގައި ތަތްތެޅިފަ އެވެ.
ދެ މީހުން ކުރަހައި ކުލަޖެއްސި، ފަނޑުވުމެއް ނެތް އަމިއްލަ ތަސްވީރެއްގެ ތެރޭގަ އެވެ.
ކޮމެންޓް (5)
މަރީނާ
ށަވިޔަނި
ޙަސްނާ
ސައްދާމު
ާފާތިމަތު