
ދަރިންނާ އަޅާނުލައި ދޫކޮށްލާ ބައްޕައިންގެ އަދަދު އަދިވެސް ކަންބޮޑުވާ ވަރަށް ގިނަ. ހަމައެއާއެކު، ދިރިއުޅުމުގެ ދަތިތަކާ ކުރިމަތިލުމަށް ނުކުޅެދިގެން އެފަދަ ހާލަތްތައް މެދުވެރިވުން ވެސް އާއްމު
ބައްޕަގެ އަޅާލުން ނުލިބި ބޮޑުވާ ކުދިންނަށް ކުރަނީ ކޮން އަސަރެއް؟
ސީދާ ބެލެނިވެރިންގެ ފަރާތުން ކުޑަކުދިންނަށް ލިބޭ ލޯތްބާއި އަޅާލުމާއި ނަސޭހަތް އަދި ދޭން ޖެހޭ ހާލަތްތަކުގައި އަދަބަކީ ވެސް ކުއްޖާގެ އަހުލާގާއި އުޅުން މަޑުމަޑުން ފަރުމާ ކޮށްދޭ ކަންކަމެވެ.
ދަރިން ބަލާ ބޮޑުކުރުމުގައި އެކި ބެލެނިވެރިން ގެންގުޅެނީ ތަފާތު މިޒާޖާއި އުކުޅެވެ. އަދި ޒަމާނާ އެކު އެ މިޒާޖުތަކާއި އުކުޅުތަކަށް ބޮޑެތި ބަދަލުތައް އާދެ އެވެ. ނަމަވެސް، ބަދަލުނުވާ މަދު ކަންކަމުގެ ތެރެއިން އެއް ކަމަކީ ހަމަގައިމު ވެސް ބެލެނިވެރިއެއް، އެއީ މަންމަ ނުވަތަ ބައްޕަ ވިޔަސް، ނެތި ކުދިން ބޮޑުވާކަމާއި އެ އަދަދު މަދުނުވުމެވެ. އަދި، އެފަދަ ހާލަތުގައި އެ ކުއްޖާގެ ވިސްނުމާއި އުޅުމަށް ނައްސި ބަދަލުތަކެއް އައުމަށް ގިނަ މަގުތަކެއް ފަހިވުމެވެ.
މި ލިޔުމުގައި އަލިއަޅުވާލާނީ ހާއްސަކޮށް ބައްޕަގެ އަޅާލުމެއް ނެތި ބޮޑުވާ ކުދިންގެ ކިބައިގައި އުފެދުން ގާތް ނޭދެވޭ ސިފަތަކަށާއި އަހުލާގީ ކަންކަމަށެވެ.
ބައެއް ދިރާސާތަކުން ވެސް ދައްކާގޮތުގައި ބައްޕަގެ ނުފޫޒު ނެތި ބޮޑުވާ ކުދިންގެ ވިސްނުމާއި ކަންކަން ތަރައްގީވާ އިރު އަހުލާގީ އަދި ނަފްސާނީ ބަދަލުތަކެއް ފެންނަން ފަށަ އެވެ.
ކުއްޖާ ކުޑައިރު ބައްޕަ މަރުވުމާއި ބައްޕަ ގަސްތުގައި ދަރިފުޅު ދޫކޮށްލުމާ ވަރަށް ތަފާތެވެ. އަދިި ކުއްޖާއަށް ކުރާ އަސަރުތައް ވެސް ތަފާތެވެ.
ދަރިން ދޫކޮށްލާފައި ދާ ބައްޕައިން ނުވަތަ ވަރިވުމަށް ފަހު ދަރިންނާ އަޅާނުލާ ބައްޕައިންގެ ސަބަބުން ކުދިންނަށް އިހުސާސްކުރެވޭ އެންމެ އަސަރުގަދަ އެއް ޖަޒުބާތަކީ އެކަހެރިކަމެވެ. މައިމީހާގެ ގާތުގައި އުޅުނަސް އަދި މައިމީހާއާ ކިތަންމެ ވަރުގަދަ، ފުން ގުޅުމެއް އުފެއްދިފައި އޮތަސް އެ ޖަޒުބާތަކީ ގިނަ ފަހަރު ގުޑުވާނުލެވޭ އިހުސާސެކެވެ.
ކުއްޖާގެ ކިބައިގައި އަށަގެންފާނެ ބައެއް ނައްސި ސިފަތައް
1. އަހުލާގީ މައްސަލަތައް: ބައްޕަގެ އަޅާލުން ނުލިބޭ ކުދިންގެ ކިބައިން ފެންނަ އެއް ކަމަކީ އެ ކުދިންނަށް އިހުސާސްވާ ފުން އެކަހެރިކަމާއި ބިރާއި ނުރުހުންވުމާއި ހާސްވުމާއި މާޔޫސްކަން ފޮރުވަން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އެހެން މީހުން ޖެހިލުންވާ ފަދަ ޝަހުސިއްޔަތެއް އުފެދުމެވެ. އެކަމުގެ ނަތިޖާއެއްގެ ގޮތުން މީހުންނާ އެކު ހެޔޮ ގުޅުންތައް ބަދަހިކުރުމަށް މާ ބޮޑު ސަމާލުކަމެއް ނުދީ، ރައްޓެހިންނާ ވެސް މައްސަލަ ޖެހުން ގިނަވެ އެވެ.
2. އަމިއްލަ ނަފްސާ މެދު ނަފްރަތު އުފެދުން: އެފަދަ ހާލަތުގައި އުޅޭ ކުދިންގެ ކިބައިން އެންމެ އާންމުކޮށް ފެންނަ އެއް ކަމަކީ އަމިއްލަ ނަފްސާ މެދު ނަފުރަތު އުފެދުމެވެ. އަދި، ތިމާއަކީ ކާކުކަމާ މެދު އަބަދުވެސް ޝައްކު އުފެދި، އަމިއްލަ އިހުސާސްތައް ދެނެގަތުމުގައި ތަކުރާރުކޮށް ތަކުލީފު ކުރިމަތިވުމެވެ. މި ކަމަކީ ވެސް އެފަދަ ކުދިން އިހުސާސްކުރާ އެކަހެރިކަމުގެ ނަތީޖާ އެވެ.
3. ކިޔެވުމުގައި ފަރުވާކުޑަކުރުން: ދިރާސާތަކުން ދައްކާގޮތުގައި ބައްޕަ އަޅާނުލައި ދޫކޮށްލާ ގިނަ ކުދިންނަކީ ކިޔެވުމާއި ސްކޫލާ ދުރު ކުދިންނެވެ. އެގޮތުން، ސްކޫލަށް ހާޒިރުވުމާއި ކިޔެވުމުގައި ފަރުވާކުޑަކޮށް، މަތީ ތައުލީމު އަދާކުރުމުގެ ފުރުސަތު ވެސް އެފަދަ ކުދިންގެ ކިބައިގައި ދަށެވެ. ހަމައެއާއެކު ކިޔެވުން މެދުކަނޑާލައި ސްކޫލުން ކެނޑުމަކީ ވެސް އެ ހާލަތުގައި ބޮޑުވާ ކުދިންގެ ކިބައިން ފެންނަ އާންމު ސިފައެކެވެ.
4. ކުށްކުރުމަށް ހުށަހެޅޭ މިންވަރު ބޮޑުވުން: މިކަމަށް މަގުފަހިވާ އެއް ކަމަކީ ގޭންގުތަކާ ގުޅުމެވެ. މި ލިސްޓުގެ އެއްވަނަ ނުކުތާގައި ބުނިހެން ކުއްޖާގެ ހަގީގީ އިހުސާސްތަކާއި މާޔޫސްކަން ފޮރުވުމަށް އުފައްދާ ޖެހިލުންކުރުވާ ޝަހުސިއްޔަތުގެ ސަބަބުން ގޭންގުތަކުގެ މީހުން އެކުދިންނަށް ފާރަލުމަކީ ވަރަށް އާންމު ކަމެކެވެ. މި ރާއްޖޭގައި ވެސް ހިނގާ ކަމެކެވެ.
އެހެން ގޭންގުތަކާ ގުޅިގެން ކުއްޖާ ހުށަހެޅިގެންދަނީ ކުށުގެ ހަޔާތަކަށެވެ. އެކަމުގެ ހިތި ނަތީޖާތަކުގެ ތެރޭގައި ޖަލަށް ލުން، މާރަމާރީއެއްގައި އަނިޔާވުން، މަރުވުން ނުވަތަ މުޖުތަމައުއަށް ނުރައްކަލަކަށް ވުން ވަރަށް ގާތެވެ.
5. ނަފްސާނީ ބަލި އުފެދުން: އެކަހެރިކޮށްފައި ބައްޕަ ދިއުމުގެ ސަބަބުން އުފެދޭ ނައްސިކަމުގެ ސަބަބުން ވަރަށް ގިނަ ނަފްސާނީ ބަލިތައް ކުއްޖާގެ ކިބައިގައި އުފެދުން ވަރަށް ގާތްވެ އެވެ. ޑިޕްރެޝަނާއި އެންގްޒައިޓީއަކީ އުފެދުން އެންމެ އާންމު ބަލިތަކެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ބަލިތަކުގެ އަސަރު، އެ ހާލަތުގައި އުޅޭ ކުދިންނަށް އިންތިހާ ބޮޑަށް ކުރާކަމެވެ.
ކުއްޖާއަށް ކުރާނެ އަސަރާ މެދު ވިސްނާނުލުމަކީ އެންމެ ބޮޑު ކަންބޮޑުވުން
ހަގީގަތުގައި، ދެމަފިރިންގެ ދޭތެރޭ ޖެހޭ މައްސަލައެއްގައި، އެއީ މަންމަ ވިޔަސް ބައްޕަ ވިޔަސް، ދަރިންނާ އަޅާނުލައި ދޫކޮށްލުމަކީ ހިތާމަވެރި ކަމެއް ކަމަށް ވިޔަސް، މުޖުތަމައުތަކުގައި އާންމު ކަމެކެވެ.
އާއިލާ ރޫޅުމުން ފިރިހެންމީހާ، ނުވަތަ އަންހެންމީހާ ވިޔަސް، އެ ހާލަތުގައި އިސްކުރަން ޖެހޭނީ އޭނާގެ ޒާތީ ޖަޒުބާތުތަކާއި އަމިއްލަ އެދުންތަކެއް ނޫނެވެ. ދަރިންގެ އިހުސާސްތަކާއި ދުޅަހެޔޮ ހެދިބޮޑުވުމެވެ.
ކޮމެންޓް (2)
ފޭކް
ފޭކް ބައްޕަ