އާދަޔާހިލާފަށް ބޮލުގައި ރިއްސުމަކީ ސްޓްރޯކް ޖެހޭ އިރު އަންހެނުންނަށް ފެންނަ ތަފާތު އަލާމާތެއް
އަންހެނުންނަށް ސްޓްރޯކެއްކަން ނޭނގިދާނެ އަލާމާތްތައް
ސްޓްރޯކް ޖެހުމުގެ އަލާމާތްތައް ފިރިހެނުންނާ ތަފާތުކޮށް އަންހެނުންނަށް ގިނަގިނައިން ތަޖުރިބާކުރެވޭކަން ދިރާސާތަކުން މިހާރު އަންނަނީ އެނގެމުންނެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާގޮތުގައި އަންހެނުން މަރުވާން މެދުވެރިވާ ފަސްވަނަ ސަބަބަކީ ސްޓްރޯކް އެވެ. ދި އޮހަޔޯ ސްޓޭޓް ޔުނިވާސިޓީ ވެކްސްނާ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. ހީރާ ކަމްދަރް ސީއެންއެންއަށް ވިދާޅުވީ ސްޓްރޯކް ޖެހިގެން އަންހެނުން މަރުވާ ނިސްބަތް މަތި އެއް ސަބަބަކީ، އާއްމުކޮށް އެނގޭ އަލާމާތްތަކާ ތަފާތު ކަންކަން ނުވަތަ ސްޓްރޯކްގެ އަލާމާތެއްކަން ދެނެގަންނަން އުނދަގޫ ކަންކަން އަންހެނުންނަށް މެދުވެރިވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ސްޓްރޯކެއްކަން ނޭނގިދާނެ ކަންތައްތަކެއް
ކަމްދަރް ވިދާޅުވިގޮތުގައި، ސްޓްރޯކްގެ އަލާމާތްތަކުގެ ގޮތުގައި އަންހެނުންނަށް މެދުވެރިވާ ކަންކަމުގެ ތެރޭގައި، ވަރަށް ބޮޑަށް ބޮލުގައި ރިހުމާއި އާއްމު ކަމެކޭ ހީވާ ފަދަ ގޮތަކަށް ގައިގެ ވަރުދެރަވުމާއި ވަރުބަލިކަން އިހުސާސްވުން ހިމެނެ އެވެ. އަދި ނޭވާ ކުރުވުން، މެއަށް ތަދުވުން، މޭނުބައިކުރުމާއި ހޮޑުލެވުން، ވާނުވާ ނޭނގުން އަދި އުކުނޑިކޮއްޓުން ވެސް އެ ލިސްޓުގައި އޭނާ ހިމެނުއްވި އެވެ.
ކުއްލިއަކަށް ދިމާވާ އަދި ސިއްހީ އެހެން މައްސަލައެކޭ ހީވެދާނެ މި އަލާމާތްތައް އަންހެނުންނަށް ތަޖުރިބާކުރެވެނީ ހަށިގަނޑުގެ އެއް ފަޅިއަށް ނޫން ކަމަށް ވެދާނެކަން ވެސް ކަމްދަރް ފާހަގަކުރެއްވި އެވެ. (އާއްމުގޮތެއްގައި ސްޓްރޯކް ޖެހޭ އިރު ހަށިގަނޑުގެ އެއް ފަރާތުގެ ވަރުދެރަވެ ނުވަތަ ވާގިނެތެވެ.)
ކަމްދަރް ފާހަގަކުރެއްވި އުކުނޑިކޮއްޓުން ފަދަ ކަންކަމަކީ ވަކި ސަބަބެއް ނެތް އާދައިގެ ކަމެކޭ ހީވެދާނެ އަލާމާތްތަކެކެވެ. ނަމަވެސް ސްޓްރޯކާ ގުޅިގެން އުކުނޑިކޮއްޓުމަކީ ސިކުނޑިއަށް ގެއްލުން ލިބުމުގެ ނިޝާނަކަށް ވުން އެކަށީގެންވާ ކަމަށް ދިރާސާ އިން ދައްކަ އެވެ.
އެކަމަކު، ކަމްދަރް ވިދާޅުވިގޮތުގައި، މީގެ މާނައަކީ މިފަދަ ކަމެއް މެދުވެރިވާ ކޮންމެ އަންހެނަކު ފުރާނައާ މެދު ބިރުހީވާން ޖެހޭނެއޭއެއް ނޫނެވެ. ކަންބޮޑުވާން ޖެހެނީ ހަށިގަނޑުގެ ހަރަކާތްތަކަށް ހުރަސްއަޅާ ފަދަ ކަންކަމާ މެދު އެވެ. އެއީ، މިސާލަކަށް، ވަރުދެރަކަމުން އެނދުން ނުތެދުވެވޭ ވަރު ވުމެވެ. ހަމައެގޮތަށް، އުކުނޑިކޮއްޓާ އިރު ކަރުތެރެއަށް ތަދުވާ ނަމަ ނުވަތަ އުކުނޑިކޮއްޓުމާ އެކު ހޮޑުލެވުން ފަދަ އިތުރު ކަންތައްތަކެއް ވެސް މެދުވެރިވެއްޖެ ނަމަ ކަންބޮޑުވާންޖެހޭނެކަން ކަމްދަރް ފާހަގަކުރެއްވި އެވެ.
ސްޓްރޯކްގެ އަލާމާތްތައް
ޑރ. އަބްދުލް އަޒީޒު ހަމީދު އޭނާ ސިއްހަތު ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި، ސްޓްރޯކް ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ:
-
ކުއްލިއަކަށް ހަށިގަނޑުގެ އެއް ފަރާތުގެ އަތާއި ފައި އަދި މޫނުގެ ވާގިދަށްވެ އައްސިވާހެން ހީވުމާއި މޫނުގެ އެއް ފަޅިން ވާގިނެތޭހެން ހީވުން ނުވަތަ ވަރުދެރަވުން
-
އެއް ލޮލުގެ ނުވަތަ ދެ ލޮލުގެ ފެނުން ކުއްލިއަކަށް ދަށްވެ ނުވަތަ ފުސްވުން
-
ކުއްލިއަކަށް ހަށިގަނޑުގެ އެއް ފަރާތް ހަރަކާތްނުކުރެވި ވާވުން
-
ކުއްލިއަކަށް އަނބުރައިގަންނަ ގޮތް ވުމާއި މޭނުބައިކުރުމާއި ހޮޑުލެވުމާއި ބޮލުގައި ރިހުން
-
ވާހަކަ ދައްކަން އުނދަގޫވުމާއި ދައްކާ ވާހަކަ އޮޅުންނުފިލުން އަދި ލިޔަން އުނދަގޫވުން
-
ކާއެއްޗެތި ދިރުވަން އުނދަގޫވުން
-
ހަށިގަނޑުގެ ހަމަ ހިފެހެއްޓުން ގެއްލުމާއި އަތާއި ފައިގެ ކޯޑިނޭޝަން ގެއްލުން (ހިނގުމަށް އުނދަގޫވުން)
-
ހިނދުކޮޅަކަށް ނަމަވެސް ހޭނެތުން
-
ކުއްލިއަކަށް ވާނުވާ ނޭނގި، ވިސްނުން އަރާރުންވެ، ގޮތެއް ނިންމަން އުނދަގޫވުން އަދި ހައިރާންކަމެއްގެ ތެރެއަށް ގެއްލުން
-
ކުޑަކަމުދިއުމަށް ދަތިވެ އުނދަގޫވުން
އަންހެނުންގެ ތަފާތަކީ ކޮބާ؟
އަންހެނުންނާއި ފިރިހެނުންނަށް ސްޓްރޯކް ތަޖުރިބާކުރެވޭ ގޮތް ތަފާތުވުމުގެ އެކި ސަބަބުތައް ސައިންސްވެރިން ފާހަގަކުރެ އެވެ.
އެއް ކަމަކީ ހޯމޯންގެ ތަފާތެވެ.
ދަރިމައިވުމާ ގުޅިފައިވާ އެސްޓްރޮޖެން އަކީ ސްޓްރޯކް އިން ރައްކާތެރިކޮށްދޭ ހޯމޯންއެއް ކަމަށް، ހިނގަމުންދާ ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް އެ ފައިދާ ލިއްބައިދެނީ ހަށިގަނޑުގައި ގުދުރަތީގޮތުން އުފެދޭ އެސްޓްރޮޖެން އިންނެވެ. ކަމްދަރް ވިދާޅުވިގޮތުގައި، ދޭތެރެ ދުރުކުރާ ބޭހުގެ ޒަރިއްޔާ އިން ނުވަތަ ހޯމޯން ރިޕްލޭސްޕެންޓް ތެރަޕީ އިން ލިބޭ އެސްޓްރޮޖެންގެ ސަބަބުން ހަގީގަތުގައި ސްޓްރޯކްގެ ހިރާސް ވާނީ އިތުރެވެ.
"އޭގެ މާނައަކީ ދޭތެރެ ދުރުކުރާ ބޭސް ބޭނުންނުކުރުމެއް ނޫން، ސްޓްރޯކްއަށް ހުށަހެޅިދާނެ އެހެނިހެން ހާލަތްތައް ހުރި މީހުން މި ބާވަތުގެ ދޭތެރެ ދުރުކުރާ ބޭސް ބޭނުންނުކުރުން،" ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. އެލައިޒާ މިލާ ސީއެންއެންއަށް ވިދާޅުވި އެވެ.
އުމުރަކީ ވެސް ސްޓްރޯކް ޖެހުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުވާ ސަބަބެކެވެ.
އުމުރުން ދުވަސްވާ ވަރަކަށް އަންހެނުންގެ ހަށިގަނޑުގައި އެސްޓްރޮޖެން އުފައްދާ މިންވަރު ދާނީ މަދުވަމުންނެވެ. އެއީ މުޅި އުމުރުދުވަހަށް ބަލާއިރު އަންހެނުންނަށް ސްޓްރޯކްގެ ހިރާސް ފިރިހެނުންނަށް ވުރެ މަތި އެއް ސަބަބަށް ވުން އެކަށީގެންވެ އެވެ. އިއްދައިންކެނޑޭ ދުވަސްވަރު، ފާހަގަކުރެވޭ މިންވަރަކަށް އެސްޓްރޮޖެން ދަށަށް ހިނގައްޖެ ނަމަ އުމުރުގެ ފަހުގެ ވަގުތެއްގައި ސްޓްރޯކް ޖެހުމުގެ ހިރާސް އިތުރުވާކަން ދިރާސާ އިން ދައްކަ އެވެ. މިލާ އިތުރަށް ފާހަގަކުރެއްވިގޮތުގައި ފިރިހެނުންނަށް ވުރެ އަންހެނުންގެ އުމުރު ދިގު ނަމަ، އެ ލިބެނީ ސްޓްރޯކް ޖެހެން ވެސް އިތުރު ވަގުތާއި ފުރުސަތެވެ.
ފަހު ސަބަބަކަށް ތަޖުރިބާކާރުން ފާހަގަކުރެއްވީ މާބަނޑުވުމެވެ.
މިލާ ވިދާޅުވިގޮތުގައި މާބަނޑުވުމުގެ ސަބަބުން ޒުވާން އަންހެނުންނަށް ސްޓްރޯކްގެ ހިރާސް ތިން ގުނަ އިތުރުވުން އެކަށީގެންވެ އެވެ. އެމެރިކާގައި މާބަނޑު އަންހެނުންގެ %10 މީހުންނަށް، ލޭމަތިވުމާ ގުޅުން ހުރި ހާލަތެއް ކަމަށްވާ ޕްރީއެކްލެމްޕްސިއާ މެދުވެރިވެ އެވެ. އެއީ ސްޓްރޯކްގެ ހިރާސް މަތިކުރާ ކަމެކެވެ.
"ވިހެއުމާ ވިދިގެން އަންނަ ދުވަސްވަރު ވެސް އެކަން މެދުވެރިވޭ، ހާއްސަކޮށް ލޭމަތިކަން ދެނެނުގަނެވި ނުވަތަ އެކަމަށް އެކަށީގެންވާ ފަރުވާ ނުލިބި ހުރިއްޔާ،" މިލާ ވިދާޅުވި އެވެ.
މާބަނޑުވުމާ ގުޅިގެން ސްޓްރޯކްގެ ހިރާސް މަތިވާން މެދުވެރިވާ އަނެއް ކަމަކީ ލޭ ގަނޑުވުމެވެ. އެއީ ވިހެއުމުގެ ތެރޭގައި މައިމީހާގެ ހަށިގަނޑުން ލޭ ހުސްވިޔަނުދިނުމަށް ގުދުރަތީގޮތުން މެދުވެރިވާ ކަމެއްކަން މިލާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މާބަނޑުވާ ކޮންމެ މީހެއްގެ ހަށިގަނޑުގައި ގަނޑު ލޭކޮޅެއް އުފެދެނީ ނޫން ކަމަށާއި ނަމަވެސް މާބަނޑު ނޫން ނުވަތަ ވިހައިގެން ނޫޅޭ މީހަކަށް ވުރެ އެ ހިރާސް މާ މަތީ ކަމަށެވެ.
ސީއެންއެންއާ ވާހަކަދެއްކެވި ދެ ނިއުރޮލޮޖިސްޓުން ވެސް ވިދާޅުވިގޮތުގައި ސްޓްރޯކްއެއް ޖެހޭއިރު ސަލާމަތްވުން ބިނާވަނީ ފަރުވާ ލިބޭ އަވަސްމިނެއްގެ މައްޗަށެވެ. އެހެންކަމުން، މިލާ ވިދާޅުވީ، އޭނާގެ ލަފަޔަކީ ސްޓްރޯކެއްކަން ޔަގީންނުވިޔަސް އެހީއަށް އެދި ގުޅައި އިމަޖެންސީ ރޫމަށް ދިޔުން ކަމަށެވެ.