
ކެއުމަށް ފަހުގައި ވަގުތުން ސިނގިރޭޓެއް ބޯލުމުގެ އާދަ ދޫކޮށްލަން ޖެހޭ ސަބަބު ވަރަށް ބޮޑު
ކައިގެން ވަގުތުން ސިނގިރޭޓު ބުއިމުގެ ނުރައްކާ ދެނެގަނެ، އެކަން ހުއްޓާލާ
މުހިންމު ނުކުތާތައް
ކާނާ އަނގައަށް ލާ ވަގުތުން ފެށިގެން، ކުޅުގެ އެންޒައިމްތައް ކާނާ ހަޖަމުކުރަން ފަށާ
ކާނާ އިން ލިބޭ ނިއުޓްރިއަންޓްސް ހަށިގަނޑަަށް ދަމައިގަންނަނީ ކުޑަ ގޮހޮރުން ކާނާ ދަތުރުކުރާ ދަނޑިވަޅުގައި؛ މިކަމަށް 3-4 ގަޑިއިރު ހޭދަވޭ
ކެއުމަށް ފަހު ވަގުތުން ބޯ ސިނގިރޭޓުން ހަށިގަނޑަށް ވަންނަ ނިކޮޓިން ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިންތިހާ އިތުރުވެ، ދަމައިގަންނަ ހަލުވިމިން ވަރަށް އަވަސްވޭ
ސިނގިރޭޓު ބޯ މީހުންނަށް ގާތްގަނޑަކަށް ކޮންމެ ވަގުތަކީ ވެސް އެ ބޯލުމުގެ އުޒުރެއް، ނުވަތަ ސަބަބެއް ހޯދިފައި އޮންނަ ވަގުތެކެވެ. ދުޅަހެޔޮ ސިއްހަތަކަށްޓަކައި ކަސްރަތު ކުރުމުގެ ކުރިން އަދި ނިންމާފައި ވެސް ވަގުތުން ސިނގިރޭޓެއް ބޯލާ މީހުންގެ އަދަދު މަދެއް ނޫނެވެ. އަހަރެންގެ ގާތް އެކުވެރިއެއް ޖިމަށް ގޮސްފައި ވޯކްއައުޓް ނުނިމެނީސް، ދެ ސެޓު ދޭތެރެއިން ބައެއް ފަހަރު ސިނގިރޭޓެއް ބޯލަ އެވެ. ސިނގިރޭޓަށް ދެވިހިފުމުގެ މިސާލަކަށް އޭނާގެ އެ އާދަ ފުދެ އެވެ.
ސިނގިރޭޓަށް ދެވިހިފުމުގެ ސަބަބުތަކާއި ދެވިހިފުމުން ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ދިރާސާ ކޮށްލުން ވަރަށް މުހިއްމެވެ. ނަމަވެސް، މި ލިޔުމުގައި ބަލާލާނީ ވަކިން ހާއްސަކޮށް ކެއުމުގެ ފަހުން ސިނގިިރޭޓު ބުއިމުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރަށެވެ.
ކެއުމުގެ ފަހުން ސިނގިރޭޓު ބޯ ހިތްވުން އިހުސާސް ވަނީ ވަރަށް ވަރުގަދަ ނަފްސާނީ ބާރެއްގެ ގޮތުގައި ކަމަށް އެ އެދުން އަންނަ ސިނގިރޭޓު ބޯ އެންމެންހެން އެއްބަސްވާނެކަން ގައިމެވެ. އަހަރެން ވެސް އެ ލިސްޓުގައި ހިމެނެ އެވެ.
ކިތަންމެ ވަރުގަދަ، ހިލުވާނުލެވޭނެހެން ހީވާ އެދުމަކަށް ވިޔަސް އެ އާދަ ދޫކޮށްލަން މަސައްކަތް ކުރުން ފެށުމުގެ ސަބަބަށް ބަލާލުމުގެ ކުރިން ހަޖަމުގެ ނިޒާމަށް ބަލާލަމާ ހިނގާށެވެ.
ކާނާ ހަޖަމްވުމުގެ މަރުހަލާ

-
1-
އަނގަ: ކާނާ އަނގައަށް ލާ ވަގުތުން ފެށިގެން ކުޅުގައި ހުންނަ 'އެންޒައިމްތައް' އެ ކާނާ ހަޖަމް ކުރުމުގެ މަރުހަލާ ފަށާ.
-
2-
ކާތަކެތި ހިނގާ ހޮޅި (އިސޯފެގަސް): ހަފާ މަޑުކޮށްފައިވާ ކާނާ ދިރުވާލުމުން ދާނީ 'އިސޯފެގަސް' ކިޔާ 10 އިންޗި ވަރު ހުންނަ، ކަރުބުޑުން ފަށާ ހޮޅިއަކަށް. އެ ހޮޅީގެ ޒިންމާ އަކީ ކާނާ މައިދާއަށް ގެންދިއުން.
-
3-
މައިދާ: އިނގިރޭސި ޖޭ އަކުރުގެ ބައްޓަމަށް އުފެދިފައި ހުންނަ މައިދާގެ ޒިންމާތަކަކީ ބަނޑަށް ފޯރާ ކާނާ ރައްކާކުރުން، ފުނޑުވެފައި ހުންނަ ކާނާ 'ގޭސްޓްރިކް ޖޫސްގެ' ޒަރިއްޔާއިން ދިޔާ އެއްޗަކަށް ހެދުމަށް އިތުރަށް ފުނޑުކުރުން އަދި އެ ދިޔާ ކާނާތައް ކުޑަ ގޮހޮރު ތެރެއަށް ފޮނުވާލުން.
-
4-
ކުޑަ ގޮހޮރު: ކުޑަ ގޮހޮރު ތެރޭ ކާނާ ހޭދަކުރާ ވަގުތަކީ އެ ކާނާއިން ލިބޭ ހުރިހާ 'ނިއުޓްރިއެންޓްސް' ލޭނާރުތަކަށް ފޮނުވާލާ މަރުހަލާ. ކުޑަ ގޮހޮރު ތެރެއިން ކާނާ ދަތުރުކުރާ ހަތަރު ގަޑިއިރުގެ ތެރޭގައި އިތުރަށް ފުނޑުކޮށްފައި، ވަރަށް ފެން މާއްދާއަކަށް އެ ކާނާތައް ހަދާ. އަދި ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ފިތް (ގޯލް ބްލެޑާ) ތެރޭގައި ރައްކާކުރަން ފޮނުވާލާ.
-
5-
ބޮޑު ގޮހޮރު: ކުޑަ ގޮހޮރުން ކާނާއިން ލިބޭ ފައިދާ ހުރި މާއްދާތައް ހަށިގަނޑަށް ފޮނުވާލާފައި ބާކީ ހުންނަ ބައި ފޮނުވާލަނީ ބޮޑު ގޮހޮރަށް. ބޮޑު ގޮހޮރުގެ 'ކޯލޮން' ތެރެއިން ދިޔާ ކާނާ ދާއިރު ފެނާއި މިނެރަލްސް ހަށިގަނޑަށް ދަމައިގަނޭ. އެފަދައިން ފެން ދަމައިގަނެ ނިމޭ އިރު ދިޔާކޮށް ހުރި ކާނާ ހަރުވާން ފަށައި ބޮޑުކަމުދާ ތަކެއްޗަށް ބަދަލުވޭ.
ކެއުމަށް ފަހު ވަގުތުން ސިނގިރޭޓު ބުއިމުގެ ނުރައްކާ
ކެއުމަށް ފަހުގައި ހޭދަވާ ހަތަރު ނުވަތަ ފަސް ގަޑިއިރަކީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ދަމައިގަންނަ ނިޒާމް އެންމެ ހަރަކާތްތެރި ވަގުތެވެ. ކުޑަ ގޮހޮރު ތެރެއިން ކާނާ ދަތުރުކުރާ ދަނޑިވަޅުގައި ސިނގިރޭޓު ބޯ ނަމަ، ސިނގިރޭޓުގެ މައިގަނޑު އަދި އެންމެ ވިހަ މާއްދާ 'ނިކޮޓިން' ވެސް ވަރަށް ފަސޭހައިން ލޭނާރުތަކަށް ދަމައިގަނެ އެވެ. މިކަން ފާހަގަކުރެވޭ މައިގަނޑު ސަބަބަކީ ކެއުމަށް ފަހު ވަގުތުން ބޯ ސިނގިރޭޓުގެ ނިކޮޓިން ލޭ ނާރަށް، އާންމުކޮށް ދަމައިގަންނަ މިންވަރަށް ވުރެ މާ ގިނައިން، މާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަމައިގަންނާތީ އެވެ.
އެހެންވުމުން، ކުޑަ ގޮހޮރު ތެރެއިން ކާނާ ދަތުރުކުރާ މަރުހަލާގައި، ފައިދާ ހުރި މާއްދާތައް ލޭ ނާރުތަކަށް ފޮނުވާލާ ވަގުތު ސިނގިރޭޓުގެ ދުމުން ހަށިގަނޑަށް ބޭރުކޮށްލާ ފްރީ ރެޑިކަލްތައް (މިއީ ހަށިގަނޑުގެ ސެލްތަކައް ގެއްލުން ދޭ އެޓޮމްއެއް) ވެސް އެއާ އެއްވުން ގާތެވެ. މިކަމުގެ ސަބަބުން، ގިނަ ސިއްހީ މާހިރުން އެއް ގަލަކަށް އަރާ ވިސްނުމަކީ، ކެއުމަށް ފަހު ވަގުތުން ބޯ ސިނގިރޭޓުގެ ސަބަބުން ގޮހޮރާއި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު އެތައް ގުނައަކުން އިތުރުވާކަމެވެ.
ސިއްހީ މާހިރުންގެ އެ ވިސްނުމަށް ތާއީދުކޮށް، ގިނަ ސައިންޓިސްޓުން ވެސް، ކެއުމުގެ ފަހުން ވަގުތުން ބޯ އެއް ސިނގިރޭޓު 10 ސިނގިރޭޓު އެއްފަހަރާ ބުއިމާ އެއްފަދަ ކުރެ އެވެ.
ކެއުމަށް ފަހު ސިނގިރޭޓު ބޯ ހިތްވުމުން ކުރާނެ 3 ކަމެއް
ސިނގިރޭޓު ބުއިމާ ދުރުވުމަކީ ގިނަ މީހުންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އަހަރުތަކެއް މަތިން ހަށީގައި އެ އާދަ ވަކިހިއްޕާލާފައިވާ މިންވަރުގެ ސަބަބުން އަދި ދެވިހިފުމުން ނިކޮޓިންއަށް ނަފްސާނީ ގޮތުން އުފެދޭ ވަރުގަދަ އެދުމުގެ ސަބަބުން ސިނގިރޭޓެއް ވަރަށް ފަސޭހައިން ރޯކޮށްލެވެ އެވެ. އެއީ ކަމުގެ ހަގީގަތް ވިޔަސް، ކެއުމަށް ފަހުގައި ވަގުތުން ސިނގިރޭޓު ބުއިމާ ދުރުވުމަށް އެޅޭނެ ބައެއް ފިޔަވަޅުތައް ހުރެ އެވެ.
1. ކެއުމަށް ފަހު މޭވާ ނުވަތަ ތަރުކާރީކޮޅެއް ކާލުން

2. ސަމާލުކަމާ އެކު މަޑުމައިތިރިކޮށް 10 ވަރަކަށް ފުން ނޭވާ ލުން

3. 15 މިނެޓު ވަންދެން ގަދަކަމުން އެހެން ކަމެއް ކުރުން

ހިތްވަރަކީ ހުއްޓާލުމުގެ ސިއްރު
ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފުމުގެ ފަހުން އެކަން ހުއްޓާލަން ކުރަން ޖެހޭ ކަންކަން ގިނައެއް ނޫނެވެ. ނަމަވެސް، އެކަން ކުރަން ގިނަ މީހުންނަށް އުނދަގުލީ އެވެ.
އަހަރުތަކެއް ވަންދެން ހަށީގައި އަށަގެންފައި ހުރި އާދަ އަދި ވަކިން ހާއްސަކޮށް އެންމެ ފަސޭހައިން ދެވިހިފާ މާއްދާ ނިކޮޓިންއަށް ބަރޯސާވުން ދޫކޮށްލުމަށް މައިގަނޑުގޮތެއްގައި ބޭނުން ވަނީ ހިތްވަރޭ ބުނުމުން އެކަމަށް ބީރު ކަންފަތެއް ދޭނެ ގިނަ ބަޔަކު އުޅެ އެވެ. ހަމައެކަނި ހިތްވަރުން އެކަން ހުއްޓޭނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. ނަމަވެސް އެއީ ހުއްޓާލުމަށް ބޭނުންވާ އެންމެ މުހިއްމު ކަމެވެ.
ހިތްވަރުކޮށްގެން ނުހުއްޓެންޏާ އެހީއެއްގެ ގޮތުގައި ކުރެވޭނެ އަދި ބޭނުންކުރެވޭނެ ވަރަށް ގިނަ ކަންކަމާއި އެއްޗެހި ހުރެ އެވެ. ނިކޮޓިން ޕެޗް ބޭނުންކުރުން، ކަސްރަތުކުރުން، މެޑިޓޭޝަން، ސިނގިރޭޓު ބުއިން ހުއްޓާލުމަށް ހާއްސަ ޗުވިން ގަމް ހެފުން (ސިނގިރޭޓު ބުއިން ހުއްޓާލުމުގެ އެހީއަކަށް ވިޔަސް، ޗުވިން ގަމް މާ ގިނައިން ހެފުމަކީ ގެއްލުން ހުރި ކަމެއް) ފަދަ ކަންކަމަކީ ބައެއް މިސާލުތަކެވެ.
ސިނގިރޭޓު އެއްކޮށް ނުހުއްޓުނަސް، ކެއުމުގެ ފަހުން ވަގުތުން ސިނގިރޭޓު ބުއިމުގެ އާދަ ދޫކޮށްލުމަކީ އެކަން ކުރާ މީހާ އަށާއި އޭނާގެ ވަށައިގެންވާ މީހުންނަށް ވެސް ލިބެމުންދާ ގެއްލުންތައް ކުޑަކޮށްދޭނެ ކަމެކެވެ.