ރާއްޖޭގެ ރަށެއްގައި ކާދު ތައްޔާރުކުރަނީ: މާބޮޑު ހަރަދެއް ނުކޮށް ހަދާލެވޭ ކޮމްޕޯސްޓަކީ ދަނޑުވެރިކަމުން އުފައްދާ ކާބޯތަކެއްޗަށް ފައިދާހުރި އެއްޗެއް

ގަސްކާނާގެ ގޮތުގައި ކޮމްޕޯސްޓްތަ؟ ފާޓިލައިޒާތަ؟

ކާދު ކޮންމެ ހާލަތެއްގައި ބޭނުން ކުރިޔަސް ފައިދާ ބޮޑު؛ އެއާހިލާފަށް ފާޓިލައިޒާ ބޭނުންކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ހުރޭ

ދަނޑުވެރިކަމާއި ބަގީޗާ ހެއްދުމުގައި ވެސް، ބޭނުންކުރާ ގަސްކާނާގެ ބާވަތުން ގަސްތަކުގެ ހެދިބޮޑުވުމަށާއި ލިބޭ މޭވާ އާއި ތަރުކާރީއަށް އަސަރުކުރެެ އެވެ.

ތާރީހުގެ ތެރެއަށް ބަލައިލިޔަސް، ގަހުގައި އަޅާ ކާނާ އަވަހަށް ހޯދުމަށް އެކި ކަހަލަ މާއްދާތައް ބޭނުންކޮށްފައިވެ އެވެ. އަދި މިހާރު ވެސް ދަނީ އެކަން ކުރަމުންނެވެ. އެކި ޒާތުގެ ނުރައްކާތެރި ކެމިކަލް ބޭނުންކޮށްގެން ކުރު މުއްދަތެއް ތެރޭގައި ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރީ އާއި ގޮވާމުގެ އެކި ބާވަތް ހެއްދުމުގައި ނޭދެވޭ ގިނަ ނަތީޖާތަކެއް ހުރެ އެވެ. އެހެންކަމުން ބައެއް ދަނޑުވެރިން ގަސްކާނާއެއްގެ ގޮތުގައި ކޮމްޕޯސްޓް ހިޔާރުކުރެ އެވެ. 

ކޮމްޕޯސްޓާއި ފާޓިލައިޒާ އިން ވެސް ދުޅަހެޔޮ ކާނާ އާއި ގަސް އުފެއްދުމަށް މަގުފަހިކޮށްދެ އެވެ. ނަމަވެސް މިއީ ތަފާތު ދެ ކަމެއް ކުރާ ވަކި ދެ އެއްޗެކެވެ.

ކޮމްޕޯސްޓާއި ފާޓިލައިޒާގެ ތަފާތު

ކޮމްޕޯސްޓް ނުވަތަ ކާދަކީ ކުނިވެފައިވާ އޯގޭނިކް ތަކެއްޗެވެ. ނުވަތަ، ދަނޑުވެރިކަމުގައި ކޮމްޕޯސްޓްއޭ ބުނަނީ ހާއްސަކޮށް ބޮނޑިއަކަށް އެއްކޮށްފައި ކޮންޓެއިނަރެއްގެ ތެރޭގައި ހުރެ ވަގުތާ އެކީގައި ކުނިވެފައިވާ ތަކެއްޗަށެވެ. އަމިއްލަ ގޭގައި ނުވަތަ ދަނޑުގައި ވެސް ކާދު ހެދިދާނެ އެވެ.

ކޮމްޕޯސްޓާއި ފާޓިލައިޒާގެ މައިގަނޑު ތަފާތަކީ ކޮމްޕޯސްޓް ބޭނުންކުރުމުން ގަސް އިންދާ ބިން ނުވަތަ ވެލިގަނޑުގެ ސްޓަރަކްޗާ ހަރުދަނާާކޮށްދީ، ވެލީގައި ނިއުޓްރިއެންޓް ހުންނަ މިންވަރު މުއްސަނދި ކޮށްދިނުމެވެ. ފާޓިލައިޒާއިން ވެލިގަނޑަށް ފާހަގަކުރެވޭ އަސަރެއް، ނުވަތަ އިތުރު މުއްސަނދިކަމެއް ގެނައުމުގެ ބަދަލުގައި، ވަކި ގޮތަކަށް ވަކި މިންވަރަކަށް ވަކި ގަހަކަށް ބޭނުންކުރުމުން އެ ގަހުގައި އަޅާ ކާނާގެ ފެންވަރު ރަނގަޅުކޮށްދީ، ގަސް ދުޅަހެޔޮކޮށް ދަމަހައްޓައިދެ އެވެ.

ގިނަ ގަސްގަސް އިންދާ ވެލިގަނޑު ފައިދާހުރި އެކި މާއްދާތަކުން މުއްސަނދި ކޮށްދީ، އިތުރު ނިއުޓްރިއެންޓްސް އެ ބިމަށް ފޯރުކޮށްދޭތީ، ފާޓިލައިޒާއާ ހިލާފަށް ކޮމްޕޯސްޓްއަކީ އެކި ކަހަލަ ގަސްތައް ހައްދާ ބިމުގައި ބޭނުންކުރެވޭ އެއްޗެކެވެ.

ކާދު ހެދުމުގެ އެކި އުކުޅު ހުރެ އެވެ. އެކި އުކުޅުތަކުން ކާދު ހެދޭ ވަގުތު ތަފާތެވެ.

ކާދު ހެދުމުގެ އެކި ގޮތްތައް

  • 1-

    ކޯލްޑް ކޮމްޕޯސްޓިން: މިއީ ކޮމްޕޯސްޓް ކުރުމުގެ އެކި ބާވަތްތަކުގެ ތެރެއިން އެންމެ ފަސޭހައިން އެކުލަވާލެވޭ، ނަމަވެސް ފުރިހަމަވާން ދިގު މުއްދަތެއް ނަގާ އުކުޅެކެވެ. މޭވާ އާއި ތަރުކާރީ އަދި އެ އެއްޗެހީގެ ބާކީވާ ތޮށި، މުގުރި ކޮފީ އަދި ބިސް ތޮށި ކަހަލަ ތަކެތި ބާލިދީއެއް ފަަދަ ހެޔޮވަރު ކޮންޓެއިނަރަކަށް އަޅާލުމުން އެކަމުގެ އަމަލީ މަސައްކަތުގެ ބޮޑުބައި ނިމުނީ އެވެ. ދެން، އެ އެއްޗެހި ގާތްގަނޑަކަށް އަހަރެއް ވަންދެން ރައްކާކޮށްފައި ބެހެއްޓުމުގެ ނަތީޖާއަކީ، އިންދާ ގަސްތަކަށް އެހާމެ ރަނގަޅު ގަސްކާނާއެއް، ހިލޭ ލިބުމެވެ.

  • 2-

    ހޮޓް ކޮމްޕޯސްޓިން: ހޮޓް ކޮމްޕޯސްޓިންގައި، 1-3 މަސް ތެރޭގައި ކާދު ބޭނުުންކުރެވޭ ވަރަށް ނިމެ އެވެ. ހޮޓް ކޮމްޕޯސްޓިން ފުރިހަމަ ކުރުމަށް ބޭނުންވަނީ މައިގަނޑު ހަތަރު އެއްޗެކެވެ. އެއީ ނައިޓްރޮޖެން (ވިނަ އާއި ފެހި ފަތް)، ކާބަން (ހިކި ފަތް، ގަސްގަހުގެ އޮފި އަދި ބިސް ތޮށި)، ވައި އަދި ފެނެވެ. މި ތަކެތި ފަށަލަތަކަކަށް އަތުރާލައި ވީހާވެސް ބޮޑަަކަށް އެތެރެ ހޫނުކުރަން އަމާޒުކުރާށެވެ. އަދި ތެތްކޮށް ބެހެއްޓުމަށް ގަވައިދުން ފެން އެޅުން މުހިއްމެވެ. ފެން އަޅަންވާނީ އިތުރުވެގެން ފެން ހަރުލާފައި ނުހުންނާނެ ވަރަށެވެ. ހަފްތާއަކު އެއް ފަހަރު އެ ބޮނޑިވަރު ހާވާލާ، ވައި ދައުރުކުރަން ފުރުސަތު ދޭންވާނެ އެެވެ.

  • 3-

    ވާމި ކޮމްޕޯސްޓް: ހަމައެކަނި ރެޑް ވޯމް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ވާމި ކޮމްޕޯސްޓް ހަދަން ބޭނުންކުރަނީ ވެސް މޭވާ އާއި ތަރުކާރީ ފަަދަ ބާވަތްތަކެވެ. ފަނިތައް އެ ތަކެތި ކެއުމުން، ކާސްޓިން ކިޔާ، ފައިދާ ހުރި އެކި މިނެރަލް އެކުލެވޭ މާއްދާއެއް ބޭރުވެ އެވެ. ވާމި ކޮމްޕޯސްޓަކީ ނައިޓްރޮޖެން އިން މުއްސަނދި، ގަސްކާނާއެއްގެ ގޮތުގައި ބޭނުންކުރަން ވަރަށް ފައިދާ ހުރި އެއްޗެކެވެ.

ފާޓިލައިޒާ

ކޮމްޕޯސްޓާ ހިލާފަށް ފާޓިލައިޒާގެ ދެ ބާވަތެއް ހުރެ އެެވެ. އެއީ ކެމިކަލް އަދި ގުދުރަތީ ފާޓިލައިޒާ އެވެ. ކުރިން ވެސް ސާފުކޮށްދިންހެން، ފާޓިލައިޒާއަކީ ސީދާ ގަހާއި އޭގައި އަޅާ ކާނާ ދުޅަހެޔޮކޮށްދޭ އެއްޗެކެވެ.

ކެމިކަލް ފާޓިލައިޒާ

 ވަކި މިންވަރަކަށް މައި ތިން ކެމިކަލެއް އެކުލަވާލައިގެން ތައްޔާރުކުރާ ކެމިކަލް ފާޓިލައިޒާ ގަންނަ އިރުގައި، ހައްދާ ގަަހަކަށް ބަލާފައި އޭގެ އެންޕީކޭ މިންވަރުތައް ރަނގަޅަށް ދެނެގަތުން ވަރަށް މުހިއްމެވެ. ކެމިކަލް ފާޓިލައިޒާގެ ސަބަބުން ގަސްތައް ދުޅަހެޔޮވި ނަމަވެސް، ނުބައިކޮށް، ނުބައި މިންވަރަކަށް ބޭނުންކުރެވިއްޖެ ނަމަ ގަސްތައް ހަލާކުވެ އެވެ. 

ކެމިކަލް ފާޓިލައިޒާ ގަންނަ އިރު، އޭގެ ބޭރުގައި، އެންޕީއޭ ލެވެލްތައް އަންގައިދޭ ވަކި ގޮޅިއެއް އިންނާނެ އެވެ. އެއީ ނައިޓްރޮޖެން (އެން)، ފޮސްފޮރަސް (ޕީ) އަދި ޕޮޓޭސިއަމް (ކޭ) ހިމެނޭ މިންވަރު އަންގައިދޭ ގޮޅިއެކެވެ. ތިމާ ހައްދާ ގަހުގެ ބާވަތަށް ބަލާފައި އަދި އެ ގަހުގެ ހާއްސަ ބޭނުންތައް ދެނެގެންފައި، ފާޓިލަައިޒާގައި އެންޕީކޭ ހުރި މިންވަރާ އަޅާކިޔާފައި ގަތުމަކީ އެ ގަސް އެންމެ ފުރިހަމައަށް ހެދޭނެ ގޮތެވެ.

އޯގޭނިކް ނުވަތަ ގުދުރަތީ ފާޓިލައިޒާ

މި ބާވަތުގެ ފާޓިލައިޒާގެ މައިގަނޑު މިސާލުތަކުގެ ތެރޭގައި ހިމެނެނީ ބޯން މީލް އާއި ބްލަޑް މީލް ފާޓިލައިޒާ އެވެ.

ބޯން މީލްއަކީ ޖަނަވާރުންގެ ކަށި އާވިން މަޑުކޮށް، ހިމުން ވެލި ފަދަ އެއްޗަކަށް ބަދަލުކޮށްެގެން ލިބޭ، މިނެރަލް އަދި ކެލްސިއަމުން މުއްސަނދި އެއްޗެކެވެ. ނަމަވެސް، ބޯން މީލް ބޭނުންކުރުމުން އޭގެ ވަސް ދުވައިގެން ޖަނަވާރުން އެ ގަސް ހަލާކުކޮށްލަން އުޅުން ގާތެވެ. މީގެ އިތުރުން، ބޯން މީލް ބޭނުންކުރުން ރަނގަޅީ ހަމައެކަނި ގަސް އިންދާ ވެލީގެ ޕީއެޗު (ބިމުގެ އެސިޑިޓީ ބެލުމަށް ބޭނުންކުރާ މިންގަނޑު) ހަތަަކަށް ވުރެ ދަށް ނަމަ އެވެ. އެއީ އެސިޑިކް ވެއްޔެވެ.

ބޯން މީލް: މިއީ ޖަނަވާރުންގެ ކަށި ސްޓީމްކޮށް، ހިމުންކޮށްގެން ހަދާ ގުދުރަތީ ގަސްކާނާއެއް

ބްލަޑް މީލްއަކީ ޖަނަވާރުން ކަތިލާ ތައްޔާރުކޮށް ހަދާ ކާރުހާނާތަކުގައި އެ ޖަނަވާރުންގެ ގައިން ފައިބާ ލޭ ހިއްކައިގެން ހަދާ ގަސްކާނާއެކެވެ. މިއީ އެންޕީކޭ ލެވެލްތަކުގެ ތެރެއިން ނައިޓްރޮޖެން (އެން) މަތި، ނަމަވެސް އަނެއް ދެ މާއްދާގެ މިންވަރު ދަށް ބާވަތެކެވެ. މި ގަސްކާނާގެ އެންމެ ފާހަަގަކޮށްލެވޭ އެއް ފައިދާ އަކީ، ބޯންމީލްއާ ހިލާފަށް، ލޭގެ ވަސް ދުވުމުން ގަސްތައް ކައިރިއަށް ޖަނަވާރުން އައުމަށް ޖެހިލުންވެ، ފަކުރުގަތުމެެވެ. 

ކޮން އެއްޗެއް ކޮން އިރަކު؟

ކާދުގެ އެންމެ ބޮޑު އެއް ފައިދާއަކީ ކޮންމެ ހާލަތެއްގައި ބޭނުން ކުރިޔަސް އެއިން ކުރާ ފައިދާ ބޮޑުވުމެވެ. ހާއްސަކޮށް އަލަށް ދަނޑެއް ހައްދަންޏާ ފުރަތަމަ ކަމަކީ ބިމުގައި ނިއުޓްރިއެންޓް ހުންނަ މިންވަރު މުއްސަނދި ކުރުމެވެ. ކާދު ބޭނުންކޮށްގެން ވަރަށް ފަސޭހައިން މިކަން ހާސިލް ކުރެވޭނެ އެވެ. މީގެ އިތުރުން ކޮމްޕޯސްޓަކީ އަމިއްލައަށް އުފައްދާލަން ފަސޭހަ އެއްޗެއް ވެސް މެ އެވެ.

އެއާހިލާފަށް، ފާޓިލައިޒާ ބޭނުންކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަން ހުރެ އެވެ.

މިސާލަކަށް، ގަހެއްގައި މާ އެޅުން މަދުވާ ނަމަ، ނުވަތަ އަވަހަށް މާ މޯޅިވާ ނަމަ މައްސަލައަކީ އެ ގަހެއްގައި ފޮސްފޮރަސް މާއްދާ ދަށްވުމެވެ. މިކަމުގެ ހައްލަަކީ ގިނަ ފަހަރު ގުދުރަތީ ފާޓިލައިޒާއެއް ބޭނުންކުރުމެވެ.

ގަސް ހެއްދުމުގެ އުކުޅުތަކާއި ގަސްކާނާ އާއި އެހެނިހެން މާއްދާތަކުގެ މައުލޫމާތު ހޯދުމަކީ މި ޒަމާނުގައި އުނދަގޫ ކަމެއް ނޫނެވެ. ސަމާލުކަން ދިނުން މުހިއްމީ ތިމާ ހައްދާ ގަހުގެ ބާވަތަށެވެ. ދެން އޮންނާނީ އެ ބާވަތަށް ބަލާފައި މިކަމުގެ ތަޖުރިބާކާރުން އިރުޝާދުދޭ ގޮތަށް ގަސްކާނާ ބޭނުންކުރުމެވެ.

ހުރިހާ މައުލޫމާތެއް ފަސޭހައިން ލިބެން ހުރި ނަމަވެސް، ގަހެއް ދިގު މުއްދަތަކަށް ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކި ގަސްގަހުގެ ބޭނުންތައް ތަފާތެވެ. 

އުނދަގޫވިޔަސް، ގަސް ހެއްދުމަކީ އެކި ގޮތްގޮތުން ތިމާގެ ހަޔާތަަށް ފައިދާ ކުރާނެ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް