
ކަހަނބުގެ ބައިތަކާއި ބޭސްފަރުވާއަށް ބޭނުންކުރާ ފަތްޕިލާވެލި އެއްކޮށްގެން ހަދާ ކަހަނބު ޖެލީ އަކީ ޗައިނާގައި ބޭހެއް އަދި ފޮނި ކެއުމެއް ވެސް މެ.
ފަކުރު ގަންނަންޏާ މީތި ނުކިޔާ: މިއީ އޭޝިއާގެ އެންމެ އާދަޔާހިލާފު 5 ކެއުން
އޭޝިއާގެ ގިނަ ކެއުންތަކަކީ މުޅި ދުނިޔޭގައި ވެސް މަގުބޫލު ރަހަތަކެކެވެ. ބިރިޔާނީ، މޯމޯސް، ކިމްޗީ، ރާމެން އަދި ޑޯނާ ކަބާބުގެ ނަން އަޑު އިވުމުން ކުޅުދިޔާނުވާ މީހަކު މަދުވާނެ އެވެ. ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވުމާ އެކު ދިވެހި ކެއުންތައް ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި މަގުބޫލުކަން ވަނީ ހޯދާފަ އެވެ.
އެ އެއްޗެއް ކާލުމުން ދުލާއި ސިކުނޑިއަށް ތަސައްލީ އާއި އުފާވެރިކަން ލިބޭ ރަހަތަކަކީ އަހަރެމެން އެންމެން ވެސް ބޭނުންވާ ކެއުންތަކެވެ. މީރު، އާ ކެއުމަކަށް އަބަދުވެސް ލޯ އަޅައިގެން، އިންސްޓަގްރާމުގެ ޕޭޖުތަކަށް ފާރަލަމުން ގެންދެ އެވެ. އެގޮތަށް ގޮސް ދެން ފެންނަނީ، ގިނަ ފަހަރު، މުސާރަ އެއްކޮށް ކެއުމަށް 'ތަޅާ' ހުސްކޮށްލެވޭ ތަނެވެ.
ނަމަވެސް މި ކެއުންތަކަކީ، ބަލާލާފައި އަދި ތައްޔާރު ކުރި ގޮތާއި ތައްޔާރު ކުރަން ބޭނުންކުރި ތަކެތި އެނގުމުން، ކެއުމަށް ގިނަ މީހުން ޖެހިލުންވެ ފަކުރުގަންނާނެ ރަހަތަކެއްކަން ޔަގީނެވެ. މި ލިސްޓުގެ ބައެއް ކެއުންތަކަކީ އެ ތަންތަނުގެ ގިނަ ރައްޔިތުން ވެސް ކާން ޖެހިލުންވާ ކެއުންތަކެކެވެ.
އޭޝިއާގެ އެކި ކަންކޮޅުތަކުން ލިބެން ހުންނަ، އެންމެ އާދަޔާހިލާފު އަދި އެންމެ ހީނުކުރާ ތަކެތިން ތައްޔާރުކޮށް ކައި އުޅޭ ފަސް ކެއުމަކަށް ބަލާލަމާ ހިނގާށެވެ.
1. ފެނުކެއްކި ސިލްކްވޯމް

ކޮރެއާ ބަހުން ނަމަ 'ބެއޮންޑެގީ' އަކީ ފެނުކެއްކި ސިލްކްވޯމް އެވެ. ސްޓީމްކޮށްފައި ނުވަތަ ފެނުކައްކާފައި ކޮރެއާގެ މަގުމަތީ ގާޑިޔާތަކުންނާއި ރެސްޓޯރެންޓުތަކުން، އެކި ކަހަލަ ސީޒަނިން އަޅާފައި ދޭ މި ކެއުން އެ ގައުމުގެ ފިހާރަތަކުގައި ވެސް ހުރެ އެވެ. އެ ސޫފި ކާން ޖެހޭނީ ފެނުކައްކައިގެނެވެ.
2. ތެލުލި ފައިދިގު މަކުނު

ބިންމަތީގައި ހުންނަ ހޮރުތަކެއްގެ ތެރޭގައި ދިރުވާ އާލާކުރާ ޓެރެންޓުލާ ޒާތުގެ ފައިދިގު މަކުނު ތެލުލައިގެން ކަނީ ކެމްބޯޑިއާގަ އެވެ.
އަތްތިލަ ވަރުވާ އެ ފައިދިގު މަކުނު ކެއުން ކެމްބޯޑިއާގައި ފެށުނު ކަމަށް ބުނަނީ ވަރަށް ކުރީގެ ރަސްކަމެއްގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުން، ކެމްބޯޑިއާގެ ސްކުއޯން ކިޔާ ޓައުންގެ ރައްޔިތުން އެ ފައިދިގު މަކުނު ކާން ފެށި ހިސާބުންނެވެ. މިހާރު އެ ތައްޔާރުކުރާތަން ބެލުމާއި އޭތި ރަހަބަލާލުމަކީ ފަތުރުވެރިން ވަރަށް ގަޔާވާ ކަމެކެވެ.
3. ކަހަނބު ޖެލީ

ކުރިން ޗައިނާގައި ވަރަށް ފުޅާކޮށް ބޭސް ހެދުމަށް ބޭނުންކޮށް އުޅުނު 'ގޯލްޑެން ކޮއިން ޓާޓްލް' އަކީ މިހާރު ނެތިދާނެކަމުގެ ބިރު އޮތް ލިސްޓުގައި ހިމެނޭ ކަހަނބެކެވެ.
ބޭހުގެ ގޮތުގައި އަދި ބައެއް ފަހަރު ފޮނި ކެއުމެއްގެ ގޮތުގައި ވެސް ކަހަނބު ޖެލީ ބޭނުންކުރެ އެވެ. ނަމަވެސް، ގޯލްޑެން ކޮއިން ޓާޓްލްގެ އާބާދީ، އަހަރުތަކަކަށް ކެއުމަށާއި ވިޔަފާރިކުރުމަށް ބޭނުންކުރުމުގެ ސަބަބުން މަދުވުމުން، މިހާރު ހުންނަ ކަހަނބު ޖެލީގައި ކަހަނބުގެ އެއްވެސް ބައެއް ނުހުރެ އެވެ.
4. ވޮސްޕް ބިސްކޯދު

ވެލީގައި ހަރުކޮނެގެން، މާމަލުން ފޮނި ބޮއެގެން އުޅޭ 'ޑިގާ ވޮސްޕް' ކައި އުޅެނީ، ފެނުކައްކާފައި ހިއްކާފައި ބިސްކޯދު ފުށްގަނޑެއްގެ ތެރެއަށް އަޅައި ތައްޔާރުކޮށްގެނެވެ.
ޖަޕާނުގެ އޮމާޗީގައި އުޅޭ ރައްޔިތުންގެ އާންމު ކެއުމެކެވެ. އެ ބިސްކޯދު ފުށްގަނޑުގައި ފެން، ބިސް، ހަކުރު، ލޮނު، ސެސަމީ ތެޔޮ އަދި ސޯއި ސޯސް ހުރެ އެވެ. ޖަޕާނު ބަހުން މި ކެއުމަށް ކިޔަނީ 'ޖިބާޗީ ސެންބެ' އެވެ.
5. ވާ (ޕަނީކީ)

އިންޑޮނޭޝިއާގެ އުތުރު ސުލަވޭސީގައި ވާ (ފްރުޓް ބެޓް) ކެއްކުމުގެ ކުރިން އޭގެ ކެހެރި އަންދާލަ އެވެ. އެއަށް ފަހު އެކި ކަހަލަ ހަވާދު އަޅައިގެން ކާށި ކިރުގައި ވާ ކައްކަ އެވެ. ކައްކާ ވަގުތު، މީރުކޮށްފައި ހުންނަ ފިޔާ، އިނގުރު، ލޮނުމެދު، ކަރީ ޕޭސްޓު، ލީކްސް އަދި ހިކަނދިފަތް އަޅަ އެވެ.
އެ ބަޔަކު ކާ ސަގާފީ ކެއުންތަކަކީ އުޅޭ މާހައުލުގެ މައްޗަށް ބިނާވެފައި އޮންނަ ކަމަކަށް ވުމުން، ބައެއް ގައުމުތަކުގައި އަހަރެމެންގެ ރަހަތަކާ ތަފާތު ގޮތަކަށް ހުރުމުން ކާން ޖެހިލުންވިޔަސް، ބައެއް ހާލަތްތަކުގައި ހަމަ މީރު ވެދާނެ އެވެ. ބޭރު ފުށުން ތަންކޮޅެއް ފަކުރަސް ރަހަ ރަނގަޅުވެފައި ހަށިގަނޑަށް ފައިދާވެ ހަލާލް ކާނާއެއް ވެއްޖެއްޔާ ކާލަން ރަނގަޅު ނޫން ހެއްޔެވެ؟
އޭޝިއާގެ ގައުމުތަކުގައި ކައި އުޅޭ، އަހަރެމެންގެ ރަހަތަކާ މުޅިން ތަފާތު ކާނާގެ ލިސްޓުން އެކަތީގެ ރަހަ ބަލަންޏާ ނަގާނީ ކޮން އެއްޗެއް ހެއްޔެވެ؟