އެއްވެސް ޒާތެއްގެ ކަސްރަތެއް ކުރުމުގައި މެދު މިންވަރެއް ގެންގުޅުން ވަރަށް މުހިއްމު

ލިވިން

އެއް ބުރުން މާ ގަދަޔަށް ކަސްރަތު ނުކުރޭ؛ މުސްތަގުބަލުގައި ވޭނުގައި އުޅެން ޖެހިދާނެ

މާ އަވަސްއަވަަހަށް ހިކެން، ނުވަތަ ފިޓުވާން އުޅުމަކީ ތިމާ ހާސިލް ކުރަން އުޅޭ ކަންކަމާ ދުރަށް ގެންދާނެ ވިސްނުމެއް

"އޭ، ބަނޑެއް ލައިފިއޭ މަގޭ، އަވަހަށް އޭތި ދުއްވާލަންވީ،" މިހެން ކިޔާފައި، އެތައް މަހެއްގެ މަތިން ލިބުނު ޗޮސް މަސްތައް ވިރުވާލަން، ހާއްސަކޮށް ދިވެހި ޒުވާނުންގެ ތެރެއިން، ގިނަ ބަޔަކު މަސައްކަތް ފަށަ އެވެ.

ފަށަނީ 'އިންސްޕަޔާ' ވެގެންނެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓޭ އިރު އެ ފެންނަ ޗޮސް ބަނޑު ދެކެ ކުއްލިއަކަށް ފޫހިވެގެންނެވެ. އެތައް ރެއެއްގައި ހަބަނޑަށް ކާލައިގެން، ނިދުމުގައި އެ ތަކެތި ޗޮސްތަކަށް ވެގެން މީހާ ފަލަކޮށްލާފައިވާ މަސްތައް އެއް ބުރުން، އެއް ޖިމް ދަތުރުން، ނުވަތަ އެއް ދުވުމުން ދުއްވާލަން ބޭނުންވެގެންނެވެ.

އިންސްޕަޔާވުން އެންމެ ރަނގަޅެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ޒާތެއްގެ ކަސްރަތެއް ނުލިބި ހުރެފައި ދުވަން، ޖިމަށް، މޫދަށް، ނުވަތަ އެހެން ކަމަކަށް ގޮސްގެން ވިޔަސް، ކުއްލިއަކަށް އިންތިހާ ބޮޑަށް ހަށިގަނޑަށް ބާރު އެޅުމުން ދިމާވާ ނުރައްކާތެރި ބަލިތަކާއި ހާލަތުތައް ގިނަ އެވެ. 

މާ ގަދަޔަށް ކަސްރަތު ކުރުމުގެ ސަބަބުން އެގްޒާޝަނަލް ރެބްމޮޑައިލޯސަސް ކިޔާ، މަސްތައް މަރުވެ ވިހަ މާއްދާއެއް މުޅި ހަށިގަނޑަށް ފޭދިދާ ހާލަތެއް ކުރިމަތިވުން އެކަށީގެންވޭ

ކަސްރަތު ކުރާއިރު ވަކި މިންވަރެއްގައި ހިފެހެއްޓުން

ގަވައިދުން ކަސްރަތު ކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން އިތުރު ވާހަކައެއް ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް ކަސްރަތު ކުރުމުގައި ގެންގުޅެން ޖެހޭ ވައްޓަފާޅިތަކާއި އުސޫލުތަކަށް ސަމާލުކަން ނުދީ އެކަން ކުރަން ފަށައިފިއްޔާ މުސްތަގުބަލުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

ހާއްސަކޮށް އަލަށް ކަސްރަތު ކުރަން ފަށަންޏާ ތިމާގެ ޖިސްމާނީ ހާލަތާއި ގާބިލިއްޔަތުކަމަށް ބަލާފައި އެ ހަރަކާތެއް ހެޔޮވަރު މިނެއްގައި ބެހެއްޓުމުގެ ނަތީޖާއަކީ ދިގު މުއްދަތަކަށް އެކަން ކުރަން މަގުފަހިވުމެވެ. ފުރަތަމަ ފަށާ ދުވަހުގައި "ނޯ ޕެއިން ނޯ ގެއިން" ވިސްނުން ބޮލަށް ލައިގެން ހަބޭހަށް މަސްތަކަށް ކެތްނުވާ ވަރަށް ކަސްރަތު ކުރުމުން ކަން ދިމާވަނީ އެ ގެންގުޅޭ ވިސްނުމާ މުޅިން ހިލާފަށެވެ. އެއީ ގިނަ އަނިޔާތަކެއް ތަހައްމަލުކުރަން ޖެހި، ފަހަރެއްގައި ތިމާގެ ފުރާނައަށް ނުރައްކާވާ ވަރުގެ ހާލަތަކާ ކުރިމަތިލާން ޖެހުމެވެ. އެއްވެސް ކަމެއް 'ގެއިން' ނުވެ އެވެ.

ތާވަލެއް ހަދައި އަމާޒުތަކެއް ކަނޑައަޅާ

ކަސްރަތު ތާވަލެއް ތަައްޔާރުކޮށްލުމުން ތިމާގެ ވަގުތު ސަލާމަތްވެ، ދުވަހުގެ އަމާޒު ފަސޭހައިން ހާސިލްކުރުމަށް އިތުރު ހިތްވަރެއް ލިިބިދޭ.

ކަސްރަތު ކުރަން މުޅިން އަލަށް ފަށައިގަންނަ އިރު ތާވަލެއް ހެދުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ކޮންމެ ދުވަހަކު ކަސްރަތު ކުރަން ފަށާ އިރު އެ ދުވަހު ކުރާނެ ކަމަކާއި އެ ދުވަހުގެ އަމާޒުތައް ކަނޑައެޅުމަކީ ވަރަށް ވަގުތު ބޭކާރުވާ ކަމެކެވެ. މީގެ އިތުރުން، ގިނަ ފަހަރު ދުރާލާ ނުރާވާ ކަސްރަތު ކުރާ އިރު ގައިގެ އެއް ބައެއް މާބޮޑަށް މަސައްކަތް ކުރެވި، އެ ބައި އަވަހަށް މަސްގުޅަކައި ކަންކަން ދިމާވުން ގާތެވެ. މިހެންކަމުން، ތިމާގެ ދިރިއުޅުމަށް ވެސް ބުރޫނާރާނެ ގޮތަށް، ތާވަލެއް ހަދައި އެއާ އެއްގޮތަށް އަމަލުކުރުން މުހިއްމެވެ.

ފިޓްނެސް މައުލޫމާތު ފިޓްނެސް މީހުން ކައިރިން ހޯދާ

ވަރަށް ކަންބޮޑުވާން ޖެހޭ އެއް ކަމަކީ ފިޓްނެސްއާ ބެހޭގޮތުން ދައުރުވާ ދޮގު، ނުވަތަ ފުރިހަމަނޫން މައުލޫޫމާތުތަކެވެ. ހާއްސަކޮށް، ސޯޝަލް މީޑިއާގައި އުޅޭ 'އިންފްލުއެންސާސް'ގެ ފަރާތުން ލިބޭ މައުލޫމާތުތަކަކީ، ދިރާސާތަކުގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި، އެމީހުންގެ ހަޔާތާއި ކެއުމާއި އެހެނިހެން ކަންކަމުން ލިބޭ ތަޖުރިބާތަކަށް ބިނާކޮށް އެކުލަވާލާފައި ހުންނަ މައުލޫމާތެވެ. އޭގެ ތެރެއިން އަސާސީ މިންގަނޑެއްގައި ދޭ މައުލޫމާތު ފަހަރެއްގައި ރަނގަޅު ވިޔަސް، ގިނަ ކަންކަމަކީ ވަރަށް މަތިމަތިން ކަން ބަލާލާފައި ދޭ މައުލޫމާތެވެ. ފިޓްނެސް މައުލޫމާތު ހޯދާ އިރު އަބަދުވެސް ކޮލިފައިޑް ޓްރެއިނަރުންގެ ގާތުން، ނުވަަތަ އިންޓަނެޓުން ހޯދާ ނަމަ ސައްހަ މައުލޫމާތު ދޭ ވެބްސައިޓަކުން، ހޯދުން ރަނގަޅެވެ.

މާ ގަދަޔަށް ކަސްރަތު ކުރުމުން ދިމާވެދާނެ ނުރައްކާތައް

އެގްޒާޝަނަލް ރެބްޑޮމައިއޯލިސިސް: ނުރައްކާތެރި މި ހާލަތުން ލޭ ނާރުތަކަށް، މަރުވާ މަސްތަކުގެ ވިހަ ފޮނުވާލާ
  • 1-

    އެގްޒާޝަނަލް ރެބްޑޮމައިއޯލިސިސް: ރެބްޑޮމައިއޯލިސިސް މާގަދަޔަށް ހޫނުވުމުން، ފެން ރަނގަޅަށް ނުލިބުމުން، ލިބުނު އަނިޔާއެއްގެ ސަބަބުން ގުޑި ނުލެވި އެއް ގޮތަކަށް ހުންނަން ޖެހުމުން، ނޫނީ މާގަދަޔަށް، މާ ގިނަ އިރު ވަންދެން ކަސްރަތު ކުރުމުގެ ސަބަބުން ދިމާވާ ވަރަށް ނުރައްކާތެރި ހާލަތެކެވެ. ހާއްސަކޮށް އެގްޒާޝަނަލް ރެބްޑޮމައިއޯލިސިސްއަކީ، މަސްތަކަށް ކެތްނުވާ ވަރަށް ކަސްރަތު ކުރުމުން މަސްތައް ފީވެގެން ހަލާކުވާން ދިމާވާ ހާލަތެކެވެ. ކުރު ގޮތަކަށް ބުނާ ނަމަ، މަސްތައް މަރުވަނީ އެވެ. މަރުވާ މަސްތަކުން ނުކުންނަ ވިހަ މާއްދާތައް ލޭ ނާރުތަކަށް ވަދެ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ދަތުރުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މަސްތަކާއި އެހެން ތަންތަން ދުޅަވެ، މަސްތަކުން ވަރު ގޮސް، ނުވަތަ މަސްތައް ހަރުވުން ދިމާވެ އެވެ. މި ހާލަތު ދިމާވީމާ މީހާގެ ކުޑަކަމުދާ ނަޖިހުގެ ކުލަ ކަޅު ކުލަ އާއި އެހެން ގަދަ ކުލަތަކަށް ބަދަލުވެ އެވެ. އެހާ އާންމުކޮށް ދިމާނުވިޔަސް، މިއީ ވަރަށް ނުރައްކާތެރި ހާލަތެކެވެ.

  • 2-

    ދިފާއީ ނިޒާމު ބަލިކަށިވުން ގާތްވުން: މާ ގަދަޔަށް ކަސްރަތު ކޮށްފައި އެއާ އެއްވަރަކަށް ހަށިގަނޑަށް ލިބެން ޖެހޭ ކާނާ ނުލިބުމުން ގައިގެ ދިފާއީ ނިޒާމު ބަލިކަށިވުން ގާތްވެ އެވެ. 

  • 3-

    ނަފްސާނީގޮތުން މީހާ ދެރަވުން: މި ކަމަކީ ގަބޫލްކުރަން ކުޑަކޮށް ދަތިވިޔަސް ހަގީގަތެވެ. މާގަދަޔަށް ކަސްރަތުކުރުމުން ބައެއްފަހަރު ދިމާވާ އެއް ކަމަކީ، އެކަން ނުކޮށް ހުންނަ ގަޑީގައި މީހާއަށް ހަމަޖެހުން ނުލިބުމެވެ. އަދި އަބަދުވެސް ކަސްރަތު ކުރަން ބޭނުންވެ، އެއް ފަހަރު ވެސް ނުކޮށް ދޫކޮށްލެވުމުން އެކަމާ ހިތާމަކުރެވެ އެވެ. ހަމައެއާއެކު، ބައެއް ފަހަރު ތިމާގެ އަމާޒަކީ ހާސިލްކުރަން އުނދަގޫ ކަމެއް ނަމަ، އެކަން ހާސިލް ނުކުރެވުމުން އަމިއްލަ ނަފްސު ދެކެ ހިތްހަމަނުޖެހޭ ގޮތް ދިމާވެ އެވެ.

ކަސްރަތަކީ އުފާކޮށްދޭ ކެމިކަލް ކަމަށްވާ އެންޑޯފިން އުފައްދާ ކަމެއް ނަމަވެސް މާ ގިނައިން މާ ގަދަޔަށް ކުރުމުން މީހާ މާޔޫސްވުން ފަަދަ ކަންކަން ދިމާވުން ގާތް

އަސްލު މައިގަނޑު މައްސަލައަކީ ކަސްރަތު ނުކުރުމެއް ނޫނެވެ. ނަމަވެސް ކަސްރަތު ކުރާއިރު ގޯސްކޮށް ކުރުމެވެ. މާ އަވަސްއަވަަހަށް ހިކެން، ނުވަތަ ފިޓުވާން އުޅުމަކީ ތިމާ ހާސިލް ކުރަން އުޅޭ ކަންކަމާ ދުރަށް ގެންދާނެ، ފައިދާއެއް ނެތް އުކުޅެކެވެ. 

ވަކިން ހާއްސަކޮށް ހަށިގަނޑަކީ ވީހާވެސް ހަމަޖެހިގެން ތަރައްގީކޮށް، ވަރުގަދަކުރަން ޖެހޭ އެއްޗެކެވެ. ސަކަރާތްކޮށް ކުރެވޭ ކުޑަ ކަމަކުން ވެސް ބޮޑެތި ގެއްލުންތަކެއް ތަހައްމަލު ކުރަން ޖެހިދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް