އިބްރާހިމް ސިމާހު ޓްރޮފީތަކާ އެކު: ތަޑޭގެ ނަމުން މުޅި ފުޓްސަލް ކޮމިއުނިޓީގައި މަޝްހޫރުކަން ހޯދާފައިވާ މި ހުނަރުވެރިޔާއަކީ މުޅި ގުޅީގެ ވެސް ފަހުރެއް. (ދައުރު ފޮޓޯ)

ސިމާހު ދެން އަތެއް ނުވާނެ؛ މި ހުނަރު ގުޅިން ބަންޑުންވެއްޖެ

ކ. ގުޅި އޮތީ ހުނަރުން ފުރި ބަރުވެފަ އެވެ. ގުޅި ހާވާލާފައި މިފަހަރު މި ކިޔައިދެނީ 'ތަޑޭ'ގެ ނަމުން މަޝްހޫރު ސިމާހުގެ ހުނަރެވެ.

ކ. ގުޅިން: މި ރަށުގެ ވަރަށް ހާއްސަ ސިފައެއް ބުނަމު ހެއްޔެވެ؟ -- ކުޑަކުޑަ މި 'ގުޅި' ހާވާލީމަ، އުނގަށް މިފަހަރު ވެއްޓޭނީ ކޮން ވާހަކައެއްކަން ލަފާކޮށްލާކަށް ވެސް މިހާރަކު ނޭނގޭނެ އެވެ. ގުޅި ހާވާލާފައި ނެގޭނެ ވާހަކައެއް ހިޔާލަށް ވެސް ގެންނަން އުނދަގޫ ވަރަށް މި ކުޑަކުޑަ 'ގުޅި' މި އޮތީ ފުރިފަ އެވެ. ފުރިގެން ބަންޑުންވަނީ އެވެ. އެކި ތަޖުރިބާތަކާއި އެކިއެކި އިހުސާސުތަކުންނެވެ. އަސަރުތަކާއި ހުނަރުތަކުންނެވެ. އަދި އާދަޔާހިލާފު ރަށްވެހިންނާއި ތައުރީފު އޮއްސައި ހުސްނުވާނެހާ ގިނަ ހުނަރުވެރިންނާ އެކުގަ އެވެ؛ އުމުރުން 26 އަހަރުގެ އިބްރާހިމް ސިމާހު، މަޝްހޫރު ނަމުން ނަމަ ތަޑޭއަކީ ވެސް ގުޅިން ބައްދަލުވި އަޖައިބެއް ފަދަ ހުނަރުވެރިއެކެވެ.

އިންޓަވިއު ނިންމާލާފައި، ފޮޓޯގަނޑެއް 'ކަނޑާލަން ހެއްޔޭ' އަހާލުމުން އޭނާ އެދުނީ އިހަށް މަޑުކޮށްލުމަށެވެ. ރަށުގައި އޭނާ ވެއިޓަރެއްގެ ވަޒީފާ އަދާކުރާ 'ކެފޭ' ގައި ޝިފްޓް ނިމި ފްރީވެ، ފްރެޝްވެލަން ދެން މަޑުކޮށްލުމަށެވެ. އެއަށް ފަހު ގުޅީގެ ގޯޅިތަކަށް އަޅަމުން ގޮސް އޭނާގެ ގެއަށް ބޯ ދިއްކޮށްލުމުން ދެން ފެނުނީ މުޅިން އެހެން މީހެއްހެން ހީވާ ޒުވާނެކެވެ. ސިމާހުގެ 'ޕްރޮފެޝަން' ނުވަތަ އޭނާގެ ކިބައިގައިވީ އެންމެ ކުޅަދާނަ ހުނަރު ވެސް މީހަކަށް އޮޅޭ ވަރަށް އޭނާ 'މޮޑެލްކުރަން' އަދި މާ މޮޅުވީމަ އެވެ.

މި އާޓިކަލްގައި 'ދައުރު' ގެ ފޮޓޯގްރާފަރު ހިމަނާފައިވާ ފޮޓޯތައް ވެސް މިކަމަށް ހެކިވެ އެވެ. އެކަމަކު އިބްރާހިމް ސިމާހަކީ މޮޑެލްކުރާ ޒުވާނަކަށް އެންމެ މުހިންމު 'ގުޑް ލުކްސް' އެކަންޏެއް ނޫނެވެ. އޭނާ މިހާތަނަށް މޮޑެލްއެއް ވެސް ނުކުރެ އެވެ. އެކަމަކު މިއީ މުޅި މި ގުޅި އެ ހުނަރުވެރިޔަކަށް ފަހުރުވެރިވާ ކުޅަދާނަ ފުޓްސަލް ކުޅުންތެރިޔެކެވެ. އެމީހުންގެ 'ފުޓްސަލް ކިންގް' އެވެ. އަދި ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ދެމެމުން މިދާ ފުޓްސަލް ފުޓްބޯޅައިގެ ފޯރީގައި މިވަގުތު ހޮވާލެވޭނެ އެންމެ މަގްބޫލު އެއް މޫނެވެ؛ އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާ ވެސް މެ އެވެ.

މާލޭގައި އޮތް މުބާރާތެއްގައި ސިމާހު ކުޅެނީ: އޭނާއަށް ރާއްޖޭގެ އެކި ހިސާބުތަކުން ފުރުސަތު ލިބޭ

މި ރަށުގައި ފައި ނުޖެހެނީސް 'ތަޑޭ' ގެ ދެ ފައިގައި ވީ މި ހުނަރުވެރިކަމުގެ ވާހަކަ އަޑުއިވިއްޖެ އެވެ. އަދި ގުޅިން ބައްދަލުވާނެ އެންމެ ތަފާތު ހުނަރުވެރިންގެ ގޮތުގައި އޭނާ ލިސްޓުގެ ކުރިއަށް އަރައި ތަށި ނަގައިފި އެވެ. ގުޅިއަށް ފައިބައިގެން ގޮސް ބައްދަލުވި ކައުންސިލް މެމްބަރު ވެސް އެންމެ ގަދައަށް ވިއްކި އެއް ހުނަރުވެރިޔަކަށް ވީ މި ފުޓްސަލް ކުޅުންތެރިޔާ އެވެ. ގުޅިން 'އެކްސްޕޯޓް ކުރި' އެންމެ ބޮޑު އެއް 'ޓެލެންޓަށް' އޭނާ ބަދަލުވެފައިވާ ސަބަބު އެހިސާބުން ވަރަށް ވެސް ސާފެވެ.

ސިމާހު އޭނާގެ 'ޓްރޮފީތަކާ' އެކު ފޮޓޯތަކަށް ހުއްޓެން ފަށައިފި އެވެ. އެންމެ ފުރަތަމަ ގޭތެރޭގަ އެވެ. އެކި ވަރުވަރުގެ އެކި ވައްތަރުގެ ގާތްގަނޑަކަށް ފަންސާހަކަށް ޓްރޮފީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އާއި މޭން އޮފް ދަ މެޗުގެ އެވޯޑްތަކާއި މިހެން ގޮސް ފުޓްސަލްގައި ބަޔަކު ކުޅުންތެރިޔަކަށް ދޭނެ ހުރިހާ ތައްޓެއް ހިފައިގެންނެވެ. ކުރުކޮށް ބުނަނީ ނަމަ، ފުޓްސަލް ހަމަ ރަނގަޅަށް ކިހިލީގައި ޖަހާލައިގެންނެވެ.

މި ހުރިހާ އެވޯޑަކާއި ޓްރޮފީތަކެއްގެ ތެރޭގައި އޭނާ މިއަދު މިގޮތަށް ހުއްޓިލާފައި ހުއްޓަސް އެންމެ ފުރަތަމަ މި ޒުވާނާގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. އަމުދަކުން ކ. ގުޅީގައި ފުޓްސަލްގެ ފޯރިއެއް ވެސް ނޯވެ އެވެ. ފުޓްސަލް ކުޅޭނެ ޓާފެއް ވެސް ނާޅަ އެވެ. އެކަމަކު ހިރަފުހާއި ދަލުން ތަތްތެޅިގެން ވެސް ސިމާހު އަބަދުވެސް ބޭނުންވީ ފުޓްސަލްގެ ތަރިއަކަށް ވާށެވެ. އަދި ފުޓްސަލް ތަރިއެއްގެ ގޮތުގައި މި ކުޑަކުޑަ ގުޅި ފަހުރުވެރިކޮށްދޭށެވެ. ފުޓްސަލްގައި ވީ ހުރިހާ މޮޅެއް މި ކުޑަކުޑަ ގުޅިއަށް ލައި ފޮރުވާށެވެ.

ސިމާހު އޭނާގެ ފުޓްސަލް ކެރިއަރުގައި މިހާތަނަށް ހާސިލުކޮށްފައިވާ ބައެއް އިންޑިވިޖުއަލް ޓްރޮފީތަކާ އެކު (ދައުރު ފޮޓޯ)

"އަޅުގަނޑުގެ ފުޓްސަލް ކެރިއާ މިހާރު ކިތަންމެ ކާމިޔާބުކޮށް އޮތަސް ފެށުނީ ވަރަށް އުނދަގުލުން. މި ހިސާބަށް އާދެވުނީ އަދި މީހުން ބަލައިގަންނަ ފެންވަރުގެ ކުޅުންތެރިޔަކަށް ވެވުނީ ވަރަށް ހާލުގައި އުޅެގެން،" ދެބެއިންގެ ދެދަރި މީހަކު ރަށުގައި ހިންގާ ކެފޭއެއްގައި މިވަގުތު ފުލްޓައިމްކޮށް ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސިމާހު ކިޔައިދިނެވެ.

"އެންމެ ފުރަތަމަ ހަގީގަތަކީ ކ. ގުޅި އަކީ ފުޓްސަލްގެ ރަށެއް ނޫން. ކުޑަ ރަށެއް ވީމަ މުބާރާތްތަކެއް ވެސް ނޯންނާނެ މި ރަށުގައި. އަޅުގަނޑުމެން ކުޅެން ފެށިއިރު ރަށުގައި ޓާފު ދަނޑެއް ވެސް ނެތް. ވަރަށް ފަހުން ފުޓްސަލް ދަނޑެއް އެ އޮތީ އަޅާފައި. މީގެ ދެ އަހަރެއް ތިން އަހަރު ކުރިން އެޅި ދަނޑެއް އެއީ."

"އެހެންވީމަ ހަގީގީ ފުރުސަތުތަކެއް ނުލިބި އަމިއްލައަށް ހޯދި ފުރުސަތުތަކުން ދެމިގަނެގެން މިހިސާބަށް އާދެވުނީ."

މި ޒުވާނާގެ ކިބައިގައިވީ ފުޓްބޯޅައިގެ ހުނަރު އާންމުންނަށް ފާހަގަކުރެވި ރަށުން ބޭރުން އައި މީހުންގެ ލޮލުގައި އަޅައިގަތީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ.

"ރަށުގައި އެގޮތަށް އަޅުގަނޑު ކުޅެނިކޮށް، އެހެން މީހަކަށް ފެނިގެން އަޅުގަނޑަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ފުޓްސަލް މުބާރާތެއްގައި ކުޅެލަން. ހީވަނީ އެ ފަހަރު ގެންދިޔައީ ގާފަރަށް ހެން،" ސިމާހު ބުނެލި އެވެ.

"އެ ހިސާބުން އަޅުގަނޑުގެ ފުޓްސަލް ދަތުރު ފެށުނީ."

އިބްރާހިމް ސިމާހު އޭނާގެ ރަށުގައި ފޮޓޯއަކަށް ހުއްޓިގެން (ދައުރު ފޮޓޯ)
މި ކުޅުންތެރިޔާގެ އަތުގައި އިނާމު ތަށިތައް ވަނީ ފުރިފައި (ދައުރު ފޮޓޯ)

މިއީ ފުޓްސަލްގައި ސުޕަސްޓާރެއް

ފުޓްސަލް އާއި ފުޓްސަލްގެ ފޯރި ރާއްޖޭގައި އޮތް ނެތް ގޮތް ނޭނގޭ މީހަކަށް މި ޒުވާނާ ކިޔައި މިދޭ ވާހަކަ އާއި އޭނާގެ ހުނަރުވެރިކަމަށް އުފެދިފައި އޮތް ޑިމާންޑް ހިތަށް ގެންނަން ވެސް އުނދަގޫވެދާނެ އެވެ. ގުޅީގެ މި ޒުވާނާއަކީ ފުޓްސަލްގައި ހަމަ ހަގީގަތަށް ވެސް 'ސުޕަސްޓާރެކެވެ.'

ކޮންމެ ދުވަހަކު ހެން އޭނާގެ ސޮއި ނުވަތަ 'އޭނާގެ ރަޖިސްޓްރީ' ހޯދަން ރާއްޖޭގެ އެކި ރަށްތަކަށް ނިސްބަތްވާ ފުޓްސަލް ޓީމުތަކުން ގުޅަ އެވެ. މި އަހަރުގެ އޯގަސްޓް މަހާ ހަމައަށް ވެސް އޭނާގެ 'ފުޓްސަލް ކަލަންޑަރު' އޮތީ ފުރި ބާރުވެފަ އެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން އާއިލާއާ އެކު ރަށުގައި މި ދުވަސްކޮޅު މަޑުކޮށްލައިގެން ހުއްޓަސް އޭނާ ގެންދަން ބޭނުން ޓީމުތައް މިހާރު ވެސް ވަނީ ކިޔޫ ހަދައިފަ އެވެ.

"މި ކެފޭގައި އަޅުގަނޑު މަސައްކަތްކުރާ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ. މިތަނުގައި އުޅެފައި އަޅުގަނޑު ބޭނުންވާ ކޮންމެ އިރަކު ފުޓްސަލް ކުޅެން ދިއުމުގެ ފަސޭހަ އަޅުގަނޑަށް އޮންނަނީ ތަނަވަސްކޮށްދީފައި. މި ފެށޭ މަހުގެ ދެ ވަނަ ދުވަހު ވެސް އަޅުގަނޑު ފުރާނަން މުބާރާތަކަށް،" ސިމާހު ކިޔައިދިނެވެ.

"މި ވަޒީފާގައި އުޅޭ އަނެއް ސަބަބަކީ މިތަން ހިންގާ ބޭބެއަށް އޭނާގެ މި އަމިއްލަ ވިޔަފާރީގައި އަޅުގަނޑަށް ވެވުނު އެހީތެރިކަމެއް ވެސް ފޯރުކޮށްދިނުން. މިއީ އަސްލު އަޅުގަނޑު ކިޔެވި ދާއިރާއަކީ."

އޯ ލެވެލް ނިމިގެން ސިމާހު ކިޔެވީ އެފްއެންބީގެ ދާއިރާއިންނެވެ. އެއަށް ފަހު ވަޒީފާ އަދާކުރަން އެންމެ ފުރަތަމަ ދިޔައީ މެދުފުށި ރިސޯޓަށެވެ. އެތަނުގައި ވެއިޓަރަކަށް އުޅެފައި ފަހުން އަނަންތަރާގެ ފްރޮންޓް އޮފީހުގައި ވެސް ދުވަސްގަނޑެއް ވަންދެން މަސައްކަތްކުރި އެވެ. ނަމަވެސް ފުޓްސަލްގެ ދަނޑަށް ބަނޑުންވި ހިތް އެ ނޫން އެހެން އެއްވެސް ދަނޑެއްގައި ކިޔަމަންނުވީ އެވެ.

ސިމާހު ފުޓްސަލް މެޗެއްގައި: އޭނާ ބުނަނީ އާމްދަނީއެއް ހޯދަން ވެސް ފުޓްސަލް ފުދޭ ކަމަށް

"ދެން ރައްޓެހިންނާއި އެކި ރަށްތަކުން އަބަދު ގުޅާ ވަރުން އަދި ފުރުސަތު ލިބޭ ވަރުންނާއި އަނެއްކޮޅުން އަޅުގަނޑުގެ ހިތުގައި ވެސް ފުޓްސަލް އިން ކުރިއަށް ދާން އުފެދިފައި އޮތް ޝައުގުވެރިކަމާ ހެދި ބޭނުންވީ މި ކުޅިވަރަށް ވަގުތު ހުސްކުރަން،" ސިމާހް ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގައި މި ފެންވަރުގައި ފުޓްސަލް ކުޅުމަކީ އެހެން ވަޒީފާއަކަށް ނުގޮސް ވެސް ޒުވާނެއްގެ ދިރިއުޅުން ދެކޮޅުޖެއްސޭ ވަރުގެ ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް އެ ކުޅުންތެރިޔަކީ 'ތަޑޭ' ކަހަލަ ޑިމާންޑެއް އުފައްދާ ވަރުގެ ހުނަރުވެރިއެއް ނަމަ ލިބޭ އާމްދަނީ އިތުރަށް ބޮޑެވެ.

"އަޅުގަނޑު މިހާރު މުބާރާތެއް މި ކުޅެދެނީ 15،000ރ. އަށް. އެކަމަކު މިއީ އަދި ފުޓްސަލްއަށް ޑިމާންޑަށް ބަލާއިރު އަދި ރާއްޖޭގައި ފުޓްސަލް ކުޅޭ އެހެން ކުޅުންތެރިންގެ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަދަދެއް،" ކުރިއަށް އޮތް ފުޓްސަލްގެ ބޮޑު މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގައި ޕްރިޒަންސް ކްލަބަށް ކުޅެން ތައްޔާރުވަމުން އަންނަ ޒުވާނާ ކިޔައިދިނެވެ.

"ލިސްޓްކުރާ ނަމަ އަޅުގަނޑު މިއީ އެންމެ މަތީ ލެވެލްގައި އުޅޭ ކުޅުންތެރިއެއް ނޫން އަޅުގަނޑުގެ ހިޔާލުގައި. ފުޓްސަލް ކުޅުންތެރިންގެ އާމްދަނީގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭނީ މުބާރާތެއް 30،000ރ. އާއި 35،000ރ އަށް ކުޅެދޭ ކުޅުންތެރިން."

"ރައްޓެހިން ބުނެގެން ގޮސް އެމީހުންގެ ޓީމަށް ކުޅެގެން ވެސް ބައެއް ކުޅުންތެރިން އެބަ ނަގާ 25،000ރ. އެ ކުޅުންތެރިންނަކީ ސީދާ ހަމައެކަނި ފުޓްސަލް އިން އާމްދަނީ ހޯދާ ކުޅުންތެރިން. އެހެން ވަޒީފާއަކަށް ނުގޮސް ފެންވަރު ރަނގަޅު އާމްދަނީއެއް ހޯދާ ކުޅުންތެރިން އެއީ."

ސިމާހު ބޯޅަ ހިފައިގެން ދަނީ: އޭނާ އަންނަނީ ގުޅީގައި އަމިއްލަ ފުޓްސަލް ކްލަބެއް ހިންގަމުން

ދާހިތްވަނީ ރަށްރަށަށް، ތަށި ގެންނަން ބޭނުމީ ގުޅިއަށް

ފުޓްސަލްގެ ފޯރި މިހާރު އޮތީ ވެރިރަށް މާލޭގައި އެކަންޏެއް ނޫނެވެ. ރަސްމީ ކުޅިވަރު، ފުޓްބޯޅައަށް ވެސް އޮތީ ފުޓްސަލްގެ ހިޔަނި ވަރަށް ބޮޑަށް އެޅިފަ އެވެ. ސިމާހަކީ ވެސް އެންމެ ފުރަތަމަ ފުޓްބޯޅައިގައި އުއްމީދީ ތަރިއެކެވެ. އެކަމަކު އެ ތަރި އަރަން ބޭނުންވި ހިސާބަށް ނޭރި ސަބަބާއި ފުޓްސަލްގައި ކުރިއަށް ދާން ގިނަ ކުޅުންތެރިން ޝައުގުވެރިވާ ސަބަބު ވެސް އޭނާ ކިޔައިދިނެވެ.

"އަތޮޅު ޗެމްޕިއަންޝިޕްގެ ނަމުގައި ބާއްވާ މުބާރާތެއްގައި އެކަނި އަޅުގަނޑު ފުޓްބޯޅަ މި ކުޅެލަނީ މިހާރު ވެސް. އޭގެ އިތުރުން އެއްވެސް ފުޓްބޯޅަ މުބާރާތެއްގައި ނުކުޅެން. މުޅިން ވެސް ފުޓްސަލް މުބާރާތްތަކުގައި ކުޅެނީ. ވަކިން ހާއްސަކޮށް ފުޓްސަލްގައި މިހާ ގިނަ ފުރުސަތު ހުއްޓާ ފުޓްބޯޅަ ކުޅެން ކްލަބަކަށް ދާން ބޭނުން ވެސް ނުވަނީ،" އޭނާ ބުންޏެވެ.

"އަޅުގަނޑަށް ފުރުސަތު ލިބުނު ކްލަބް ފުޓްބޯޅައިން ކުރިއަށް ދާން ވެސް. ފަސްޓް ޑިވިޝަނުގައި ވާދަކުރާ ކްލަބަކުން ވެސް ފުރުސަތު ލިބުނު. އެކަމަކު ފުޓްބޯޅަ ވީމަ އަދި އޭގެ ތެރޭގައި ހުރި އިތުރު މައްސަލަތަކާ ހެދި ހަމަ ދާ ހިތްނުވަނީ އެ ދިމާލުން ކުރިއަށް."

ސިމާހު ބުނީ ފުޓްސަލްއަކީ އޭގައި އޮތް ތަރުހީބާއި ފޯރިއާ އެއްވަރުގެ އާމްދަނީއެއް ވެސް ކަށަވަރުކޮށްދޭ ކުޅިވަރެއް ކަމަށެވެ. އަދި އާއިލީވަންތަ ގުޅުމެއް އެންމެންގެ މެދުގައި އުފެދިފައި އޮތުމުން ކުރިއަށް ދާން އެއްވެސް ހުރަހެއް ނެތް ދިމާލެކެވެ.

"މިސާލަކަށް އެހެން ކުޅުންތެރިޔަކަށް ލިބިފައި އޮންނަ ފުރުސަތެއްގައި ކުޅެން ދެވެން ނެތް ނަމަ އެ ފުރުސަތު ހޯދައި މި ދެނީ ދެން ހުންނަ ކުޅުންތެރިޔަކަށް. އަޅުގަނޑަށް ވެސް އެގޮތަށް ވަރަށް ގިނަ ފުރުސަތު ލިބޭ. އެންމެން ވެސް އެހާ ގާތްވާނެ،" ސިމާހު ކިޔައިދިނެވެ.

އޭނާ ބުނީ ފުޓްސަލް އަށް އޮތް ޑިމާންޑަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމަކާއި ތަރައްގީއެއް އޭނާއަށް ފާހަގަކުރެވެނީ އަތޮޅުތަކުން ކަމަށެވެ. އަދި ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ރަނގަޅު އާމްދަނީއެއް ވެސް ލިބެން އޮތް ދިމާލަކީ އެއީ އެވެ. ނަމަވެސް އޭނާގެ ހިތް އަދިވެސް އޮތީ ގުޅީގަ އެވެ. ގުޅިން ބޭރުވެ، މުޅި ރާއްޖެއަށް ފެތުރި މަޝްހޫރުވެފައި ވިޔަސް އޭނާ ބޭނުންވަނީ ފުޓްސަލްގެ އެންމެ އަގުބޮޑު ތަށި ގުޅިއަށް ގެނެސްދޭށެވެ.

"އަޅުގަނޑު ފުޓްސަލް ކުޅެން ނުދާ އަތޮޅެއް މިހާރު މަދުވާނެ ރާއްޖޭގައި. އެކަމަކު އެންމެ ކުޑައިރު ވެސް [ދުށް] އެންމެ ބޮޑު ހުވަފެނަކީ ފުޓްސަލްގައި ރަށަށް ބޮޑު ކާމިޔާބީއެއް ހޯދައި ދިނުން. ނަމަވެސް މި ރަށް ކުޑަވެފައި ރަށުގައި އަދި އެވަރުގެ ޝައުގުވެރިކަމެއް ނެތީމަ ފުޓްސަލް ޓީމެއް އުފައްދައިގެން ވެސް ދާން ބޭނުންވާ ސްޕީޑަކު އަދި ކުރިއަކަށް ނުދެވޭ،" ކްލަބް ވޯރިއާސްގެ ނަމުގައި ގުޅީގައި ފުޓްސަލް ކްލަބެއް ހިންގަމުން އަންނަ ޒުވާނާ ބުންޏެވެ.

ސިމާހުގެ އެންމެ ބޮޑު ހުވަފެނަކީ ގުޅިއަށް ފުޓްސަލްގެ ބޮޑު ތައްޓެއް ކާމިޔާބުކޮށްދިނުން (ދައުރު ފޮޓޯ)

"އެއީ އަޅުގަނޑަށް އެނގިފައި ހުރި އެއްޗެއް އެހެން ކުދިންނަށް ކިޔައިދީގެން، ދަސްކޮށްދީގެން ރަށަށް ކާމިޔާބު ހޯދައިދޭން. އިރާދަކުރެއްވިއްޔާމު، މި ގޮތުގައި ކުރިއަށް ގޮސް އެކަޑެމީއެއް ވެސް ހުޅުވައިގެން ހިންގުން އަމާޒަކީ."

"އަޅުގަނޑުގެ އަތުގައި މިހިރަ ހުރިހާ ޓްރޮފީއަކީ ވެސް ރަށުން ބޭރުގައި ކުޅެގެން ގެނެސްފައި ހުރި ޓްރޮފީ. އެކަމަކު ގުޅީގެ ކްލަބެއް ގޮވައިގެން ގޮސް ފުޓްސަލްގެ އެންމެ ބޮޑު ތަށި ނެގުން މިހާރު ހުވަފެނަކީ."

ނިންމާލުމުގެ ކުރިން ގުޅީގެ ވަރަށް ހާއްސަ އެހެން ސިފައެއް ބުނަމު ހެއްޔެވެ؟ -- މި ގުޅިއަކީ ކާމިޔާބީ އާއި ހުނަރާ ވަރަށް ރައްޓެހި މާހައުލެކެވެ. ގުޅި ހާވާލީމަ މިގޮތަށް ލިޔެލަން ނުވަތަ ކިޔާލަން ލިބޭނީ ކާކުގެ ކޮން ވާހަކައެއްކަން ނޭނގުނަސް، މި ކުޑަކުޑަ ރަށް މި އޮތީ ހުނަރުން ފުރިފަ އެވެ. މިއީ އަދި އެންމެ ޒުވާނެއްގެ ވާހަކަ އެވެ.

ކޮމެންޓް (3)

އިއްސެ

30 މޭ 2023
ކިޔާލަން ސަޅި ލިޔުމެއް! ތެންކްސް ނަޑޭ
2 0

ބުރޯ

29 މޭ 2023
ތަޑޭ އަކީ މަށަށް ފެނުނީ އެއްމެ އަޙްލާގް ރަގަޅު ޕްލެޔާ. ސިނގިރޭޓް ނުބޯނެ. ވ ޕްރޮފެޝަނަލް
3 0

ސަމީރު

29 މޭ 2023
ތަޑޭ ވަރެއް ނެތް
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް