ދިވެހި ފިލްމީ ފަންނާނުން: މާދަމާ ކުރިއަށް ގެންދާ މަސް ބޭނުމުގެ ހަރަކާތް ފަށާނީ މެންދުރު ފަހު

'އިންސާނިއްޔަތަށްޓަކައި': 50 ޓީމާ އެކު މާދަމާ މަހަށް ނުކުންނަނީ

މިއީ ފަލަސްތީނަށް އެހީވާން ފިލްްމު އެސޯސިއޭޝަނުން އިސްނަގައިގެން ސްޕޯޓްސް ފިޝިން މޯލްޑިވްސްއާ ގުޅިގެން ބާއްވާ ހަރަކާތެއް
2 ނޮވެމްބަރު 2023

މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު، އޮލިމްޕަސް ކުރިމަތިން ފެށި 'އިންސާނިއްޔަތަށްޓަކައި' ފަންޑްރެއިޒިން ހަރަކާތްތަކުގެ ތެރެއިން މާދަމާ ނުކުންނާނީ ކަނޑު މައްޗަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން ޓީމުތައް ބައިވެރިވާ މި ހަރަކާތް ކުރިއަށް ގެންދަނީ ފިލްމް އެސޯސިއޭޝަނާއި ސްޕޯޓްސް ފިޝިން މޯލްޑިވްސް ގުޅިގެންނެވެ.

ސްޕޯޓްސް ފިޝިން މޯލްޑިވްސްއަކީ މަސް ބޭނުމުގެ އިންތިޒާމްތައް ރާއްޖެ އަންނަ ފަތުރުވެރިންނަށް ހަމަޖައްސައިދޭ ބައެކެވެ. މާދަމާ މަހަށް ނުކުންނަ ބައެއް ޓީމުތައް މަސްވެރިކަން ކުރާނީ ވެސް ސްޕޯޓްސް ފިޝިންގެ ލޯންޗުތަކުގަ އެވެ. ބައެއް ޓީމުތަކުން އެމީހުންގެ އަމިއްލަ ލޯންޗުގައި ވެސް މަހަށް ދާނެ އެވެ.

މާދަމާ މަހަށް ފުރަން ނުކުންނާނީ މަސްވެރިންގެ ޕާކުންނެވެ. އަނބުރާ އަންނާނީ ރޭގަނޑު 9:00 ޖަހާއިރު އެވެ. މާލެ، ހުޅުމާލެ، އަދި މާލެ ކައިރި ބައެއް ރަށްރަށުން މަހަށް ފުރާ ޓީމުތައް ލަފަން ހަމަޖެހިފައި ވަނީ މާލޭ ޓީ-ޖެޓީއަށެވެ. 

މި ހަރަކާތުގައި އެންމެ ގިނައިން މަސް ބާނާ ޓީމަކަށް 10،000ރ.ގެ އިނާމެއް ދޭން ވަނީ ހަމަޖެހިފަ އެވެ. އެ ފައިސާ އެ ޓީމަކުން ހަދިޔާކުރާނީ ގާޒާއަށް އެހީވާ ފަންޑަށެވެ.

އެންމެ ބޮޑު މަހެއް ބާނާ މީހަކަށް މޮޅު ދޮއްޓެއް ދޭން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކުރިން އޮތީ ބާނާ މަސް ވިއްކުން ހުޅުމާލޭގައި ބާއްވާ ގޮތަށެވެ. ނަމަވެސް މިހާރު މަސް ވިއްކުން އޮންނާނީ މާލޭގެ މެރީބްރައުން ކުރިމަތީ، ތޮށިގަނޑު މަތީގަ އެވެ.

މަސް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ދާނީ ގާޒާގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީވާ ފަންޑަށެވެ.

ސްޕޯޓްސް ފިޝިންގެ މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މަހަށް ދާން މިހާރު ވެސް އެކި ފަރާތްތަކުން ރަޖިސްޓާ ކުރަމުން އަންނަ ކަމަށެވެ. 

"އެބަ ބައިވެެރިވޭ ވަރަށް ގިނަ ފަރާތްތަކުން. ދެން އެމީހުން ބާނާ މަސް ވިއްކައިގެން ލިބޭ ފައިސާ ވެސް ދާނީ ހަމަ [ގާޒާއަށް އެހީވާ] ފަންޑަށް. އެއީ މި ހަރަކާތުގެ މައި މަގުސަދަކީ،" ނިޒާމް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް